(22 އޯގަސްޓް 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދީނަށް ލޯބިކުރާ މީހުންނަށް ނަފްރަތު ކުރަން ސާލާރް ފެށީ އިމާމާ އާ ހިސާބުންނެވެ. ދީނާ މެދު ހިތުގައި އުފެދުނު އިދިކީލި ވިސްނުން އިތުރަށް ވަރުގަދަ ވީ ޖަލާލް އާ ދިމާވި ފަހުންނެވެ. ސާދުގެ ސަބަބުން އޭނާ ދީނަށް ނަފްރަތު ކުރަން ފެށިއެވެ. ދީނުގެ ނަމުގައި ވަކާލާތު ކުރި ކޮންމެ މީހަކު ވަނީ މުނާފިގުކަން އާ އުސްމިނަކަށް އުފުލައިފައެވެ. އެ މީހުންގެ މުނާފިގުކަން ބޮޑުވަނީ ދުރުތިބީން އެ މީހުން އެދަރަޖައަށް އުފުލާތީއެވެ. އެކަހަލަ މީހުންނާ މެދު އޭނާ ދެކޭގޮތް ޖަލާލާއި އިމާމާ އާއި ސާދްގެ އުޅުމުން ޔަގީންވިއެެވެ. އިމާމާ ހާޝިމް އޭނާ އެންގޭޖުވެގެން އުޅުނު މީހާ ދޫކޮށްލާފައި ދިޔައީ އެހެން ފިރިހެނަަކަށްޓަކައެެވެ. އޭނާ ހުންނަނީ ގަޔަށް ދޫ ހެދުން ލައިގެން ހަށިގަނޑު ނިވައިކޮށްގެންނެވެ. އާއިލާ އާއި ގެދޮރު ދޫކޮށް ފިލައިގެން ދިޔައީ ރޭގަނޑު ދަންވަރުއެވެ. ޖަލާލް އަންޞާރް ރަސޫލާއަށް އޭނާގެ ހިތުގައި އޮންނަ ލޯބި ހާމަކޮށްދެނީ ރީތި މަދަހަތަކުންނެވެ. އަންހެން ކުއްޖަކާ ހިތާވެފައި އޭނާ ނަގައި އެއްލައިލީއެވެ. ދުނިޔަވީ އެދުމަށްޓަކައެވެ. ސާދް ޒަފަރް އިތުރު ހާދިސާއަކާއެކު އޭނާއާ މެދު ދެކޭގޮތް މުޅިން ބަދަލުވިއެވެ.
އެއްދުވަހަކު ސާލާރް އެސައިންމެންޓުގެ މަސައްކަތެއްގައި އުޅެނިކޮށް ސާދް އެގެއަށް އައެވެ. ދެ މީހުން ވާހަކަ ދައްކަން ތިބެފައި ގެއަށް ބޭނުންވާ ބައެއް ސާމާނު ގަންނަން ސާލާރް ބާޒާރަށް ދިޔައެވެ. ސާލަރް ގެއަށް އައީ ބައިގަޑިއިރު ފަހުންނެވެ. އޭނާ އައި އިރު ސާދް އިނީ ޗެޓުކުރާށެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ސާދު ހިނގައްޖެއެވެ. މެންދުރުގެ ކެއުމަށްފަހު ސާލާރް ނެޓަށް ވަނެވެ. ހިސްޓްރީ އިން ސާދް ވަދެފައި ހުރި ވެބްސައިޓުތައް ބަލައިލިއެވެ. އޭނާ ވަަދެފައި ހުރީ ޕޯނޯގްރެފިކް ސައިޓް ތަކަށެވެ. ސާދް ނޫން އެހެން މީހަކު އެކަހަލަ ވެބްސައިޓަށް ވަދެގެން ސާލާރް ހައިރާނެއް ނުވާނެއެވެ. އެކަމަކު ސާދް އެކަހަލަ ވެބްސައިޓުތަކަށް ވަދެފައި ހުރިތަން ފެނުމުން އޭނާގެ ކުރިމަތީގައި ސާދްގެ އަގު އިތުރަށް ވެއްޓުނެވެ.
***
"ޗުއްޓީގަ ކޮން ކަމެއް އޮތީ؟ ޕާކިސްތާނަށް އަންނަންތަ؟" ސިކަންދަރް އެހިއެވެ. ޠައްޔިބާ އާ އެކު އާއިލީ ކުއްޖެއްގެ ކާވެންޏަށް އޮސްޓްރޭލިއާއަށް ފުރާ ވާހަކަ ބުންޏެވެ. އަދި ދެ ތިން ހަފްތާ އެކޮޅުގައި ވާނެކަމަަށް ވެސް ބުންޏެވެ.
"ބައްޕަމެން ނެތީސް އަހަރެން ޕާކިސްތާނަށް ދަނީ ކީއްކުރަން؟" ސާލާރް ބުންޏެވެ.
"ކޮއްކޮމެން އުޅޭނެ، އަނީތާ އަބަދު އުޅޭނެ ދަރިފުޅު މަތިން ހަނދާންވެގެން." ސިކަންދަރް ބުންޏެވެ.
"ބައްޕާ، އަހަރެން ޗުއްޓީ ހޭދަކުރާނީ މިރަށުގައި. ޕާކިސްތާނަށް ދިއުމުގެ ބޭނުމެއް ނެތް."
"އެހެންވެއްޖެއްޔާ ބައްޕަމެންނާ އެކު އޮސްޓްރޭލިއާއަށް ހިނގާ، މުޢިއްޒު ވެސް ދޭ."
"ނޫން، އަހަންނާ މުޢިއްޒަކީ ނުލާހިކު ޚިޔާލު ތަފާތު ދެ މީހުން، އޭނަގެ ވާހަކަ ތި ދައްކަނީ."
"މަޖުބޫރު ކަމެއް ނެތް. ތިތާ މަޑުކުރިޔަށް މައްސަލައެއް ނެތް. އެކަމަކު ބަލައިގެން އުޅޭތި. ވިޔާނުދާ ކަމެއް ނުކުރާތި." ބައްޕަ އެބުނާ ވިޔާނުދާ ކަމަކީ ކޮބައިކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެވާހަކައަށް މިހާރު އޭނާ އާދަވެއްޖެއެވެ. އެއީ ގުޅާ ކޮންމެ ފަހަރަކު ސިކަންދަރް ބުނާ ވާހަކައެކެވެ. އޭނާ ހައިރާންވާނީ ސިކަންދަރް އެވާހަކަ ނުބުނިއްޔާ އެވެ.
ސިކަންދަރާ ވާހަކަ ދެއްކުމަށްފަހު ސާލާރް އޭނާގެ ބުކިން ކެންސަލް ކުރިއެވެ. އެނދުމަތީގައި އޮށޯވެ ފަންގިފިލައަށް ބަލަހައްޓައިގެން އޮވެ ވިސްނަން ފެށިއެވެ. ޔުނިވަރސިޓީ ބަންދުވީމާ ކުރާނެ ކަމަކާ ދޭތެރޭގައެވެ.
"ސްކީ ކުރަން ދާނީ... ނުވަތަ އެހެން ސްޓޭޓަކަށް ދާނީ..." އޭނާގެ ހިތަށް އެރިއެވެ. މާދަމާ ކުލާސް ނިންމާފައި ޓްރެވެލް އޭޖެންސީއަކަށް ދާނީ." އޭނާ ޗުއްޓިގައި ކުރާނެ ކަމެއް ނިންމިއެވެ.
ޖެހިގެން އައި ދުވަހު ރައްޓެއްސަކާއެކު ޗުއްޓީގައި ސްކީ ޕްރޮގްރާމެެއްގައި ބައިވެރިވާން ނިންމިއެވެ. ސިކަންދަރަށް ވެސް އެކަން އެންގިއެވެ.
ޗުއްޓީ ފެށުމުގެ އެއް ދުވަސް ކުރިން އޭނާ އިންޑިއަން ރެސްޓޯރެންޓަކަށް ދިޔައެވެ. އެތަނުގައި އިރުކޮޅަކު އިނދެފައި ޕަބަކަށް ގޮސް ދެ ތިން ތަށި ވިސްކީ ބުއެވެ. ގެއަށް ދާން ނިކުތީ ދިހައެއް ޖެހިފަހުންނެވެ. އޭނާ ހުރި ބޮލަށް އެނބުރުން އަރާފައެވެ. ކާރު މަގުގެ އެއްފަރާތަށް ޖެއްސުމަށްފަހު ކާރުން ފޭބިއެވެ. އިރުކޮޅެއް ވަންދެން މަގުގެ އަރިމަތީގައި އޮތް ވިނަގަނޑު މަތީގައި ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. މަޑުމަޑު ވައިރޯޅި އާއި ސާފު ވައި ލިބުމުން ބޯ ހަމަޖެހިލިހެން ހީވިއެވެ. އެކަމަކު އަނެއްކާވެސް ބޮލަށް އެނބުރުން އެރިއެވެ. މޭމަތީގައްޔާއި ބަނޑުގައި ރިހުމެއް ހުއްޓެވެ.
ބޯ އަނބުރަނީ ކާނާއިން ކަމެއް ނުވަތަ ވިސްކީގެ އަސަރުކަމެއް އޭނާއަކަށް ނޭނގެއެވެ. ވިނަގަނޑުމަތީގައި ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ ގުދުވިއެވެ. ކުއްލިއަކަށް ހޮޑުލިއެވެ. ހޮޑުލައިލައި ބަނޑު ހުސްވީމާވެސް ރަނގަޅެއް ނުވެއެވެ. ހަށިގަނޑު ދަމައިލާން އުޅުމުން ފައިން ވާގި ދޫވާހެން ހީވިއެވެ. ކާރާ ދިމާއަށް ދާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް ތަނެއްދޮރެއް ނުފެނެއެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅިތަނާ ވިނަގަނޑު މައްޗަށް ވެއްޓިއްޖެއެވެ. ތެދުވާން މަސައްކަތް ކުރުމުން ވެސް ނުތެދުވެވުނެވެ. ލޯމަތި މުޅިން އަނދިރިވެއްްޖެއެވެ.
ހޭނެތެމުން ދިޔައިރު މީހަކު އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިގަތްކަން އެނގެއެވެ. އެ މީހާ ވަރަށް ބާރަށް އޭނާއާ ވާހަކަވެސް ދެއްކިއެވެ. އެކަކަށްވުރެ ގިނަ މީހުން އެތަނުގައި ތިބިހެން ހީވިއެވެ. ލޯ ހުޅުވަން ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ. އެއްވެސް ހަރަކާތެއް ނުގެނެވި ޚަބަރު ހުސްވިއެވެ.
***
އޭނާ ދެ ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތެވެ. ހޮސްޕިޓަލަށް ގެންދިޔައީ ވެއްޓުނު ވަގުތު އެހެން ލައިގެން ދިޔަ ދެމަފިރިންނެވެ. ޑޮކްޓަރުން ބުނީ ކާނާ ވިހަވީ ކަމުގައެވެ. ހޮސްޕިޓަލުގައި އެޑްމިޓުކުރިތާ މާގިނައިރެއް ނުވެ ހޭ އެރިއެވެ. އެކަމަކު ގައިގައި އެެއްވެސް ހަކަތައެއް ނެތެވެ. ޖެހިގެން އައި ދުވަހު ހަކަތަ ވެސް ޖެހުނެވެ. އިތުރު ދުވަހަކަށް ހޮސްޕިޓަލުގައި މަޑުކުރުމަށް ޑޮކްޓަރު ލަފާދިނެވެ. ސާލާރް ގެއަށް ދިޔައީ އާދީއްތަ ދުވަހު މެންދުރުއެވެ. ފުރަތަމަ ކަމަކަށް ވެސް ޓުއަރ އޮޕަރޭޓަރަށް ގުޅާފައި ދަތުރު ކެންސަލް ކުރިއެވެ. ކުރިން ރާވާފައި އޮތީ ހޯމަ ދުވަހު ހެނދުނު ދާ ގޮަތަށެވެ. ސަންޑްރާ ވެސް ގޮވައިގެންނެވެ. ދަތުރު ކެންސަލް ކުރި ވާހަކައެއް ސަންްޑްރާ އަކަށް އަދި އެހެން ރައްޓެއްސަކަށްވެސް ނާންގައެވެ.
މެންދުރު ކޮފީތަށްޓަކާއެކު ސޭންޑްވިޗެއް ކައިގެން ނިދީއެވެ. ހޭލީ އޭގެ އަނެއް ދުވަހު އެގާރަ ޖެހި އިރުއެވެ. ހޭލި އިރު ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ. ހުރީ ހުމާ ފިހިފިހި އެވެ. ކުރީ ދެ ދުވަހު ބަލިވެ އުޅެފައި އިތުރަށް ބަލިވާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު އެ ނޫން ގޮތެއް އޮތްހެން ހިއެއް ނުވެއެވެ.
ހިތާއި ދެކޮޅަށް އެނދުން ތެދުވެ ބަދިގެއާއި ދިމާއަށް ދިޔައެވެ. ކޮފީތަށްޓެއް ގިރައިގެން އާންސަރިން މެޝިން ބަލައިލިއެވެ. ޕާކިސްތާނަށް ފުރުމުގެ ކުރިން ސާދް އެތައްފަހަރަކު އޭނާއަށް ގުޅާފައި ހުއްޓެވެ. ސާލާރަށް ވީނުވީއެއް ނޭނގިގެން އޭނާ ހުރީ ކަންބޮޑުވެފައެވެ. ސަންޑްރާގެ ކޯލުތައް ވެސް ހުއްޓެވެ. ސަންޑްރާ ހީކުރީ އޭނާ ބަހައްޓާފައި ދިޔައީ ކަމަށެވެ. ސިކަންދަރާއި ކާމްރާން ވެސް އޭނާއަށް ގުޅިއެވެ. އެ މީހުން ހީކުރީ ޗުއްޓީއަށް ދިޔައީ ކަމަށެވެ. ޗުއްޓީއަށް ދިއުމުގެ ކުރިން ކުލާސް ކުދިންވެސް އޭނާއަށް ގުޅާފައި ހުއްޓެވެ. ސާލާރް ގަޔަކު އެއިން އެކަކަށް ގުޅާނެ ހިތްވަރެއް ނެތެވެ.
ޕާން ފޮއްޗަކާއެކު އޭނާ ކޮފީ ތަށި ހުސްކުރިއެވެ. ބޭސްކައިގެން އަނެއްކާ ވެސް އޮށޯތީއެވެ. ހަވީރު ވާއިރު ހުންފިނިވާނެ ކަމަށް އުއްމީދުކޮށްގެންނެވެ.
ކަންތައްވީ އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ. ހަވީރު ހޭލެވުނު އިރު ހުމާ ފިހެނީއެވެ. ތުންފަތް ހުރީ ފޮޅިފައެވެ. ކަރު ހިކިފައެވެ. ބޮލާއެކު މުޅި ގައިގައި ވޭން އަޅައެވެ. ނިދިން ހޭލެވުނީ އެ ވޭނަށް ކަމަށް ވެދާނެއެވެ.
އަތުގެ ބޮޑުވާއިނގިލިން ނިތްކުރި މަސާޖުކުރިއެވެ. ލުޔެއް ނުލިބެއެވެ. މޫނުމަތީގައި ބާލީސް އަޅައިގެން އޮއްވައި ނިދުނު އިރެއް ނޭނގެއެވެ. ދެން އޭނާއަށް ހޭލެވުނު އިރު ކޮޓަރިތެރެ އޮތީ އަނދިރިވެފައެވެ. މުޅި އެޕާޓްމަންޓުވެސް އޮތީ އަނދިރީގައެވެ. އެނދުން ތެދުވަން އުޅެއުޅެ ނުތެދުވެވުނެވެ. ހަމަޖެހިލައިގެން އޮށޯވެއްޖެއެވެ. އަނެއްކާވެސް ދެބަދޭތެރޭގައި އޮތްހެން އިހުސާސް ވިއެވެ. ގުގުރި ދެމޭހެން ވެސް ހީވެއެވެ. އެކަމަކު ހުއްޓަން އުޅެއުޅެ ނުއެއް ހުއްޓެއެވެ. ކޮޓަރީގެ ހީޓަރު ހުރީ ޖައްސާފައެވެ. އެކަމަކު ހީކަރުވައިގެން ތުރުތުރު އަޅައެވެ. އަނެއްކާވެސް މެޔާއި ބަނޑުގައި ރިއްސާން ފެށިއެވެ.
އޯކަށް ދެމި ހޮޑުލެވޭ ހެން ހީވުމުން ފާޚާނާއަށް ދާން ތެދުވެވޭތޯ ބެލިއެވެ. އެއަށްވުރެ މާ ވަރުދެރައެވެ. ވަރަށް މަސައްކަތުން ތެދުވެ އެނދުގައި އިށީނެވެ. އެނދުން ނުފޭބެނީސް ހޮޑުލެވުނެވެ. މިއަދު ކެއި ހުރިހާ އެއްޗެއް ހޮޑަށް އައެވެ. ރަނގަޅަށް ހޭ ނޭރިއަސް ހެދުމާއި ރަޖާގައި ހޮޑުހުރިކަން އިހުސާސް ކުރެވެއެވެ. އެކަމަކު އޭނާ އޮތީ ވާގިނެތިފައެވެ.
އެހެން އޮތީ ކިހައި އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެކަމަކު ކޮންމެވެސް އެއް އިރަކު ފުރާނަ ދާން އުޅޭކަމުގެ އިހުސާސް ކުރެވުނެވެ. ފުރަތަމަ ފަހަރަށް މަރު ހިތަށް އެރުމުން ބިރުގަތެވެ. ކޮންމެވެސް ގޮތަކަށް ފޯނު ނެގޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އަތުގެ ހަރަކާތެއް ވެސް ނެތެވެ.
މަޑުމަޑުން ހުން ފިނިވަމުން ގޮސް އެރޭ ދަންވަރު އޭނާ ހޭ އެރިއެވެ. ލޯ ހުޅުވައި ބަލައިލި އިރު ކޮޓަރިތެރެ އޮތީ މުޅިން އަނދިރިވެފައެވެ. ހުން ފިނިވިޔަސް ގައިގެ ރިހުމަކަށް ލުޔެއް ނުލިބެއެވެ. އިރުކޮޅަކު ފަންގިފިލައަށް ބަލަން އޮވެފައި އެނދުގެ އަރިމަތީގައި ހުރި ބޮކި ޖެއްސިއެވެ. އެ އަލިން އޭނާގެ ލޯ އަނދިރި ނުވީ ކިރިޔާއެވެ. އޭނާ ލޯ މަރައިލިއެވެ. އަދި ލޯމަތީގައި އިނގިލިން ފިރުމައިލިއެވެ. އޭނާގެ ދެ ލޯ ވެސް ހުރީ ދުޅަވެފައެވެ. ކުޑަ ހިތްވަރަކާއެކު ލޯ ހުޅުވާފައި ކޮޓަރިތެރެ ހޯދައިލިއެވެ. އޭނާއަށް ވީ ކިިހިނެއްތޯ ހަނދާނަށް ގެންނާށެވެ.
ސާލާރް އިނީ އެނދުމަތީގައި އިށީނދެގެންނެވެ. ގަމީހުގެ ގޮށްތައް ހުރީ ނައްޓާފައެވެ. އެނދުން ތެދުވެ ރަޖައާއި ބެޑްޝީޓު ދަމާފައި އެނދުމަތިން ނަގައި ބިންމައްޗަށް އެއްލައިލިއެވެ. ދެން ގޮސް ވަނީ ފާޚާނާއަށެވެ. ލޯގަނޑުން މޫނު ފެނުމުން އޭނާ ސިހުނެވެ. ދެލޯ ހުރީ ވަޅުވަދެފައެވެ. ލޯކައިރި ހުރީ ކަޅުވެފައެވެ. މޫނުމަތި ހުރީ ދޮންފޫޑުވެފައެވެ. ތުންފަތް ހުރީ ހިކިގެން ގޮސް ފޮޅިފައެވެ. ފެނުނު ކޮންމެ މީހަކަށް ހީވާނީ އެތައް ދުވަހަކު ބަލި އެނދުގައި އޮތް މީހެއް ހެންނެވެ.
"އަހަންނަށް މިހައި ބޮޑު ބަދަލެއް އައީ ސައުވީސް ގަޑިއިރުގެ ތެރޭގައި ހެއްޔެވެ؟" މޫނުގައި ފިރުމައިލަމުން ހިތާހިތާ ސުވާލުކޮށްލިއެވެ.
"ކާނާ ވިހަވެގެން ދެ ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮތް އިރުވެސް މިިހައި ބަލިފާޑެއް ނުޖަހައެވެ." އޭނާގެ ސޫރަ ލޯގަނޑުން ފެނުމުން ހިތަށް އުނދަގޫ ވިއެވެ. ބިލިގާއަށް ހޫނުފެން އެޅުމަށްފަހު އޭނާ ބިލިގާގެ ތެރެއަށް އެރުނެވެ. އޭނާ ހައިރާންވިއެވެ. އަދިވެސް ލައިގެން ހުރީ ހޮޑުން ތަތްތެޅިފައި އޮތް ހެދުމެވެ.
ފެންވަރައިގެން އޭނާ ދިޔައީ ބަދިގެއަށެވެ. އޭނާ ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވެފައެވެ. ނޫޑުލްސް ކައްކައިގެން ކާ އިށީނެވެ. "މާދަމާ ޑޮކްޓަރަށް ގޮސް ރަނގަޅު ޗެކަޕެއް ހަދަން ވާނެ." އޭނާ ހިތަށް އެރިއެވެ. ފެންވަރާލީމާ ކުޑަކޮށް ގައިގަ ވަރުޖެހުނު ހެން ހީވިއެވެ.
ކާން އިނދެފައި ޓީވީ ޖެއްސިއެވެ. ފަހަރަކު ޗެނަލެއް ބަދަލުކުރަމުން ގޮސް ޓޯކް ޝޯ އެއް ބަލަން ފެށިއެވެ. ދެން ކޮންމެ ޗެނަލެއްގައި ހުރި ޕްރޮގްރާމްތައް ފެނުމުން އޮޅޭގޮތް ވިއެވެ.
"މީ ކޯޗެއް؟"
އޭނާ މަގުމައްޗަށް ވެއްޓިގެން ހޮސްޕިޓަަލަށް ގެންދިޔައީ ހުކުރު ދުވަހުގެ ރެއެވެ. ހޮނިހިރު ދުވަހު އޮތީ ހޮސްޕިޓަލުގައެވެ. ގެއަށް އައި އާދީއްތަ ދުވަހުއެވެ. އަނެއް ދުވަހު ހޭލީ އެގާރަ ޖެހި އިރުއެވެ. ހުން އައީ އެރެއެވެ. މިރޭ ވާންވާނީ އަންގާރަ ދުވަހުގެ ރެއަށެވެ. އެކަމަކު ޗެނަލްތަކުން ބުނަނީ އެހެން ވާހަކައެކެވެ. އެއީ ހޮނިހިރު ދުވަހުގެ ރެއެވެ. އަނެއް ދުވަހަކީ އާދީއްތަ ދުވަސް ކަމުގައެވެ.
ސާލާރް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ހައިރާންވެފައި ސިޓިންރޫމުގެ މޭޒުމަތީގައި ބޯ އަޅާލިއެވެ. ނޫޑުލްސް ތަށިވެސް ދުރުގައި ބެހެއްޓިއެވެ. ގަޑީގައި އޮތް ތާރީޚު ފެނިފައި އޭނާގެ ލޯ ބޮޑުވިއެވެ.
"އޭގެ މާނައަކީ އަހަރެން ފަސް ދުވަސްވަންދެން ބަލިވެ އުޅުނީބާވައެވެ؟ ހޭނެތިފައި ފަސް ދުވަހު އޮތީހެއްޔެވެ؟ އެހެންވާނީ ކިހިނެއް ހެއްޔެވެ؟" ހިތާހިތާ ސުވާލުކޮށްލިއެވެ. "ފަސް ދުވަހަކީ ކުރު މުއްދަތެއް ނޫނެވެ. ވަގުތު ދިޔަގޮތް ސާލާރަށް ނޭނގުނީ ކީއްވެބާވައެވެ؟ ހިއްސުކެނޑިފައި ފަސްދުވަހު އެހެން އޮންނާނީ ކިހިނެއް ހެއްޔެވެ؟"
އާންސަރިން މެޝިން ބަލައިލިއިރު އެއްވެސް ފޯނެއް، އަދި މެސެޖެއް ވެސް ނެތެވެ.
"ބައްޕަވެސް އަހަންނަށް ނުގުޅާ... ސާދުވެސް... ކިހިނެއްބާ ވީ؟ އަަހަރެން މަތިން ހަނދާން ނެތުނީ ބާވައެވެ." ފޯނުކައިރީގައި އެތައް އިރެއްވަންދެން އިށީނދެގެން އިނެވެ.
"ބައްޕަ އަހަރެންގެ މަތިން ހަނދާން ނެތުނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ އެއްވެސް ރައްޓެއްސަކު އަހަންނަށް ނުގުޅައެވެ. އެންމެން އަހަރެން ދޫކޮށްލީހެއްޔެވެ؟" އެހެން ހިތަށް އެރުމުން ދެއަތް ތުރުތުރު އަޅައެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ވީ ގޮތެއް ނޫނެވެ. އޭނާ އެވަރަށް ތުރުތުރު އަަޅަނީ ކީއްވެގެން ހެއްޔެވެ؟ ސޯފާގައި އިށީނދެ ނޫޑުލްސް ތަށި ހުސްކުރެވޭތޯ އޭނާ ބެލިއެވެ. މިހާރަކު ބަނޑުހައެއް ނުވެއެވެ. ހީވަނީ ރަބަރު އެތިއެތިކޮޅު ހެފޭހެންނެވެ. އިތުރަށް އެންމެ އެތިކޮޅެއް ވެސް ނުކެވުނެވެ. ސާލަރް އިނީ އަދިވެސް ހައިރާންވެފައެވެ. ހަމަ ހަގީގަތުގައި ވެސް ފަސް ދުވަސް ވަންދެން އޭނާ ހޭނެތިފައި އޮތީ ހެއްޔެވެ؟ އަދި އޭނާއަށް ވެސް އެހެން މީހަކަށް ވެސް އޭނައަށް ވީގޮތް ނޭނގުނީހެއްޔެވެ؟
ސާލަރް އަނެއްކާވެސް ފާޚާނާއަށް ދިޔައެވެ. ފެންވަރާލީމައި މޫނުމަތި ހުރީ ކޮންމެވެސް ވަރަކަށް ތާޒާވެފައެވެ. ލޯކައިރި ހުރީ އަދިވެސް ކަޅުވެފައެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ ލޮލުގައި އަތް ޖައްސައިލިއެވެ. އޭނާގެ ސިފަޔާ މެދު ކަންބޮޑުވިއެވެ. ޝޭވިން ކިޓު ނަގައިގެން ޝޭވް ކުރަން ތައްޔާރުވިއެވެ. އަދިވެސް އަތް ތުރުތުރު އަޅައެވެ. މޫނުގެ ތިންތަނެއްގައި ތިލައިން ޅިޔަ އަޅައިލިއެވެ. މޫނުދޮވެގެން ތުވާލިން މޫނު ހިއްކައިލިއެވެ. ލޭ ފޮހެލެވޭތޯ ބެލިއެވެ. އަނެއްކާވެސް ލޯގަނޑުން ސިފަ ބަލައިލިއެވެ. އަދިވެސް ލޭފައިބަނީއެވެ. މޫނުން ލޭތިކިތައް ފައިބާ ތަން ބަލަން ހުއްޓެވެ. "ވަޖިދަށް ފަހު ދެން އޮންނަނީ ކޮން މަރުހަލާއެއް ހެއްޔެވެ؟"
"ތަދު." މަޑުމަޑު އަޑަކުން ބުނެލިއެވެ.
"ތަދަށް ފަހު ދެން އޮންނަނީ ކޮން މަރުހަލާއެއް ހެއްޔެވެ؟"
"އެއްވެސް އެއްޗެއް ނޫން." ސާލާރް ކޮންމެ ލަފުޒެއް ހަނދާން ހުއްޓެެވެ.
"ހުސްކަމެއް." ލޯގަނޑަށް ބަލަހައްޓައިގެން ހުރެ ވައި އަޑުން ބުންޏެވެ. އެ ހަރަކާތާއެކު ލޭތިކިތައް މޫނުމަތިން ރޯލުވަމުން ފޭބިއެވެ.
"އެއަށްފަހު އަންނަނީ ކޮން މަރުހަލާއެއް؟"
"ޖަހައްނަމަ." ސާލާރް އަނެއްކާވެސް ވައި އަޑުން ބުނެލިއެވެ. ކުއްލިއަކަށް އޭނާ މޫނުދޮންނަ ތަށިގަނޑާ ދިމާއަށް ގުދުވިއެވެ. މީގެ އިރުކޮޅެއް ކުރިން ކެއި ހުރިހާ އެއްޗެއް ހޮޑަށް އައެވެ. ތަށިގަނޑު ސާފުކުރުމަށް އިސްކުރަށް ދޫކުރިއެވެ. ދެން އޭނާ އިމާމާ އާ ކުރި ސުވާލާއި އޭގެ ޖަވާބުވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.
"މިހާރަކު ނޭނގޭނެ. އަޅާނުލާ، މި ކިޔާ އެއްޗެއް އެނގޭނެ ދުވަހެއް އަންނާނެ. އޭރުން ތި ހުނުމުގެ ބަދަލުގައި ބިރުވެތިވާނެ. މަރު ދެކެ ބިރު ގަންނާނެ، ނަރަކަ ދެކެ ވެސް. އެ ހުރިހާ ކަމެއް މާތްﷲ ސާފުކޮށްދެއްވާނެ. އެދުވަހަކުން މިހާރު ތިކުރާ ސުވާލެއް ވެސް ނުކުރާނެ." އިމާމާ ބުނެލިއެވެ.
ސާލާރަށް އަނެއްކާވެސް ލޯ މެރޭގޮތްވިއެވެ.
"ހުރިހައި ގުޅުމެއް ނިމޭނެ ދުވަހެއް އަންނާނެ. އެދުވަހުކުން ތިބޭނީ ﷲ އާއި އެކަލާނގެ އަޅުން. މައިންބަފައިން، ރައްޓެހިން، ބޭބެއިން، ދައްތައިން، ކޮއްކޮއިން، އެކުވެރިންނެއް ނުތިބޭނެ. އޭރުން އެނގޭނެ ފައިދަށުގައިވާ ބިންގަނޑު ނެތްކަން، ބޯމަތީގައި އުޑު ނެތްކަން، އެ ހުސްކަމުގެ ތެރޭގައި ވޮޑިގެންވާނެ ހަމައެކަކި ފަރާތަކީ ﷲ. އަހަރެމެންނަކީ ކިހައިވަރެއްގެ ބައެއްކަން ވެސް އެދުވަހަކުން އެނގޭނެ. ވެލިފުކަކަށް ވުރެ އަހަރެމެން ބޮޑެއް ނުވާނެ. އެދުވަހަކުން އެނގޭނެ އަހަރެމެން މިފަނާވަނިވި ދުނިޔެއިން ވަކިވިޔަސް ދުނިޔެއަށް އޭގެ ސަބަބުން އުނިކަމެއް ނާންނަކަން."
ސާލާރްގެ މެޔަށް އާދަޔާ ޚިލާފު ތަދެއް އެރިއެވެ. މޫނުން ފައިބާ ފެންތިކިތައް ލޮއެލިއެވެ. އަނެއްކާވެސް ފުން ޚިޔާލަކަށް ގެނބިގެންފިއެވެ. "އަަހަރެމެންގެ ހަމަހޭވަރިކަންވެ ހިއްސުތައް ހޭލާ ދުވަހެއް އަންނާނެ."
އޭނާ މަސައްކަތް ކުރީ ސިކުނޑީގައި ހަރުލާފައި ހުރި އަޑު ފޮނުވައިލެވޭތޯއެވެ. އެ އަންހެން ކުއްޖާ މަތިން ހަނދާންވީ ކީއްވެގެންކަން ވިސްނަން ފަށައިފިއެވެ.
ސާލާރް މޫނު ދޮވެގެން މޫނުން ފެން ހިއްކައިލިއެވެ. އަދި އާފްޓަރޝޭވް ފުޅީގެ މަތި ހުޅުވައިލުމަށްފަހު ކޮލުގައި ހުރި ޒަޚަމްތަކުގައި އާފްޓަރޝޭވް އުނގުޅިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ތަދު އިހުސާސް ކުރެވުނެވެ.
ފާޚާނާއިން ނިކުމެގެން އައި އިރުވެސް އޭނާގެ އަތް ތުރުތުރު އަޅައެވެ.
"ޑޮކްޓަރަށް ދާންވީ." އޭނާ މުށް ކަވައިލިއެވެ. "އަހަންނަށް މިވަނީ ކިހިނެއްތޯ ބަލަން ބޭނުން، މީހެއްގެ އެހީތެރިކަން ބޭނުން. "
(ނުނިމޭ)
Kobaatho 40 vana bai...
Tharujamaa vaahakathah maa reethi
Mikahala reethi vaahaka eh aharemennaa hama ah genesdhevvaathee liyuntheriyaa ah fahfashun shukuru dhannavan.barakaaiy lavvaashi