(29 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެހެންކަމަށް ވާނަމަ ކަލެއަށް މިގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް ނޭޅޭނެ. އަަހަރެން ކަލޭގެ ފުރާނަ ދުއްވައިލާނަން. އެކަމަކު މިގެއިން ދިޔަކަ ނުދޭނަން. ދެން އޮތީ ވަކީލުގެ ވާހަކަ، އަހަރެން އޭނާ ވެސް ހަމައަކަށް އަޅުވައިލާނަން. އެއްވެސް ކޯޓަކުން ކަލޭގެ ބެލެނިވެރިކަން އަހަރެން އަތުން ނެގިދާނެ ކަމަަށް ހީކުރުމަކީ ބޮޑު ގޯހެއް. ކަލެއަށް ކުރެވިގެން ތިއުޅެނީ ބޮޑު ކުށް ހީއެއް. ހިލާ އެއްވެސް ތަނަކަށް ދިޔަކަ ނުދޭނަން. އެ ވަކީލު ކަލޭގެ އައުމުގެ ކުރިން އަހަރެން ކަލޭ އެހެން ތަނަކަށް ގެންގޮސް ތި ނިންމުން ބަދަލުކުރުވާނަން. އަދި ކަލެއަށް ގޮތުގައި ހިފެހެއްޓެނީ ކިހާވަރަކަށް ތޯ ބަލާނަން. އަދި ކަލޭ އިން މީހާ އަހަންނަށް ނުހޯދިއްޖެނަމަ އަސްޖަދާ ކަލޭގެ ކާވެނި ކުރުވާނަން. ތި ކާވެނި އަހަރެން ގަބޫލެއް ނުކުރަން. ކަލޭ އިންނާނީ އަހަރެން ބޭނުން މީހަކާ. އެ ނޫން މީހަކާ ކަލެއެއް ނީންނާނެ." ރުޅި އައިސް ފުފިފައި ހުރެ ސަލްމާ އާއެކު ހާޝިމް ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ހަދާނެ ގޮތް ހުސްވެފައި ދޮރާ ދިމާއަށް ބަލަހައްޓައިގެން އިމާމާ ހުއްޓެވެ. ބިރުން ތުރުތުރު އަޅައެވެ. އާނާ ކާވެނި ކުރި ސަބަބު މުޅިން ބޭކާރު ވެއްޖެއެވެ. އެ ކާވެނީގެ ސަބަބުން އޭނާއަށް ލިބުނު އެއްޗެއް ނެތެވެ. ހާޝިމް މުބީންގެ ނިންމުން އޭނާ ބަދަލެއް ނުކުރާނެއެވެ.
***
"އެ ފަކީރު!" ސާލާރް ކޮޓަރި ސާފުކުރަން ވަދެފައި ނާސިރާ އަށް ބުނެވުނެވެ. މޭޒުމަތީގައި ހުރި ކަރުދާސްތައް ތަރުތީބުކުރަން އިނދެފައި ސާލާރް އޭނާއަށް ބަލައިލިއެވެ.
"ރޭ އެ ފަކީރު ގައިގައި ވަރަކަށް ތަޅައިލި." ސާލާރް އޭނައަށް ބަލަން އިންކަން އެނގުމުން ނާސިރާ ބުނެލިއެވެ.
"ކޮން ފަކީރެއް..." ފޮތްތައް ތަރުތީބު ކުރަމުން ސާލާރް އެހިއެވެ.
"އިމާމާ، ދެން ކާކު..؟" ސާލާރް ފޮތްތައް ބަހައްޓާފައި ނާސިރާއަށް ބަލައިލިއެވެ. "ހާޝިމް މުބީން ރޭ އިމާމާ އާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައް ކުރި ވާހަކަ އަހަރެންގެ ދަރި ބުނި. ވަރަށް އަނިޔާ ކުރިކަމަށް ވަނީ."
ސާލާރްގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. "އެހެންތަ؟ ވަރަށް ސަޅި."
ސާލާރް އިނގިރޭސިން ބުނި އެއްޗެއް ނާސިރާއަކަށް ފަހުމެއް ނުވިއެވެ. އަނިޔާ ކުރީ ކީއްވެތޯ ސާލާރް އެހިއެވެ. ސާލާރް އިނީ ނުލަފާ ފާޑަކަށް ހިނި އައިސްފައެވެ. މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެ މަންޒަރު ފެނިފައި ނޯކަރު ހައިރާންވިއެވެ. މިއީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ. އޭނާއަށް އެނގޭ މިންވަރުން އެ ދެ މީހުންގެ މެދުގައި އޮތީ ގާތް ގުޅުމެކެވެ. މި ޚަބަރު ލިބުމުން ސާލާރް ވާނީ ދެރައެވެ. އެކަމަކު ކަންތައް މި ވީ ދިމާ އިދިކޮޅަށެވެ.
"ސާލާރް ކަންތައް ކުރިގޮތް އިމާމާއަށް އެނގިއްޖެނަމަ އެ ފަކީރު މަރުވެދާނެއެވެ." ނާސިރާގެ ހިތަށް އެރިއެވެ.
"އޭނަގެ ބައްޕަ އެހާ ރުޅިއެއް އައީ ކީއްވެބާ؟ އަސްޖަދާ އިންނަން އޭނާ ދެކޮޅު ހެދީ އެހެން މީހަކާ އިންނަން ވެގެންނޯ." ފަހު ޖުމުލައަށް ބާރުލާފައި އޭނާ ބުންޏެވެ. އަދި ސާލާރް އާ ދިމާއަށް ބަލައިލިއެވެ.
"އެ ވަރުކަމަކާ؟" އާދައިގެ ގޮތަކަށް ސާލާރް ބުނެލިއެވެ.
"އެއީ ކުޑަކަމެއް ނޫން. އެ ގެ އޮތީ އެފުށްމިފުށަށް ޖެހިފައި. ކާވެނީގެ ތާރީޚު އޮތީ ނިންމާފައި. ކާވެންޏަށް ދައުވަތު ވެސް ވަނީ ފޮނުވާފައި. އެކަމަކު އިމާމާ ކާވެންޏަށް އެެއްބަހެއް ނުވި. އޭނަގެ ބައްޕަ އޭނަޔަށް އަނިޔާކުރީ އެހެންވެ."
"އެކަހަލަ އަދަބު ދިނުމުގެ ބޭނުމެއް ނެތް." ސާލާރް ބުންޏެވެ.
"ތީ ހީވާ ގޮތް، އެ މީހުންނަށް އެއީ ވަރަށް ބޮޑު ކަމެއް. އިމާމާއަށްޓަކައި އަހަރެން ހަމްދަރްދީ ވަން. އެއީ ނުލާހިކު ޚުލްގު ހެޔޮ، ރަނގަޅު ކުއްޖެއް. މިހާރު އޭނަ މިއޮތީ މަޅިއެއްގައި ބެދިފައި. ހާޝިމް ވަނީ އޭނާ ގޭގައި ބަންދުކޮށްފައި. އަހަރެންގެ ދަރިފުޅު ބުނީ މިހާރު އިމާމާ މުޅިން އަނަރޫފަ ވެއްޖެއޭ."
ނާސިރާ އިމާމާގެ ހާލު ސާލާރަށް ކިޔައިދެމުން ދިޔައެވެ. އޭނާ އުއްމީދު ކުރީ އެ ވާހަކަަތައް އަޑު އަހައިފައި ސާލާރް އޭނާ ގާތު ކޮންމެވެސް ސިއްރެއް ބުނާނެ ކަމަަށެވެ. އެކަމަކު އޭނާއަކީ އެހައި ބޮޑު މޮޔައެއް ނޫނެވެ. އެހެން ނޫނަސް ނާސިރާގެ ހަމްދަރްދީއަކަށް އޭނާގެ މާ ބޮޑު ޝައުގެއް ނެތެވެ. އިމާމާއަށް ކުރިމަތިވެފައިވާ ދަތިތަކާ މެދު ނުވަތަ ލިބެމުންދާ އަދަބާ މެދު އޭނާ ކަންބޮޑެއް ނުވެއެވެ. އެކަމަކު މި ޒަމާނުގައި ދަރިންގެ މައްޗަށް އަތް އިސްކުރާ ޖާހިލުން އުޅޭކަން އެނގުމުން އޭނާ ހައިރާންވިއެވެ. އެ ވެސް އަދި ހާޝިމް މުބީން ފަދަ މުއްސަނދި ގަދަރުވެރި މީހުންނެވެ. އެކަންވީ އޭނާއަށް އާ ކަމަކަށެވެ. އޭނާގެ ސިކުނޑިއަށް އެތަކެއް ޚިޔާލެއް އަރައި ފައިބަމުން ދިޔައެވެ.
ކޮޓަރި ސާފުކުރަމުން ހުއްޓުމެއް ނެެތި ވާހަކަ ދައްކަމުން ނާސިރާ ދިޔައެވެ. ސާލާރްގެ ސަމާލުކަން ނުލިބުމުން އޭނާ ހުއްޓާލައިފިއެވެ. ލޯބިވެރިންގެ މެދުގައި އެހައި ބޮޑު ތަފާތެެއް ހުއްޓައި މީގެ ކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ. "އިމާމާގެ ހާލު ކިޔައިދިނުމުން މި ފިރިހެން ކުއްޖާގެ މޫނުމަތިން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ސާލާރަށް އެފަދަ ގޮތެއް ދިމާވެއްޖެނަމަ އިމާމާވެސް ކަންތައް ކުރާނީ އެހެން ކަމަށް ވެދާނެއެވެ." ހިރަފުސް ފޮޅަމުން އޭނާގެ ހިތަށް އެރިއެވެ.
***
ގެއިން ނިކުމެގެން ދާން ނިންމުމަކީ އޭނާގެ ހަޔާތުގައި ނިންމި އެންމެ އުނދަގޫ އަދި އެންމެ ހިތްދަތި ނިންމުމެވެ. އެކަމަކު އެ ނޫންގޮތެއް އޭނާއަކަށް ނެތެވެ. ބައްޕަ އޭނާ ގެންދާނީ ކޮންތަނަކަށް ކަމެއް ނޭނގެއެވެ. އަދި އަސްޖަދާ ކާވެނިކުރުވަން ސާލާރް އާއި އޭނާގެ ކާވެނި ރޫޅާލާނީ ކިހިނެއް ކަމެއް ވެސް އޭނާއަކަށް ނުވިސްނެއެވެ. އެނގޭހައިވެސް ކަމަކީ ހާޝީމް މުބީން އޭނާ ގޮވައިގެން އެހެން ތަނަކަށް ހިނގައްޖެނަމަ މި މުސީބާތުން ސަލާމަތް ނުވާނެ ކަމެވެ. ހާޝިމް އޭނާގެ ފުރާނަ ދުއްވައެއް ނުލާނެއެވެ. އެކަމަކު މިކަމުން ސަލާމަތް ނުވެއްޖެނަމަ އުޅެން ޖެހޭނެ ހާލަށްވުރެ މަރުވުން ވެސް މާ ރަނގަޅެވެ.
ބައްޕަ ކޮޓަރިން ނިކުމެގެން ދިއުމުން އިމާމާ ހިތް ފުރެންދެން ރޯލިއެވެ. އެއަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ހާލާ މެދު ވިސްނައިލިއެވެ. އިރު އެރުމުގެ ކުރިން އޭނާ މިގެއިން ނިކުމެ ރައްކާތެރި ތަނެއް ހޯދަން ޖެހޭނެއެވެ. "ރައްކާތެރި ތަނެއް؟" އެ ސުވާލާއެކު އަނެއްކާވެސް ޖަލާލް އަންޞާރްގެ ނަން އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް ރައްކާތެރިކަން ދެވޭނެ ހަމައެކަނި މީހަކީ ޖަލާލެވެ. "އަހަރެން ފެނުމުން އޭނާގެ ވިސްނުން ބަދަލުވެ، ނިންމުން ބަދަލުކޮށްފާނެއެވެ. އަދި އަހަންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފާނެއެވެ. އޭނާގެ މައިންބަފައިންވެސް އަހަންނަށް ހަމްދަރްދީ ވެދާނެއެވެ.
އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ޖަލާލްގެ މައިންބަފައިންގެ އެހީތެރިކަން ނުލިބުނަސް އޭނާ ބޭނުންގޮތަށް އުޅުމުގެ މިނިވަންކަން ލިބޭނެއެވެ. "އެކަމަކު ސުވާލަކީ މިތަނުން އަހަރެން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟" އެ ސުވާލާއެކު އޭނާގެ ހިތަށް އައީ ސާލާރެވެ. ކޮންމެވެސް ގޮތަކުން އެގެއަށް ދެވިއްޖެނަމަ އޭނާ ގޮތެއް ހޯދައިދޭނެއެވެ.
އޭނާ ސާލާރްގެ މޯބައިލް ފޯނަށް ގުޅިއެވެ. ފޯނު އޮތީ ނިއްވައިލާފައެވެ. އެތައްފަހަރަކު އުޅެގެން ވެސް ސާލާރާ ގުޅޭގޮތެއް ނުވިއެވެ. ފޯނު ބާއްވާފައި ދަބަހަކަށް ދެ ތިން ހެދުމާއި އެހެނިހެން ސާމާނު އެޅިއެވެ.
އޭނާގެ އަތުގައި ހުރި ގަހަނާއާއި ފައިސާ ވެސް ދަބަހަށް ލިއެވެ. ފައިސާ އަށް މާރުކުރެވޭނެ އެހެނިހެން ސާމާނުވެސް ދަބަހަށް ލައި ޒިބު ދަމައިލިއެވެ. އެއަށްފަހު ހެދުން ބަދަލުކޮށްގެން ދެ ރަކްޢަތް ނަމާދެއް ކުރިއެވެ.
އޭނާގެ ހިތް ވަނީ ބަރުހެލިވެ، މިލައި މޯޅިވެފައެވެ. ލޮލުން ފައިބާ ކަރުނައިން ވެސް ހިތަށް ތަސައްލީއެއް ނުލިބެއެވެ. ދެ ރަކްޢަތް ނަމާދުން ނިމިގެން ހިތުން ކިޔަން އެނގޭ ހުރިހާ އާޔަތްތަކާއި ސޫރަތްތައް ކިޔެވިއެވެ.
ދަބަސް ނަގައިގެންް ކޮޓަރީގެ ބޮކި ނިވާލާފައި ސިއްރުން ސިއްރުން ކޮޓަރިން ނުކުމެއްޖެއެވެ. ބޮޑުކޮޓަރީގައި ވެސް އެންމެ ބޮތްކެއްގެ އަލި ފިޔަވައި އެހެން އައްޔެއް ނެތެވެ. އެތަނަށް އޮތީ ކަނު އަނދިރިކަން ވެރިވެފައެވެ. ފަރުވާތެރިކަމާއެކު ސިޑިން ފައިބައިގެން ބަދިގެ އާ ދިމާއަށް ދިޔައެވެ. އެތަނުގައި އެއްވެސް އަލިކަމެއް ނެތެވެ. ބަދިގެއަށް ވަދެ ބޭރަށް ނިކުންނަން ހުރި ދޮރު ހުޅުވައިލިއެވެ. ތަޅު ނުލައި ތަންޑު އަޅުވާ ގޮތަށް މުޅި ގޭގައި ވެސް ހުރި ހަމައެކަނި ދޮރަކީ ބަދިގެއިން ނިކުންނަ ދޮރެވެ. އެރޭ ވެސް އެ ދޮރު ހުރީ ހުޅުވާފައެވެ. އަވަސްއަވަހަށް ދޮރު ހުޅުވާލައިފައި އިމާމާ ބޭރަށް ނިކުތެވެ. ތަންކޮޅެއް ދުރުން ނޯކަރުން ތިބޭ ކުއާޓަރު ފެނެއެވެ. ފަރުވާތެރިކަމާއެކު އޭނާ ގޮސް އެގެއާއި ސާލާރްގެ ގެއާއި އިން ވަކިކުރަން ރާނާފައި ހުންނަ ފާރުކައިރިއަށް ދިޔައެވެ. އަދި ފާރުމަތިން ސާލާރްގެ ގޭތެރެއަށް ދަބަސް އެއްލާލައިފިއެވެ. އަދި ވަރަށް މަސައްކަތުން ފާރުމަތިން އަނެއް ފަރާތަަށް ފުންމާލައިފިއެވެ.
***
މީހަކު ދޮރުގައި ޓަކިޖެހިހެން ސާލާރަށް ހީވިއެވެ. އޭނާ އޮތީ ފުން ނިންޖެއްގައެވެ. އެކަމަކު އެ އަޑެއް ނުއެއް ހުއްޓުނެވެ. އޭނާ އޮތީ ނިދާފައެވެ. އެކަމަކު ވެސް އެ އަޑު އޭނާ ހޭލައްވާލައިފިއެވެ.
ސާލާރް ތެދުވެ އެނދުމަތީގައި އިށީނދެ ވަށައިގެން ހޯދައިލިއެވެ. އަނދިރީގެ ތެރެއިން އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެ އަޑު އަންނަނީ ކުޑަ ދޮރާ ދިމާއިންނެވެ. ފުރަތަމަ އޭނާ ހީކުރީ ވަގަށް ވަންނަން އުޅޭ މީހެއް ކަމަށެވެ. އެ ދޮރު ތަކަކީ ދެމޭ ގޮތަށް ހުރި ދޮރުތަކެކެވެ. ޖާލީގަނޑެއް ހަރުކޮށްފައެއް ނުހުރެއެވެ. ދޮރުގައި ހުރީ މޮޅު ބިއްލޫރިކަމުން ޖާލީގަނޑެއްގެ ބޭނުމެއް ނެތެވެ. އެއީ ބޭރުން ގެނެސްފައި ހުރި ބިއްލޫރިއެވެ. މީހަކު ކިތަންމެ މަސައްކަތް ކުރިއަސް އެ ބިއްލުރި ތަޅައެއް ނުލެވޭނެއެވެ. އަދި ދޮރު ހުޅުވޭނީ ހަމައެކަނި އެތެރެއިންނެވެ. އެހެން ނޫނަސް ގޭގައި ކުއްތާ އަކާއި ތިން ފާރަވެރިން ތިބޭނެއެވެ. އެ ހުރިހާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ހުރި އިރުވެސް ކޮންމެވެސް މީހަކު ދޮރު ހުޅުވަން މަސައްކަތް ކުުރަނީއެވެ.
ސާލާރް އެނދުން ތެދުވެ ކުޑަ ދޮރާ ދިމާއަށް ދިޔައެވެ. އަދި ދޮރުފޮތި ހިއްލާލުމަށްފަހު ބޭރު ބަލައިލިއެވެ. ކުޑަ ދޮރުން ބޭރުގައި ހުރި މީހާ ފެނުމުން އޭނާ ހޭ ނެތިގެން ނުވެއްޓުނީ ކިރިޔާއެވެ. ބަގީޗާގެ ބޮކިތަކުން އެ މީހާ ގަޔަށް ހުރީ އަލި އެޅިފައެވެ.
"މީ މޮޔައެއް." ބޭއިޚްތިޔާރުގައި އޭނާއަަށް ބުނެވުނެވެ. އެގޭގައި ގެންގުޅޭ ރުޅިގަދަ ކުއްތާތަކަށް އޭނާ ފެނުނު ނަމަ ނޮޅައިގެން ކާލާނެއެވެ. ފާރަވެރިންނަށް އޭނާ ފެނުނުނަމަ ބަލާކަށް ނެތި ބަޑި ޖަހާނެއެވެ. އެކަމަކު އޭނާ އެހެރީ ސަލާމަތުންނެވެ. އޭނާ އެރީ ފާރުމަތިންކަން ސާލާރަށް ޔަގީނެވެ.
ދަތްކުނޑިވިކާލައިފައި ސާލާރް ކޮޓަރީގެ ބޮކި ދިއްލައިލިއެވެ. އެއާއެކު ޓަކި ޖެހުން ހުއްޓިއްޖެއެވެ. ކުއްތާތައް ވައްވައް ޖަހަން ފަށައިފިއެވެ. ދޮރުގެ ފޮތިގަނޑު ކަހާލައިފައި އޭނާ ކުޑަ ދޮރު ހުޅުވައިލިއެވެ.
"އަވަހަށް އެތެރެއަށް ވަދޭ!" އޭނާ އިމާމާ ގާތު ބުނެލިއެވެ. އޭނާ ބިރުން ހުރެ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އަތުގައި ދަބަހެއް އޮތެވެ. ދޮރުގެ ފޮތިގަނޑު ދަމާލައިފައި ސާލާރް އިމާމާއާ ދިމާއަށް އެނބުރުނެވެ. "ހެޔޮނުވާނެ އިމާމާ، ތިހިރީ މޮޔަވެފަ."
އަނގައިން ނުބުނެ އިމާމާ ދަބަސް ބިންމަތީގައި ބެހެއްޓިއެވެ.
"ފާރުމަތިންތަ އެރީ؟ ކުއްތާތަކަށް ނުވަތަ ފާރަވެރިންނަށް ފެނުނުނަމަ ފުރާނަ ދުއްވައިލާނެ. ބިންމަތިން ނަގަންޖެހުނީހީ ގަބުރު."
"އަހަރެން އެތައްފަހަރަކު ގުޅިން، ފޯނު އޮތީ ނިވާލާފައި. މި ނޫން ގޮތެއް އަހަންނަކަށް ނެތް."
ފުރަތަމަ ފަހަރަށް އޭނާ އިމާމާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އޭނާގެ ދެލޯ ހުރީ ދުޅަވެފައެވެ. މޫނު ހުރީ މިލައި މޯޅިވެފައެވެ. އޭނާ ހުރީ ގައިގައި ހުދު ކުލައިގެ ޗާދާރެއް އޮޅާލައިގެންނެވެ. ހެދުމާއި ޗާދަރުގައި ހުރީ ލައްޖެހިފައެވެ.
"އަހަރެން ގޮވައިގެން ލާހޯރަށް ދެވިދާނެތަ؟" އިމާމާ އެހިއެވެ.
"މި ގަޑީގަ؟" ސާލާރަށް ލިބުނީ ކުއްލި ސިހުމެކެވެ.
"އާނ، ހަމަ މިހާރު. އަހަންނަކަށް ވަގުތެއް ނެތް."
ސާލާރް ހައިރާންވެފައި ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. "ވަކީލު ތިގެއަށް ފޯނު ކުރިއެއްނެ..؟ މައްސަލަ ހައްލެއް ނުވޭތަ؟"
އިމާމާ ބޯޖަހައިލިއެވެ. "ނުވޭ. އެމީހުން ރާވާފައި އޮތީ އަހަރެން އެހެން ތަނަކަށް ފޮނުވައިލަން. އަހަރެން ސާލާރަށް ފޯނުކުރަން އުޅުނީ ލޯޔަރަށް ގުޅައި އަހަރެން އެގެއިން ނެރެދޭށޭ ބުނަންވެގެން. އެކަމަކު ދެން އެންމެ ސިކުންތަކަށް ވެސް މަޑުކުރެވޭކަށް ނެތް. އެމީހުން އަހަރެން ކޮންމެވެސް ތަނަކަށް ބަދަލުކުރާނެ."
ސާލާރް އާފުރެނީއެވެ. އޭނާ ހުރީ ވަރަށް ނިދިއައިސްފައެވެ. "އިށީނދޭ." އޭނާ ބުންޏެވެ.
"އަހަރެން ގޮވައިގެން ލާހޯރަށް ނުދެވޭނަމަ ބަސް ސްޓޮޕް ކައިރިއަށް އަހަރެން ގެންގޮސްދީ. އަހަރެން އަމިއްލައަށް ލާހޯރަށް ހިނގައިދާނަން."
ސާލާރް އުޅުނީ ހެނދުނު ލާހޯރަށް ގެންގޮސްދޭނެ ވާހަކަ ބުނާށެވެ. "ހެނދުނު..."
އޭނާގެ ވާހަކަ ނިމުމުގެ ކުރިން އިމާމާ ބުންޏެވެ. "ނޫން. ހެނދުނަށް މަޑެއް ނުކުރެވޭނެ. އޭގެ ކުރިން މިތަނުން ދާން އަހަރެން ބޭނުން. ލާހޯރަށް ދާ ބަހަށް ނޭރިއްޖެއްޔާ އަހަރެން ކޮންމެވެސް އެހެން ރަށަކަށް ހިނގައިދާނަން، ގޮސް އެރަށުން ލާހޯރަށް ދާ ބަސް ނަގާނީ."
"އާނ. އެކަމަކު އިށީނދެބަލަ." ސާލާރް އަނެއްކާވެސް ބުންޏެވެ. ލަދުން ހުރެ އޭނާ ސޯފާގައި އިށީނދެލިއެވެ. ސާލާރް އިމާމާގެ ކުރިމަތީގައި ކަހަލަ ގޮތަަކަށް އެނދުގައި އެއްކޮޅުގައި އިށީނދެގެން އިނެވެ. "ލާހޯރަށް ގޮސް ދާނީ ކޮން ތަނަކަށް؟"
"ޖަލާލް މެންގެއަށް."
"އެކަަމަކު އޭނާ އޮތީ އިމާމާގެ ކާވެންޏަށް ނޫނެކޭ ބުނެފައެއްނު؟"
"އެހެންވިޔަސް އެގެއަށް ދާނީ. އޭނަ އަހަރެން ދެކެ ވަރަށް ލޯބިވޭ. އަހަރެން ދޫކޮށެއް ނުލާނެ. އަހަރެން ގޮސް ޖަލާލް އާއި އޭނާގެ މައިންބަފައިންނާ ވާހަކަ ދައްކާނަން. އެ މީހުން އަހަރެންގެ ވާހަކަ އަޑު އަހާނެ، އަހަންނަށް ހަމްދަރްދީ ވާނެ."
"އެކަމަކު ތީ މިހާރު އަހަރެންގެ އަނބިމީހާ."
(ނުނިމޭ)
"އެކަމަކު ތީ މިހާރު އަހަރެންގެ އަނބިމީހާ"
Ahaaa.Loabi gothakah buneli echcheh nikan balaabala
?