ލޭބޯފަނި (5)

(9 ސެޕްޓެމްބަރު 2016 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)

"ދުނިޔޭގެ އެއްވެސް އިންސާނބަކު ޚުދު ތިމާ މަރު ވެގެން ނުއެއް ރޯނެ- މަރުވީމާ އޮންނާނީ ރުއިމުގެ ވަގުތު ފާއިތު ވެފައި- އެކަމަކު އަޅުގަނޑުގެ ލޮލުގެ ކުރިމަތީގައި އަމިއްލަ މައްޔިތާ އަބަދުވެސް އޮންނަނީ ފެންނާން- ރޮވެނީ އެހެން ވެގެން-"

"އަހަރެމެން ދެއްކީ މުޅީން އެހެން ވާހަކައެއްނު-؟ ކުއްލިއަކަށް މަރުގެ ވާހަކަ ފެށިގެން މާ ކުރިއަށް ދިޔައީ- އަވަހަށް މޫޑު ރަނގަޅު ކޮށްލާ-"

އަކްބަރުގެ އަނބިމީހާޔާއި ދަރިންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އޭނާ ގާތު ނުދައްކައި ސިއްރު ކޮށްގެން ތިބީ ކީއްވެގެންތޯ ސުވާލު ކުރާން އޭނާ ބޭނުން ވިއެވެ. އިނދެގެން އުޅޭ މީހެއް ކަމަށް ވަނީނަމަ ލަދު ގަންނާން ޖެހޭ ކަމަކީ ކޮބައިތޯ އަހަންވެސް ބޭނުން ވިއެވެ.

ވަރަށް ގިނަ އިރު ވާންދެން ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ސަލްމާ ބުންޏެވެ. "ޞަފޫރާ އަކީ ރަންޑީ ބާޒާރުގައި ނަށާ ޢާއިލާއެއްގެ ކުއްޖެ-"

ޖަވާދު ޙައިރާން ވެފައި ސުވާލު ކޮށްލިއެވެ. "ކޮން ޞަފޫރާއެއް-؟"

"އަކްބަރުގެ އަންހެނުން- އެއީ އަޅުގަނޑުމެންގެ ބޮޑު ބޭބެގެ ދަރިއެއް- ބޮޑު ބޭބެ މިހާރު ނިޔާ ވެއްޖެ- ބޮޑު ބޭބެ، ޞަފޫރާގެ މަންމަ ގެނައީ ރަންޑީ ބާޒާރުން- ގެނެސް ހަވޭލީގައި ގެންގުޅުނީ-"

"ގެންގުޅުނީއޭ ތިޔަ ބުނީ ކީއްވެގެން-؟ ތިމާގެ މީހަކަށް ހަދައިގެން ގެންގުޅުނީތަ-؟"

{އެޔެއް އަޅުގަނޑަކަށް ނޭނގޭ- ބޮޑު ބޭބެ ބުނީ އޭނާ ގެނައީ އިނދެގެންނޭ- ކޮންމެ ގޮތެއް ވިޔަސް ޞަފޫރާ އުފަންވީ ހަވާލީއަށް- އޭގެ ދިހަ ވަރަކަށް އަހަރު ފަހުން އޭނާގެ މަންމަ މަރު ވެއްޖެ- އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ޞަފޫރާ އަކާ ވާހަކައެއް ނުދައްކާ-"

ޖަވާދު ބޯ ޖަހައިލިއެވެ. "ރަނގަޅު ވާހަކައެއް- އެކަހަލަ ކުއްޖަކާ އެކަކުވެސް ވާހަކައެއް ނުދައްކާނެ-"

"ޞަފޫރާ އެކަހެރި ވެފައި އިންނަތަން ފެނުނީމާ ބޮޑު ބޭބެ ހެދި ގޮތަކީ ހުރިހައި މުދަލެއް އޭނާގެ ނަން މައްޗަށް ބަދަލު ކޮށްލީ- ވަޞިއްޔަތުގައި ލިޔެފައި އޮތް ގޮތުން، ޞަފޫރާ ޢާއިލާއިން ބޭރު މީހަކާ އިނދެފިއްޔާ މުދަލުން ލިބޭނީ ކަނޑައެޅިފައިވާ ވަކި މިންވަރެއް- ބާކީ ހުރި އެއްޗެއް ލިބޭނީ ސަރުކާރަށް- ޢާއިލާގެ މީހަކާ އިނދެފިއްޔާ މުދާ ހުންނާނީ ޢައިލާގައި ނޫންތޯ-؟"

"ސަލްމާގެ ބޮޑު ބޭބެއަކީ ވަރަށް ޗާލާކު މީހެއްތާ-!"

"އަޅުގަނޑުމެންނަކީވެސް މޮޔައިންނެއް ނޫނީމު- ޞަފޫރާ އަކްބަރާ ދެވައިގެން އަޅުގަނޑުމެން މިތިބީ މުދާގަނޑު ޢައިލާއިން ބޭރަށް ދިޔަ ނުދީ ހިފަހައްޓައިގެން- އަނެއްކޮޅުން ޞަފޫރާއަކީ ޢައިލާގެ މީހެއް ކަމަކަށްވެސް އަޅުގަނޑުމެން އަދިވެސް ގަބޫލެއް ނުކުރަން- އޭނާގެ މަންއަކީ ކާކުކަން ދުނިޔެއަށް ބުނެދޭން އަޅުގަނޑުމެންނަށް ކެރޭނީ ކިހިނެއްތޯ-؟"

"އާނ- ކަންތައް ތިޔަ ކުރި ގޮތުން ބޮޑު ބޭބެގެ މުދާގަނޑު ލިބިއްޖެ- ގިނަ ފަހަރަށް މުދާ އިތުރު ވެފައި ހުންނަނީ ތޔިޔަ ކަހަލަ ކޮންމެވެސް ކަމެއް ކޮށްގެން-"

މަންގަލާ ޑޭމްގެ އޮފީހާ ހަމައަށް ދެވިއްޖެއެވެ. ޕިޔޯނަކު އައިސް ސަލާން ކޮށްފައި ސަލްމާ ފައިބާން ކާރުގެ ދޮރު ހުޅުވައި ދީފިއެވެ. ސަލްމާ ފައިބައިގެން ޖަވާދާއެކީ ހިނގައިގެންފިއެވެ. ދިމާވާ ކޮންމެ މީހަކު އެ ދެމީހުންނަށް ސަލާން ކުރިއެވެ. މިހައި ގިނަ ބަޔަކު އެކަކަށް ސަލާން ކުރާތަން މީގެ ކުރިން ދުވަހަކުވެސް ސަލްމާ ދެކެފައެއް ނެތެވެ. ދަނޑަށް ނުކުމެ އުޅޭ ދުވަސް ދުވަހު ބައްޕަޔާއި ކޮއްކޮއަށް ސަލާން ކުރާ މީހުން ވަރަށް ގިނައިން ފެނެއެވެ. އެހެންނަމަވެސް ފިރިމީހާއަށް ގިނަ ބަޔަކު ސަލާން ކުރާތަން ފެނުނީމާ ކުރެވެނީ މުޅީން ތަފާތު އިޙްސާސެކެވެ. އޭނާ ރަންޏެއްގެ ބޮޑާ ކަމާއެކު އެއިން އެއްވެސް މީހެއްގެ ސަލާމަކަށް ޖަވާބެއް ދިނުމަކާ ނުލައި ގޮސް އޮފީހަށް ވަދެއްޖެއެވެ. ޖަވާދު އެތާނގައި މަސައްކަތް ކުރާ ކުދި ބޮޑު އޮފްސަރުންނަށް އޭނާގެ އަނބިމީހާ ތަޢާރަފްކޮށް ދިނެވެ. އެތަނުން ކޮންމްވެސް އެކަކު ޖަވާދާ ދިމާއަށް ބަލައިލައިފައި އިޝާރާތެއް ކޮށްލިއެވެ. ޖަވާދު އަވަސް އަވަހަށް ބުނެލިއެވެ. "ޔޭސް ސަރ- ހަމަ މިހާރު އަޅުގަނޑު މި ބަލަނީ-"

ދެން އޭނާ ސަލްމާއާ ދިމާއަށް ބުނެލިއެވެ. "ސަލްމާ ރާނީ- މި ތާނގައި މި މީހުނާ ވާހަކަ ދައްކަން މާދު ކޮށްލާ- އަހަރެން ކުޑަ މަސައްކަތެއް ނިންމާލާފައި އެބަ އަންނަން-"

އެހެން މީހަކު ބުނެލިއެވެ. "ޖަވާދު އަވަހަށް ގޮސްފައި އާދޭ- އަހަރެމެން ފަހަރީގެ ކަންތައް ބަލަހައްޓާނަން-" ދެން ސަލްމާ އާ ސުވާލު ކޮށްލިއެވެ. "ފަހަރު- ކޯޗެއް ގެންނާނީ-؟ ފިނި ބުއިމެއްތަ-؟ ނޫނީ ސައިތަ-؟"

ޖަވާދު ހިނގައްޖެއެވެ. ސައި ގެންނާށޭ ބުނެފައި ސަލްމާ އޭނާގެ ފިރިމީހާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އޭނާ ދިޔައީ ޖެހިގެން ހުރި ގޮޅިއަށެވެ. ދެގޮޅި ދޭތެރޭގައި ޖަހާފައި ހުރި ސާފު ބިއްލޫރިގަނޑުން އެތަން ފެނެއެވެ. އޭނާ ވަނުމާއެކު އެތާނގައި ތިބި ދެތިން މީހަކު ތެދުވެ، އޭނާއަށް ސަލާން ކޮށްލިއެވެ. ޖަވާދު ރަސްކަލެއްހެން ގޮސް އެތާނގައި ހުރި އެންމެ ބޮޑު ގޮނޑީގައި އިށީނދެއްޖެއެވެ.

ސަލްމާއަށް އެ ކަންތައްތައް ފެންނަނީ އާދަޔާ ޚިލާފު ކަންތައްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް ވަރަށް އުފާވާ ކަންތައްތަކެއް ކަމުގައިވެސް އެކަންތައް ވެއްޖެއެވެ. ހިކަންޖަކަށް ވެގެން އެއް ކަނެއްގައި ހުރމުގެ ބަދަލުގައި ބޮޑު މީހެއްގެ ސިފައިގައި ފިރިމީހާ ހުއްޓައި މި ފެންނަނީ އަލަށެވެ. ބައްޕަގެ ކުރިމަތީގައި އިސް އުފުލައި ބަލައިލާކަށްވެސް ޖަވާދަކަށް ނުކެރެއެވެ. އެ ގޮޅީގައި ތިބި މީހުންނާ ދިމާއަށް އޭނާ ރުޅި އައިސްގެން ކޮންމެވެސް އެއްޗެކޭ ބުނެލީކަން އެނގެއެވެ. އަޑު ނީވުނު ނަމަވެސް އޭނާގެ ކުރިމަތީގައި އެހެން މީހުން ކުޑަ ވެގެން ތިބީމާ ކޮންމެވެސް ކަމަކާ ނުރުހިގެން އުޅެނީކަން އެނގެއެވެ. އެމީހުންނަކީ ބިންވެރިންކަން އެނގެއެވެ. އެކަމަކުވެސް ޖަވާދުގެ ކުރިމަތީގައި އެ މީހުން ތިބީ އާދައިގެ މީހުންނަށް ވެފައެވެ.

އެމީހުން ވާހަކަ ދައްކަނީއެވެ. ޖަވާދު އިރުކޮޅަކު އަޑު އަހަން ހުރެފައި ބޯ ޖަހައިލިއެވެ. އަދި ގޮނޑިން ތެދުވެގެން އައިސް ބިއްލޫރިގަނޑުގައި ހުރި ފަރުދާ ދަމައިލިއެވެ. އެޔާއެކު އެ ކޮޓަރީގައި ހިނގާ ކަންތައްތައް ނުފެންނަ ގޮތް ވެއްޖެއެވެ.

ސަލްމާ އެހެން މީހުނާ ވާހަކަ ދައްކާން ފަށައިފިއެވެ. އެކަމަކު ސިކުނޑި އޮތީ ފިރިމީހާ ހުރި ގޮޅީގައެވެ. އެތާނގައި އެ ހިނގަނީ ކޮން ކަހަލަ ސިއްރު ބައްދަލު ވުމެއް ބާވައޭ ހިތަށް އެރިއެވެ. ބައި ގަޑި އިރެއްހައި ފަހުން ޖަވާދު އައިސް އެ ގޮޅިއަށް ވަދެއްޖެއެވެ. އޭނާގެ މޫނުމަތީން ފެންނަނީ ވެރިކުލައެވެ. އެހެންނަމަވެސް އަނބިމީހާ ފެނުމާއެކު މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. "ސޮރީ، ސަލްމާ ރާނީ- މަސައްކަތް ހުރި ގޮތުން ދާން ޖެހުނީ- ހިނގާ ޑޭމް ބަލައިލާން-"

ސަލްމާ ހިނިތުން ވެލައިފައި ތެދުވެއްޖެއެވެ. އޮފީހުން ބޭރަށް ނުކުމެފައި ސަލްމާ ބުނެލިއެވެ. "އަޅުގަނޑާ މެދު އެވަރަށް ނުވިސްނަވާ، މަސައްކަތް ކުރިއަށް ގެންދަވާ-"

"މަސައްކަތްވެސް މިދަނީ ކުރެވެމުންނެއްނު-؟ ސަލްމާ އާ އެކީގައި އުޅެވުނީމާ ލިބޭ އުފާ މާ ބޮޑު- އޮފްސަރުންނާއެކު އެ މީހުންގެ އަނބިންވެސް އޮފީހަށް އަންނަން ޖެހޭ ގޮތަށް ޤާނޫނެއް ހަދަންވީ- އޭރުން އޮފްސަރުންގެ މޫޑު ރަނގަޅުވެ، މަސައްކަތް ހަލުވި ވެގެން ދާނެ-"

ސަލްމާ ހީނގަތެވެ. "އޭރުން މަޑުމަޑުން ގޮސް ނިދާ ކޮޓަރިވެސް އޮފީހަށް ބަދަލު ވެދާނެ-"

ދެމަފިރިން ހެމުން ހެމުން އައިސް ޑޭމްގެ ވަށާ ފާރު ކައިރިއަށް އަތުވެއްޖެއެވެ. ހުރަސް ކުރަން ހަދާފައި ހުރި ފާލަން މަތީގައި ފާލަމުގެ އެއް ފަރާތު އަރިމަތީގައި ދިގަށް ދަމާފައި ހުރި ވަލުގައި ހިފަހައްޓައިގެން ހުރެ ސަލްމާ ބުންޏެވެ. "އަޅުގަނޑު އެބަ ބިރު ގަނޭ- ފެންގަނޑު ދެމޭލެއް ބާރު ކަމުން ފެނާ އެކު އަޅުގަނޑުވެސް އޮޔާ ހިނގައިދާނެއޭވެސް އެބަ ހީވޭ- އެންމެ ފަހުން ގޮސް މި ފެންގަނޑުގެ ތެރެއަށް އަޅުގަނޑު ގެނބިގެން ހިނގައިދާނެއޭވެސް އެބަ ހީވޭ-"

ޖަވާދު ހީނގަތެވެ. "މި ފެންގަނޑަކީ ތިޔަ ބުނާ ކަހަލަ ގޮތަކަށް މީހަކު މަރާ ކުރިމަތި ކުރުވަފާނެ އެއްޗެއް- އެކަމަކު މިއީ ދިރުން ދޭވެސް އެއްޗެއް- ޑޭމް ހަދަނީވެސް އެ ބޭނުމުގައި- ފެންގަނޑު ބޮޑުގެ ބަޔަކަށް ގެއްލުމެއް ވުމުގެ ބަދަލުގައި ދަނޑުތަކަށް ފެން ލިބޭނޭ ގޮތްވެސް ހަދަން ވެގެން-"

ސަލްމާ އޭރުވެސް ހުރީ ވަލުގައި ބާރަށް ހިފަހައްޓައިގެންނެވެ. ޖަވާދު އޭނާގެ އަތުގައި ހިފައިގެން މަޑުމަޑުން ދުރަށް ގެނެސްފިއެވެ. "ސަލްމާ ތިޔަ ބިރު ގަންނަ ފެނަކީ، އަހަރެމެންނަށް ކަރަންޓު ގެނެސްދޭ ފެން- އަހަރެމެންގެ ގޭގޭގައި އެހެރަ ކަރަންޓަކީ މި ފެނުން އުފައްދާ ކަރަންޓު-"

"އެހެންތޯ-؟ ކަރަންޓަކީވެސް ގެއްލުންވެސް ދޭ އެއްޗެއް- އޭގައި ޖެހިއްޖެއްޔާ ވާނީ މަރު-"

"ދުނިޔޭގެ ކޮންމެ އެއްޗަކީވެސް ގެއްލުން އެކުލެވޭ އެއްޗެއް- ކުޑަކުޑަ ހިންޏެއްވެސް މީހުންނަށް ދޭ ގެއްލުން ކުޑައެއް ނޫނެއްނު-؟ ހަފައިގަތީމާ ހަމަ ތަދު ވެއެއްނު-؟ އެކަމަކު އިންސާނުންނަކީ ގެއްލުން ދެނިވި އެއްޝެހިން ފައިދާ ނެރޭ ބައެއް-"

ސަލްމާ އަހައިލިއެވެ. "ހިނީގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ ފައިދާއަކީ ކޮބައިތޯ-؟"

"ޖަމާޢަތް ހަދައިގެން މަސައްކަތް ކުރުމާއި، ކާބޯތަކެތި ރައްކާކޮށް ހެދުމުގެ ފިލާވަޅަކީ ހިނީގެ ފަރާތުން ދަސްވާ ކަމެއް- އަހަރެމެން މި ކުރާ ކަމަކީވެސް އެކަހަލަ ކަމެއް- ފެން މި ހުންނަނީ ރައްކާ ކުރެވިފައި- ކޯރުގެ ދިޔަ ބޮޑުވެ ފެން ގިނަވީމާ ދަނޑުތަކަށް ފެން ހަމަހަމަޔަށް ލިބޭނޭ ގޮތް ހަދަނީ-"

ޖަވާދުގެ އޮފީހުގެ ކުރިމަތީގައި ވަރަށް ރީތި ބަގީޗާއެއް އޮތެވެ. އެ ބަގީޗާގައި ވަނީ އެކި ކުލަކުލައިގެ ރީތި މާތައް ފަރިވެ ފޮޅިފައެވެ. ދެމަފިރިން މަޑުމަޑުން ހިނގާފައި އައިސް ބަގީޗާ ތެރޭގައި ހުރި ސިމެންތި ގޮނޑިއެއްގައި އިށިނދެއްޖެއެވެ. ސަލްމާ ސުވާލު ކޮށްލިއެވެ. "ފަރުދާ ކަހާލައިގެން ތިބެވެސް މަސައްކަތް ކުރެވިދާނެތޯ-؟"

"ކީކޭ-؟ ކޮން ފަރުދާއެއް-؟"

"އޭރު އަނެއް ގޮޅިއަށް ވަންނަވާފައި ފަރުދާ ކައްސަވައިލެއްވީމެއް ނޫންތޯ-؟ އޭރު ކުރެއްވީ ކޮން ކަމެއްތޯ-؟"

ޖަވާދު ހިނިތުން ވެލައިފައި ބުންޏެވެ. "ސަރުކާރުގެ ކޮންމެ އޮފީހެއްގައިވެސް ބައެއް ކަންތައްތައް ފަރުދާގެ ފުރަގަހުގައި ކުރާނެ- ސަލްމާގެ އެކައުންޓަށް ޖަމާވާ ފައިސާއަކީ އެ ފަރުދާގެ ފުރަގަހުން އަންނަ ފައިސާ-"

ސަލްމާވެސް ހިނިތުންވެލިއެވެ. "އަޅުގަނޑަށް އެކަހަލަ ގޮތަކަށް ލަފާ ކުރެވުނު- އެކަމަކު އަޅުގަނޑުގެ ހިތަށް އަރާ ދެން ތިބި މީސްމީހުން ކަންތައް ކުރަނީ ކިހިނެއް ބާވައޭ- އެއީ ހައްތަހާވެސް ހާޖީންތޯ-؟"

ޖަވާދު ވަރަށް ބާރަށް ހީނގަތެވެ. "ނޫނޭ- އެހެންނެއް ނޫން- މީސްމީހުނާ ވާހަކަ ދައްކައި ކަންތައް ހަމަ ޖެއްސުމަކީ އަހަރެން ކުރާ ކަމެއް- އެ މީހުންނަށްވެސް އެ މީހުންގެ ބައި ލިބޭނެ-"

"އެ މީހުން ފައިސާ ދިންތޯ-؟"

"ނޫނޭ- މި ތާނގައި ފައިސާގެ މުޢާމަލާތެއް ހިންގާކަށް ނުވާނެނު-؟ މިތާނގައި ސިފައިންނާއި، ތަން ބަލަހައްޓާ މީހުން ވަރަށް ފަރުވާތެރިވާނެ- އެއިން މީހަކަށް މި ކަހަލަ ކަމެއްގެ ޚަބަރެއް ވެލިޔަސް އަހަރެމެން އެންމެން އެކީގައި ޖަލަށް ވަންނަން ޖެހޭނެ- އަހަރެމެން އެ މީހުންނަށް އަންގަނީ އެހެން ކަމެއްގެ ވާހަކަ- އަހަރެމެން ބުނަނީ އެ މީސްމީހުން އަންނަނީ ކައިރި އަވަށްއަވަށުގެ ދަނޑުތަކަށް ފެން ލިބޭނޭ ގޮތަކާ މެދު ވާހަކަ ދައްކާށޭ-"

"މިއަދު އައި މީހުން އައީ ކީއްކުރަންތޯ-؟"

"އޭގެ ތެރެއިން އެކަކީ ކޮންޓްރެކްޓަށް މަސައްކަތް ކުރާ މީހެއް- އޭނާއަށް އޮންނަނީ ސަރުކާރުން މަސައްކަތެއް ހަވާލު ކޮށްފައި- އެއީ ލޯރިފަހަރުގައި ވެލި އުފުލުމުގެ މަސައްކަތް- މި ތަނުން އަހަރެމެން ފެން ދޫކުރާ ބާރު މިން އޭނާއަށް އެނގެން ޖެހޭ- އެހެން ނޫނީ މާ ގިނައިން ފެން ދޫކުރާ ދުވަސްވަރަކު އޭނާގެ މަސައްކަތް ކުރަން ފަށައިފިއްޔާ ލޯރިތައް އޮޔާ ދާގޮތް ވެދާނެ- އޭނާ ކޮމިޝަން ދިނީމާ އަހަރެމެން އޭނާ ބުނާ ދުވަހަކު ފެން ދުލެއް ނުކުރަން-"

"ދެން ހުރި މީހާ އަކީ ކީއްކުރާ މީހެއްތޯ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.