ލޭބޯފަނި (19)

(30 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މިއީ ނުރައްކާތެރި ދަނޑިވަޅެއްކަން އަކްބަރަށް ވިސްނިއްޖެއެވެ. އޭނާ ކުއްލިއަކަށް ކިސަޑުގަނޑުގެ ތެރެއަށް ވެއްޓިގެންފިއެވެ. މަންމަ ފިސްތޯލަ ޖެހީ ސީދާ އެ ދަނޑިވަޅުގައެވެ. ގުރުމުގެ އަޑާއެކު އެ އަޑު ފަޒާގެ ތެރެއަށް އަރައިގެން ހިނގައްޖެއެވެ. ދެވަނަ ވަޒަން ޖެހުމުގެ ކުރިން އަކްބަރު ދެއަތުން މަންމަގެ މޫނަށް ކިސަޑު ޖަހައިފިއެވެ. ތަނެއް ދޮރެއް ނުފެނި ފިސްތޯލަ ޖަހާނީވެސް ކިހިނެއް ހެއްޔެވެ؟

ލޮލުން ދިލަ ނެގި ނަމަވެސް، އަންދާސާކޮށްފައި ފިސްތޯލަ ޖަހަން އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު އޭނާގެ އަތްދަނޑީގައި ބާރު ގަދަ އަތަކުން ހިފައިފިއެވެ. އަކްބަރް އޭނާގެ އަތް އަނބުރައިލީ ބާރުކަމުން، އޭނާއަށް ހަޅޭއް ލަވައިގަނެވުނެވެ. ފިސްތޯލަ އަތުން ދޫ ވެގެން ވެއްޓިއްޖެއެވެ. އަކްބަރް އޭނާގެ މޫނުމަތީގައި އަތް ދަމާފައި ޖަހައިފިއެވެ. އޭނާ ކަނޑައި ވައްޓާލި ރުއްގުޅިއެއްހެން ބިންމައްޗަށް ވެއްޓިއްޖެއެވެ.

އެއްކޮޅުން މުސްކުޅި ހާލެވެ. އަނެއްކޮޅުން ތަނެއް ދޮރެއް ނުފެނެއެވެ. އޭނާ ތެދުވާން މަސައްކަތް ކުރިއެވެ. އެކަމަކު އޭގެ ކުރީން އަކްބަރް އޭނާގެ ކަރުގައި ހިފައިފިއެވެ. އޭނާ ސަލާމަތް ވާންވެގެން ތެޅިފޮޅެނީއެވެ. އެކަމަކު އަކްބަރްގެ އަތްދަށުން ސަލާާމަތް ވެވޭނެހައި ބާރެއް އޭނާގެ ނިކަމެތި ހަށިގަނޑަކު ނެތެވެ. އޭނާގެ ނޭވާ ކުރުވާން ފަށައިފިއެވެ.

އެ ހާލަތުގައިވެސް އޭނާގެ ސިކުނޑިއަށް ވެރިވެފައި ވަނީ ބަދުނާމުގެ ބިރެވެ. ހަޅޭއް ލަވައިގަތީމާ ބަޔަކު އައުން އެކަށީގެންވެއެވެ. އެހެން ވެއްޖެނަމަ މުޅި ރަށަށް އޭނާގެ ދަރިފުޅު ބަދުނާމު ވާނެއެވެ. ދެވަނައަށް ހިތަށް އަރަނީ ކިތަންމެ ބާރަކަށް ހަޅޭއް ލެވިޔަސް އެ ވިއްސާރައިގެ ތެރޭގައި މީހަކަށް އަޑެއް ނީވެނެއޭއެވެ.

އަކްބަރް އޭނާގެ ކަރަށް ބާރަށް ފިއްތަމުން، ބިންމަތީގައި އޭނާގެ ބޯ ތަޅަމުން ގެންދިޔައެވެ. އަދި ކިޔަމުން ދިޔައެވެ. "ހަރާން ބަކަަރި- އަހަންނާ ދިމާއަށް ބަޑި ޖަހާނަމޭ ހީކުރީތަ-؟ ކިތައް މައިންގެ ކިތައް ދަރިން އަހަރެން ހަަޖަމު ކުރިކަން ކަލެއަށް އެނގޭތަ-؟ ކަލޭ ތިޔައީ ވަކި ކާކު-؟ މާ މޮޅު މަޔަކީތަ-؟ މިވަނީ މާ ރަނގަޅަށް- ކަލޭ ނެތީމާ އަހަރެންގެ މަގަށް އެޅިފައި އޮތް ހުރަސް ނެތިގެން ހިނގައިދާނެ-"

އޭނާގެ މުޅި މޫނު މިހާރު އޮތީ ކިސަޑުގަނޑުގެ ތެރޭގައެވެ. ނޭވާލާން ކުރާ މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ތެޅިފޮޅެމުން ގޮސް މަޑުމަޑުން ހަށިގަނޑުގެ ހަރަކާތް ހުއްޓޭން ފަށައިފިއެވެ. ފިނިވާން ފަށައިފިއެވެ. އެންމެ ފަހުން ގޮސް ހަރަކާތް މުޅީން ހުއްޓިއްޖެއެވެ.

އަކްބަރް އޭނާގެ ކަރުން ދޫކޮށްލައިފިއެވެ. ނޭވާ ލާތޯ ބަލާން ކުޑަ އިރުކޮޅަކު މަޑުކޮށްލިއެވެ. ނޭވައެއް ނުލިއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ބޯ ހިއްލައެއް ނުލިއެވެ. އެހެންވީމާ ދެން ހަރަކާތެއް ނުކުރާނޭކަން ހަމަ މުޅީން ޔަގީން ވެއްޖެއެވެ.

މަޔަކު އޭނާގެ ދަރިފުޅު އުފެއްދި ކިސަނޑުގަނޑުގެ ތެރޭގައި މަރު ވެގެން ހިނގައްޖެއެވެ. އަކްބަރް މަންމަގެ ފުރާނަނެތް ހަށިގަނޑުގައި ކޮޅުފައިން އެތިފަހަރެއް ޖަހައިފައި އެގެއިން ނުކުމެގެން ހިނގައްޖެއެވެ.

* * *

ތަހުޒީބާއި، އަބުރުވެރިކަމާއި، ލަދާ ހެދި ހަނގުރާމަކުރި މީހާގެ މުޅަ ހަށީގަނޑު އެތާނގައި އޮތީއެވެ. މަޑުމަޑުން ވާރޭ ތުނި ކުރާން ފަށައިފިއެވެ. ވަގުތު ފާއިތުވަމުން ގޮސް ފަތިސް ނަމާދުގެ ބަންގީގެ އަޑު ފަޒާގައި ގުގުމާލައިފިއެވެ. ނަމާދަށް ދިޔަ މީހުންނަށް ފުރަތަމަ އަޅައިގަތީ އެއްޗެކެވެ. އެއީ އެއްޗެއް ނޫންކަމާއި މީހަކުކަން އެނގުނީ  ކައިރިން ބަލައިލީމައެވެ. ޗަވްދަރީ ޢިނާޔަތު ޙުސައިންގެ މީހުން ހިސާބުގަނޑު އެންމެން ދަނެއެވެ. އެކަމަކު މޫނު އޮތީ ކިސަޑުގަނޑުގެ ތެރޭގައި ކަމަށް ވާތީ އެއީ ކާކުކަމެއް ނޭނގެއެވެ. މަޑުމަޑުން މީހުން އެތަނަށް ޖަމާވާން ފަށައިފިއެވެ.

ފުލުހުން އައިސް މޫނު ސާފުކޮށްލީމާ ވަކި މީހަކު އެނގިއްޖެއެވެ. ފުލުހުން ގޮސް ޢިނާޔަތު ޙުސައިންގެ ގޭ މީހުންނަށް ގޮވައިފިއެވެ. އެ މީހުން ނުކުމެގެން އަތުވެއްޖެއެވެ. ޖަަވާދަށް އޭނާގެ މަންމަ ފެނުނީމާ ގާވެއްޖެއެވެ. ހުރިތާނގައި ހުއްޓިއްޖެއެވެ. ޢިނާޔަތު ޙުސައިން އަރިއަޅާލައިގެން ވެއްޓެން ދިޔަ ދަނޑިވަޅު ނުވެއްޓި ސަލާމަތްވީ ބަޔަކު ހިފެހެއްޓީމައެވެ.

ސަލްމާއާއި ފީރޯޒާއަށްވެސް މި ޚަބަރު ލިބިއްޖެއެވެ. ފީރޯޒާ އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ. ސަލްމާއަކަށް ބުނާނޭ އެއްޗެއް، ކުރާނޭ ކަމެއް ނޭނގުނެވެ. ހިސާބުގަނޑުގެ އަންހެނަކާ ސުވާލު ކުރާން ފަށައިފިއެވެ. ތަނެއް ދުށިންތޯ، މީހަކު ދުށިންތޯ އޮޅުން ފިލުވާން ފަށައިފިއެވެ. މިއީ ކިހިނެއް ހިނގި ކަމެއްކަން އޭނާއަށް ޔަގީނާ ގާތަށް އެނގެއެވެ.

އެތަނުން ފިސްތޯލައެއްވެސް ފެނުނެވެ. އެހެންވީމާ ފުލުހުން މައްޔިތާ ގެންދިޔައިރު ދިޔައީ ޢިނާޔަތު ޙުސައިނާއި، ޖަވާދުވެސް ގޮވައިގެންނެވެ.

ހިސާބުގަނޑުގެ ބޮޑެތި ގޭގޭގެ މީހުން އެގެއަށް އައިސް ސަލްމާއާއި ފީރޯޒާއާ ބައްދަލުކޮށްފައި ހިތާމަ ފާޅު ކުރާން ފަށައިފިއެވެ.

ފީރޯޒާ އެއް ފަރާތަކަށް ގެންގޮސްފައި ސަލްމާ ބުންޏެވެ. "ކަލޭ މި ވަގުތު ހުންނާނީ ލިބުނު ސިހުމުގައިކަން އަހަންނަށް އެނގޭ- އެކަމަކު މިއީ ވިސްނުންތެރިކަން އިސް ކުރާން ވީ ވަގުތެއް- ފުލުހުން އައިސް އަހަރެމެންނާ ވަރަށް ސުވާލު ކުރާނެ- ހަނދާން ކުރާތި- ނަމަނަމަ އަކްބަރް މިގެއަށް އައި ވާހަކަ ނުބުނާތި-"

ފީރޯޒާގެ ސުވާލުގެ ނަޒަރަކުން އޭނާގެ ފަހަރިއާ ދިމާއަށް ބަލައިލިއެވެ. ސަލްމާ ބުންޏެވެ. "ބޭރުގައި ތިބި މީހުންނާ އަހަރެން ސުވާލު ކުރިން- މީހަކު މަންމަ މަރައިލީ ކަމަށް ވަނީ ކިސަޑުގަނޑުގެ ތެރެއަށް ގަންބައި ހާސް ކުރުވައިގެން- ފުލުހުން އެންމެ ފުރަތަމަ ޝއްކު ކުރާނީ މިގޭ ފިރިހެނުންނަށް- ދެން ބަލާނީ މިގެއަށް ރޭ އައި ބަޔަކަށް-"

"މަންމަ ރޭ ދަންވަރު ބޭރަށް ނުކުތީ ކީއްކުރަންކަނ އެނގޭތަ-؟"

"އަދި ތިޔަ ކަހަލަ އެއްވެސް ކަމެއް ނޭނގޭ- އެކަމަކު ކަލެއަކީވެސް އަމިއްލައަށް ވިސްނަން އެނގޭ މީހެއް- އަކްބަރް މިގެއަށް އައިކަން ހަމަ އެއްގޮތަކަށްވެސް އަންގައިގެން ނުވާނެ-"

ދެ މީހުން ބޮޑު ކޮޓަރި ތެރެއަށް އަތުވެއްޖެއެވެ. އެތާނގައި ތިބީ ހިތާމް ފާޅު ކުރާން އައިސް ތިބި އަންހެނުންނެވެ. ދެ މީހުން ތިބީ އެ މީހުންގެ ވާހަކަތައް އަޑު އަހާށެވެ. އެމީހުން ދިޔައީ މަންމަގެ ރަނގަޅު ކަމުގެ ވާހަކަ ދައްކަމުންނެވެ. އެކަމަކު އޭރު ފީރޯޒާގެ ސިކުނޑީގައި ވަރުގަދަ ހައިޖާނެއް ހިނގަމުން ދިޔައެވެ. އޭނާގެ ހިތަށް އެރިއެވެ. ރޭ މަންމަ އަހަންނަށް ފާރަލީއެވެ. މަންމައަށް އަކްބަރް ފެންނާނީއެވެ. ސިއްރު ބޭޒާރު ވެދާނެތީ އަކްބަރް މަންމަ މަރައިލީއެވެ.

އޭނާ ވިސްނަމުން ދިޔައެވެ. "ކަންތައް ހިނގި ގޮތަކީ އެއީ ކަމަށް ވާނަމަ އަހަރެން ކަންތައް ކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ މަންމަގެ މަރުގެ ހިތާމަ ކުރާނީ ހެއްޔެވެ؟ ލޯބީގެ ކާމިޔާބީ ފާހަގަ ކުރާނީ ހެއްޔެވެ؟ މަންމަގެ ގާތިލަކީ އަކްބަރޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ މިއީ ދޮގު ޚިޔާލެއް ކަމުގައި ލައްވާށިއެވެ! މަންމަގެ ގާތިލަކީ އެހެން މީހަކު ކަމުގައި ވާށިިއެވެ!"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.