(29 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ އެއްވެސް ޔަގީންކަމެއް ނެތް ރާގެއްގައި ބުނެލިއެވެ. "އަހަރެން މޮޔަ ހައްދަން އުޅޭނެ ކަމެއް ނެތް- މުޢާހަދާއާ ޚިލާފު އެއްވެސް ވާހަކައެއް މީގެ ފަހުން އަހަރެން ނުދައްކާނަން-"
ފީރޯޒާ ހީނގެންފައި ފޯނު ބާއްވައިފިއެވެ.
އަކްބަރުވެސް ފޯނު ބާއްވައިފިއެވެ. އަދި ރުޅި އައިސްގެން ދަތްކުނޑި ވިކައިލިއެވެ. ބައްޕަ ރޭވި ހުރިހައި ރޭވުމަކަށް އަމަލީ ސިފަ ގެންނާން އޭނާ އެ ވަގުތު ކަނޑައަޅައިފިއެވެ. ކިރު ތަށްޓައް ވެއްޓޭ މެހި އެއްލައިލާ ބީދައިން ފީރޯޒާގެ ބަލާވެރިކަމުން ސަލާމަތްވާން އޭނާ އަޒުމު ކަނޑައަޅައިފިއެވެ.
އޭގެ އަނެއް ދުވަހު އޭނާ ރަށް ދޫކޮށް އެހެން ރަށަކަށް ހިނގައްޖެއެވެ. ފީރޯޒާ ފޯނު ކުރީމާ އެ ގެއިން ބުނީ އެެން ރަށެއްގައި އޮންނަ ދަނޑެއްގެ ކަންތައް ބަލާން އޭނާ ހިނގައްޖެ ކަމުގައެވެ. އެއީ ފީރޯޒާއަކަށް ދެކޮޅު ހެދޭނޭ ކަމެއް ނޫނެވެ. އެހެނީ ފިރިމީހާ ހިފެހެއްޓުމުގެ ބާރެއް ނުވަތަ އިޚްތިޔާރެއް ލިބޭ ފަދަ ގުޅުމެއް އަދި ގާއިމެއް ނުކުރެވެއެވެ. ދަނޑުތަކުގެ ކަންތައް ބެލެހެއްޓުމާއި ހިސާބުކިތާބު ބެލެެހެއްޓުން މިހާރު އޮތީ އޭނާއަށެވެ. މިހާރަކު އެކަން ކުރާކަށް އެހެން މީހަކު ނެތެވެ. އެހެންވީމާ ފީރޯޒާއަށް ޖެހޭނީ ކެތްތެރިކަމާއެކު އޭނާ އަންނަންދެން އިންތިޒާރުގައި ހުންނާށެވެ.
ފީރޯޒާ ގަޔަށް ދޫ ހެދުން ލާން ފަށައިފިއެވެ. ބަނޑު ނުދައްކާން ވެގެންނެވެ. ބޭރަށް ދާ ކަމަށް ވަންޏާ ދަނީ ގައިގައި ޗާދަރެއް އޮޅައިލައިގެންނެވެ. އެކަމަކު އަރައިގެން އަންނަ އިރު ފޮރުވުމަކީ ވިލާގަނޑަށް ނުކުރެވޭ ކަމަކަށް ވާ ފަދައިން އަންހެނުންނަކަށް އޭނާގެ ބަނޑެއް ފޮރުވޭ ގޮތެއް ނުވެއެވެ. ދާ ކޮންމެ ދިމާއަކުން ދެތިން އަންހެނަކު އޭނާއާ ފޮށެއެވެ. "އޭތް- ނިކަން ބަލާބަލަ- ދިދަ ހޫރުވަމުން އިއުލާނު ކުރަމުން އެހެރަ ދާ ގޮތެއް-"
އެކަހަލަ އެއްޗެހި ކިޔަން ފެށިމާ މީސްމީހުން އޭނާޔާ ދިމާއަށް ބަލަބަލާފައި ހޭން ފަށައެވެ. އޭނާ އިސް ޖަހައިލައިގެން ހުރެ ދަނީއެވެ. އަނގަޔަކުން ނުބުނެއެވެ. އެކަހަލަ ކަމަކާ ކުރިމަތިވާ ކޮންމެ ފަހަރަކު ދެން ބޭރަށް ނުނުކުންނާނަމޭ ހިތަށް އަރައެވެ. އެކަމަކު ކާންބޯން ބޭނުންވާ އެއްޗެހި ގަންނަން ބޭރަށް ނުކުންނަން ޖެހެއެވެ. ބޭބެއާއި ފަހަރި އޭނާ އެކަނި ގޭގައި ބައިންދާފައި ދިޔައީއެވެ. ފަހަރި ވިހަން ބޭނުން ވަނީ އޭނާގެ މައިފުނަ ގޭގައެވެ. ލަދުން ސަލާމަތް ވާން ވެގެން ބޭބެވެސް ފަހަރިއާއެކު އެގެއަށް ހިނގައްޖެއެވެ. ބޭބެގެ ވިސްނުން މުޅިއަކުން ގޯހެއްވެސް ނޫނެވެ. ބޭބެއާ ބައްދަލުވާ މީސްމީހުން އޭނާގެ ވާހަކަ އަހައި މަލާމާތްކޮށް އުޅެއެވެ.
އޭނާ ކަން ބޮޑު ވެއެވެ. އަންހެނެއްގެ އަބުރު ގެއްލިއްޖެ ނަމަ އާއްމު ގޮތެއްގައި ހުރިހައި ހައްގަކުންވެސް މަހުރޫމު ވެއެވެ. ކުށުގައި ބައިވެރިވާ ފިރިހެންމީހާ އޭނާއަށް އޭނާގެ ހައްގު ނުދީފި ނަމަ މަރުވާންދެން އުޅެން ޖެހެނީ ބަދުނާމުގެ ތެރޭގައެވެ. ހަރާން ދަރިން ވިހާ މީހެއްގެ ނަން ލިބިގެންނެވެ.
ފާފަ ކޮށްފައި އަމިއްލައަށް ބަދުނާމު ވެގަތުމާއި، އާއިލާ ބަދުނާމު ކުރުމަކީ ވިސްނުންތެރި ގޮތެއް ނޫނެވެ. އަބުރުވެރިއަކު ގަސްތުގައި އަގު ވެއްޓިގަންނާކަށް ބޭނުމެއް ނުވާނެއެވެ. އަންހެންމީހާގެ އަގު ވެއްޓެން މެދުވެރި ވަނީ ފިރިހެންމީހާގެ ސަބަބުންނެވެ. ފިރިހެންމީހާ ފުރަގަސްދީ ދިއުމުންނެވެ. އެފަދަ ހާލަތެއްގައި އަބުރު ގެއްލިފައިވާ މީހެއްގެ ނަން ލިބިގަތުމަށްވުރެ ރަނގަޅު ގޮތަކީ ފިރިހެންމީހާގެ ލޭބޯ ފަންޏަކަށް ވެގެން އުޅުމެވެ. ބަނޑު ތެރެއަށް މައުސޫމު ފުރާނައެއް ހިފުމަކުން ފާފައެއް ނުއެއް ފޮރުވޭނެއެވެ. އިންސާނިއއްޔަތު މަރު ވާނީއެވެ. ބައެއް ބަލިކަށި އަންހެނުން އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި އިންސާނިއްޔަތު މަރައިލަނީއެވެ.
އެއް ދުވަހަކުއޭނާ އެޑްވޮކޭޓް ބުޝްރާ ރައްބާނީއާ ބައްދަލު ކުރާން ހިނގައްޖެއެވެ. މަގުމަތިން ކާރެއް ނުލިބުނެވެ. އޮފީސް ހުންނަނީ ގެޔާ މާ ދުރު ނޫން ހިސާބެއްގައި ކަމަށް ވާތީ އޭނާ ދިޔައީ ހިނގާފައެވެ. އެ ވަގުތު ފަހަތުން ކިޔައިލީ އަޑު އިވުނެވެ. "އަސްތާ- އެހެރަ ރީތި ކަމެއްތާ ދޯ-؟ އެކަމަކު ދެރަ ކަމަކީ އެ ރީތިކަންވެސް އެ އޮތީ ތަޣާއްޔަރު ކޮށްލާފައިކަން-"
އޭނާ ހިނގުން އަވަސް ކޮށްލިއެވެ. މަގުމަތީގައި މީހުން ހިނގައިބިގައިވެ އުޅެއެވެ. އެ އާވާރާ ޒުވާނާ އޭނާގެ ފަހަތުން ހިނގައިގެންފިއެވެ. "ކިހައި ދެރަ ކަމެއް- ހަޅޭއް ލަވައިގެންފިއްޔާ މުޅި ރަށަށް ޖަވާބުދާރީވާން ޖެހިދާނެ- އެހެންވީމާ ކުރާ ކަމެއް ވިސްނައިގެން ކުރާތި- މީހުން އެއް ވެއްޖެއްޔާ ޗާދަރު ހިއްލައިލާފައި ފޮރުވައިގެން އުޅޭ މުދާގަނޑު ހާމަ ކުރަން ޖެހިދާނެ-"
އެހެން ޒުވާނަކު އައިސް ބައިވެރި ވެއްޖެއެވެ. "އަހަރެމެންވެސް މިއީ ފާފަވެރިން- އަހަރެމެންގެ ފާފަ އުފުލައި ދީބަލަ- ސަވާބު ލިބޭނެ-"
އޭނާ ލަދުން ހަލާކު ވަނީއެވެ. އެ ޒުވާނުންގެ މޫނަށް ކުޅު ޖަހައިފާނަމޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. ބަވައިގެންފާނަމޭ ހިތަށް އެރިއެވެ. އެކަމަކު އެކަހަލަ ކަމެއް ކޮށްފިއްޔާ ވާނޭ ގޮތް އެތަނުން އެކަކު ކިޔައި ދީފިއެވެ. އެހެންވީމާ ކުޅަނދުރު ހަތަޔަށް އޮއްގާ ލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނުވަތަ ނުކެރުނެވެ.
އެ ހިސާބުން ދުއްވާ އެއްޗެއްވެސް ނުފެނުނެވެ. އޭނާ ހިނގަމުން ދަމުން ބުނެލިއެވެ. "ކަލޭމެން ތިޔައީ މުސްލިމުން ކަމުގައި ވަންޏާ އަހަރެންގެ ހުވަޔަށް އިތުބާރު ކުރޭ- ﷲ ގަންދީފައި މި ބުނަނީ މި ދަރީގެ ބައްޕަޔަކު އެބަހުރި- ހައެއް މަސް ފަހުން އޭނާ މި ދަރިފުޅު އުރައިގެން އުޅޭތަން ކަލޭމެންނަށް ފެންނާނެ-"
އެތަނުން އެއް ޒުވާނަކު ހީނގެންފިއެވެ. "ކާވެނީގެ ކުރިން ވިހާ ދަރިއެއްގެ ބަފަޔަކު ދުވަހަކުވެސް ނުފެނޭ-"
އޭނާ ސުވާލު ކޮށްލިއެވެ. "އަހަރެން އުޅެނީ މީހަކާ އިނދެގެން ނޫންކަން ކަލޭމެންނަށް އެނގުނީ ކިހިނެއް-؟"
"އަހަރެމެންނަކީ ވަރަށް މޮޅު ބަޔަކީމު- ޚާއްސަކޮށް ކޫޑި އަންހެނުން ދެނެގަންނާން ވަރަށް މޮޅު ވާނެ- ހަމަ ފެނުމާއެކު ދެނެގަންނަން-"
ރެކިސާއެއް އައިސް ކައިރިއަށް މަޑު ކޮށްފިއެވެ. ހުސް ރެކިސާގެ މައްޗަކަށް އޭނާ ސަމާލު ކަމެއް ނުދެއެވެ. ކައިރިއަށް އައިސް މަޑު ކުރީ އޭނާ އަތް ނަގައިގެންނެއް ނޫނެވެ. އެކަމަކު އެ ވަގުތު އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ އަރައި އިށިނދެ ގޭގެ އެޑްރެސް ބުނެފިއެވެ.
ރެކިސާ ދުއްވާލައިފިއެވެ. އެ ދެ ޒުވާނުންގެ ކިބައިން ސަލާމަތް ވެއްޖެއެވެ. އޭނާ ހަމަޖެހިލިއެވެ. އެކަމަކު ހަމަޖެހުން ދެމިއޮތީ ސިކުންތުކޮޅަކަށެވެ. ރެކިސާ ތަންކޮޅަކަށް ގޮސްފައި މަޑުކޮށްފިއެވެ. އަދި އިންޖީނު ނިއްވައިލިއެވެ.
ފީރޯޒާ އަހައިލިއެވެ. "ކިހިނެއްވީ-؟"
ރެކިސާ ދުއްވާމީހާ އޭނާގެ ބަނޑަށް ބަލައިލާފައި ބުންޏެވެ. "އަހަރެންގެ ރެކިސާއަށް މާ ބޮޑު ބުރައެއް ނުއުފުލޭނެ-"
ފީރޯޒާގެ ބޮލަށް ފަރުބަދައެއް ވެއްޓުނީ ކަހަލައެވެ. އޭނާގެ އެއްވެސް އިޝާރާތަކާ ނުލައި ރެކިސާ އައިސް މަޑުކުރި ސަބަބު މި އެނގުނީއެވެ. އޭނާވެސް ބޭނުންވީ ފީރޯޒާގެ އަބުރާ ފިސާރި ރަނގަޅަށް ބެހިލާށެވެ.
އޭނާ ހެމުންހެމުން ބުންޏެވެ. "މިތާ ކައިރީ ހަސްފަތާލަކަށް ގޮސް ބަރުދަން ލުއިކޮށްގެން އާދޭ- މީގައި ދެވޭނީ އޭރުން-"
(ނުނިމޭ)