ލޭބޯފަނި (10)

(17 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަކްބަރާއި އޭނާގެ އަނހެން ދަރިފުޅު އެކީގައި ތިބިތަން ފެނުނީމާ މަންމައަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުރަތަމަވެސް ކުރި ސުވާލަކީ މިއީއެވެ. "ސަލްމާ ކޮބާ-؟"

މަންމަ ކުއްލިއަކަށް އައީމާ ފީރޯޒާ ވަރަށް ބޮޑަށް ހާސް ވެއްޖެއެވެ. އެހެންވީމާ ބުނާނެ އެއްޗެއް ނޭނގުނެވެ. މަންމަގެ ސުވާލަށް ޖަވާބު ދިނީ އަކްބަރެވެ. "ދައްތަ ދެންމެ ބާޒާރަށް އެ ދިޔައީ- އިރުކޮޅަކުން އަންނާނެ-"

މަންމަ އަކްބަރާ ދިމާއަށް ކަޅި އަޅައިލިއެވެ. "އަހަރެން ސުވާލު ކުރީ ކަލެއަކާ ނޫން- ކަލޭ ދޭ-!"

މަންމަ، ފީރޯޒާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގޮސް ގެއަށް ވަދެއްޖެއެވެ. ދޮރު ލައްޕައި ތަޅު ލުމަށް ފަހު އޭނާ ގޮވައިގެން ގޮސް ވަނީ ގޭގެ ބޮޑު ކޮޓަރިއަށެވެ. ފީރޯޒާ މަސައްކަތް ކުރަމުން ދަނީ އޭނާގެ ޙިއްސުތައް ހަމަޔަކަށް އެޅުވޭތޯއެވެ. ތެޅެމުންދާ އޭނާގެ ހިތް ރަމަތަ ކުރެވޭތޯއެވެ. އަދި މަންމަ ކޮށްފާނެ ސުވާލަކަށް ދޭނޭ ރަނގަޅު ޖަވާބަކާ މެދުވެސް އޭނާ ގެންދިޔައީ ވިސްނަމުންނެވެ. މަންމަ ބޮޑު ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގައިލިއެވެ. ޖާސޫސީ ނަޒަރަކުން ބަލަމުން ގެންދިޔައީ އޭނާ ބޭރަށް ދިޔަ އިރު އެތަން އޮތް ޙާލަތާއި މިހާރު އޮތް ގޮތާ ދެމެދު ތަފާތެއް ހުރިތޯއެވެ. އެއަށްފަހު ފީރޯޒާ އާ ދިމާއަށް ބަލައިލާފައި އަހައިލިއެވެ. "އޭނާ އައީ ކޮން އިރަކު-؟"

"މީގެ ދިހަ ވަރަކަށް މިނިޓު ކުރިން-"

"ކަލޭމެން ދެ މީހުން އެކަނި ބައިތިއްބާފައި ސަލްމާ ބޭރަށް ދިޔައީތަ-؟"

"ފަހަރި ދިޔައީ މާ ދުރަކަށް ނޫން- މިހާރު އަންނާނެ-"

"ކަލޭ ތި ދައްކަނީ ހަމަ ތެދު ވާހަކަތަ-؟"

"މަންމާ- މަންމަ ހަމަ އެއްވެސް ކަމަކާ ނުލައި އަހަންނަށް ޝައްކު ކުރަނީ- މަންމަ އަހަންނަށް އިތުބާރު ނުކުރަނީތަ-؟"

"އަހަރެން މިއީ ކަލޭގެ މަންމަ- ކަލޭ ގަރުބަ ގަތީ އަހަރެންގެ ބަނޑުގައި- ނުވަ މަސް ދުވަހު އޮތީ އަހަރެންގެ ބަނޑުގައި- ބަނޑުން ނުކުމެ، އަހަރެން މޫނުމަތީގައި ކޮޅުފައިން ޖަހަނީތަ-؟"

"އަހަރެން ކީއްކުރީތަ، މަންމާ-؟"

މަންމަ އަނެއްކާވެސް އޭނާގެ އަތުގައި ހިފައި ދަމާފައި ކޮޓަރިއާ ދިމާއަށް ގެންދާން ފަށައިފިއެވެ. "ކަލޭ ކުރި ކަންތައް ކިޔައިދޭނަން، ހިނގާ-"

މަންމަގެ ޢުމުރުން މިހާރު ފަންސާހުން މައްޗަށް ހިނގައްޖެއެވެ. ޚާލިޞް ގިތެލާއި، ކިރު ބޭނުން ކުރަމުން އައުމުގެ ސަބަބުން މިހާރުވެސް އަތްފައިގެ ބާރު ނުލާހިކު ގަދައެވެ. ޒުވާން ދަރިފުޅު ދަމައިކޫއްތާފައި ގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިތެރެއަށް ބަލައިލީމާ އެތަނަށް މީގެ ކުޑަ އިރުކޮޅެއް ކުރީން ކުޑަވަރެއްގެ ޠޫފާނެއް އައިސްފައި އޮތްކަން ވަރަށް ސާފުކޮށް އެނގެއެވެ. ސިކަންދަރު ރަސްގެފާނު ދާދި ދެންމެއަކު ލަޝްކަރާއިގެން އެކޮޓަރި ތެރެއިން ލާފައި ފަތަޙައިގެ ދަތުރުފުޅެއް ކުރެއްވީ ކަހަލައެވެ.

ތާރީޚުން އެނގޭ ގޮތުގައި ސިކަންދަރު ރަސްގެފާނު ވަޑައިގަތީ ޖެހެލަމް ކޯރާ ހަމައަށެވެ. ދުނިޔެ އެކަށް ފަތަޙަ ކުރެއްވުމުގެ އުއްމީދުގައި އެކި ޤައުމުތައް ކިޔަމަން ކުރައްވަމުން، ބަލި ކުރައްވަމުން ވަޑައިގަތީއެވެ. ދުނިޔޭގެ އެއްވެސް ފައުޖަކަށް އެ ރަސްގެފާނުގެ ލަޝްކަރު ހުއްޓުވައެއް ނުލެވުނެވެ. އެހެންނަމަވެސް ޖެހެލަމް ކޯރު ހުރަސްކޮށް އެ ލަޝްކަރަކަށް ނުދެވުނެވެ. ޖެހެލ؛ަމްގެ އަހުލުވެރިންގެ ކުރިމަތީގައި ފައުޖަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ. އަންހެން ދަރީންގެ ޢިއްފަތްތެރިކަމާއި ރަށުގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި ޖެހެލަމްގެ ރައްޔިތުން ނުކުތީ ފިސާރި ކެރިގެންނެވެ. މިއީ ތާރީޚުން އެނގޭ ގޮތެވެ.

އެހެންނަމަވެސް ޖެހެލަމްގެ މިއަދުގެ ޙާލަތު އޮތީ އެހެންނެއް ނޫނެވެ. އަންހެން ދަރިންގެ ޢިއްފަތްތެރިކަން ރައްކާތެރި ކުރުމަށްޓަކައި ކުރެވޭނޭ ނުވަތަ ކުރާ މާބޮޑު ކަމެއް މިހާރަކު ނެތެވެ.

މަންމަގެ ހޫނު އެތިފަހަރެއް ފީރޯޒާގެ މޫނުމައްޗަށް އަރައިފިއެވެ. އޭރާ އަރިއަޅާލައިގެން ގޮސް ޖެހުނީ އެއް ކައިރީގައި ހުރި މޭޒެއްގައެވެ. މަންމަ އޭނާގެ އިސްތަށިގަނޑުގައި ހިފައި އުފުލައިލިއެވެ. އަދި ލޯގަނޑުން އޭނާގެ މޫނު ދައްކައިފައި ބުންޏެވެ. "ނިކަން ބަލާބަލަ- ކަލޭގެ މޫނުމަތީން ފެންނާން ހުރި ލަދު ޙަޔާތް ކުޑަ ކަމުގެ އަސަރު ފެނުމާ އެކީ އަހަންނަށް އެނގިއްޖެ، އަހަރެމެންގެ އަބުރު ވެއްޔާ މޮޑެލައިފިކަން-"

މަންމަ ވަކި ގޮތެއް ނުބަލައި އޭނާގެ ގައިގައި ތަޅަމުން ގެންދިޔައެވެ. "ދީވާނާ ވެގެން ގޮސް ކަލޭގެ ބައްޕަގެ ހުދު ތުނބުޅީގެ މަތީންވެސް ހަނދާން ނެތުނީތަ-؟ ކަލޭގެ ޣީރަތްތެރި ބޭބެއަށް އެނގިއްޖެއްޔާ ކަލޭގެ ދުވަސް ދުއްވައިލާނެ- އަމިއްލަ ފުރާނަވެސް ދުއްވައިލާނެ-"

އެ ބުނާ ޣީރަތްތެރި އެނބުރި ޖެހެލަމް އަށް އަތުވެއްޖެއެވެ. ގެޔާ ކުޑަ ތަންކޮޅެއް ދުރުގައި އަކްބަރް ޢަލީ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އަތުގެ އިޝާރާތުޔން ކާރު ހުއްޓުވާފައި، ކައިރިއަށް އައިސް ސަލްމާއާ މުޚާޠަބްކޮށް ބުންޏެވެ. "ދައްތާ- އަހަރެން އައީ ދައްތަޔާ ބައްދަލު ކޮށްލަން ވެގެން- ގޭގައި އުޅެނީ ފީރޯޒާ އެކަނި- އަހަރެން އޭނާޔާ ވާހަކަ ދައްކަމުން ދޮރާށިން ބޭރަށް ނުކުތް ތަނާ، ޖަވާދުބޭބެގެ މަންމަ އަތުވެއްޖެ- ރުޅި އައިސްފައި އަހަރެން ކުރތެން އަހައިފި ސަލްމާ ކޮބައިހޭ- އަހަރެން ބުނިން ބާޒާރަށޭ ދިޔައީ- އެހެން ބުނުމާ އެކީ ރުޅި އައިސްގެން ފީރޯޒާގެ އަތުގައި ހިފައި ދަމަމުން ގޮސް ގޭތެރެއަށް ވަދެއްޖެ-"

ސަލްމާ ޖަވާދާ ދިމާއަށް ބަލައިލިއެވެ. "އަހަރެންގެ ކޮއްކު ފެނުމާއެކީ ޖަވާދުގެ މަންމަ ރުޅި އައިސް ފުފެނީ ކީއްވެގެންތަ-؟"

ޖަވާދު ބުންޏެވެ. "ގެއަށް ހިނގާ- މަންމައަށް އޮޅުނީ ކަމަށް ވާނީ-"

"ގެއަށް ގޮސް އަހަރެމެން މި އައީ މަންގްލާއިންނޭ ނުބުނާތި- އަހަރަމެން ދިޔައީ ބާޒާރަށޭ އަކްބަރް އޮތީ ބުނެފައެއްނު-؟ އެހެންވީމާ އަހަރެމެންވެސް ބުނަން ވާނީ އެހެން- އެހެން ނޫނީ މަންމައަށް ހައްތަހާ ބޮޑަށް އޮޅޭނީ-"

"އަހަރެން ސަލްމާ ގޮވައިގެން ގަދަކަމުން މަންގްލާއަށް ދިޔައީއޭ އަހަރެން މަންމަ ގާތު ބުނެފާނަން-"

"އެހެން ބުނެފިއްޔާ މަންމަގެ ރުޅި ހައްތަހާ ގަދަ ވާނީ- ފީރޯޒާ އެކަނިމާއެކަނި ގޭގައި ބައިންދާފައި މަންގްލާއަށް ދިޔައީތީ ޖަވާދު ދެކެ ރުޅި އަންނާނެ- މާ ކަންތައް ބޮޑު ކުރާނެ ކަމެއް ނެތް- ކުޑަ ކުޑަ ދޮގެއް ހަދާލައިގެން މަންމަ ހަމަ ޖައްސައިލާ-"

ޖަވާދު ބުންޏެވެ. "އަހަރެން މިއަދު މަސައްކަތަކު ނުދަމޭ ބުނަންވީތަ-؟"

ސަލްމާ ބުނެލިއެވެ. "އާނ- އަހަރެމެން ހެނދުނުއްސުރެ ތިބީ ފީރޯޒާ ގާތު، ގޭގައި-"

"ކޮންމެ ދުވަހަކުވެސް މެންދުރު ބައްޕަ ގެއަށް ދުރުވާނެ- މިއަދު އަހަރެމެން ގޭގައި ނެތްކަން ބައްޕައަށް އެނގިލައްވާނެ-"

އަކްބަރަށް ބޭއިޚްތިޔާރުބައި ބުނެލެވުނެވެ. "ފީރޯޒާ ބައްޕައަށް ނަންގަތީ ދައްތަމެން ދިޔައީ ބާޒާރަށޭ-"

ސަލްމާ ބުންޏެވެ. "އެންމެ ރަނގަޅު- އަހަރެމެން ބުނާނީ ފުރަތަމަ ބާޒާރަށް ދިޔައީ މެންދުރުއޭ- އޭގެ ފަހުން އަނެއްކާވެސް މިއައީ ބާޒާރަށް ގޮސްފައޭ- އެ ނޫން ހުރިހާ ވަގުތަކު ތިބީ ފީރޯޒާ ގާތުގައޭ-"

ޖަވާދު ބުންޏެވެ. "މަންމަގެ ރުޅި ގަދަވާ ގޮތް ހަދަން ބޭނުން ނޫންނަމަ، އަހަރެން ތިޔަ ކަހަލަ ވިޔާނުދާ ދޮގެއް ނުހަދާނަން-"

"އައްދޭ- އަހަރެންގެ ކުރިމަތީގައި ގޮތް ދައްކަން ނޫޅޭ- ޖަވާދަކީ ތިޔަ ބުނާ ވަރުގެ ފުރިހަމަ މުއުމިނެއް ނޫން- ދޮގާއި ރިޝްވަތުގެ ފައިސާ ބޭންކަށް ޖަމާ ކުރާ މީހެއް- އެކަމަކު އަހަރެންގެ ކުރިމަތީގައި ދޮގު ނުހަދާ ކަމަށް ހެދެނީ-"

އެ މަލާމާތަށް ދޭނޭ ރަނގަޅު ޖަވާބެއް ނެތެވެ. އެހެންވީމާ އަނގައިން ނުބުނެ ކާރު އިސްޓާޓު ކޮށްލިއެވެ. އަދި ކުރިއަށް ދުއްވައިލައިފައި ކުއްލިއަކަށް މަޑުކޮށްލިއެވެ. އަދި އަކްބަރާ ދިމާއަށް ބަލައިލައިފައި އަހައިލިއެވެ. "ދެންމެ ބުނީމެއްނު މެންދުރު ފީރޯޒާ ބައްޕައަށްވެސް ނަންގަތޭ އަހަރެމެން ދިޔައީ ބާޒާރަށޭ؟"

އެ ވާހަކަ ދައްކައިގެން ހެދި ދޮގު ބޭޒާރު ވެއްޖެކަން އަކްބަރަށް އިޙްސާސް ކުރެވިއްޖެއެވެ. ޖަވާދު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. "އެހެންވީމާ އޭގެ މާނައަކީ ހެނދުނު އަހަރެމެން ގެއިން ނުކުތީއްސުރެ ކަލޭ އުޅުނީ އަހަރެމެން ގޭގައޭ- ފީރޯޒާއާ އެކީގައޭ- ނޫންތަ-؟"

ޖަވާދު ކުއްލިއަކާ އެކު ކާރުގެ ދޮރު ހުޅުވައިލިއެވެ. އަދި ކާރުން ފޭބުމަށް ފަހު ބާރަށް ބުނެލިއެވެ. މީނާ އުޅުނީ އަހަރެމެން ގޭގައި- އަކްބަރް- ރަނގަޅަށް ބުނޭ- ކަލޭ އަހަރެމެން ގޭގައި ކީއް ކުރީ-؟ ނުބުނެފިއްޔާ އަހަރެން ހަމަ މި ވަގުތު ކަލޭ މަރައިލާނަން-"

ސަލްމާ އަވަސް އަވަހަށް ކާރުން ފައިބައިފިއެވެ. އަދި އަކްބަރް ޙިމާޔަތް ކުރާ އައްޑަނައަކަށް ވެގެން ހުރެ ބުންޏެވެ. "ބަލަ- ބަލަ- ސިކުނޑި ހަލާކުވީތަ-؟ މިއީ ގޭތެރޭގެ މައްސަލައެއް- މިހާރު ތިޔަ އުޅެނީ މަގުމައްޗަށް ވާހަކައެއް ނެރެންތަ-؟ ހިނގާ- ކާރުގައި ތިބެގެން، ހަމަ ޖެހިގެން ވާހަކަ ދައްކާނީ-"

އަކްބަރް ބުންޏެވެ. "ޖަވާދު ބޭބޭ- ކިހިނެއް ތިޔަ ވަނީ-؟ އަހަންނަށްވެސް ހަޅޭއް ލެވިދާނެ- އެކަމަކު ތަނެއްގައި އިށީނދެ ތިބެގެން ރީތިކޮށް ވާހަކަ ދައްކައިގެން ހަމަ ޖެހެން އޮތް ކަމެއްގައި މާ ބޮޑު ވަރު އަރުވާކަށް އަހަރެން ބޭނުމެއް ނޫން-"

ސަލްމާ ޖަވާދުގެ އަތުގައި ހިފައިގެން ގެނެސް ކާރަށް އަރުވައިފިއެވެ. "ވަރަށް މޮޅު- މިހާރު ތިޔަ ކުރަން އުޅުނީ ކިހައި ބުއްދިވެރި ކަމެއް- އެއްބަނޑު އެއްބަފާ ކޮއްކޮގެ ކަމެއްގައި މަގުމަތީގައި ހައިޖާނު އުފައްދަން މަސައްކަތް ކުރީ- ޖަވާދު ވާންވީ އިންޖިނޭރަކަށް ނޫން- ހަނގުރާމަ މަތީ ކޮމާންޑަރަކަށް-"

ޖަވާދު ރުޅި އައިސްފައި ބުނެލިއެވެ. "ވިޔާނުދާ ވާހަކަ ނުދައްކާ، ވެގެން އުޅޭ ގޮތެއް އަހަންނަށް ސާފުކޮށް ކިޔައިދީ-"

"ވީ ގޮތް މި ކިޔައި ދެނީ- އަހަރެން ޖަވާދު ބޭބެ ގެޔަށް ދިޔައީ މީގެ ފަނަރަ ވަރަކަށް މިނިޓު ކުރިން- ދައްތަ ގޭގައި ނޫޅޭކަން އެނގުނީމާ އަހަރެން އެނބުރި އައީ- ފީރޯޒާ ބުނީ ފަހަރި އަދިވެސް ނާދެއޭ، މެންދުރު ބައްޕައަށް ދޮގެއްވެސް ހެދިއްޖެއޭ- ބައްޕައަށް ނަންގަނެވިއްޖެއޭ ފަހަރި ދިޔައީ ބާޒާރަށޭ-"

ސަލްމާ ބުންޏެވެ. "މިހާރު އެނގިއްޖެތަ ވީ ގޮތް-؟ އެ ފަކީރު މަސައްކަތް ކުރީ އަހަރެމެން ދެ މީހުންނާ ދިމާއަށް ބައްޕަ އެއްޗެކޭ ބުނުއްވަފާނެތީ، އަހަރެމެން ސަލާމަތް ކުރަން- އޭނާ އެކަނި ގޭގައި ބައިންދާފައި އަހަރެމެން ބޭރަށް ދިޔަ ވާހަކަ ނަންނުގަތީ އެހެން ވެގެން- އަހަރެންގެ ކޮއްކޮ ދިޔައީ މީގެ ފަނަރަ މިނިޓު ކުރިން- ހެނދުނުއްސުރެ ޖަވާދުގެ ކޮއްކޮއާ އެކީގައި އުޅުނީއެއް ނޫން- އަހަރެންގެ ކޮއްކޮއަށް ޝައްކު ކުރަން ޖަވާދު ލަދެއްވެސް ނުގަނޭތަ-؟ ގެއަށް ގޮސް ކޮންމެވެސް ބަހަނާއެއް ދައްކަން ނުޖެހޭ ނަމަ އަހަރެން ޖަވާދާ ވާހަކައެއްވެސް ނުދެއްކީމުސް-"

ޖަވާދު ލަދު ގެންޖެއެވެ. މަޑު މައިތިރި ކަމާއެކު ބުނެލިއެވެ. "އަކްބަރަކީ އަހަންނަށް ވުރެ ކުޑަ މީހެއް- ޅަ މީހެއް- އެހެންވީމާ އޭނާ ދެކެ ރުޅި އައީމާ ސަލްމާ ރުޅި އަންނަނީ ކީއް ވެގެން-؟ އޭނާޔާ ދިމާއަށް އަހަންނަށް އެއްޗެކޭ ބުނެވިދާނެއެއްނު-؟"

އަކްބަރު އަމިއްލަ ކަންފަތުގެ ފޫޅުގަނޑުގައި ހިފައިފައި ބުނެލިއެވެ. "ޖަވާދު ބޭބޭ- އަހަރެން މިއީ ޖަވާދު ބޭބެގެ އަޅެއް- ބޭނުމިއްޔާ އަހަރެންގެ ގައިގައި ތަޅައިވެސް ގަނެވިދާނެ- ދެ މީހުން ރަނގަޅު މޫޑެއްގައި ތިބެގެން ގެއަށް ދޭ- މައްސަލަ ހަމަ ޖައްސައިލެވޭނީ އޭރުން-"

ޖަވާދު ކާރު ދުއްވައިލިއެވެ.

ކާރު ވައްދަން ގޭގެ މައި ދޮރާށި ހުޅުވީ މަންމައެވެ. ޖަވާދު ވަނީ ގޭތެރެއަށް ވަންނާން ހިނގައިގަންނަމުން ބުންޏެވެ. "އަހަރެންގެ ކޮޓަރިއަށް އާދޭ- އަހަރެން ދައްކަން ޖެހޭ މުހިއްމު ވާހަކައެއް އެބައޮތް-"

ސަލްމާ ބުންޏެވެ. "މަންމަ މިހާރު ސިޔާސީ ކުޅިވަރެއް ކުޅެނީ- އަހަރެން ހުއްޓާ ޖަވާދާ ވާހަކަ ނުދެއްކެނީތަ-؟ ދައްކަން އެ އުޅެނީ ކޮން ވާހަކައެެއް ކަމެއްވެސް ނޭނގޭ-"

"އަހަރެން މިއީ ޅަ ކުއްޖެއް ނޫން- މަންމަ ކުރާ ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ދޭން އަހަންނަށް އެނގޭނެ-"

"އެއް ކަމެއް ހަނދާން ކުރާތި- ފީރޯޒާ އެކަނި ބައިންދާފައި ބޭރަށް ދިޔަ ކަމަށް އެއްބަސް ނުވާތި- ދުވާލު ހަތަރު ދަމު އަހަރެމެން އުޅުނީ ފީރޯޒާ ގާތު ގޭގައޭ ބުނާތި-"

ޖަވާދު މަންމަގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ސަލްމާ އުޅެގަތީ ފީރޯޒާގެ ހާލު އޮޅުން ފިލުވާށެވެ.

ޖަވާދު ކޮޓަރިއަށް ވަނީމާ މަންމަ ކޮޓަރީގެ ދޮރު ލެއްޕުމަށް ފަހު ތަޅު ލައިފިއެވެ.

ޖަވާދު އަހައިލިއެވެ. "މަންމަ އަހަރެން ގައިދު ކުރަނީތަ-؟"

"ކަލޭގެ ސަލާމަތަށްޓަކައި އެއީވެސް ކުރަން ވެއްޖެ ކަމެއް- އަހަރެން މި ދައްކާ ވާހަކަ އަޑު އަހާފައި ކަލޭގެ ޣީރަތްތެރިކަން ހިލިގަންނާނޭ ކަމެއްވެސް ނޭނގޭ- އަނބި ދަށުވެފައި ހުންނަ މީހެއް އޮންނާނީ ކޮން ޣީރަތްތެރިކަމެއް-؟ އޭނާ އެ އުޅެނީ އަހަރެމެންގެ ޢިއްޒަތް ވެއްޔާ މޮޑެލަން- ކަލޭ ތިޔަ ހުންނަނީ އޭނާގެ ފަހަތުން އާދެ، އާދެ، ކިޔަމުން ހިނގަހިނގާ-"

"މަންމަ ތިޔަ ދައްކަން އުޅޭ ވާހަކަ އަހަންނަށް އެބަ އެނގޭ- އެކަމަކު ބުނަންތަ-؟ މަންމައަށް ތިޔަ އުޅެނީ އޮޅުމެއް އަރައިގެން-"

"ކަލެޔާއި ސަލްމާއާ ދެ މީހުން އެ މަންޖެ އެކަނިމާއެކަނި ގޭގައި ބައިންދާފައި ނުދިޔަ ނަމަ..."

އޭނާ މަންމަގެ ވާހަކަ މެދު ކަނޑައިލިއެވެ. "އަހަރެމެން އޭނާ އެކަނި ބައިންދާފައި ނުދަން- މުޅި ދުވަހު އުޅުނީ ގޭގައި-"

"ކަލޭ ތިޔަ ދައްކަނީ ހަމަ ތެދު ވާހަކައެއްތަ-؟"

"އާނ- އަހަރެމެން ބޭރަށް ދިޔައީ މީގެ ބައި ގަޑިއެއްހާއިރު ކުރިން- އެވެސް ހަމަ ކުޑަ އިރުކޮޅަކަށް ބޭރަށް ޖެހިލީ-"

"ކަލޭމެން ދެމީހުން މެންދުރު ކެއީ އޭނާޔާ އެކީގައޭ ފީރޯޒާވެސް ބުނި- އެކަމަކު އަހަންނަށް ހަމަ ގަބޫލު ނުކުރެވެނީ-"

"އަހަރެމެން ތިން މީހުން ބުނީމާވެސް މަންމައަށް ގަބޫލު ނުކުރެވެނީ ކީއްވެގެން؟"

"އެންމެ ރަނގަޅު- މިއަދު މެންދުރު މިގޭގައި ކެއްކި އެއްޗެއް ބުނޭ- އޭރުން އަހަންނަށް ޔަގީން ވެދާނެ-"

މަންމަގެ ވާހަކައަށް ދޭނޭ ޖަވާބެއް އޭނާ އަކަށް ނުވިސްނުނެވެ. މަންމަ އޭނާގެ މޫނަށް ފުންކޮށް ބަލައިލާފައި ބުންޏެވެ. "މެންދުރު ކެއި އެއްޗެއް ހަވީރު ވާއިރު އަހަރެންގެ ދަރިފުޅުގެ ހަނދާނަކު ނެތް- ސަލްމާއާއި، އެ މަންޖެގެ ހަނދާނަކުވެސް ނުހުންނާނެ ދޯ-؟"

ޖަވާދު ބަލި ގަބޫލު ކޮށްފީމޭ ބުނާ ކަހަލަ ގޮތަކަށް އިސް ޖަހައިލިއެވެ. ސަލްމާ އޭނާ ފޮނުވީ ވަރަށް ރަނގަޅަށް އިމްތިޙާނަށް ތައްޔާރު ކޮށްފައެވެ. އެކަމަކު ފުރަތަމަ ސުވާލާއެކު އޭނާ ފޭލު ވެއްޖެއެވެ. ބުޅާ ގޯނިން ބޭރު ވެއްޖެއެވެ.

މަންމަ އަނެއްކާވެސް ބުނެލިއެވެ. "ދެން އެންމެ ރަނގަޅު ވާނީ ހެނދުނުއްސުރެ މި ގޭގައި ކުރިއަށް ގެންދިޔަ ޙަޔާތް ކުޑަ ކަމުގެ ތަމްސީލުގެ ވާހަކަ ތެދަށް އަހަންނަށް ކިޔައި ދިނިއްޔާ-"

"މަންމާ-! ޙަޔާތް ކުޑައޭ ނުކިޔަބަލަ- އަހަރެންވެސް މިއީ އެވަރުގެ ގޮތްކުޑަ މީހަކީމެއް ނޫނޭ-"

"އެވަރު ނޫނިއްޔާ ކިހައި ވަރަކަށްތަ ކަލޭ ގޮތް ކުޑައީ-؟ އެއަށްވުރެ ބޮޑުކޮށްތަ-؟ ނޫނީ އެއަށްވުރެ ކުޑަކޮށްތަ-؟ ބޮޑުކޮށް ވިޔަސް، ކުޑަކޮށް ވިޔަސް، ކަލޭގެ ޙަޔާތް ކުޑަކަން އަހަންނަށް ޔަގީން- އެހެން ނޫން ނަމަ އަނބިމީހާގެ ބަހަށް ހެއްލިގެން ކަލޭގެ ކޮއްކޮ ޅިޔަނާ ހަވާލު ކޮށްފައި ބޭރަކަށް ނުދާނެ-"

ޖަވާދު ވަރަށް ބާރަށް ބުންޏެވެ. "ތިޔައީ ދޮގެއް-"

"ބާރަށް ހަޅޭއް ލެވުމުގެ ކުރިން ވިސްނާލާ- ކަލޭ ތިޔަ ކުރާ ކަމަކީ ގޭގެ އަބުރު ވެއްޔާ މޮޑެލަނީ- ތަންކޮޅެއް މަޑުމަޑުން ވާހަކަ ދައްކާ- ހެނދުނު އަނބިމީހާގެ ފަސްބައިގައި ހިފައިގެން ބޭރަށް ދިޔަ އިރަކު ކަލެއަކަށް ކަލޭގެ ކޮއްކޮގެ އަބުރުގެ މަތީން ހަނދާނެއް ނުވޭތަ-؟"

ހެނދުނު ބޭރަށް ދަމުން އޭނާ ދެއްކި ވާހަކަތައް ހަނދާން ވެއްޖެއެވެ. ފީރޯޒާ ގޭގައި އެކަނި އިންނަން ޖެހޭ ވާހަކަ އޭނާ ސަލްމާ ގާތު ބުންޏެވެ. އެކަމަކު އެއީ ޅަ ކުއްޖެއް ނޫނޭ ސަލްމާ ބުނި ހަނދާންވެސް މިހާރު ވެއްޖެއެވެ. ސަލްމާގެ ވާހަކައިގައި ޖެހިގެން އޭނާއަށް ބޭރަށް ދެވުނީއެވެ. އޭނާ މަޑު މަޑުން ބުނެލިއެވެ. "މަންމާ- އަހަންނަށް ކުށެއް ކުރެވުނީ- ފީރޯޒާ އެކަނި ބައިންދާފައި ބޭރަށް ދިއުމަކީ ކޮށްގެން ވާނޭ ކަމެއް ނޫން-"

"ދަރިފުޅާ- މި މަންމައަށް ދަރިފުޅު ވަރަށް ރަނގަޅަށް އެނގޭ- ދަރިފުޅަކީ ފިނޑިއެއް- ބާރަށް ހަޅޭއް ލަވަން އެނގުނަސް ރުޅި އައިސްގެން ފިޔަވަޅެއް އަޅަން ޖެހޭ ވަގުތަކު އެ ފިޔަވަޅެއް އަޅާކަށް ނުކެރޭނެ-"

"މަންމާ- މަންމަ މިހާރު އަހަރެންގެ އަގު ވައްޓާއިލަނީނު-!"

"ތެދު ގަބޫލު ކުރޭ- އަހަރެން ފީރޯޒާއާ ސުވާލު ކޮށްފިން- އޭނާ ހުރިހައި ވާހަކައެއް އަހަންނަށް ކިޔައި ދީފި- އެ އަކްބަރޭ ކިޔާ މީހާ އަހަރެމެންގެ އަބުރު ވެއްޔާ މޮޑެލައިފި-"

ކުއްލިއަކަށް ޖަވާދު އެނދުން ތެދުވެއްޖެއެވެ. ރުޅި އައިސްގެން ބޭރަށް ދާން ހިނގައިގަތް ތަނާ މަންމަ އޭނާގެ ކަންފަތް މަތީގައި އެތިފަހަރެއް ޖަހައިފިއެވެ. އޭނާ އަރި އަޅާލައިގެން އެނދު މައްޗަށް ވެއްޓިއްޖެއެވެ. "މަންމާ- އަޅުގަނޑު ނުހުއްޓުވާ- އެކަހަލަ ވިޔާނުދާ ކޮއްކޮއަކު ދުނިޔޭގައި ބައިންދާނެ ކަމެއް ނެތް-" އޭނާ ރުޅި އައިސްފައި ބުންޏެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.