(16 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހޭވަރިކަން ވީ އިރު އޭނާ އޮތީ ޕްރައިވެޓް ކްލިނިކެއްގައެވެ. ލޯ ހުޅުވައި ބަލައިލި އިރު ނަރުސް ކުއްޖަކު އައިވީ ގުޅަނީއެވެ. އޭނާ ހީނލިތަން ފެނުމުން ސާލާރް އޭނާއަށް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އަނެއްކާވެސް ޚަބަރު ހުސްވިއެވެ. ދެވަނަ ފަހަރަށް ހޭވަރިކަން ވީ ކޮން އިރަކު ކަމެއް އޭނާ ހަނދާނެއް ނެތެވެ. އެކަމަކު ވަށައިގެން ދަންނަ މޫނުތަކެއް ފެނުނެވެ. ލޯ ހުޅުވުމުން ޠައްޔިބާ އޭނައާ ގާތަށް އައެވެ.
"ކިހިނެއް މިހާރު؟"
"ރަނގަޅު" ދުރުގައި ހުރި ސިކަންދަރް އުސްމާން އަށް ބަލައިލަމުން މަޑުމަޑުން އޭނާ ބުންޏެވެ. މަންމަ އަށް އިތުރު ސުވާލެއް ނުކުރެވެނީސް ސާލާރްގެ ވިންދު ބަލައިލަން ޑޮކްޓަރަކު އަތުވެއްޖެވެ. އޭނާ ސާލާރްގެ ގަޔަށް އިންޖެކްޝަނެއް ޖެހުމަށް ފަހު އަނެއްކާވެސް އައިވީ ގުޅަން ނަރުސްކުއްޖާ ގާތު ބުންޏެވެ. ޑޮކްޓަރު، ސިކަންދަރް އުސްމާން އާއި އޭނާގެ އަންހެނުންނާ ވާހަކަ ދެއްކި އަޑު އަހަން ފަންގިފިލަޔަށް ބަލަހައްޓައިގެން ސާލާރް އޮތެވެ. ކުޑަ ވަގުތުކޮޅެއް ލަސްވިނަމަ ސާލާރްގެ ފުރާނަ ސަލާމަތް ނުކުރެވުނީސް ކަމަށް ޑޮކްޓަރު ބުންޏެވެ.
ސާލާރްގެ ޚަބަރު ސިކަންދަރާއި ޠައްޔިބާއަށް ނޯކަރު އެންގީ އެރޭ ދަންވަރު ދޭއް ޖެހި އިރުއެވެ. އެ ފޯނުކޯލަށް ފަހު އިރު އަރަންދެން އެ ދެމަފިރިން ލޮލު ފިޔައެއް ވެސް ޖަހައިނުލައެވެ. ކަރާޗީން އިސްލާމްއާބާދަށް އަންނަ ހެނދުނުގެ ފްލައިޓުގެ ވަގުތާއި ހަމައަށް ސިކަންދަރު ސަތޭކައެއް ހައި ސިނިގިރޭޓް ބުއެވެ.
"ވިސްނާ ވިސްނާ ވެސް އޭނާ އެހެން އުޅޭ ސަބަބެއް އެއްގޮތަކަށް ވެސް އަހަންނަކަށް ނޭނގުނު. އަހަރުމެން ދިން ނަސޭހަތުގެ އެއްވެސް އަގެއް ނެތް. އޭނައާ ދޭތެރޭ ވިސްނާލުމުން އަހަރެންގެ ބޯ ފަޅައިގެން ދާވަރުވޭ. ކޮން ކަމެއް އަހަރެމެން އޭނައަށް ކޮށް ނުދެނީ؟ ކޮން އެއްޗެއް ހޯދައި ނުދެނީ؟ ބުނި ކޮންމެ އެއްޗެއް... ރަނގަޅު ތައުލީމެއް... އަދި ދުނިޔޭގެ އެންމެ މޮޅު އެއް ސައިކޭޓްރިސްޓު ގާތަށް ގެންގޮސްގެން ވެސް ނެރެވުނު ނަތީޖާ އަކީ މިއީ. ކޮން ކަމެއް ގޯސްކޮށް ކުރެވިގެންބާ މިވަރުގެ އަދަބެއް އަޅަމެންނަށް މި ދެއްވަނީ؟ އަހަރެންގެ އެކުވެރިންނާއި ދެކެފަރިތަ މީހުން އަހަންނަށް ހާދަ މަލާމާތެއް ކުރެއޭ."
ސިކަންދަރު އިނީ ފިކުރު ބޮޑުވެ ގޮތް ހުސްވެފައެވެ. ސާލާރްގެ ކަންކަމުގައ އޭނާ ހުންނަނީ އަބަދު ފިޔޮއްސެއްގެ މިޔަމަތީގައެވެ. ކުޑަ ހިނދުކޮޅަަކަށް އެއްކައިރިއަށް ޖެހިލާ އިރަށް އެ ކުއްޖާ މިކަހަލަ ވިޔާނުދާ ކޮންމެވެސް ކަމެއް ކުރެއެވެ. ޠައްޔިބާގެ ލޮލުންވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަނީ އެވެ. މިވަގުތު އެ ދެމަފިރިން އެތިބީ މުޅިން މާޔޫސްވެފައެވެ. އެތަނަށް ވެރިވެފައި އޮތް ހިމޭންކަން ނަގާލާކަށް ސާލާރް ވެސް މަސައްކަތެއް ނުކުރެއެވެ.
ނަމަވެސް އޭގެ ތިން ދުވަސް ފަހުން ސިކަންދަރާއި ޠައްޔިބާ ސާލާރް އާ ކުރިމަތިލިއެވެ.
"ތިއި ކީއްވެގެން ކުރާ ކަމެއްކަން ބައްޕަ ގާތު ބުނެބަލަ!" ސިކަންދަރު މަޑުމައިތިރި ކަމާއެކު ދަރިފުޅާ ވާހަކަ ދެއްކިއެވެ. "ކޮބާ ދަރިފުޅުގެ މައްސަލައަކީ؟ ދަރިފުޅު ބުނީމެއްނު ދެން މިކަހަލަ ކަމެއް ނުކުރާނަމޭ. ބައްޕަ ކޯޗެއް ދަރިފުޅަށް ހޯދައިނުދެނީ؟ އިހަށް ދުވަހު ދަރިފުޅު ބުނެގެން ބައްޕަ ސްޕޯޓްސް ކާރެއް ވެސް ގަނެދިނީމެއްނު؟ އެކަމަކު ބައްޕަމެންނާ މެދު ދަރިފުޅު އެއްވެސް ވަަރަކަށް ވިސްނާހެނެއް ހީއެއް ނުވޭ."
އަނގައިންވެސް ނުބުނެ ސާލާރް އިނެވެ. "ވިސްނާނެ އެހެން ކަމެއް ނެތިއްޔާ ދަރިފުޅުގެ މައިންބަފައިންނާ މެދު ވިސްނާލަބަލަ." ޠައްޔިބާ ވާހަކަ ދެއްކިއެވެ. "މައްސަލައެއް އޮތިއްޔާ މަންމަމެން ގާތު ބުނެބަލަ. ހެޔޮ ނުވާނެ، އަމިއްލަ އަށް މަރުވާން ނޫޅޭ. ދަރިފުޅު ތި ކުރާ ކަންތައް ކާމިޔާބު ވެއްޖެނަމަ މަންމަ މެންނަށް ވާނީ ކިހިނެއް؟ އެއްފަހަރު ވިސްނާލަބަލަ."
ކިޔަމަންތެރި ކަމާއެކު އަޑު އަހަން އޭނާ އިނެވެ. މިއީ އޭނާއަށް އާ ވާހަކަތަކެއް ނޫނެވެ. ފުރާނަ ނަގައިލަން މަސައްކަތް ކުރާ ކޮންމެ ފަހަރަކުވެސް އިވޭ އަޑުތަކެވެ.
"ކީއްވެ އަނގައިން ނުބުނެ ތި އިންނަނީ؟ މަންމަމެން މި ދައްކާ ވާހަކަ ދަރިފުޅަށް ފަހުމު ނުވަނީތަ؟" ޠައްޔިބާ ރުޅި ގަދަވިއެވެ. "މައިންބަފައިން ލަދުގަންނަވައިގެން ހިތް ހަމަޖެހުން ލިބެނީ ހެން ހީވަނީ." އެއްޗެކޭ ބުނޭތޯ އޭނާގެ ތޫނުފިލިކަމުގެ ވާހަކަ އާއި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކުގެ ވާހަކަ ޠައްޔިބާ ދެއްކިއެވެ. "ބޮޑުތާ ޖެހުނީ." ސާލާރް ގެ ހިތަށް އެރިއެވެ.
އެންމެ ފަހުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން ކީކޭ ބުނާނީ؟ މަަންމަމެން ހުރިހާ ވާހަކައެއް ތި އެނގެނީނު؟ އަހަރެންގެ ހަޔާތަކީ އަހަރެންގެ އަމިއްލަ، ޒާތީ އެއްޗެއް. އަމިއްލައަށް މަރުވާން ގަސްދު ނުކުރާ ވާހަކަ މީގެ ކުރިންވެސް ބުނިން..."
އެ ވާހަކަ ނުނިމެނީސް ސިކަންދަރު ވާހަކަ ފެށިއެވެ. "ގަސްދުކުރަނީ ކޮންމެ ކަމެއް ކަމުގައި ވިޔަސް އެކަމެއް ނުކުރާށޭ މި ބުނަނީ. އަހަރެމެންނަށް ހަމްދަރްދީ ވެބަލަ!"
"ބުނޭ މީގެ ފަހުން އެކަހަލަ ކަމެއް ނުކުރާނަމޭ، ހެޔޮ ނުވާނެ." ޠައްޔިބާ އާދޭސް ކުރިއެވެ.
"އެންމެ ރަނގަޅު. ދެން އެކަހަލަ ކަމެއް ނުކުރާނަން." ސާލާރް ބުންޏެވެ. އޭނަ ބޭނުންވީ އެ އާދޭހުން ސަލާމަތް ވާށެވެ. ސިކަންދަރާ ޠައްޔިބާއަށް އެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ. އެކަމަކުވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ސާލާރް އަކީ އެ މީހުން ފަޚުރުވެރިވާ ދަރިއެކެވެ. އެކަމަކުވެސް އެހެން ހުރިހައި ދަރީންނަށް ވުރެ އޭނަގެ ފަރާތުން ކުރިމަތިވާ މުސީބާތް ބޮޑެވެ.
***
"ސާލާރް ކިހިނެއް މިހާރު؟ ހާލު ބަލައިލިންތަ؟" ވަސީމާ އެކު ބޭރުގައި އުޅެނިކޮށް އިމާމާއަށް ސާލާރްގެ މަތިން ހަނދާންވިއެވެ.
"ކުރިއަށްވުރެ ރަނގަޅު. ދެތިން ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ." ވަސީމު ބުންޏެވެ. ގެއަށް ދަމުން އޭނަގެ ހާލު ބަލައިލަން ދަމާ؟"
އިމާމާ ކުޑަކޮށް ޖެހިލުންވިއެވެ. އެކަހަލަ މީހެއްގެ ހާލު ބެލުމުގެ ބޭނުމެއް އޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ނަމަވެސް ވަސީމާއެކު ދާން އެއްބަސްވިއެވެ.
"ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިން މީހުންނަށް ޝުކުރު އަދާކޮށްލަންވެސް އޭނަގެ މައިންބަފައިންނަށް ނުކެރުނު." އިމާމާ ބުންޏެވެ.
"މި ދަނޑިވަޅު، އެ މީހުންގެ ހާލެއް ނޭނގެއެއްނު؟" ވަސީމު ކުޑަކޮށް ހިތް ހަމަނުޖެހުނެވެ. "ދަރިފުޅުގެ އަމަލާ ބެހޭގޮތުން ކީކޭ އެ މީހުން ބުނާނީ، އަމިއްލައަށް މަރުވާން އުޅެނީ މަޖަލަކަށޭތަ؟" ސާލާރްގެ މައިންބަފައިންނަށް ވަސީމް ހަމްދަރްދީ ވިއެވެ. "އޭނަގެ މައިންބަފައިން އަހަންނަށް ޝުކުރު އަދާކުރި. މަންމަ އާއި ބައްޕަ ސާލާރަށް ގޮވާލަން ދިއުމުން މަންމަމެންނަށް ވެސް ޝުކުރު އަދާކުރި. ސާލާރްގެ މައިންބަފައިންނަށް އެ ހާދިސާގެ ތަފްސީލެއް އަހަރެން ކިޔައެއް ނުދެން."
" އޭނަ އެހެން އުޅެނީ ކީއްވެ؟" އިމާމާ އެހިއެވެ.
"ސުވާލުކުރާ ގޮތުން ހީވަނީ އޭނަ އެކަން ކުރުމުގެ ކުރިން އަހަރެން ގާތު ބުނެއޭ." ވަސީމު ބުންޏެވެ.
"އާނ. އެއީ ވަސީމްގެ ގާތް ރައްޓެއްސެއްނު؟"
"އެހައި ގާތެއް ވެސް ނޫން. އެހެން ނޫނަސް އެއީ އޭނަގެ އަމިއްލަ ކަމެއް. ކޮންމެވެސް މައްސަލައެއް އުޅެނީ ކަމަަށް ވެދާނެ."
"އެހެންވެއްޖެއްޔާ އެކަހަލަ މީހުންނާ މާ ގާތް ނުވާތި. މާދަމާ ވަސީމް އެހެން އުޅެން ދިމާކޮށްފިއްޔާ؟"
"އެ ދުވަހު އަމިއްލައަށް އުޅުނު ގޮތް ހަނދާން އެބަހުރި ތަ؟ އެ ހާދިސާގެ ސަބަބުން ސާލާރާއި އަހަރެންގެ ގުޅުމަށް ކޮންމެވެސް ބަދަލެއް އަންނާނެ." އިމާމާ އާ ދިމާކުރާ ފާޑަށް ވަސީމު ބުންޏެވެ. "އިމާމާ އެ ދުވަހު ކަންތައް ކުރިގޮތް ރަނގަޅެއް ނޫން."
"އަހަންނަކަށް ހިއެއް ނުވެ އެ އެތިފަހަރު މަތިން އޭނަ ހަނދާން ހުންނާނެހެނެއް. އޭނާގެ ހޭވަރިކަމެއް ނެތް. ކީއްވެ ތިހެން ބުނީ؟ އޭނާ އެއްޗެކޭ ބުނީތަ؟" އިމާމާ އެހިއެވެ. "އޭނާ އުޅުނީ މަގޭ އަތު ތެރެއިން އޭނަގެ އަތް ދަމައިގަންނަން. އެކަން ނުވީމާ އަހަރެން ދޯޕައްޓާގަ ހިފައި ދަމައިގަތީ." އެ ދުވަހު ކަންތައް ވީ ގޮތް އިމާމާ ވަސީމަށް ކިޔައިދިނެވެ.
ސާލާރްގެ ދިފާއުގައި ވަސީމު ވާހަކަ ދެއްކިއެވެ.
"ކޮންމެ ސަބަބަކާ ހެދިވިޔަސް، އަހަރެން ވަރަށް ރުޅި ގަދަވި އޭނަ ކަންތައް ކުރި ގޮތުން، ފަހުން ދެރަވެސް ވި، އެކަމަކު އޭނަގެ ފުރާނަ ސަލާމަތްކުރެވުނީތީ ﷲ އަށް ޝުުކުރު ކުރަން. އެހެން ނޫން ނަމަ މުޅި އުމުރު އެ ހާދިސާ މަތިން ހަނދާން ނުނެތޭނެ."
އެ ދުވަހު ކަންތައް ވީ ގޮތުން އިމާމާ ހުރީ ދެރަވެފައެވެ. ނަމަވެސް މާފަށް އެދެން ވަސީމު ބުނުމުން އޭނާ އެކަަމަށް އިންކާރު ކުރިއެވެ. "ވެނިމިދިޔަ ކަމެއް އަލުން އަނބުރައި އިއާދަ ކުރަނީ ކީއްކުރަން؟ އެހެން ނޫނަސް އޭނައަކީ އަހަންނާ މާ ގާތް ގުޅުމެއް އޮތް މީހެއް ވެސް ނޫނެއްނު؟"
ބާޒާރުން ނިމިގެން އިމާމާ އާ ވަސީމް ދިޔައީ ސާލާރަށް ގޮވައިލާށެވެ. ސާލާރް އޮތް ކޮޓަރިއަށް ވަން އިރު އޭނާ އިނީ ސުޕް ބޯށެވެ. ސާލާރްގެ ލޮލުގައި އަޅައިގަތީ ވަސީމާ އެކު ހުރި އަންހެން ކުއްޖާއެވެ. އެރޭ ފަސްޓް އެއިޑް ދިނީ ވަސީމުގެ ކޮއްކޮ ކަމުގައި ސާލާރް ގާތު މަންމަ ބުންޏެވެ. އެއިން އެއްވެސް ކަމެއް އޭނާގެ ހަނދާނަކު ނެތެވެ. އެކަމަކު ވަސީމް ކޮއްކޮ އޭނަގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިކަން ހަނދާނުގައި އެބަހުއްޓެވެ. އިމާމާ ފެނުމާއެކު ސާލާރް ސުޕް ބުއިން ހުއްޓާލައިފިއެވެ. އޭނަ ކަޅިއަޅައިލި ގޮތުން އެ ހަނދާން ފިލައިނުދާކަން އިމާމާއަށް ޔަގީން ވެއްޖެއެވެ.
ސަލާން ގަލާން ބަދަލުކުރުމަށް ފަހު ޠައްޔިބާ އާއި ސިކަންދަރް އިމާމާއަށް ޝުކުރު އަދާކުރިއެވެ. ސާލާރްއަށް ކުރިންވެސް ވަސީމް އެނގެއެވެ. އެގެއިން އޭނައަށް ވަނީ އިމާމާ ވެސް ފެނިފައެވެ. އެކަމަކު ދުވަހަކުވެސް އޭނަ އިމާމާއަކަށް ސަމާލުކަމެއް ނުދެއެވެ. ނަމަވެސް މިހާރު އޭނާ އިނީ އިމާމާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. އިމާމާ ވަނީ ސާލާރްގެ ފުރާނަ ސަލާމަތްކޮށް އޭނާގެ ޕްލޭން ފެއިލްކޮށްލާފައެވެ. އެހެންކަމުން އިމާމާއަކަށް އޭނާ ޝުކުރުކުރާކަސް ބޭނުމެއް ނުވެއެވެ. އިމާމާ އިނީ ސާލާރްގެ މަންމައާ ވާހަކަ ދައްކާށެވެ. އެކަމަކުވެސް ސާލާރް އޭނާއާ ދިމާއަށް ބަލަން އިންކަން އެނގެއެވެ. މީގެ ކުރިން އެއްވެސް މީހަކު އޭނާއާ ދިމާއަށް އެގޮތަށް ނުރުހުމުގެ ލޮލަކުން ބަލާފައެއް ނުވެއެވެ. އިމާމާ ބޭނުންވީ އެތަނުން އަވަހަށް ނިކުންނާށެވެ. ސާލާރް އިނީ އަދިވެސް އިމާމާއަށް ބަލަހައްޓައިގެންނެވެ. މާފަަށް އެދެން ގަސްދުކޮށްގެން ހުރި ނަމަވެސް މިހާރު އޭނާ ބޭނުންވަނީ އިތުރު ދެތިން އެތިފަހަރެއް އޭނާގެ މޫނުމަތީގައި ޖަހާށެވެ.
އޭގެ އިރުކޮޅެއް ފަހުން އިމާމާ ވަސީމާ އެކު އެ ކޮޓަރިން ނުކުތެވެ. ސާލާރް އާ ދިމާއަށް އޭނާ ބަލައިވެސް ނުލައެވެ. ބޭރަށް ނުކުމެވުމުން އޭނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ވަސީމުގެ އެކުވެރިންނަށް އޭނާ ވަރަށް ބޮޑަށް ފާޑުކިއެވެ. އެއީ ކީއްވެތޯ ވަސީމު އެހިއެވެ.
"އޭނައަކަށް ނޭނގޭ މީހުންނަށް އިޙްތިރާމް ކުރާކަށް. ވަސީމާއެކު އަހަރެން އެތާ ހުރިކަން އޭނައަށް ހަމަ ރަނގަޅަށް އެނގެއެއްނު؟ އެކަމަކު އޭނަގެ ހަރަކާތްތައް ހުރި ގޮތް ފެނުނެއްނު؟ އެކަހަލަ މީހުންނަށް ޓަކައި ވަގުތު ބޭކާރު ކުރާނެ ކަމެއް ނެތް. ރަނގަޅުވާނީ މީގެ ފަހުން އޭނައާ މާ ގާތް ވެގެން ނޫޅުނިއްޔާ."
"ބަލާނަން." ވަސީމު އޭނާއަށް ޔަގީންކަން ދިނެވެ. "އެކަމަކު މީގެ ފަހުން އެކަހަލަ ކަމެއް ތަކުރާރުކޮށްގެން ނުވާނެ." ވަސީމު އުޅުނީ މައުޟޫއު ބަދަލުކުރާށެވެ. އިމާމާ އެއަކަށް ވަކި އެއްޗެއް ނުބުނެއެވެ. އޭނަ އެންމެ ފޫހިވާ މީހުންގެ ލިސްޓަށް ސާލާރްގެ ނަން އިތުރުވީއެވެ. ސާލާރް އެ ވިޔާނުދާ އަމަލު ހިންގި އިރު އޭނައަށް އިސްލާމްއާބާދުގައި ހުރެވުނީ އިއްތިފާގަކުންނެވެ. އެހެން ނޫން ނަމަ މި ސާލާރް އާ ގޮތަށް ބައްދަލެއް ނުވީހެވެ.
***
އިސްލާމް ދީން އިޚްތިޔާރު ކުރިފަހުން އިމާމާއަށް ޖަލާލް އަންޞާރް އާ ބައްދަލުވީ އެ ކޮލެޖަށް އޭނާ އައި ދުވަހުއެވެ. ޒައިނަބާ ބައްދަލުކުރަން ޖަލާލް އައި އިރު އިމާމާ އިނީ ވިނަގަނޑު މަތީގައި އިށީނދެލައިގެންނެވެ. ޒައިނަބް ގޮވައިގެން ޖަލާލް އެއްފަރާތަކަށް ޖެހިލިއެވެ. އިމާމާގެ ކަޅި ހުރީ ޖަލާލަށް ހުއްޓިފައެވެ. ޖަލާލް ފެނުމުން އޭނާގެ ހިތަށް އުފާވެރި އިހުސާސްތަކެއް ކުރެވެން ފެށިއެވެ. ޒައިނަބާ ބައްދަލުކޮށްފައި ޖަލާލް ގޮސް އޮބާލަންދެން އިމާމާ އިނީ އޭނައަށް ބަލަހައްޓައިގެންނެވެ. އިމާމާގެ އެކުވެރިންނަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ. އެކުދީން ތިބީ މާ އޮލަ ވާހަކައެއްގައެވެ.
ދެވަނަ ފަހަރު ޖަލާލް އާ ބައްދަލުވީ ކޮލެޖު ނިންމާފައި ޒައިނަބާ އެކު އެ ގެއަށް ދިޔަ ދުވަހަކުއެވެ. ޒައިނަބު އޭނާގެ ހުރިހާ އެކުވެރިންނަށް އެ ދުވަހު ދައުވަތު ދިނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އެހެން ކުދިން ނައީއެވެ. ޒައިނަބްގެ ގޭއިން އިމާމާގެ ހިތަށް އަބަދުވެސް ފިނިކަން ލިބެއެވެ. އޭގެ އަސްލަކީ ޖަލާލް ކަމަށް ވެސް ވެދާނެއެވެ.
އިމާމާ އިނީ ބޮޑުކޮޓަރީގައި އިށީނދެލައިގެންނެވެ. ޒައިނަބް ދިޔައީ ބަދިގެއަށް ސައި ގިރާށެވެ. ބޮޑުކޮޓަރިއަށް ވަދެގެން އައި އިރު އިމާމާ ފެނުމުން ޖަލާލް ސިހުނެވެ. އެ ތަނުގައި އިމާމާ އިންނާނެ ކަމަކަށް އޭނާ ހީއެއް ނުކުރެއެވެ. ޖަލާލް ސަލާން ގޮވައިލުމުން އިމާމާ ލަދުރަކި ރާގަކަށް ސަލާން ބަލައިގަތެވެ. "ޒައިނަބާ އެކު ތަ ތި އައީ؟" އޭނާ އެހިއެވެ. "ކޮބާ ޒައިނަބް؟ އަހަރެން މި އައީ ޒައިނަބު ގާތު ވާހަކައެއް ބުނަން. ޒައިނަބާ އެކު އެހެން ކުއްޖަކު އުޅޭ ކަމެއް ނޭނގޭ." އެހެން ބުނެފައި އޭނާ ހިނގައިގަތެވެ.
"ޖަލާލްގެ މަދަހަތައް ވަރަށް ރީތި." ޒައިނަބް ބުނެލިއެވެ. ޖަލާލް ހައިރާންވެފައި އެނބުރި އިމާމާއަށް ބަލައިލިއެވެ.
"ޝުކުރިއްޔާ. ކިހިނެއް އަހަރެން މަދަހަ ކިޔާ އަޑު އިވުނީ؟"
"އަހަރެން އެއް ދުވަަހު ޒައިނަބަށް ގުޅައިންގެ ފޯނުގަ އިން އިރު... މުބާރާތަށް ތައްޔާރުވާ ވާހަކަ ޒައިނަބް ބުނި. އެ މަދަހަ ފަރިތަކުރި އަޑު އިވުނީ..." އިމާމާ ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. ޖަލާލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިމާމާގެ ތައުރީފުގެ ބަސްތަކަށް އޭނާ ޝުކުރު އަދާކުރިއެވެ. ރީތި އިސްކޮޅެެއް ހުރި އެ ޒުވާން އަންހެން ކުއްޖާގެ ތޫނު ލޮލުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރިއެވެ. އޭނައަށް ވަރަށް ގިނަ މީހުން ތައުރީފު ކުރެއެވެ. އެކަމަކު މި އަންހެން ކުއްޖާ މާ ޚާއްޞައެވެ. އަދި އޭނާ އެ ވާހަކަ ބުނިގޮތް ޖަލާލަށް މާ ކަމުދިޔައެވެ. ބޮޑުކޮޓަރިން ނުކުމެގެން އޭނާ ދިޔައެވެ. އޭނާ އަންހެން ކުދިންނާ ވާހަކަ ދައްކައެއް ނޫޅެއެވެ. އަމުދުން ބީރައްޓެހި ކުދިންނާ ވާހަކައެއް ނުދައްކައެވެ.
އޭނާ އިނީ އުފަލުން ފޮޅިފައެވެ. ޖަލާލް އާ ބައްދަލުވެ، އެހާ ކައިރިން ވާހަކަ ދައްކާލަން ފުރުސަތު ލިބުނު ކަމެއް އޭނާއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. މީގެ އިރުކޮޅެއް ކުރިން އޭނާގެ ކުރިމަތީގައި ޖަލާލް ހުއްޓިލައިގެން ހުރި ތަނަށް ބަަލަން އިމާމާ އިނެވެ. އޭނާގެ ހިތަށް އަދިވެސް ޖަލާލް އެބަ ފެނެއެވެ.
***
އޭގެ ފަހުން އޭނާ އާ ޖަލާލް އާ ދިމާވީ ހޮސްޕިޓަލުންނެވެ. އެ ދުވަހު ހޮސްޕިޓަލަށް ދިޔައީ ރާބިޔާ އާއެކު އެވެ. ފަހު ސެމެސްޓަރ ގެ ކުދީންނާ އެކު ކޮރިޑޯ އިން ޖަލާލް ފެނުމުން އިމާމާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޖަލާލް އާ ގާތަށް ޖެހިލެވޭ ވަރަށް ވުރެ ބޮޑަށް ކޮރިޑޯ އޮތި ތޮއްޖެހިފައެވެ. ރާބިޔާ އާއެކު އިށީނދެލައިގެން އިން އިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެނީ ޖަލާލެވެ.
ގަޑިއިރަކަށް ވުރެ ބޮޑުވިފަހުން ރާބިޔާ އާއި އިމާމާ ކޮޓަރިން ނުކުތް އިރު ކޮރިޑޯގައި މާ ގިނަ ބަޔަކު ނެތެވެ. ޖަލާލް ފެންނަން ނެތުމުން އިމާމާ ވަރަށް ދެރަވިއެވެ. ވާހަކައިގައި ތިބެ ދެ ކުދީންނަށް ސިޑީން ފޭބުނީ ޖާލާލް ކުރިމައްޗަަށެވެ. އިމާމާގެ ލޭގެ ހިނގުން އަވަސްވިއެވެ.
"އައްސަލާމް ޢަލައިކުން ޖަލާލްބެ، ކިހިނެއް ހާލު؟" ރާބިޔާ އެހިއެވެ.
ވަރަށް އަދަބުވެރިކަމާއެކު ޖަލާލް ޖަވާބު ދިނެވެ. އަދި ހޮސްޕިޓަލަށް އައީ ކީއްކުރަންތޯ އެހިއެވެ. ރާބިޔާ ޖަލާލް އާ ވާހަކަ ދެއްކި އިރު އިމާމާ ހުރީ ކަޅިޖަހާ ނުލައި ޖަލާލަށް ބަލަހައްޓައިގެންނެވެ.
"އޭ އަހަރެންގެ އެކަނިވެރިކަމުގެ ހަމައެކަނި ބައިވެރިޔާއެވެ.
އިބަރަސްކަލާނގެ އެހީތެރިކަން ނެތް ނަމަ މި އަޅާ މަރުވެ ހިނގައްޖައީހެވެ."
ޖަލާލްގެ އަޑު އިމާމާގެ ހިތުގެ އެންމެ ހިމަ ނާރުގައި ވެސް ކޮއްޓާލައެވެ. އުރްދޫ ބަހުން މީހުން ވާހަކަ ދައްކާ އަޑު އޭނާއަށް ވަރަށް ގިނައިން އިވެއެވެ. އެކަމަކު ޖަލާލްގެ އަޑުނގައި އެ ހުންނަ ޖާދުލެއް ނުހުރެއެވެ. އެ އަޑު އިވޭ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ އެންމެ ފުރަތަމަ އަޑު އިވުނު ރީތި މަދަހައެވެ. އޭނާ ފަޚުރުވެރިކަމާއެކު ޖަލާލަށް ބަލަހައްޓައިގެން ހުުއްޓެވެ.
ރާބިޔާ އާ ވާހަކަ ދައްކަމުން ދިޔައިރު އިމާމާގެ ނަޒަރު އޭނާ އާ ދިމާއަށް ހުރިކަން އެނގުމުން ޖަލާލް އިމާމާ އާ ހީނލިއެވެ. އިމާމާގެ ހިތް އެދެނީ ޖަލާލް އާ އަދިވެސް ގާތަށް ޖެހިލާށެވެ. އޭނާ އެހެން ދިމާއަކަށް ބަލަން ފެށިއެވެ. އަދި ވައި އަޑުން "ލާހައުލަ..." ކިޔަން ފެށިއެވެ. ޝައިޠާނާ އަހަރެން މަގު ފުރައްދަން އުޅެނީ ކަން ނޭނގޭ." ހިތާ ހިތުން އޭނާ ބުނެލިއެވެ. ޒިކުރު ކުރަން ފެށުމުން ވެސް އޭނާގެ އިހުސާސަކަށް ބަދަލެއް ނައެވެ. އޭނާގެ ހިތް އެދެނީ ޖަލާލް އާ ގާތް ވާށެވެ.
އަސްޖަދާ އެންގޭޖުވެގެން މިދިޔަ އަހަރުތަކުގެ ތެރޭގައި މިކަހަލަ އިހުސާސެއް އޭނާއަަށް ދުވަހަކުވެސް ކުރެވިފައި ނުވެއެވެ. ޖަލާލް ކުރިމަތީގައި ހުއްޓި ހުރި އިރު އޭނާގެ ހިތަށް ފުރަތަމަ ފަހަރަށް ބިރުވެރިކަން ވަނެވެ. "ޖާލަލް ފެންނަ ކޮންމެ ފަހަރަކު ނަފްސު ކޮންޓްރޯލު ނުކުރެވެންޏާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަޔާތުގައި ވެސް އަހަރެން މިހައި ބަލިކަށްޓެއް ދުވަހަކުވެސް ނުވެއެވެ. ޖަލާލް ފެނުމުން އަހަރެންގެ ހިތް ވިރެނީ އޭނާގެ ކޮން ސިފައަކުން ހެއްޔެވެ؟"
***
ޖަލާލްގެ ދޮރުގައި ޓަކިޖެހުމަށްފަހުން ޒައިނަބް އެތެރެއަށް ވަނެވެ.
"ފްރީ ތަ؟" އޭނާ އެހިއެވެ. "ރައްޓެއްސަކު ބުނެގެން ކަމަކު މިއައީ. ޖަލާލްބެގެ އަޑުން އޭނައަށް މަދަހަ ރިކޯޑުކޮށްދެވިދާނެތަ؟"
ސުވާލުގެ ނަޒަރަކުން ޖަލާލް ޒައިނަބަށް ބަލައިލިއެވެ.
"އެއީ އިމާމާ ބުނެގެން. އަހަރެން ބުނެފިން ކޮށްދޭނަމޭ."
ޖަލާލް ހިނިތުންވެލިއެވެ. އޭނާގެ ހަނދާނަށް އައީ އިމާމާ އާއި ބައްދަލުވި ދުވަހެވެ. "އެއީ ކުރީ ދުވަހު މިގެއަށް އައި ކުއްޖާތަ؟" ޖަލާލް އެހިއެވެ.
"އާނ. އެއީ އިސްލާމްއާބާދު ކުއްޖެއް. މިރަށަށް އައީ ކިޔަވަން، ހުންނަނީ ހޮސްޓެލްގަ. އޭނަގެ ބައްޕައަކީ ބޮޑު މުއްސަންޖެއް، އެކަމަކު އިމާމާ ބަލާފަ ހިއެއް ނުވާނެ." އިމާމާގެ ބައެއް ވާހަކަ ބޭބެއަށް ޒައިނަބް ކިޔައިދިނެވެ.
"ބަލާލާފަ ހީވަނީ ވަރަށް ދީންވެރި ކުއްޖެއް ހެން." ޖަލާލް ބުންޏެވެ. "ކޮލެޖުން ވެސް އޭނަގެ އުޅުމަކަށް ބަދަލެއް އައިސްފައެއް ނުވޭ."
"އާނ. އަބަދުވެސް ޝޯލް އަޅާނީ އިސްތަށިގަނޑު ފޮރުވޭ ވަރަށް. އެ އާއިލާ އަކީ ވަރަށް ދީންވެރި އާއިލާހެއް ހެން ހީވަނީ. އެކަމަކު އެގޭ ހުރިހާ ކުދިންވެސް ތިބެނީ މޮޅަށް ކިޔަވައިގެން. އިމާމާ އަކީ އެ އާއިލާގެ އެންމެ ހަގު." ޒައިނަބަށް އެނގޭ ހުރިހާ މައުލޫމާތެއް ބޭބެއަށް ކިޔައިދިނެވެ. "ރިކޯޑް ކޮށްދޭނަން ދޯ؟"
"އާނ، މާދަން ނިންމާނަން." ޖަލާލް ބުންޏެވެ. ޒައިނަބް ދިއުމުން ޖަލާލް ކިޔަވަން ފެށިއެވެ.
***
އެ މީހުން ދެން ދިމާވީ ލައިބްރަރީ އިންނެވެ. ޖަލާލް ފެނުމާއެކު އިމާމާ ގޮސް ސަލާންކުރިއެވެ. "ޝުކުރު އަދާކުރަން މިއައީ."
ކޮން ޝުކުރެއް ކަމެއް ޖަލާލަކަށް ނޭނގުނެވެ.
"މަދަހަ ރިކޯޑު ކޮށްދިނީތީ."
ޖަލާލް ހިނިތުންވެލިއެވެ. "ހިތަށް ވެސް ނާރާ އަހަރެން ލައްވާ މަދަހަ ރިކޯޑު ކުރުވަން މީހަކު ބުނެފާނެއޭ."
"ތީ ވަރަށް ނަސީބު ގަދަ މީހެއް." އިމާމާ މަޑުމަޑުން ބުންޏެވެ.
"ކޮން ގޮތަކަށް؟"
"ހުރިހާ ގޮތަކަށް، ވަރަށް ގިނަ ރަހްމަތް ލިބިފަ ހުރި މީހެއް ތީ."
"އިމާމާ އަކީ ވެސް..." އިމާމަ ލަދުރަކި ގޮތަކަށް ހިނިތުންވަމުން ޖަލާލް އަށް ބަލައިލިއެވެ. އޭނާގެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. އިމާމާ އިސްދަށަށް ޖަހައިލިއެވެ.
"ކުރިން އަހަންނަކީ އެހައި ނަސީބު ގަދަ މީހެއް ނޫން. އެކަމަކު މިހާރު ވަރަށް ނަސީބު ގަދަ މީހެއް." އިމާމާ އެ ބުނި އެއްޗަކާ މެދު ޖަލާލް ވިސްނައިލިއެވެ. "ޖަލާލްގެ އަޑު އެހައި ރީތި. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމްގެ ނަންފުޅު ކިޔަނީ އެހާ ލޯބިން." އިމާމާ ބުންނަ އުޅޭ ވާހަކަ ނިމްންދެން ޖަލާލް ހުރީ އަޑުއަހާށެވެ.
"އަހަންނަށް ބައެއް ފަހަރު ހަސަދަވެރިވެސް ވެވޭ. އެހެން މީހުން ރަސޫލާގެ ނަންފުޅު ކިޔާގޮތާއި ޖަލާލް ކިޔާގޮތާ ތަފާތު. ޖަލާލްގެ އަޑުން އެ ނަންފުޅު އިވޭ ކޮންމެ މީހެއްގެ ހިތުން ރަސޫލާއަށް ޚާއްސަ ގަދަރެއް ދެވޭނެ. ރަސޫލާގެ ހިތްޕުޅުން ޖަލާލަށް ވެސް އެފަދަ ގަދަރެއް ދެއްވާނެ."
"މަށަށް ގޯހެއް ހެދުނީ ކަމަށް ވާނީ." ޖަލާލްގެ ހިތަށް އެރިއެވެ. ދެން އޭނާ އިމާމާގެ ވާހަކައިގައި ބައިވެރިވިއެވެ. "އެހެންކަމަށް ވާ ނަމަ އެއީ އަހަރެންގެ ނަސީބު. އަހަންނަށް އެނގޭހައިވެސް ކަމަކީ އަހަރެންގެ ހިތުގައި ރަސޫލާއަށް ޚާއްސަ ލޯތްބަކާއި އިޙްތިރާމް ދެވިފައިވާކަން. އެއީ އަހަންނަށް ލިބިފައިވާ ރަޙްމަތެއް ކަމާމެދު ޝައްކެއް ނުކުރަން. މިފަދަ ރަހްމަތެއް ލިބެނީ މަދު މީހަކަށް."
ޖަލާލް ވާހަކަ ދައްކަމުން ދިޔައިރު އިމާމާގެ ނަޒަރު އެހެން ދިމާއަކަށް ނުދެއެވެ. މިވަގުތު ކުރެވޭ އިހުސާސް ކުރިއަކުން ކުރެވިފައެއް ނުވެއެވެ.
"އަހަރެން ވެސް ކޮންމެވެސް ދުވަހަކުން މަދަހަ ކިޔާފާނަން. އެކަމަކު ޖަލާލް އަންޞާރް ކިޔާ ގޮތަކަށް ނުކިޔޭނެ. ޖަލާލްގެ އަޑުން ކުރާ އަސަރެއް އަހަރެންގެ އަޑުން މީހުންނަކަށް ނުކުރާނެ." ލައިބްރަރީ އިން ނުކުމެގެން ދަމުން އިމާމާގެ ހިތަށް އެރިއެވެ.
***
ޖަލާލް އާ އެކިފަހަރު ބައްދަލުވުމުން އިމާމާ ބެލީ އޭނައާ ވާހަކަ ނުދައްކާ ވޭތޯ އެވެ. އޭނަގެ ޚިޔާލުތަކާ ދުރަށް ދެވޭތޯ އެވެ. އޭނާ ޒައިނަބާ ވެސް ކުރިން އޮތް ގާތްކަމެއް މިހާރަކު ނުބާއްވައެވެ. އެހެން ނަމަވެސް ޖަލާލްގެ ޚިޔާލުތައް އޭނާ ކުޑަކަކުލަށް ތިރި ކުރިއެވެ.
"އޭނަގެ ކޮންމެވެސް ސިފައެއް އަހަރެންގެ ދިފާއު ބަލިކަށި ކޮށްލައެވެ." ޖަލާލަށް އޭނާގެ ސަމާލުކަން އަނެއްކާ ވެސް ހުއްޓުނީ މި ސަބަބާ ހެދި ކަމަށް ވެދާނެއެވެ. އެކަމަކު މިހާރު އޭނަގެ ހިތުން ޖަލާލަށް އަސްޖަދުގެ މަގާމު ދީފިއެވެ.
"އަހަަންނަށް ތެދު މަގު ދެއްކެވުމަށް މެދުވެރިވި ފަރާތުން އަހަރެންގެ އެކަނިވެރިކަން ފިިލުވައިދިނުމަށް އެދުމަކީ ކުށެއް ހެއްޔެވެ؟ އަހަންނަށް ވުރެ ބޮޑަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވާ މީހަކު، ހަޔާތަށް ގެންނަން ބޭނުން ނުވާންވީ ކީއްވެ ހެއްޔެވެ؟ އަހަރުމެން ދެ މީހުން ގުޅުން އެދި ދުއާ ނުކުރަންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ އަހަންނަށް ޖަލާލް އެނގެއެވެ. އަދި އޭނައަށް ލިބިފައިވާ ބައެއް ރަޙްމަތްތަކަށް އަހަރެން ހަސަދަވެރި ވެއެވެ." ހުރިހާ ވާހަކައެއް އަޅާބެލުމަށް ފަހު އިމާމާގެ ޖަޒުބާތު ތަކަށް ދޭނެ ސައްހަ ޖަވާބު އޭނާއަށް މިހާރު ލިބިއްޖެއެވެ.
ޖަލާލް އުޅޭ ނޫޅޭ ތަނެއް ހޯދުމުގެ ޝައުގު އޭނާގެ ހިތުގައި އުފެދުނެވެ. އެކަން ބަލާނެ ގޮތެއް ހޯދަން މަސައްކަތް ފެށިއެވެ. އޭނާ ގޭގައި އުޅޭނެ ގަޑި ބަލާފައި ޒައިނަބަށް ފޯނުކުރެއެވެ. ފޯނަށް ޖަވާބު ދެނީ ޖަލާލެވެ. ފޯނުން ޖަލާލާ ވާހަކަ ދެއްކުން އިތުރުވިއެވެ. އޭގެ ފަހުން ބައްދަލު ކުރަން ފެށިއެވެ. ޖަލާލާއި އިމާމާ އާ ދެމެދު ރަހްމަތްތެރިކަން އުފެދެމުން އައި ކަމެއް ރާބިިޔާ އާއި ޖުވައިރިއްޔާ އަދި ޒައިނަބަކަށް ވެސް ނޭނގެއެވެ. ލޯބިވާ ވާހަކަ ނުބުންޏެއް ކަމަކު ދެ މީހުންނަށް އެކަކު އަނެކަކުގެ އިހުސާސްތައް އެނގެއެވެ. އިމާމާ އޭނައަށް ހިތް ކިޔާކަން ޖަލާލަށް އެނގެއެވެ. އަދި ޖަލާލްގެ ހިތުގައި ވެސް އިމާމާއަށް ޚާއްސަ ޖާގައެއް ދެވުނެވެ.
ޖަލާލް އަކީ ވަރަށް ދީންވެރި ކުއްޖެކެވެ. އަންހެން ކުއްޖަކާ މިގޮތަށް ބައްދަލުވެ ހިތް ކިޔައިފާނެ ކަމަކަށް އޭނާވެސް ހިއެއް ނުކުރެއެވެ. އެ ހުރިހާ ކަމެއް ހިނގީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އިމާމާ އާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ އިހުސާސްތަކުގެ ވާހަކައެއް ޖަލާލް ޒައިނަބް ގާތަކުވެސް ނުބުނެއެވެ. ބުނި ނަމަ އަސްޖަދާ އެންގޭޖުވެފައިވާ ވާހަކަ ބުނާނެއެވެ. އެކަން އެނގޭ ނަމަ އަމިއްލަ އިހުސާސްތަކާ މެދު މިއަށްވުރެ ފަރުވާތެރިވެ، މި ދަރަޖައަށް ގުޅުން ގެންދާކަށް ޖާގައެއް ނުދޭނެއެވެ.
އިމާމާ އެކު ބައްދަލުވި ދުވަހެއްގައި ޖަލާލަށް އޭނާ ލޯބި ހުށަހެޅިއެވެ.
(ނުނިމޭ)