ފާނޫޒު - 50

(9 ސެޕްޓެންބަރުގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެންމެ ރަނގަޅު. ގެއިން ނައްޓާލަމުން އަހަންނަށް ގުޅާލާތި، ގެއަށް އައިސް ބަރުގޮނު އަޅާ، އަހަރެން ނިކުންނާނަން."

އަނެއްދުވަހު ހެނދުނު ފުރުޤާން އައިސް ބަރުގޮނު އެޅުމާއެކު ސާލާރް ނިކުމެގެން އައިސް ކާރަށް އެރިއެވެ.

"ކީއްވެ ޕާކިސްތާނަށް އައީ، އިންގްލެންޑުގައި މަޑުކުރިނަމަ މާ ރަނގަޅުވީހެއްނު؟" ސާލާރް އެހިއެވެ.

"އިންގްލެންޑަކަށް އަހަރެން ބޭނުމެއް ނުވޭ. އަހަރެންގެ ބޭނުންޖެހިފަ އޮތީ ޕާކިސްތާނަށް. ޑޮކްޓަރ ފުރުޤާންގެ ޚިދުމަތް ބޭނުންވަނީ މިތަނަަށް." ފުރުޤާން ބުންޏެވެ.

"އެކަމަކު އެތަނުގައި ހުރެގެން ދާއިރާއިން ކުރިއެރުން ލިބޭނެ، މުސާރަ ވެސް ބޮޑުވާނެ. އޭރުން ރަށުގެ އެކި ޕްރޮޖެކްޓްތަކަށް އެ ފައިސާ ޚަރަދުކުރެވޭނެ. އިންގްލެންޑުން ލިބޭނެ ކުރިއެރުން މިރަށުން ދުވަހަކުވެސް ލިބޭނެހެން ހިއެއްނުވޭ." ސާލާރް ބުންޏެވެ.

"ކާމިޔާބު ތި މާނަކުރަނީ މުދަލާއި ފައިސާއިން އެކަނި ކަމަށް ވާނަމަ ތިވާހަކަ ގޯހެއްނޫން. އެކަމަކު ދާއިރާއަށް ބަލާއިރު އެތައް ބައެއްގެ ފުރާނަ އެބަ ސަލާމަތްކުރަން. ބަލިމީހުންނަށް ފަރުވާ ދީ އެމީހުންގެ ދުޅަހެޔޮކޮށް ތިބޭތަން ފެނުމުން މާ ހިތްހަމަޖެހުން ލިބޭ. އިންގްލެންޑުގައި ގުނައި އަދަދު ނުކުރެވޭ ވަރަށް އޮންކޮލޮޖިސްޓުން އުޅޭ. ޕާކިސްތާނުގައި އުޅޭ މީހުން އެއް އަތުގެ އިނގިލިން ގުނާލެވޭނެ. އަހަރެން ފޮނުވާ ފައިސާއަކުން މީހުންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެ. އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން. އަހަންނަށް އެނގުނިއްޔާ އެނގުނު އެއްޗަކީ ތިމާގެ އަމިއްލަ މީހުންނަށް ޚިދުމަތް ކޮށްދިނުން މާ މުހިއްމުކަން."

ފުރުޤާންގެ ވާހަކައަށް ދޭނެ އިތުރު ރައްދެއް ސާލާރަކަށް ނޭނގުނެވެ. ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ އަނެއްކާވެސް ފުރުޤާންއެވެ.

"ސާލާރް ކުރި ސުވާލަށް އަހަރެން ޖަވާބު ދީފިން. ދެން އަހަރެން ސުވާލެއް ކުރަންތަ؟ ކީއްވެ ޕާކިސްތާނަށް ނައިސް އެކޮޅުގަ ތި މަޑުކުރަނީ؟" ފުރުޤާން އެހިއެވެ.

"އަހަންނަށް މިތާކު ނޫޅެވޭނެ." ސާލާރް ބުނެލިއެވެ.

"ޚިދުމަތްތައް ނެތީމާތަ ނުވަތަ މުސާރަތަ؟"

"ނޫން. އެއްވެސް އިރަކު އެއީ މައްސަލައެއް ނޫން. އަހަރެންގެ އާއިލާ އެނގެއެއްނު؟"

"ދެން؟"

"ދެން... ވަކި ކަމެއް ވެގެނެއް ނޫން. އަހަންނަށް ހަމަ ނޫޅެވޭނީ." އޭނާ ބުންޏެވެ.

"މިތަނަށް ސާލާރްގެ ބޭނުން އެބައޮތް؟"

"ކޮން ބަޔަކަށް؟"

"ގައުމަށް، ގައުމަށް ސާލާރްގެ ޚިދުމަތް ބޭނުންވޭ."

ސާލާރް ހިނިތުންވެލަމުން ބުންޏެވެ. "އަހަންނަކީ ތިހައި ވަޠަނީ މީހެއް ނޫން. އަހަރެން ނެތަސް މިތާ ހުރިހާ ކަމެއްވެސް ރަނގަޅު. ޑޮކްޓަރަކާ ފައިނޭންސް މެނޭޖަރަކާ ވަރަށް ތަފާތު. ފައިނޭންސް މެނޭޖަރަކަށް މީހުން ފުރާނަ ސަލާމަތެއް ނުކުރެވޭނެ."

"އެގައުމަށް ތިކުރާ ޚިދުމަތް މި ގައުމަށް ވެސް ކުރެވޭނެ. އެކޮޅުގެ ޔުނިވަރިސިޓީތަކުގައި ތިކިޔަވާ ދޭ އެއްޗެހި މިކޮޅުގައި ވެސް ކިޔަވާ ދެވޭނެ. އެފްރިކާގެ ގައުމުތަކުގައި އޮންނަ ބަނޑުހައި ހޫނުކަމާއި ފަގީރުކަން ހަމަލޮލުން ދެކެފީމު، އަމިއްލަ ގައުމުގެ ހާލަތު ފެނިއްޖެނަމަ ކަރުނަ އަޅާނެ."

ވަރަށް ގިނަ އިރު އަޑު އަހަން އިނދެފައި ސާލާރް ބުންޏެވެ. "ފުރުޤާނުގެ ޕްރޮޖެކްޓްތަކަށް ކޮންމެވެސް އެއްޗެއް ދޭން އަހަރެން ބޭނުން." ސާލާރް މައުޟޫއު ބަދަލުކުރިއެވެ.

"އަހަރެންގެ ޕްރޮޖެކްޓްތަކަށް މި ވަގުތު ފައިސާއެއް ބޭނުމެއްނުވޭ. ތަަރައްގީގެ މަޝްރޫއެއްގައި ބައިވެރިވާން ބޭނުންނަމަ އަމިއްލައަަށް ކޮންމެވެސް ޕްރޮޖެކްޓެއް ފަށަންވީނު؟ ފައިސާގެ މައްސަލައެއް ކުރިމަތި ކުރިމަތިނުވާނެއެއްނު؟"

"އެހެން ރަށެއްގައި ސްކޫލެއް އަޅަން ބޭނުން ނަމަ އަހަރެން ފުރުގާނަށް އެހީވާނަން. އެކަމަކު އެމެރިކާގައި އުޅެމުން އެކަމަށް ވަގުތު ދެވޭކަށް ނެތް."

ފުރުޤާންގެ ވާހަަކައިން ސާލާރަށް ކޮންމެވެސް ކަމެއް ކުރުމުގެ ޝައުގު އުފެދިއްޖެކަން އޭނާއަށް އެނގުނެވެ. މި ދަތުރަކީ ސާލާރަށް ވަރަށް މުހިއްމު ދަތުރަކަށް ވިއެވެ. ފުރުޤާންގެ ސްކޫލު ފެނިފައި އޭނާ ވަރަށް އުފާވިއެވެ. ކްލިނިކު ފެނިފައި ވަކިން ބޮޑަށް އުފާވިއެވެ. އެއީ ކުޑަކުޑަ ހޮސްޕިޓަލެކެވެ. ދާއިމީ ޑޮކްޓަރަކު ނެތް ނަަމަވެސް ހުރިހާ ކަމެއްވެސް އިންތިޒާމު ކުރެވިފައިވަނީ ވަރަށް ރަނގަޅަށެވެ. ފުރުޤާން އަންނަކަން އެނގޭތީ އެކި އުމުރުގެ އެތައް ބަޔަކު ޑޮކްޓަރަށް ދައްކަން ގޮސް ތިއްބެވެ.

ސާލާރް މީހުންގެ ތެރެއަށް ނިކުތުމުން ބަލިމީހުން އައިސް އޭނާ އާ ވަހަކަ ދައްކަންފެށިއެވެ. މީގެ ކުރިން ކެންސަރުބަލީގެ ޑޮކްޓަރަކު ދުވަހަކުވެސް ޖެނެރަލް ފިޒީޝަނެއްގެ ދައުރު އަދާކުރިތަން އޭނާއަށް ފެނިފައެއް ނުވެއެވެ. ފުރުޤާންހައި ރަނގަޅު ޑޮކްޓަރަކާ އޭނާއާ އަދި ދިމާނުވެއެވެ. ފުރުޤާނަކީ ބަލިމީހުންނަށް އަޅާލާ އޯގާތެރި، ހިތްހެޔޮ ޑޮކްޓަރެކެވެ. އިރުކޮޅެއް ފަހުން ސާލާރާ އެކު ސްކޫލް ދޮށަށް ފޮނުވާނޭ މީހަކު ފުރުޤާން ހަމަޖެއްސިއެވެ. އެތަނުން އޭނާއާ ފުރުޤާންގެ މައިންބަފައިންނާ ދިމާވިއެވެ.

އެމީހުން ސާލާރަށް ސްކޫލް ދެއްކިއެވެ. އެއީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ ސްކޫލެކެވެ. ޖާގައިގެ ގޮތުން ތަނަވަހެވެ. ސްކޫލްގެ އާބާދީ ފެނިފައި ސާލާރް ހައިރާންވިއެވެ. ސްކޫލުން ނިމިގެން ފުރުޤާންގެ މައިންބަފައިންނާއެކު އޭނާ ދިޔައީ ފުރުގާންގެ ހަވޭލީއަށެވެ. ހަވޭލީގެ ގޭޓު ހުޅުވުމުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އުފާވެރި އިހުސާސެއް ކުރެވުނެވެ. އެހައި ރީތި ބޮޑު ބަގީޗާއެއް މި ރަށުން ފެންނާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ. ބަގީޗާގައި އެކި ކުލަކުލައިގެ މާތައް ފޮޅިފައި އޮތެވެ.

"ހާދަ ރީތި ބަގީޗާއެއް." އޭނާއަށް ބުނެވުނެވެ.

"މިއީ ޝަކީލް ސާހިބްގެ މަސައްކަތް." ފުރުޤާންގެ މަންމަ ބުންޏެވެ.

"އަހަންނާ ނައުޝީންގެ." ފުރުގާންގެ ބައްޕަ ބުންޏެވެ.

"ނައުޝީން؟" ސާލާރް އެހިއެވެ.

"ފުރުގާންގެ އަންހެނުން، ބަގީޗާ ތަރުތީބުކޮށްފައި މިއޮތީ ނައުޝީންގެ ވިސްނުމަށް. އެ ފަންނުވެރިކަމަކީ އޭނާގެ މަސައްކަތް." ފުރުގާންގެ ބައްޕަ ބުންޏެވެ.

"އާނ. އާއިލާ ލާހޯރުގައި އުޅޭ ވާހަކަ ފުރުގާން ބުނި." ސާލާރް ހަނދާންވިއެވެ.

"އާނ. އެމީހުން އުޅެނީ ލާހޯރުގައި، ފުރުގާން އަންނައިރު އެމީހުން ގޮވައިގެން އަންނަނީ. ނައުޝީނަކީ ވެސް ޑޮކްޓަރެއް. އެކަމަކު ދަރިން މާ ކުޑަ ވީމަ އޭނަ ހުންނަނީ ގޭގަ. ފުރުޤާން އާއެކު ކްލިނިކަށް އޭނަވެސް އާދޭ. މިފަހަރު ނާދެވުނީ އޭނާގެ ކޮއްކޮގެ ކާވެނި އޮތީމަ."

ސާލާރް ހަވޭލީއަށް އައީ މެންދުރުގެ ކެއުމަށެވެ. އޭނާ އުއްމީދު ކޮށްގެން ހުރީ ފުރުގާން ވެސް ކާން އަންނާނެ ކަމަށެވެ. އެހެން ނަމަވެސް ކްލިނިކުގައި މާ މީހުން ގިނަވީމާ އޭނާއަށް އާދެވޭ ގޮތް ނުވީއެވެ. ފުރުގާންގެ ބައްޕައަކީ ވެސް ކުރިން ފައިނޭންސް ދާއިރާގައި މަސައްކަތް ކުރި މީހެކެވެ. ދެމީހުން އެކަކު އަނެކަކުގެ ތަޖުރިބަ ހިއްސާކުރަމުން، ވަގުތު ދިޔަގޮތް ވެސް ނޭނގެއެވެ.

"މިވަގުތު ސްކޫލަށް އެއްވެސް ޚަރަދެއް ބޭނުމެއް ނުވޭ. އެހީއެއްވާން ބޭނުމިއްޔާ ކްލިނިކަށް ކޮންމެވެސް ކަމެއް ކޮށްދީ. އެތަނުގައި މަސައްކަތް ކުރާނެ ދާއިމީ ޑޮކްޓަރަކު ހޯދަން ހެލްތު މިނިސްޓްރީއާ އެތައް ފަހަރަކު މަޝްވަރާ ކުރެވިއްޖެ. ފުރުގާންގެ ރައްޓެހިން މެދުވެރިކޮށް ވެސް މަސައްކަތް ކުރެވިއްޖެ. މިތަނަށް އަންނާނެ މީހަކު ނުވި."

"ޑޮކްޓަރަކު ލިބޭތޯ ބަލާނަން. އެކަމަކު ސްކޫލަށް ވެސް ކޮންމެވެސް އެހީއެއް ވާން ބޭނުން. އެކޮޅަށް ގޮސް ޔުނެސްކޯގެ އެހީ ލިބޭތޯ ބަލާނަން."

"ޔުނެސްކޯ އަށް މަޑުކުރަންވީ ކިހާ ދުވަހެއް ވަންދެން؟ އަމިއްލައަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންވީ. ސްކޫލާއި ޑިސްޕެންސަރީ ހިންގަނީ އާއިލާ އާއި ރައްޓެހިންގެ އިތުރުން ހެޔޮ އެދޭ މީހުންގެ އެހީއާއެކު."

"އަދި ވިއްސަކަށް އަހަރުފަހުން އަންނައިރު މިރަށް އޮންނާނީ މުޅިން ބަދަލުވެފަ."

މެންދުރު ފުރުގާން ސާލާރަށް ގުޅިއެވެ. "އަހަންނަކަށް މިއަދު އެކޮޅަށް ދެވޭކަށް ނެތް. އަދިވެސް ވަރަށް ގިނަ މީހުން އަހަންނަށް މަޑުކޮށްގެން އެބަތިބި. އަހަރެން މީހަކު ފޮނުވާނަން. އޭނާ ސާލާރް އިސްލާމްއާބާދަށް ގެންގޮސްދޭނެ." ފުރުގާން ބުންޏެވެ.

"އެންމެ ރަނގަޅު." ސާލާރް ބުންޏެވެ.

"އެކޮޅަށް ދިއުމުގެ ކުރިން މިތަނަށް އަންނާތި." ފުރުގާން ފޯނު ބޭއްވިއެވެ.

ފުރުގަން ސައިބޮއި ނިމުނުތަނާ ސާލާރް ބަލާ ކާރު އައެވެ. އޭނާ ސާލާރް ގޮވައިގެން ފުރަތަމަ ދިޔައީ ކްލިނިކަށެވެ. މިހާރު އެތަނުގައި ތިބީ ފަންސަވީސް ނުވަތަ ތިރީސް މީހުންނެވެ. ސާލާރް ފެނުމުން ފުރްގާން އައެވެ. "ކިހާ ދުވަހެއް ވަންދެން ޕާކިސްތާނުގައި އުޅޭނަން؟" ފުރުގާން އެހިއެެވެ.

"އަދި ހަފްތާއެއް ހަައި ދުވަހު އުޅޭނަން."

"އެހެންވެއްޖެއްޔާ ދެން ދިމައެއް ނުވާނެ. އަހަންނަށް އިސްލާމްއާބާދަށް ދެވޭނީ އެއްމަސް ފަހުން. އެކަމަކު ގުޅާނަން. ކޮން އިރަކު ފުރަނީ؟"

ފުރުގާނުގެ ސުވާލަށް ޖަވަބުނުދީ ސާލާރް އެހިއެވެ. "ކީއްވެ ދިމާނުވާންވީ؟ އަހަރެން ލާހޯރަށް ހިނގައިދާނަން، ދައުވަތު ދީފިއްޔާ."

ފުރުގާންއާ ސަލާންކުރުމަށްފަހު ސާލާރް ކާރަށް އެރިއެވެ.

ފުރުގާން އާ އެހައި ގާތް ގުޅުމެއް އުފެދުނު ސަބަބެއް ސާލާރަކަށް ނޭނގެއެއެވެ. އޭގެ ހަތަރު ދުވަސްފަހުން އޭނާ ލާހޯރަށް ދިޔައެވެ. ފުރުޤާންގެ ގެއަށް އޭނާއަށް ދެވުނީ ހަވީރު ހަތަރެއް ޖެހިއިރުއެވެ. ފުރުގާން ދިރިއުޅޭ އެޕާޓްމަންޓް ހުންނަނީ ފުރަތަމަ ފަންގިފިލާގައެވެ. ރަނގަބީލު ޖަހާފައި ދޮރު ހުޅުވަންދެން އޭނާ މަޑުކުރިއެވެ. ކުޑަކުއްޖަކު ދުވަމުން އަންނަ އަޑު އިވުނެވެ. ފަސް އަހަރުގެ އަންހެން ކުއްޖަކު ދޮރުގައި ހުރި ސެކިއުރިޓީ ޗޭނުން ބޯ ދިއްކޮށްލިއެވެ.

"ކާކު ހޯދަން؟" އެކުއްޖާ އެހިއެވެ. ސާލާރް ހިނިތުންވެލިއެވެ. އެކުއްޖާ ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ.

"ބޭބެ މިއައީ ކޮއްކޮގެ ބައްޕަ ހޯދަން." އެ ކުއްޖާފުރުގާން އާ ވަރަށް ވައްތަރެވެ. އެހެންކަމުން އެއީ ފުރުގާންގެ ދަރިފުޅުކަން ސާލާރަށް ޔަގީންވިއެވެ.

"މިގަޑީގަ ބައްޕަ އެއްވެސް މީހަކާ ބައްދަލެއް ނުކުރާނެ." އެ ކުއްޖާ ބުންޏެވެ.

"ބޭބެއާ ބައްދަލުކުރާނެ." ސާލާރް އެކުއްޖާ އާއި ސަމާސާކޮށްލިއެެވެ.

"އެއީ ކީއްވެ؟"

"ބައްޕައަކީ ބޭބެގެ ރައްޓެއްސެއްވީމަ. ކޮއްކޮ ގޮސް ސާލާރްބެ އަތުވެއްޖެއޭ ބުނީމާ ބައްޕަ އައިސް ބޭބެ އާ ބައްދަލުކުރާނެ." އޭނާ ހިނިތުންވެލާފައި ބުންޏެވެ.

އެއީ އެކުއްޖާ މާގަޔާވާ ޖަވާބަކަށް ނުވިއެވެ. "ތީ ބޭބެއެއް ނޫން."

ސާލާރް ހޭން ފެށިއެވެ.

"ނުހީނ." އެކުއްޖާ ރުޅި އަތުވެއްޖެއެވެ.

ސާލާރް އެކުއްޖާއަށް ބަލާލާފައި ބުންޏެވެ. "ހާދަ ތިއްތި ހެދުމެކޭ. ވަރަށް ރީތި." އެވާހަކަ ވެސް އެކުއްޖާއަކަށް ކަމަކު ނުދިޔައެވެ.

"ބޭބެ އާއި ރުޅި." އޭނާ ޖަވާބު ދޭގޮތް ސާލާރަށް ވަރަށް ކަމުދިޔައެވެ. އެވަގުތު އެހެން މީހަކު އަންނަ އަޑުވެސް އިވެއެވެ.

"ކީއްވެ ރުޅީ؟" ސާލާރް އެހިއެވެ.

"ހަމަ ރުޅީ."

"ކޮއްކޮއަށް ކިޔަނީ ކޮން ނަމެއް؟"

ސާލާރާ ދިމާއަށް އިރުކޮޅަކު ބަލަން ހުރެފައި އެނާ ޖަވާބު ދިނެވެ. "އިމާމާ!"

ސާލާރްގެ މޫނުމަތިން ހިނިތުންވުން ފިލިއެވެ. އެވަގުތު އިމާމާގެ ފުރަގަހުން ފުރުގާން އަންނަތަން އޭނާއަށް ފެނުނެވެ.

ސާލާރް އައި އިރު ފުރުގާން ހުރީ ފެންވަރާށެވެ. ފުރުގާން އައީ ގައިން ފެންވެސް ނުހިއްކައެވެ.

"އާދޭ، ޚަބަރެއް ނުވީމަ ފެންވަރަން ވަނީ." އިމާމާ އުރާލަމުން އޭނާ ބުންޏެވެ. އިމާމާ ފުރުގާންގެ ކަންފަތް ދޮށުގައި ސިއްރުން ކޮންމެވެސް ވަހަކައެއް ބުނަން މަސައްކަރް ކުރިއެވެ.

"ސާލާރްބެއާ ދިމާވެއްޖެތަ ދަރިފުޅަށް؟" އޭނާ އެހިއެވެ.

"އަހަންނަށް ކަމުދާ މީހެއްނޫން." އިމާމާ ބުންޏެވެ.

"އެހެން ބުނާކަށް ނުވާނެ. ގެއަަށް އަންނަ މެހްމާނުންނާ އެގޮތަށް ވާހަކައެއް ނުދައްކާނެ." ފުރުގާން ވަރަށް ލޯބިން ބުންޏެވެ. އިމާމާ ބިންމަތީގަިއ ބަހައްޓަމުން ފުރުގާން ބުނެލިއެވެ. "އަވަހަށް ބޭބެއާއި ސަލާންކުރޭ." ސާލާރާއި ސަލާން ނުކޮށް އިމާމާ ދުވެފައި ގޮސް ކޮޓަރިން ނިކުތެވެ.

"މިއީ ވަރަށް ނުވާކަމެއް. ވަރަށް ރައްޓެހިވާނެ އެންމެންނާ ވެސް." ފުރުގާން ބުންޏެވެ.

"އެއީ ކިޔާ ނަމުން ވާ ގޮތެެއް." ސާލާރް ހިތަށް އެރިއެވެ. "އެކުއްޖާ ގަޔާވާ މީހަކަށް އަހަރެން ވީ ނަމަ މާ ބޮޑަށް ހައިރާންވާނެ." ސާލަރް ހިތަށް އެރިއެވެ.

ފުރުގާނާއި ސާލާރް ތިބީ ސައިމޭޒު ދޮށުގައެވެ. "ދެ ތިން ހަފްތާ ތެރޭ ފުރްގާންގެ ކްލިނިކަށް ޑޮކްޓަރަކު ހަމަޖެހޭނެ."

"ވަރަށް އުފާވެރި ޚަބަރެއް." ފުރްގާން ބުންޏެވެ.

"މި ޑޮކްޓަރު ދިރިއުޅޭނީ އެރަށުގައި."

"ވަރަށް އުފާވެއްޖެ. ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ. ތީ އަހަންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ."

"ޝުކުރު އަދާކުރުމުގެ ބޭނުމެއް ނެތް، އެރަށަށް ދިޔައިރު އަހަރެން ހިތަށްވެސް ނާރާ އެ ފެންވަރަށް ހިންގާ ޕްރޮޖެކްޓްތަކެއް ކަމަށް. ކޮންމެ ކަމެއްވެސް އެހައި ތަރުތީބު، އަހަންނަށް ވަރަށް ކަމުދިޔަ ހުރިހާ މަސއްކަތެއްވެސް. ސްކޫލަށް އެހީވާގޮތަށް މިހިރީ އަދިވެސް."

"ސާލާރް، އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެމެން މިވަގުތު އިތުރު އެހީއެއް ބޭނުމެއް ނޫނޭ. އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ފަށާ. މާ ކާމިޔާބު ކަމާއެކު ކުރެވޭނެ، އަހަރެމެންނަށް ވުރެ ސާލާރަށް މާ ފަސޭހަވެސް ވާނެ."

"އަހަރެންގެ މައްސަލައަކީ ވަގުތުގެ ދަތިކަންކަން ފުރުގާނަށް މާ ރަނގަޅަށްވެސް އެނގޭނެ. ފުރުގާން ތި ދޭ ގޮތަށް އަހަންނަށް ވަގުތު ނުދެވޭނެ. އަހަންނަށް އައިސް ޕާކިސްތާނުގައި ނޫޅެވޭނެ. ފުރްގާންގެ އާއިލާ ގޮތަށް އަހަރެންގެ އާއިލާގެ އެހީތެރިކަން އަހަންނަކަށް ނުލިބޭނެ." ސާލާރް ބުންޏެވެ.

"އެންމެ ރަނގަޅު. ތިވާހަކަ ފަހުން ދައްކަމާ. ހިނގާ އަހަންނާއެކީ. " ފުރްގާން ބުންޏެވެ.

"ކޮންތާކަށް؟"

"ދަމުން ބުނާނަން." ފުރްގާން ހިނިތުންވެފައި ބުންޏެވެ.

***

"އެތަނަށް ގޮސް އަހަރެން ކީއްކުރާނީ؟" ސާލާރް ކާރަށް އަރަމުން އެހިއެވެ.

"އަހަރެންވެސް ކުރާ ކަންތައް."

"އެއީ ކޮންކަމެއް؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.