ރީރަޖިސްޓްރޭޝަނަށް އެކާވީސް ހާހަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވޭ: އީސީ

އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީރަޖިސްޓްރީ ކުރުމަށް 21،203 ފޯމު ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

ރީރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ ރޭ 10:00 ގައެވެ. މުއްދަތު ހަމަވިއިރު ވެސް އެތައް ބަޔަކު އިންތިޚާބާބެހޭ މަރުކަޒު ކައިރީގައި ކިޔު ހަދާފައިވެއެވެ. އެހެން ކަމުން އެމީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން އީސީން ވަނީ ރޭ ދަންވަރު 2:00 އާ ހަމައަށް އެމީހުންނަށް އިންތިޚާބާ ބެހޭ މަރުކަޒަށް ވަދެވޭނެ ގޮތް ހަދައިފައެވެ.

ރީރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި ބައެއް ރަށްރަށުން ބަލައިގެންފައިވާ ފޯމުތައް އަދި ލިބިފައެއް ނުވެއެވެ. ފޯމުތައް ލިބުމުން ފޯމުތައް ބަލައި ޗެކުކުރުމަށްފަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދެތިންދުވަސް ތެރޭ ހުޅުވާލާނެ ކަމަށް އިލެކްޝަނުން ވިދާޅުވެފައިވެއެވެ.

މިފަހަރުގެ އިނތިޚާބުގައި 87 އިންތިޚާބީ ދާއިރާ ހިމެނެއެވެ. އެ ދާއިރާތަކަށް ވަނީ ހަތަރުސަތޭކައެއްހާ ކެންޑިޑޭޓުން ކުރިމަތި ލައްވައިފައެވެ. މިފަހަރުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.