ޕާޓީން ގޯސްކޮށް ކުރާ ކަންކަން ދިފާޢު ކުރާހާ ހިނދަކު ރާއްޖެ އިސްލާޙެއް ނުވާނެ: ފަޒާ އަޙުމަދު

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލައްވައިފައިވާ އަޙުމަދު މުޙައްމަދު (ފަޒާ އަޙުމަދު) އަކީ އިސްލާހީ ހަރަކާތުގައި އައްޑޫއަތޮޅުގައި ފާހަގަ ވެގެންދިޔަ ބްރޭންޑު ނަމަކެވެ. އޭނާ ވިދާޅުވާ ގޮތުގައި އިސްލާޙީ ޙަރަލާތުގައި އޭނާއަށްވުރެ ބޮޑަށް އުޅެވިފައިވާ ދެވަނަ މީހެއް ނުހުންނާނެއެވެ.

"އެމަސައްކަތް އަޅުގަނޑު ކުރީ ހަމައެކަނި ޕާޓީއަށްޓަކައެއްނޫން. އެ މަސައްކަތްކުރީ އައްޑޫގެ ޙާލަތު ބަދަލުކޮށް ރަނގަޅު ކުރުމަށްޓަކައި އައްޑޫ ރައްޔިތުންނަށްޓަކައި. އައްޑޫ ރައްޔިތުން އުޅެމުން އަންނަ ދަތި ޙާލު އަޅުގަނޑަށް އިޙުސާސް ކުރެވޭތީ،" އަޙުމަދު ވިދާޅުވިއެވެ.

އިސްލާޙީ މަސައްކަތުގައި އުޅުއްވި ދުވަސްވަރު ވިސްނިފައިވަނީ ރާއްޖޭގައި އޭރުއޮތް ވެރިކަން (ރައީސް މައުމޫނުގެ ވެރިކަން) ބަދަލުކޮށްގެންނޫނީ ތަރައްޤީއާއި ކުރިއެރުން ގެނެވެންނެތް ކަން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އިސްލާހަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް އޭނާ ތައްޔާރުވިއެވެ. އެމްޑީޕީއަށް ސޮއިވެސް ކުރިއެވެ.

އަޙުމަދަކީ ވިޔަފާރި ވެރިއެކެވެ. އެހެންވޭ އޭނާ ހުންނެވީ އެންމެން ސިޔާސީ ދާއިރާގައި އުޅެންނުޖެހޭ ކަމަށް ނިންމައިގެން އެހެން މީހުންނަށް ފުރުސަތު ދެއްވައިގެންނެވެ. "އެހެންނަމަވެސް ފާއިތުވި ބާރަވަރަކަށް އަހަރަށް ބާލާއިރު މިހާރު އިހުސާސް ކުރެވިއްޖެ އެމަސައްކަތަށް އަޅުގަނޑުވެސް ނުކުންނަން ވެއްޖެކަން. ބާރަ އަހަރުވީއިރުވެސް އަޅުގަނޑުމެން އެދުނު ތަރައްގީއެއް މިއަތޮޅަށް ނާދޭ،" އޭނާ ވިދާޅުވިއެވެ.

އަޙުމަދު ވިދާޅުވީ އިސްލާޙީ ޙަރަކާތުގައި އެންމެ ބޮޑަށް ނުކުމެ އުޅުނީ އައްޑޫ މީހުންނެވެ. އެމީހުންނަކީ އެންމެ ބޮޑަށް އަނިޔާވި މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އެހެންނަމަވެސް އައްޑޫ މިގެން އޮއްވައި އަޅުގަނޑުމެންގެ ކައިރީގައިހުރި އަތޮޅުތަކާއި ރަށްތަކަށް ވެސް ވަރަށްބޮޑަށް ތަރައްޤީ އައިސްފި. އެހެންވީމާ އަޅުގަނޑަށް އެނގިއްޖެ މިކަމަށް ނުކުންނަންޖެހިޖެކަން. އަޅުގަނޑުގެ ދާއިރާއަކީވެސް އައްޑުއަށްބަލާއިރު އެންމެ ނިކަމެތި އެއްދާއިރާ. އާބާދީއަށް ބެއްޔަސް އާސާސީ ވަރަށްގިނަ ޚިދުމަތްތަކުން މަޙުރޫމް ވެފައިވާ ދާއިރާއެއްމިއީ،" އޭނާ ވިދާޅުވިއެވެ. އަޙުމަދުގެ ނަޒަރުގައި އެދާއިރާ ތަމްސީލް ކުރުމަށް އެކި މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ވެސް ކުޑަމިނުން ދާއިރާއާ ބެހޭ ވާހަކައެއް ނުދައްކަވައެވެ.

އޭނާ މަޖިލީހަށް ކުރިމަތި ލެއްވީ މިސަބަބުތަކަށްޓަކައެވެ. ދާއިރާގެ ގިނަރައްޔިތުންގެ އެދުމަށްޓަކައެވެ. މާޒީގައި ކޮށްފައިވާ އިސްލާހީ މަސައްކަތުން ފައިދާއެއް ލިބޭތޯއެވެ. "އެހެންވީމާ އަޅުގަނޑުގެ ލަޔާގަތާއި ޤާބިލްކަންހުރި މިންވަރަކުން ދާއިރާއަށާއި އައްޑުއަށާއި މުޅި ރާއްޖެއަށް ޚިދުމަތްކޮށް ދިނުމުގެ ޢަޒުމުގައި މަޖިލީހަށް ކުރިމަތި މިލީ،" އަޙުމަދު ވިދާޅުވިއެވެ.

އަޙުމަދު ވިދާޅުވީ އެއްވެސް މީހަކަށް ކުރިމަގު ބިނާކުރަން ނޭނގޭނެ ކަމަށެވެ. އެހެންނަމަވެސް އެމީހެއްގެ މާޒީއަށް ބަލައިގެން އެމީހެއްގެ ކަންކަން އެނގިދާނެ ކަމަށެވެ. އެހެންކަމުން ހިތަދޫ އުތުރުދާއިރާއަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުދޭއިރު ފެންނަން އޮތް އެމީހެއް މާޒީއަށް ބަލާފައި ވޯޓު ދިނުމަށް އޭނާ އެދިވަޑައިގަންނަވައެވެ. "މިދާއިރާގެ ރައްޔިތުންނަށް އަޅުގަނޑަކީ ކާކުކަން އޮޅިފައެއް ނޯންނާނެ. ވިސްނުމާއި މިޒާޖާއި ޚިޔާލާއި ފުކުރާއި ރައްޔިތުންނާމެދު ބަހައްޓަވާ ގުޅުމާއި މިހުރިހާއެއްޗެއް ރައްޔިތުންނަށް އެނގޭނެ. އައްޑު ސިޓީއަށް އަޅުގަނޑުގެ ހިތުގައިއޮތް ލޯބި ވެސް އެމީހުންނަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެ،" އަޙުމަދު ވިދާޅުވިއެވެ.

މިސަބަބުތަކަށްޓަކައި 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަޙުމަދަށް ފުރުސަތު ދެއްވުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގަންނަވައެވެ. އަޙުމަދު ވިދާޅުވީ ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. އޭނާއަކީ ޙަވާލުކުރެވޭ މަސައްކަތަކަށް ނުވަތަ މަޤާމަށް ޚިޔާނާތްތެރިވާނެ ބޭފުޅެއް ނޫންކަން ދާއިރާގެ އިތުރަށް އައްޑޫގެ ރައްޔިތުން ވެސް ހެކިވާނެ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑަށް ފުރުސަތު ދެއްވައިފިނަމަ ދާއިރާގެ ރައްޔިތުންނަށް އެނގޭނެ އަޅުގަނޑަކީ މަޤާމަކަށް ޚިޔާނާތެރިވާނެ މީހެއްނޫންކަން. ވޯޓަކީ އަމާނާތެއްކަމަށް އަޅުގަނޑު ދެކޭނަން. ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް އަޅުގަނޑަށް ވީވަރަކުން މަސައްކަތްކުރާނަން،" އޭޏާ ވިދާޅުވިއެވެ.

އަޙުމަދު ޤަބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ މެމްބަރަކަށް ވަޑައިގަނެވުނަށް ދާއިރާ ތަރައްޤީއެއް ނުވާނެއެވެ. އެހެންނަމަވެސް ޙައިސިއްޔަތު ބޭނުންކޮށްގެން ރައީސަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދަންނަވައިގެން ތަރައްޤީއަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީގެ އެމްޑީޕީ ޕްރައިމަރީގައި އަޙުމަދު ވާދަކުރެއްވީ އެމްޑީޕީ ޓިކެޓު ހޯއްދެވުމަށެވެ. އެހެންނަމަވެސް ޕްރައިމަރީގައި އޭނާއަށް ކުރިމަތިލައްވަންޖެހިވަޑައިގެންނެވީ ނާކާމިޔާބާއެވެ. އޭރު އެމްޑީޕީން ވަނީ ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން ކާމިޔާބުވާ ކެންޑިޑޭޓުގެ ފަހަތަށް އަރަންޖެހޭ ކަމަށް ނިންމައި އެކަން އަންގައިފައެވެ. އެހެންނަމަވެސް އަޙުމަދު އެކަމެއް ޤަބޫލެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ ޕާޓީން ވެސް އަދި އަމިއްލަ ގެއިން ވެސް ގޯސްކޮށް ކަމެއް ކޮށްފިއްޔާ އެކަމަށް ތާއިދު ނުކުރައްވާނެ ކަމަށެވެ. "އަޅުގަނޑަކީ އަޅުގަޑު ނިސްބަތްވާ ޕާޓީން ވެސް އަދި ގެއިން ވެސް ގޯސްކޮށް ކަމެއްކުރާކަމަށްވާނަމަ އެ ގޯހަށް ތާއިދުކޮށްގެން ހުންނާނެ މީހެއްނޫން. ޕާޓީން ވެސް ކަމެއް ގޯސްކޮށް ކުރުމުން އެކަން ދިފާޢުކުރާހާ ހިނދަކު އަޅުގަނޑުމެން ބޭނުންވާ އިސްލާހެއް ނުގެނެވޭނެ،" އޭނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އިންތިޚާބުތަކަށް ފަރިތަ ޕާޓީއަކަށް ވިޔަސް މިފަހަރުގެ ޕްރައިމަރީގެ ކަންކަން ދިޔައީ ރަނގަޅަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީތެރެއިން އެކަންކަން ރަނގަޅު ކުރަން އޭނާ އެދިވަޑައިގެންނެވިއެވެ.

ބަޔަކު ގޯސްކޮށްކުރާ ކޮންމެ ކަމެއް ދިފާޢުކޮށް ކުރާހާ ކޮންމެ ކަމަކަށް އާއެނކޭ ބުނެގެން އޭނާ ނުހުންނަވާނެ ކަމަށާއި އެސަބަބާ ހެދިވެސް އޭނާއަށް ރައްޔިތުން ވޯޓުދިނުމަށް އަޙުމަދު އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.