މިހާރުވެސް އިންޒާރު ލިބޭ، ސެކިޔުރިޓީ ބޭނުން: ޢުމަރު

ފުލުހުން ދެއްވަމުންގެންދާ ސެކިޔުރިޓީ އަދިވެސް ބޭނުންވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ ސެކިޔުރިޓީ ބޭނުންވަނީ އަދިވެސް އޭނާއަށް އިންޒާރުތައް ލިބެމުންދާތީއެވެ. ޢުމަރަށް ސެކިޔުރިޓީ ދެއްވަމުން ގެންދަވާތާ މިހާރު ތިންއަހަރާ ކައިރިވަނީއެވެ. ޢުމަރަށް ދެއްވަމުންގެންދަވާ ސެކިޔުރިޓީ ކުރިއަށް ގެންދިއުމަށް އޭނާ ބޭނުންވާކަން ހާމަކުރެއްވީ ފުލުހުން އެކަން މުރާޖަޢަ ކުރަމުން ގެންދަނިކޮށްނެވެ.

ފުލުހުންގެ ސެކިޔުރިޓީގެ އިތުރަށް ޢުމަރު އަމިއްލަ ބޯޑީގާޑުން ވެސް ގެންގުޅެއެވެ. އޭނާ ހަށިފާރަވެރިން ގެންގުޅޭތާ މިހާރު 12 އަހަރު ވެއްޖެއެވެ. ފުލުހުން ދެއްވަމުން ގެންދަވާ ސެކިޔުރިޓީ މުރާޖަޢަ ކުރައްވަމުންދާތީ ޢުމަރު ވިދާޅުވީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. މުރާޖަޢަ ކުރުމަށްފަހު ކޮންމެ ގޮތަކަށް ނިންމެވިޔަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ މިކަން މުރާޖަޢަ ކުރައްވައިފައެވެ.

ޢުމަރަށް ވަނީ ކަތިވަޅިން ޙަމަލާދީ މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އެ އިންޒާރާއެކު އޭނާ ވަނީ ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހުންނެވި ދުވަސްވަރު ހަތިޔާރުއެޅި މީހަކު އޭނާގެ ބޮޑީގާޑަކަށް ހަމަޖައްސަވައި ދެއްވުން އެދި ސިޓީއެއް ފޮނުވައިފައެވެ. އެސިޓީގައި ދެވަނަ ގޮތެއްވެސް ޢުމަރު ހުށަހަޅުއްވައިފައިވެއެވެ. އެގޮތަކީ ސީދާ އޭނާގެ އަތަށް ފިސްތޯލައެއް ދިނުމެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ކޮށްދެވެންނެތް ކަމަށް ނާޒީމު ވަނީ ޢުމަރަށް ޖަވާބު ދެއްވައިފައެވެ. މިކަމަށް ޢުމަރު އެދިވަޑައިގެންނެވިއިރު އޭނާ ހުންނެވީ ހޯމް މިނިސްޓަރުގެ މަޤާމުގައެވެ.

ހަތިޔާރުއެޅި މީހަކު އޭނާގެ ބޮޑީގާޑަކަށް ހަމަޖައްސަވައި ދެއްވުން އެދި ޢުމަރު ފޮނުވި ސިއްރު ސިޓީ ވަނީ ބޭޒާރު ވެފައެވެ. އެސިޓީ ބޭޒާރު ކޮށްލީ އަޙުމަދު އަދީބު ޑިފެންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވި ދުވަސްވަރު އޭނާ ކަމަށް ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ފުލުހުން ދެއްވަމުން ގެންދަވާ ސެކިޔުރިޓީއާމެދު ފުލުހުން ގޮތެއް ނިންމާނީ އިންޓަރލިޖެންސް މަޢުލޫމާތަށް ބެލުމަށްފަހުގައި ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ފުލުހުން ވިދާޅުވެފައިވަނީ ޢުމަރަށް ސެކިއުރިޓީ ދެމުން ގެންދަވަނީ 2016 ވަނަ އަހަރު ޖުލައި 31 އިން ފެށިގެން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.