ޕީޕީއެމް ނިކަމެތިވުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އެޅޭހުރަހެއް: ޢުމަރު

ޢުމަރު ނަސީރު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއެކު

އެންމެފަހުން ރާއްޖޭގައި ވެރިކަންކުރި ޕީޕީއެމް ނިކަމެތިވެގެން ދިޔުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އެޅޭ ވަރަށްބޮޑު ހުރަހެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މިހާރު އިދިކޮޅު ޕާޓީއަކަށް ހަމައެކަނި އޮތީ އެޕާޓީ ކަމަށާއި ދެންތިބި ޕާޓީތައް ވަނީ ކޯލިޝަން ހަދައިފައި ކަމަށްވުމުން ސަރުކާރު ޒިންމާދާރު ކުރެވޭނެ ވަރުގެ އިދިކޮޅު ޕާޓީއެއް އޮތުން ވަރަށް މުހިންމު ކަމަށެވެ.

އޭނާ ވިދާޅުވީ ޕީއެމް ވަރުގަދަ ކުރުމަށްޓަކައި ޕާޓީ ރިފޯމް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ޕާޓީގެ މިހާރުގެ ލީޑަރޝިޕް އިސްތިއުފާ ދެއްވައި އައު ބަޔަކާ ޙަވާލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. "ޕީޕީއެމް ޖެހޭނީ އެމީހުންގެ ނަފްސާ ދިމާއަށް ބަލާލަން. ދުނިޔޭގެ ޤައުމު ތަކުގައި ކަންކަން ހިނގާ އުސޫލަކީ އިންތިޚާބެއްގައި ބަލިވީމާ އެޕާޓީއެއްގެ ލީޑަރޝިޕްގައި ތިބޭ މީހުން ފަހަތަށް ޖެހިފައި އައު ބަޔަކަށް ކުރިއަށް ޖެހެން ޖާގަދޭންވީ. މިސާލަކަށް މެލޭޝިޔާގައި ނަޖީބު ރައްޒާޤުގެ ޕާޓީ ބަލިވީމައި ލިޑަރޝިޕް އިސްތިއުފާ ދީފައި އެހެންބަޔަކާ ޕާޓީ ހިންގަން ޙަވާލުކުރީ. ރާއްޖޭގައި ވެސް އެހެންހަދަންވީ،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރާއްޖޭގެ އެއްވެސް ޕާޓީއަކުން އެގޮތަށް ޢަމަލުނުކުރާ ކަމަށެވެ. އެމްޑީޕީ ވެސް ދެފަހަރަށް ބަލިވީމައި ވެސް އަދިވެސް ދުލެއްނުދޭ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "ދެފަހަރަށް އެމްޑީޕީ ބަލިވީމައިވެސް ދުލެއްނުދީ އަދިވެސް އެދަނީ ހިފަމުން،" އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް ވެރިކަންކުރީ މަޖިލީހުގެ ސުޕަރމެޖޯރިޓީ ވެސް އޮވެގެންނެވެ. އެހެންނަމަވެސް ފަހުން ޕާޓީގެ އެތެރޭގައި ރެނދުލައި ޕާޓީވަނީ ބައިބައިވެފައެވެ. އެއާއެކު ވެސް މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ޕީޕީއެމް އަތުގައެވެ. ވެރިކަމަށްފަހު ވެސް އެތައް މެމްބަރުނެއް ވަނީ އެޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ސޮއިކޮށްފައެވެ. އަދި ވެސް އިތުރު މެމްބަރުން އެހެން ޕާޓީތަކަށް ސޮއިކުރާނެ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.