ޕީޕީއެމަށް ނުވަދެ މިހުރީ ޔާމީނާއި އަޅުގަނޑާ ދެމެދު ފެކްޝަން އުފެދިދާނެތީ: ޢުމަރު

ޕީޕީއެމަށް ވަމުންދާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އެޕާޓީއަށް ވަންނަން ބޭނުންވިޔަސް ނުވަދެ ހުންނަވަނީ ރައީސް ޔާމީނާއި އޭނާއާ ދެމެދު ފެކްޝަން އުފެދިދާނެތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ލީޑަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބައޮތް ޕީޕީއެމްއާމެދު. ސަބަބަކީ ޕީޕީއެމްއަކީ އެޕާޓީ އުފެއްދުމަށް އަޅުގަނޑު ވަރަށްބޮޑު ރޯލެއް ކުޅުނު ޕާޓީއެއް. ގާތްގަޑަކަށް މައުމޫން ކުޅުއްވިހާ ބޮޑުރޯލެއް ކުޅެފައިވަނީ. ޔާމީނު ވެސް ވަރަށްބޮޑު ރޯލެއް ކުޅުއްވި. އަޅުގަނޑުމެން ތިން މީހުން އެންމެބޮޑު ރޯލެއް ކުޅެފައި އޮންނާނީ ޕީޕީއެމް އުފެއްދުމަށް،" ޢުމަރު ވިދާޅުވިއެވެ.

އެހެން ކަމުން އެޕާޓީ މަގުމަތިވާން ދޫކޮށްލަން ގަސްތެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން ޕީޕީއެމަށް ވަންނަން މިހާރު ވެސް. އެކަމަކު ނުވަންނާން މިހުންނަ ސަބަބަކީ އަޅުގަނޑާއި ޔާމީނާ ދޭތެރޭގައި ފެކްޝަން އުފެދިދާނެތީ. ރައީސް ޔާމީނަކީ ލީޑަރެއް. ޕީޕީއެމް ތެރޭގައި މިހާރު އެންމެ ތާއިދުބޮޑު ބޭފުޅާ. އެހެން އޮއްވާ އަޅުގަނޑު ވެސް މިއީ ލީޑަރޝިޕަށް ފައިނަގާ މީހެއް. ރައީސުލްޖުމްހޫރިޔާ ކަމަށް އައުމުގެ ޝައުގުހުރި މީހެއް. އަޅުގަނޑަށް ތާއީދުކުރާ މީހުންވެސް ތިބޭނެ ޕީޕީއެމްގައި ވަރަށްގިނަ ޢަދަދަކަށް. އެހެންވީމާ އަޅުގަނޑު ވަދެއްޖެއްޔާ ފެކްޝަން އުފެދި ބައިބައިވެދާނެ. އެހެންވެދާނެ ކަމަށްޓަކައި ނުވަންނާން މިހުންނަނީ،" ޢުމަރު ވިދާޅުވިއެވެ.

މިހާރުވެސް ރައީސް ޢަބްދުﷲ ޔާމީނާ ނުޖެހި މަސައްކަތް ކުރެވޭނެ މާޙައުލެއް އަތުވެއްޖެއްޔާ ޕީޕީއެމްގައި ހުންނެވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ މައްސަލަތަކެއް ކޯޓުން ބަލަމުންދާތީ އެޕާޓީގެ މިހާރުގެ ލީޑަރޝިޕުން ގެންދަނީ ޕީއެންސީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ޢުމަރު ވިދާޅުވީ އެއީ ކޯޓުން އެ މައްސަލަ ނިންމަވާނެގޮތެއް ނޭނގޭތީ މިހާރުގެ ލިޑަރޝިޕުން "ބެކަޕް" އެއްގެ ގޮތުގައި ހަދާ ޕާޓީއެއް ކަމަށެވެ.

ޕީޕީއެމްލިބެން އޮތްހައި ހިނދަކު އެމީހުން އެހެންޕާޓީއަކަށް ނުދާނެ ކަމަށާއި ރައީސް ޔާމީން ވެސް އިތުރު ޕާޓީއަކަށް ސޮއި ނުކުރައްވާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. "މިހާރުގެ ލީޑަރޝިޕުން ބޭނުންނުވާނެ ޕީޕީއެމް ދޫކޮށްލަން. ކޯޓުން އެމީހުން އަތުން ޕީޕީއެމް އަތުނުލާހާ ހިނދަކު ޔާމީން ވެސް ބޭނުންފުޅުވާނީ ޕީޕީއެމް. އެމީހުން ބޭނުން ނުވާނެ އެޕާޓީ ދޫކޮށްލަން. ޕީއެންސީ އެ ހަދަނީ ޕީޕީއެމް ކޯޓުން އަތުލައިފާނެތީ،" ޢުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.