(25 އޯގަސްޓް 2016 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
މަންގްލާ ޑޭމްގައި މަސައްކަތް ކުރާ ޖެހެލަމް ސަހަރުގެ މީހުން އެތަނަށް ގެނެސް، އަނބުރައި ގެންދިއުމުގެ މަސައްކަތް ކުރަނީ ސަރުކާރުންނެވެ. އެކަމަށްޓަކައި ސަރުކާރުން ހަމަ ޖައްސައިފައި ހުންނަ ސަވާރީތަކެއް ހުރެއެވެ. އެދުވަހު ސަލްމާ، ޖަވާދާ މުޚާޠަބް ކޮށް ބުންޏެވެ. "އަޅުގަނޑުވެސް މިއަދު ޑޭމް ބަލައިލާން ދާނަން- އަޅުގަނޑު އަކްބަރްގެ ކާރު އަތުލައިފިން- އެކަމަކު ދުއްވަވަން ވާނީ ޖަވާދު-"
ޖަވާދު އުފާ ވެލައިފައި ބުންޏެވެ. "ހާދަހާ ރަނގަޅޭ- އަހަންނާ ނުލައި އެންމެ ސިކުންތެއްވެސް ހޭދަ ކުރާކަށް ބޭނުމެއް ނޫން ދޯ-؟ މަސައްކަތުގައި އުޅޭ އިރުވެސް އަހަރެންގެ ކުރިމަތީގައި ހުންނާން ބޭނުން ވަނީތާ-!"
ސަލްމާ ހިތާހިތާ ކިޔައިލިއެވެ. "ތާއަބަދު އެއް ލަވައެއް ޖަހައިގެން އަޑު އަހަން އަހަރެން މިއީ މޮޔައެއްތަ-؟" އެކަމަކު ހިނިތުން ވެލައިފައި ބުންޏެވެ. "ޖަވާދު އަޅުގަނޑު މުޅީން ދިވާނާ ކޮށްލައްވައިފީމު- އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނަމަ، ޖަވާދު މަސައްކަތު ދުރުވާ އިރުވެސް އަޅުގަނޑުދިޔައީމުސް- އެކަމަކު މަސައްތު ގަޑީގައި އުނދަގޫ ކުރުމަކީ މޮޔަ އަނބިން ކުރާ ކަމެއް-"
"ސަލްމާ އަކީ ވަރަށް ވިސްނުން ތޫނު އަތްނބެއް- އަހަރެން މަސައްކަތުގައި އުޅޭ އިރުވެސް އަބަދުވެސް ހުންނަނީ ސަލްމާގެ ހަނދާނުގައި- ދުވާލަކު ދެތިން ފަހަރު ފޯނު ކުރަނީވެސް އެހެން ވެގެން-"
"ސަރުކާރުގެ މުވައްޒަފުންގެ ދަންފަޅި އޮންނަ ގޮތަކީ އެއީއެއް ނޫންތޯ-؟ އަޅުގަނޑަށް ހީވާ ގޮތުގައި އަޅުގަނޑުމެންގެ ގައުމުގައި ޑޭމް ހުރި ވަރަށް ވުރެ މާ ގިނައިން ޑޭމް ފޫލުން އެބަ އުޅޭ-"
"އެހެންތަ-؟" ޖަވާދު އަހައިލިއެވެ. "ތިޔަ ދައްކަނީ އަހަރެންގެ ވާހަކަތަ-؟"
"އަސްތާ- ތިޔަހެން ނުބުނުއްވާ- އަޅުގަނޑަކީ ފިރިމީހާ ދެކެ އިންތިހާއަށް ލޯބިވާ އަތްނބަކީން- ފިރިމީހާޔާ ބެހޭ ގޮތުން އެކަހަލަ ވާހަކައެއް އަޅުގަނޑު ދައްކާނެތޯ-؟ އަޅުގަނޑު މި ނަންގަތީ ސަރުކާރުގެ މުވައްޒަފުންނާ މެދު ޢާއްމުން ދެކޭ ގޮތް- އެކަހަލަ ވާހަކައަކީ އެހެން މީހުނާ މެދު ދެކެވޭ ވާހަކަ- އެއީ އެމީހެއްގެ ގާތް މީހުނާ މެދު ދެކެވޭ ވާހަކައެއް ނޫން-"
އޭނާ ގެއިން ނުކުމެގެން އައިސް ކާރަށް އަރައިފިއެވެ. ޖަވާދު ކާރު އިސްޓާޓުކޮށްގެން ދުއްވައިލަމުން ބުނެލިއެވެ. "މިއީ ވަރަށް އަގު ބޮޑު ކާރެއް- އަހަރެންގެ ޅިޔަނަކީވެސް ފިސާރި ފިރިހެނެއް- އަމިއްލަ ކާރުވެސް ޅިޔަންބެއަށް ދިނީ ވިއްޔަ-"
"އޭނާ ކާރު ދިނީ ޖަވާދު ދުއްވަވަން- ޖަވާދަށް ލިބިލައްވާ އާމްދަނީން އަޅުގަނޑަށް ކާރެއް ބައްލަވައިގަތުމަކީ ކުރެއްވޭނެ ކަމެއް ނޫން- އަޅުގަނޑަށް އައިސް މި ވަދެވުނީ ދަހި ސާދާގަރުންގެ ޢާއިލާ އަކަށް- ބައްޕަ އެ ދުއްވާ ކާރަށްވެސް މިހާރު ގަރުނެއް ވެދާނެ-"
"އެއީ ދަހި ވެގެން ވާ ކަމެއް ނޫން- ބައްޕަ އަކީ ދެއްކުންތެރި ކަމުގެ މީހެއް ނޫން- ބައްޕަ ބޮޑަށް ބައްލަވާނީ ގެދޮރު ބައްލަވައި ގަނެވޭތޯ- މިހާރު ވިސްނަވަނީ ކާރުޚާނާއެއްގެ ކަންތަކާ-"
"ބޭނުމިއްޔާ ބާރަ ލައްކައިގެ މި ކާރު އަޅުގަނޑަށް ލިބިދާނެ-"
ޖަވާދު ޙައިރާން ކަމާއި، އުފާވެރިކަން އެކުލެވޭ ރާގަކަށް ސުވާލު ކޮށްލިއެވެ. "އެހެންތަ-؟ އަކްބަރް މި ކާރު ހަމަ އެކީގައި ސަލްމާއަށް ދީފާނެތަ-؟"
"ކަށަވަރެއްނޫންތޯ- އެއީ އަޅުގަނޑުގެ ކޮއްކޮ- އަޅުގަނޑު އޭނާއަށް ލޯބިން އެއްޗެއް ދިނީމާ، އޭނާވެސް އަޅުގަނޑަށް ލޯބިން އެއްޗެއް ދޭނެ-"
"ސަލްމާ ތިޔަ އުޅެނީ އަކްބަރަށް ހަދިޔާއެއް ދޭންތަ-؟"
"އަޅުގަނޑު ބޭނުން ވަނީ އޭނާގެ އެދުމެއް ފުރިހަމަ ކޮށްދޭން- އެކަމަކު ކުޑަ މައްސަލައެއް އެބަ ކުރިމަތިވޭ-"
"އެއީ ކޮން ކަމެއް-؟"
"އޭނާ ބޭނުން ވަނީ މީހަކާ އިންނަން-"
ޖަވާދު ސަލްމާއާ ދިމާއަށް ބަލައިލިއެވެ. "ސަލްމާ އާއި ސަލްމާގެ ޢާއިލާގެ އެންމެން އަހަންނަށް ސިއްރުކޮށްގެން އުޅުނު ކަމުގައި ވިޔަސް، އަކްބަރުގެ އަނބިދަރިން ތިބޭކަން އަހަންނަށް އޮތީ އެނގިފައި-"
ސަލްމާ ރުޅި އަންނަ ގޮތް ދައްކައިލިއެވެ. "އެއީ އެވަރުގެ ކަމެއްތޯ-؟ އަޅުގަނޑުގެ ކޮއްކޮ ބޮޑު ފާފައެއް ކުރީތޯ-؟ މީހަކާ އިނދެގެން އުޅުމާ ދަރިން ހޯދުމަކީ ކުށެއްތޯ-؟"
"ރުޅި ނާދޭ- ސަލްމާ ރުޅި އައީމާ އަހަންނަށް ހީވަނީ އަހަރެންގެ އަތުން އަގު ބޮޑު އެއްޗެއް ބީވެގެން ދަނީހެން-"
"ޖަވާދު އަޅުގަނޑު ބދެކެ އެހައި ބޮޑަށް ލޯބިވެސް ވެލައްވާ- އެކަމަކު އަޑުވެސް ލައްވަމު-"
"އަޑު ލީއެއް ނޫން- ޝަކުވާއެއް ކުރީ- އަހަރެން މިހިރީ ސަލްމާއަށް ޓަކައި ގުރުބާން ވާންވެސް ތައްޔާރަށް- އެހެންވީމާ ތިޔަ ގޭގެ ވާހަކަތައް އަހަންނަށް ސިއްރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން-"
"ސިއްރު ކުރުމުގެ ގަސްތެއް އޮތީއެއް ނޫން- އެ ވާހަކަ ދައްކަން އަޅުގަނޑުމެން ލަދު ގަންނާތީ ސިއްރު ކުރެވުނީ-"
"ލަދު ގަންނަ ސަބަބެއް ނިކަން ބުނެދީބަލަ-"
"އަޅުގަނޑު ދައްކާ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނުއްވަން ހުވައި ކުރައްވާ- މަންމައަށްވެސް، ބައްޕައަށްވެސް، ފީރޯޒާއަށްވެސް އަންގަވައިގެން ނުވާނެ-"
"އެންމެ ރަނގަޅު އަހަރެން ﷲ ގަންދީ ހުވައި ކުރަން- އަހަރެން ފުރާނަ ފަދައިން ލޯބިވާ ސަލްމާ ރާނީ އަހަންނަށް ކުރާ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރާނަން- އަހަރެންގެ ނިޔަތް ނުބައި ކަމަށް ވަންޏާ ކާރު މުޑި އަރައިގެން އަހަރެން މި ވަގުތު މަރު ވިޔަސް އެންމެ ރަނގަޅު-"
"ތިޔަ ކަހަލަ މޮޔަ ވާހަކަ ނުދައްކަވާ- ކާރުގައި އަޅުގަނޑުވެސް އެބަ އިނީމެއް ނޫންތޯ-؟ މުޑި އަރައިފިއްޔާ އަޅުގަނޑުވެސް މަރު ވާނެއެއް ނޫންތޯ-؟ ކާރު ހުއްޓަވައިލައްވާ-"
ޖަވާދު ވަގުތުން އެ އަމުރަށް ކިޔަމަން ވެއްޖެއެވެ. ކާރު ހުއްޓައިފިއެވެ. "ކިހިނެއްވީ-؟"
"އެއްޗަކާ މުޑި ނޭރީތީ ﷲ އަށް ޝުކުރު ކުރަން- ދެންމެ ދެއްކެވި ވާހަކަ އަނބުރައި ގެންދަވާފައި ކާރު އިސްޓާޓު ކުރައްވާ-"
"އެންމެ ރަނގަޅު އަހަރެން ﷲ ގަންދީ..."
"ޖަވާދު ތިޔަ ހުންނެވީ ކޯޓެއްގައިތޯ-؟ އިރުއިރުކޮޅާ ﷲ ގަންދީއޭ ބުނުއްވަނީ ކީއްކުރައްވަންތޯ-؟ ސާފޫ ސީދާ ބަހުން ވާހަކަ އަނބުރައި ގެންދަވާ- ﷲ ގެ ޙަޟުރަތުން މަޢާފަށް އެދިލައްވާ-"
"އެންމެ ރަނގަޅު- މީގެ ފަހުން އެކަހަލަ ސުންޕާ ވާހަކައެއް ނުދައްކާނަން- ﷲ ގެ ޙަޟްރަތުން މަޢާފަށް އެދެން- އަހަރެންގެ ފުރާނަ ﷲ ސަލާމަތް ކޮށްދެއްވާށި-"
"އަހަރެންގެއޭތޯ-؟ އަޅުގަނޑުގެ ފުރާނަ ދިޔަޔަސް އެންމެ ރަނގަޅުތޯ-؟"
ޖަވާދު އަވަސް އަވަހަށް ބުނެލިއެވެ. "ސަލްމާ ރާނީގެ ފުރާނަވެސް ސަލާމަތް ކޮށް ދެއްވާށި- އާމީން-"
"ދެން ކާރު އިސްޓާޓު ކުރައްވާ-"
ޖަވާދު ކާރު ދުއްވައިލަމުން ސުވާލު ކޮށްލިއެވެ. "މަރު ދެކެ ސަލްމާ އެހައި ބޮޑަށް ބިރު ގަންނަނީ ކީއް ވެގެން-؟"
"ނޭނގެ- މަރުގެ ވާހަކަ މީހަކު ދެއްކުމާއެކު ކަށްވަޅުގެ އަނދިރިކަމާއި، މުޅަ މަސްކާ ފަނި ފަކުސައިގެ މަތީން ހަނދާން ވަނީ-" ސަލްމާ ރޯން ފަށައިފިއެވެ.
"ކިހިނެއްވީ-؟ ރޮނީ ކީއްވެގެން-؟"
(ނުނިމޭ)