(1 ޖޫން 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ފީރޯޒާ- ނިކަން އުޑުމައްޗަށް ބަލައިލަބަލަ- އެ އޮތީ ވާރޭ ވެހިގަންނާން ތައްޔާރަށް-"
ވެހުނަދީ- އަހަރެން ހައްދަވައިފައިވަނީ ލޮނަކުންނެއް ނޫން- އެހެންނަމަތާ ވިރިގެން ދާނީ- އަކްބަރަކީ އަރިދަފުސް އަޅާ މީހެއް ނޫނެއްނު-؟ ހެސްކިޔައިފައި ވާރޭ ވެހެނިކޮށް އަހަރެންގެ ކޮޓަރިއަށް ވަންނަން އައީ ކިތައް ރޭ-؟"
އޭނާ ދައްކާ ކޮންމެ ވާހަކައަކަށް ދޭނޭ ރަނގަޅު ޖަވާބެއް ފީރޯޒާއަށް އެބަ އެނގެއެވެ. އޭނާ ޑްރައިވަރު ގާތު ބުންޏެވެ. "އަހަރެމެން ދާނީ ހިނގާފައި- އަހަރެމެންގެ ފަހަތުން މަޑުމަޑުން ކާރުގައި އާދޭ-"
މިހެން ބުނެފައި އޭނާ ހިނގައިގެންފިއެވެ. ފީރޯޒާ ފަހަތުން ހިނގައިގަންނަމުން ބުންޏެވެ. "އާދަމުގެ ދަރިންނަކީ އަބަދުވެސް އެމީހުންގެ ފާފަތައް ފަހަތަށް ދޫކޮށްފައި ކުރި އަރަން މަސައްކަތް ކުރާ ބައެއް-"
އަކްބަރު ހިނގުން މަޑުކޮށްލިއެވެ. އަދި ފީރޯޒާއާ އެއްވަރެއްގައި ހުރެގެން ހިނގަން ފަށައިފިއެވެ. "ޗާދަރި ހެއުކޮށްލަބަލަ- ﷲ އަށްޓަކައި ތިޔަ ބަނޑު ފޮރުވައިގެން ހިނގާ-"
"އަމިއްލައަށް ފުފެމުން އަންނަ އެއްޗެއް ފޮރުވަނީ ކީއްކުރަން-؟"
"އެކަމަކުވެސް އިޝްތިހާރު ކުރަމުން ހިނގާނެ ކަމެއް ނެތެއްނު-؟"
"އަހަރެން ފުރަތަމަ އުޅުނީ ފޮރުވަން- ދޫ ހެދުންވެސް ލައި އުޅުނިން- އެކަމަކު ކުލީ އަންހެނުން އަހަރެން ބޭޒާރު ކުރަމުން ހިނގަން ފެށީ- އަވަށުގެ އަންހެނުންގެ ފޮށުމާއެކީ ދިރިއުޅޭތާ އެތައް ދުވަހެއް ވެއްޖެ- ކެތްވެސް ކުރިން- އެކަމަކު މިއަދު އަކްބަރުގެ ގޭންގުގެ މީހުން ތަންކޮޅެއް ބޮޑުވަރު ކޮށްލީ-"
"ވިޔާނުދާ ވާހަކަ ނުދައްކާ- އެއީ އަހަރެންގެ ބައެއް ނޫން-"
ފީރޯޒާ ހަރުކަށިކަމާއެކު ބުނެލިއެވެ. "ދޮގު ނުހަދާ- އަހަރެން އަކްބަރުހައި ވިޔާނުދާ، ހަޔާތްކުޑަ މީހަކު ދުވަހަކުވެސް ނުދެކެން-"
އަކްބަރު ހާސް ވެއްޖެއެވެ. "މަޑުމަޑުން ވާހަކަ ދައްލާ- މީހުން އެބަ ބަލާ- ބައެއް މީހުން ހުއްޓިގެން ތިބެ އެބަ ބަލާ-"
"އަހަރެން މަގުމަތީގައި އުޅޭއިރު ކުރިމަތި ލާން ޖެހޭ ލަދުވެތިކަން އަކްބަރަށް އިހުސާސް ކުރެވޭނީ މިކަހަލަ ގޮތަކަށް-"
އެ ވަގުތު ވާރޭ ވެހިގެންފިއެވެ. ހުއްޓި، ބަލަހައްޓައިގެން ތިބި މީހުން ހިޔަލަކަށް ވަންނާން ހިނގައިގެންފިއެވެ. "ތެމޭކަށް ނުވާނެ- ކާރަށް އަރަމާ ހިނގާ-"
"ހިނގާފައި ކުރިއަށް ދޭ- އަކްބަރާ އެކީ ހާމަ އުޑުދަށުގައި ތެމިލާނެ ފުރުސަތެއް އަދި ނުލިބޭ- މޫސުމުގެ އުފާ ލިބިގަނޭ- މިހާރު އަހަރެންގެ ކުރިމަތީގައި ފެންނަނީ ފިލްމުތަކުގައި ބަޠަލާއި ބަޠަލާއާ ދެމީހުން ތެމިގެން ލަވަ ކިޔާތަން-"
އަކްބަރު ކެތްކޮށްގެން ތެމެމުން، ހިނގަމުން ދިޔައެވެ. ތެމުމުގެ ސަބަބުން ފީރޯޒާގެ ހެދުން ހަށިގަނޑުގައި ތަތް ލައިފިއެވެ. އެހެންވީމާ އިހަށްވުރެ މާ ފާޅުކޮށް ބަނޑު ފެންނާން ފަށައިފިއެވެ. އަކްބަރު ބުނެލިއެވެ. "ފީރޯޒާ- އަހަރެން ދުވަހަކުވެސް ފީރޯޒާގެ ހެޔޮކަން ހަނދާން ނައްތައެއް ނުލާނަން- ތިޔަ ބަނޑު ފޮރުވާ-"
"ބަނޑު ނުފޮރުވަން އަހަރެން މިހިރީ ހުވައި ކޮށްގެން- މި ބަނޑު އިޝްތިހާރު ބޯޑެއްހެން ހުރެގެން އަކްބަރާ އެކީ ދާނެ-"
އަކްބަރު އާދޭސް ކުރިއެވެ. "ﷲ އަށްޓަކައި- ފީރޯޒާ- މި އަޒާބުން އަހަރެން ސަލާމަތްވާނޭ ގޮތެއް ހަދައިދީ-"
"އަކްބަރުގެ ބައްޕަޔާއި އާއިލާގެ ބޮޑުންގެ ހާޒިރުގައި ވަރަށް ފުރިހަމަ މުޢާހަދާއެއް ހެދިން- އެ މުޢާހަދާގައި އޮތީ އަހަރެމެންގެ ކާވެނި ކުރެވެންދެން އަކްބަރަށް ހަމަޖެހިގެން އުޅެވޭނޭ މަގު ދައްކާފައި- އެކަން ބަދަލު ވެގެން މި ދިޔައީ އަކްބަރުގެ ގޮތްކުޑަ ކަމުން- މިއަދު އަކްބަރު ކަނޑިއެއްގެ މިޔަމަތީގައި ހުރެގެން ލޯބި ސާބިތު ކުރަން އުޅުނަސް އަހަރެން ވާ ވައްދައެއް ނުލެވޭނެ- އެއްވެސް ލުޔެއް ދޭކަށް އެއްބަހެއް ނުވާނަން-"
އޭނާ އަނގަޔަކުން ނުބުންޏެވެ. ހިތާހިތުން އަމިއްލަ ނަފުސަށް މަލާމާތް ކުރަން ފަށައިފިއެވެ. ހިތަށް އެރިއެވެ. އަހަރެން އޭނާގެ މަންމަ މަރައިލީ ހަމަ މިކަހަލަ ވިއްސާރަގަނޑެއްގެ ތެރޭގައެވެ. އެކަމަކު މި ސުންޕާ އަންހެންމީހާގެ ފުށަކުން އަހަންނަކަށް ސަލާމަތެއް ނުވެވުނެވެ. ވާރޭ ވެހެމުން ދަނީއެވެ. ގުގުރަނީއެވެ. އޭނާގެ ގަޔަކަށް ހޮނެއް ނޭޅިއެވެ.
ހިނގާތާ އެތައް އިރެއް ފަހުން ފީރޯޒާގެ ގެއާ ހަމައަށް ދެވިއްޖެއެވެ. ގޭގެ ދޮރުމަތީގައި ހުރެފައި އަކްބަރު ބުންޏެވެ. "އަހަރެން ދަނީ- ގަޑިއެއްހައި އިރުގެ ތެރޭގައި ގެންދަަން ބޭނުންވާ އެއްޗެހި ދަބަހަކަށް ލައި ތައްޔާރުވޭ- އަހަރެން ފީރޯޒާ ބަލައި އަންނާނަން-"
"ސަލާމަތުން ގޮސްފައި، ސަލާމަތުން އާދޭ-"
އަކްބަރު ގެއަށް އަތުވެއްޖެއެވެ. ވާރޭގައި ތެމިގެން ގިނަ އިރު ވާންދެން ހުރުމުގެ ސަބަބުން ސިކުނޑިވެސް ހުރީ ފިނިވެފައެވެ. އެހެންވީމާ ވިސްނެންވެސް ފަށައިފިއެވެ. އޭނާގެ ހިތަށް އެރިއެވެ. ފީރޯޒާއާއެކު ސުލްހައިގައި ރީތިކޮށް އުޅެން ވީއެވެ. ކުރިން ރުޅި އައިސްފައި ހުރި ވަރުން އޭނާއަށް ނުވިސްނުނީއެވެ. ދުޝްމަނަކާ އެކީގައި ދުވަސްކޮޅަކު އުޅެލީމާ އެމީހެއްގެ ބަލިފައި ދެނެގަނެވޭނެއެވެ. ފީރޯޒާގެ ކިބައިން ސަލާމަތް ވާނޭ އަލި މަގެއް ފެނުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންވީމާ ކައިރީގައި އުޅެންވީއެވެ.
ރާވާ މީހަކު ކޮންމެ ގޮތަކަށް ރޭވިޔަސް ކަމެއް ކުރެވޭނީ ތަގުދީރުން އެ ކަމަކަށް މަގެއް ދެއްކިއްޔާއެވެ. ވިހާ ދުވަސް ކައިރިވީމާ ފީރޯޒާ ބަލި ވުމަކީވެސް އެކަށިގެންވާ ކަމެކެވެ. އެކަހަލަ ގޮތެއް މެދުވެރި ވެއްޖެއްޔާ އެކަމުގެ ފައިދާ ލިބިގަނެވިދާނެއެވެ. ބަލީގެ ބޭހުގެ ތެރެއިން ކުޅިގަނޑެއް ކުޅެވިދާނެއެވެ. އެކަމަކު ބަނޑަށް ހަތް މަސް ވީއިރުވެސް ފީރޯޒާގެ ކިބަޔަކުން ބަލީގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ބަދު ދުޢާގެ އަސަރެއްވެސް އޭނާއަކަށް ނުކުރެއެވެ. ތަގުދީރުގެ ހެޔޮކަން އޮތީ އޭނާގެ ކޮޅަށް ބުރަވެފައެވެ.
ބޯކޮށް ވާރޭ ވެހެނީއެވެ. ރޭޑިއޯ އާއި ޓީވީން އަންނަނީ އެއް ޚަބަރެކެވެ. އޭބަޓްއާބާދާއި، ކާލާބާޢާއި، ނީލަމްގެ ވާދީއަށް ވަރަށް ބޯކޮށް ވާރޭ ވެހޭ ޚަބަރެވެ. ފަންސާހަށް ވުރެ ގިން މީހުން މަރު ވެއްޖެއެވެ. ކަޝްމީރުގެ ފަރުބަދަތަކުގެ މަތީން ފައިވާ ފެން ރާވަލްޕިންޑީއާއި ޖެހެލަމްއަށް ސައިލު ދެމިގެން އަންނަނީއެވެ.
ޖެހެލަމްގެ މީހުންނަށް އެ މަންޒަރުތައް ޓީވީން ފެނެއެވެ. އަދި ބޭރަށް ނުކުމެ އުޅޭ މީހުންނަށް ރަށުގެ ހާލަތު އެނގެއެވެ. ލަފާ ކުރެވޭ ގޮތުގައި ޖެހެލަމް ކޯރު ފުރިގެން ބަނޑުން ވުމަކީ ދުރުކަމެއް ނޫނެވެ. މިއީ މީހުންގެ ވިސްނުން ހުރި ގޮތެވެ. އެ ވިސްނުން ބުނާ ވެފައި އޮތީ މާޒީއަށެވެ. މި ކަހަލަ ގޮތަކަށް ވާރޭ ވެހި ޠޫފާން އަންނަ ދުވަސްވަރު ކަންތައް ވެގެންދާ ގޮތުގެ މައްޗަށެވެ.
އަކްބަރު އަނބުރި ފީރޯޒާގެ ގެއަށް އައިސް ބުންޏެވެ. "މި ހިސާބަކަށް މިހާރަކު ވާރެއެއް ނުވެހޭ- މޫސުން ވަރަށް ހިތް ފަސޭހަ- ބޭރަށް ނުކުމެލަން ވަރަށް ރަނގަޅު ވާނެ-"
ފީރޯޒާ ބުންޏެވެ. "ރަނގަޅު ޚިޔާލެއް- ބޭރުގެ ތާޒާ ވައިގައި ޖެހިލަން ރަނގަޅު ވާނެ- އަހަރެން ހެދުން ބަދަލު ކޮށްގެން އަންނާނަން-"
ފީރޯޒާ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. އެ ވަގުތު ފޯނު ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ ފޯނު ނަގައިފިއެވެ. "ހަލޯ-"
އެކޮޅުން އިވުނީ ޖަވާދުގެ އަޑެވެ. "ކާކު-؟ އަކްބަރުތަ-؟"
(ނުނިމޭ)