(8 އޯގަސްޓް 2016 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާ އިންކާރެއް ނުކުރެއެވެ. އަދި އެއްބަހެއްވެސް ނުމެ ވޭމެއެވެ. ހިމޭނުން އިރުކޮޅަކު އިނދެފައި ފޯނު ބާއްވައިފިއެވެ. ހިމޭން ކަމަކީ ދެބައިކުޅަ އެއް ބަޔަށް އެއްބަސްވުމެއް ނޫނެވެ. ހިމޭނުން ހުރުމުގެ ސަބަބުން ބޮޑެތި ޤަޟިއްޔާތައް އެތައް ދުވަހަކަށް ލަސް ވެފައި އެބަހުއްޓެވެ. އަކްބަރް ޢަލީގެ ޤަޟިއްޔާ އަކީ ދުނިޔޭގެ އެންމެ ބޮޑެތި ޤަޟިއްޔާތަކަށް ވުރެވެސް ބޮޑު ޤަޟިއްޔާ އެކެވެ. އެއީ ރީތި ޒުވާނެކެވެ. ހެދިހުރި، ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. ތަނަވަސް މޭމައްޗެއްގެ ވެރިއެކެވެ. އޭނާގެ މޭމަތީގައި ބޯ އަޅައިލުމުގެ ޚިޔާލު ކުރެވުމާއެކު ގައިން ހީބިހި ނަގައިގެން ދެއެވެ. ފީރޯޒާގެ ހިތަށް އެރިއެވެ. އެހެން ވެގެން ނުވާނެއެވެ. އެއީ ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް މަޑު މަޑުން އަކްބަރާ ދިމާއަށް ލެނބެމުންދާ ކަން އެއީ ޙަޤީޤަތެކެވެ.
އޭނާގެ ރަޙްމަތްތެރި ކުއްޖަކު ވަނީ މީހަކާ އިނދެގެން އުޅޭ މީހަކާ ވަރަށް ފަހުން އިނދެފައެވެ. އިވޭ ގޮތުގައި އެ ދެމީހުން ވަރަށް އުފާވެރި ޙަޔާތެއް ވޭތު ކުރަމުން އެބަ ގެންދެއެވެ. ސެކަންޑް ހޭންޑް ފިރިހެނުންނާ ހެދި މޮޔަ ވެފައި ތިބޭ އަންހެނުން އޭނާއަށް ވަރަށް ގިނައިން ފެނެއެވެ. މުސްކުޅި އަންހެނުން ޙައިރާން ވެފައި ބުނެއެވެ. "މި ޒަމާނުގެ އަންހެނުން ކުދިންނަށް މިވަނީ ކީއްބާ-؟ މީހުނާ އިނދެގެން އުޅޭ ޅަދަރި ބަފައިންގެ ފުށުން މި މީހުންނަށް ފެންނަނީ ކޮން އެއްޗެއްބާ-؟ މިއޮތް ބޮޑު ޤައުމުގައި ހުސްހަށިބައި ފިރިހެނުން ހަމަ ނެތީބާ-؟"
މި ޤައުމުގެ ވާހަކަ ދައްކަނީ ކީއް ކުރަން ހެއްޔެވެ؟ ދުނިޔޭގެ އެތަން މިތާނގައި ހުސްހަށިބައި ފިރިހެނުން ވަރަށް ގިނައިން އެބަ އުޅެއެވެ. އެކަމަކު ދުނިޔެއަށް ސުންޕާ ވައި ރޯޅިއެއްގެ އަސަރު ކުރީކަން ނޭނގެއެވެ. މި ކުދިން ހުސްހަށިބައި މީހުންގެ ފަހަތަކުން ދުވެއެއް ނަހަދައެވެ. ފީރޯޒާގެ ވިސްނުންވެސް ކުރީން ހުރީ އެފަދަ މީހުންނާ ކައިރި ނުވާ ކަހަލަ ގޮތަކަށެވެ. މީހެއްގެ ފިރިއަކާ ހިތާވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ހިތާއި ސިކުނޑީގެ ބަލިމަޑު ކަމެކެވެ. އެހެން މީހެއްގެ ފިރިއަކަށް އެދި އަތް ދިއް ކުރުމަކީ ލަގަނެއް ނެތް އެދުމެއްގެ ތެރެއަށް ވަދެގަތުމެކެވެ. އެހެންނަމަވެސް އަޚްލާޤީ ބަލިކަށިކަމާ ހެދި، މި އުޅެވެނީ އެހެން މީހެއްގެ ނުވަތަ އެހެން ބައެއްގެ ޙައްޤަކަށް އަރައިގަންނާން ކަމެއް ހަނދާނެއް ނުހުރެއެވެ.
ފީރޯޒާއަށް އެންމެ ފުރަތަމަ އަކްބަރް ޢަލީ ފެނުނީ އޭނާގެ ދައްތަޔާއި، ފީރޯޒާގެ ބޭބެ ޖަވާދު ޙުސައިނާ ދެމީހުންގެ ކާވެނީގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އޭނާގެ މޫނުމަތީން ފެންނާން ހުރީ އަޖައިބެއް ފަދަ ފިރިހެންވަންތަ ކަމެއްގެ އަސަރެވެ. ފެނުނީމާ ކޮންމެވެސް ކަހަލަ ގޮތެއް ވެއެވެ. އެއީ ކޮން ކަހަލަ ގޮތެއް ހެއްޔެވެ؟ މި ސުވާލަށް ޖަވާބެއް ހޯދުމުގެ ގޮތުން އޭނާ އިރުއިރުކޮޅާ އަކްބަރްގެ މޫނަށް ސިއްރު ސިއްރުން ބަލައިލައެވެ. ބައެއް ކަހަލަ ކަންކަމަކީ އެނގިފައިމެ، ނޭނގޭ ކަންކަމެވެ. ނޭނގުނީމާ ހިތަށް ނުތަނަވަސްކަން ވެރިވެއެވެ. މިއީ އެފަދަ ކަމެކެވެ.
ދެމީހުންގެ ހަތަރުކަޅި ބައްދަލު ވަމުން، އިސް ޖެހެމުން، މިކަހަލަ ގޮތަކަށް އޮވެގެން ދަނީއެވެ. އެއް ދުވަހަކު އަކްބަރް ސަލްމާ ދައްތަޔާ ބައްދަލު ކުރާން އެގެއަށް އައިސް އުޅުމުގެ ތެރޭގައި، އެކަނިވީ ވަގުތު ބަލާފައި އޭނާޔާ ދިމާއަށް ބުނެލިއެވެ. "ފީރޯޒާ ބަލާ ގޮތުން ބައެއް ފަހަރު ވަރަށް ފުން މާނައެއް ދޭހަވޭ- ބައެއް ފަހަރު އެއްވެސް މާނައެއް ދޭހައެއް ނުވޭ- އޮޅުން އަރާ ގޮތަށް ނުބަލާތި-"
އޭނާ ހިނިތުން ވެލާފައި ދުވެފައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އޭރު ސަލްމާ ދައްތަ ކޮންމެވެސް އެއްޗެއް ކައްކަން އުޅެއެވެ. ދައްތަ ސުވާލު ކޮށްލިއެވެ. "ފީރޯޒާގެ ފަހަތުން ފުލުހުން އަންނަނީތަ-؟"
އޭނާ މާނޭވާ ލަމުން ބުނެލިއެވެ. "އަކްބަރަކީ ވަރަށް ފާޑެއްގެ މީހެއް-"
ފަހަރި ހިނިތުން ވެލިއެވެ. "އެއީ ކޮން ފާޑެއް-؟"
"ފަހަރި... އެކަން މަނާ ކުރޭ..."
"ކޮން ކަމެއް-؟"
"ބުނޭ އެކަހަލަ ވާހަކަ ނުދައްކާށޭ..."
"އެކަހަލަ ވާހަކައަކީ ކޮބައިތަ-؟"
"ނުބުނާނަން- ފަހަރިވެސް ތިޔަ އުޅެނީ އަހަންނާ ދިމާ ކުރަން-"
"އެހެންތަ-؟ ފަހަރިވެސް... މާނައަކީ އަކްބަރްވެސް ދިމާ ކުރަނީއޭތަ-؟"
ލަދިން އިސް ޖަހައިލުމަށް ފަހު އެތަނުން ދާން އޭނާ އުޅުނެވެ. އެހެން ނަމަވެސް ސަލްމާ އޭނާގެ އަތުގައި ހިފައިފައި ބުނެލިއެވެ. "އޮނަކީ ފުމެން ހުންނަ އެއްޗެއް- އަހަރެންގެ ކޮއްކޮއަށް އެ ޙައްޤު ދޭންވީނު-؟"
އޭނާ އަތް ފޮޅުވައިލާފައި ދުވެފައި ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. ސަލްމާ ވިސްނާން ފަށައިފިއެވެ. "ކޮއްކޮގެ ހިތުގައި ފީރޯޒާގެ ނަން ހަރުލީތާއެވެ؟ ކޮއްކޮގެ ނިޔަތަކީ ކޮބައި ބާވައެވެ؟ އެ އުޅެނީ އިންނާން ބާވައެވެ؟ ނުވަތަ ފޫހި ފިލުވައިލާން ބާވައެވެ؟ މުއްސަނދީންގެ ހިތަށް އެންމެ ފުރަތަމަ ވަންން ޚިޔާލަކީ ފޫހި ފިލުވައި ލުމާއި، މަޖާ ކޮށްލުމުގެ ޚިޔާލެވެ. ކޮއްކޮ އެ އުޅެނީ މީހަކާ އިނދެގެންނެވެ. ކޮއްކޮގެ ޚިޔާލު ހުރީ އެހެން ކަމަށް ވާ ނަމަ، މި ކަންތައް ކުރިއަށް ދިޔަ ދީގެން ނުވާނެއެވެ. އަހަރެންގެ ފަހަރިއަށް ދެރައެއް ލިބިގެން ނުވާނެއެވެ. އެފަދަ ދެރައެއް ލިބިއްޖެ ނަމަ އަހަރެންގެ ދުވަސްވެސް ދާނެއެވެ."
ވިސްނަން އިނދެފައި ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. ކަމެއް ހަނދާން ވީމައެވެ. އޮނަކީ ފުމެން ހުންނަ އެއްޗެކޭ، ކޮއްކޮއަށް އެ ޙައްޤު ދޭށޭ ފީރޯޒާ ގާތު ބުނެވުނީ ހަމަ ދެންމެ އެވެ. އޭނާ މިހާރު އެ އުޅެނީ އަމިއްލަ ގޭގައި ނޫން ކަމާއި، ފިރިމީހާގެ ގޭގައި ކަމާއި، މިހާރު ފިރިމީހާގެ ޢައިލާ އާ މެދު ވިސްނަން ވާނެކަން އޭނާގެ ހަނދާނުން އިރުކޮޅަކަށް ކެހިގެން ދިޔައީއެވެ. އޭނާގެ ބައްޕައާއި ކޮއްކޮގެ މިޒާޖާއި، އާދަ ހުންނަ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެއް ފަހަރަކު އޭނާގެ ރައްޓެހި އަންހެން ކުއްޖަކު ބައްޕަ ގެއަށް ދިޔައީމާ، ކޮއްކޮ އެ ކުއްޖާޔާ ގުޅެންވެސް މަސައްކަތް ކުރިއެވެ. އެ ދުވަހުވެސް އޭނާ ބުނީ ހަމަ އެހެންނެވެ. އޮނަކީ ފުމެން ހުންނަ އެއްޗެކެވެ. އަހަރެންގެ ކޮއްކޮއަށް އެ ފުރުސަތު ދޭށެވެ.
އޭނާ ބާރަށް ހިނގާފައި ގޮސް ބަދިގެއިން ނުކުމެއްޖެއެވެ. ފަހަރިއަށް އެކަހަލަ ގެއްލުންދެނިވި ނަސޭހަތް ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ގެއްލުން ލިބޭނީ އޭނާއަށެވެ. އޭނާ ނިދާ ކޮޓަރީގެ ދޮރު މައްޗަށް ގޮސް ހުއްޓިއްޖެއެވެ. އޭރު އޭނާގެ ފިރިމީހާ ޖަވާދު ޙުސައިނާއި، ކޮއްކޮ އަކްބަރް ޢަލީއާ ދެމީހުން ކޮޓަރި ތެރޭގައި ވާހަކަ ދައްކަން ތިއްބެވެ.
ޖަވާދު ޙުސައިނާއި، ފީރޯޒާގެ ބައްޕަ ޗައުދަރީ ޢިނާޔަތު ޙުސައިނަކީވެސް މުދައުވެރިއެކެވެ. އެކަމަކު އަކްބަރް ޢަލީ އާއި ސަލްމާގެ ބައްޕަ ޤާސިމް ޢަލީހައި ބޮޑު މުދައުވެރިއެއް ނޫނެވެ. މި ދެ ޢާއިލާއަކީ މުދަލާއި ބިމުގެ ގޮތުން ބޮޑު ތަފާތެއް ހުރި ކަމުގައި ވިޔަސް ފައިސާވެރި ކަމުގެ ގޮތުން ކައިރިކައިރީގައި ވާދަ ކުރެވޭވަރުގެ ދެ ޢާއިލާއެވެ. ޢިނާޔަތު ޙުސައިނަކީ ފައިސަލް އާބާދުން އެ ރަށަށް އަންނަ ދަނޑުވެރިކަމާ ބެހޭ ގިނަ އާލާތުގެ ޑީލަރުކަން ކުރާ ވިޔަފާރިވެރިއެކެވެ. ދަރިފުޅު ޖަވާދު ޙުސައިނަކީ މަންގްލާ ޑޭމް ގައި އެސިސްޓަންޓް އިންޖިނިއަރެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. އޭނާއަކީ ކަމަށް އެކަށޭނަ ފެންވަރު ހުރި، ކުޅަދާނަ މީހަކަށް ވާތީ އޭނާގެ މަތިން ތިބޭ ބޮޑެތި އޮފްސަރުންވެސް ދެކެނީ އޭނާޔާ ބައްދަލުވެ ވާހަކަ ދައްކައިލުމަކީ ލިބޭ ޝަރަފެއް ކަމުގައެވެ.
ދެ ޅިޔަނުން ވާހަކަ ދެއްކި ވާހަކައަކާ ގުޅިގެން ހޭން ތިއްބާ އަނބިމީހާ ފެނިފައި ހުނުން ހުއްޓައިލައިފިއެވެ. އަދި ސިފައިންގެ މަތީ މީހަކު ފެނުނީމާ އާދައިގެ މީހަކު ފުންމައިގެން ތެދުވާހެން ތެދުވެފައި ބުނެލިއެވެ. "ސަލްމާ ރާނީ- ނުވަދެ ހުރީ ކީއްވެގެން-؟ އަވަހަށް އާދޭ-"
ސަލްމާ ޖަވާދު ޙުސައިނާ އިން ރެޔާ ހަމައަށް އޭނާގެ ނަމަކީ ސަލްމާ ބާނޫ އެވެ. އެހެން ނަމަވެސް އެރެއިން ފެށިގެން އޭނާއަކީ ޖަވާދުގެ ހިތުގެ ރާނީ ކަމުގައި ވެގެން ހިނގައްޖެއެވެ. އެރެއިން ފެށިގެން އޭނާ އަކީ ސަލްމާ ރާނީ އެވެ. މައިންބަފައިންގެ ކުރިމަތީގައި ޖަވާދު އޭނާއަށް ސަލްމާ ރާނީ އޭ ގޮވައިލީ ހިސާބުން، އެއީ އޭނާގެ ރަސްމީ ނަން ކަމުގައި ވެއްޖެއެވެ. ބަފައިބެ ބުންޏެވެ. "އަހަރެމެންގެ ޅީދަރިފުޅަކީ ހަމަ ޙަޤީޤަތުގައިވެސް ރާނީއެއް-" އެހެން ނަމަވެސް މައިދައިތައަކަށް އެކަމެއް ކަމަކު ނުދިޔައެވެ. އޭނާ ބުންޏެވެ. "އެނދަކީ ނިދަން ހުންނަ އެއްޗެއް- އަހަރެމެންގެ ދަރިފުޅު އެނދު، ސާލަކަށް ހަދައިގެން ގައިގައި އޮޅައިލީ..."
އޭނާ ކޮޓަރިއަށް ވަދެފައި ބުނެލިއެވެ. "އަޅުގަނޑު އަކްބަރާ ދައްކާލަން ޖެހޭ މުހިއްމު ވާހަކައެއް އެބައޮތް-"
ޖަވާދު ބުންޏެވެ. "އެހެންތަ-؟ އަވަހަށް ދައްކައިލާ- އަހަރެން މަންމަގެ ހާލު ބަލަައިލާފައި އަންނާނަން-"
ޖަވާދަކީ ވިސްނުންތެރިއެކެވެ. ހައެއްކަ ދުވަސްވެސް ނުވަނީސް އޭނާގެ ރާނީގެ މޫޑު ހުންނަ ގޮތާއި މިޒާޖު ވަރަށް ރަނގަޅަށް ދެނެގެންފިއެވެ. އެހެންވީމާ ކޮއްކޮއާ ދައްކަން އޮތީ ކޮން ވާހަކައެއްތޯ، ފިރިމީހާއަށް އެވާހަކަ ސިއްރު ކުރަނީ ކީއްވެގެންތޯވެސް ނާހައެވެ. އަނބިމީހާގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން އަވަހަށް ކޮޓަރިން ނުކުމެގެން ދިޔައީއެވެ.
އަކްބަރް ޢަލީ ހީނގެންފައި ބުންޏެވެ. "ހާދަހާ ކިޔަމަންތެރިއޭ... ޖަވާދު ބޭބެ ވިހެއީވެސް މި ކޮޓަރި ތެރެއަށް ކަމަށް ވާނީ- ޅަ ދުވަސްވަރު ހޭދަކުރީ މި ކޮޓަރި ތެރޭގައި- ޒުވާންވީ މި ކޮޓަރި ތެރެއަށް- ދައްތަޔާ އިނދެގެން އައިސް ވަނީ މި ކޮޓަރިއަށް- އެކަމަކު ހަމަ އިޝާރާތެއް ކޮށްލުމާ އެކީ ކޮޓަރިން ނުކުމެގެން އެ ދިޔައީ- އަނބިންނަށް ކިޔަމަންތެރި ޚާދިމުން ތިބޭނީ އެހެން-"
(ނުނިމޭ)