ލޭބޯފަނި (12)

(2 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހެނދުނު އެގާރަ ޖަހައިފިއެވެ. މަންމަ ފާޚާނާއަށް ވަން ވަގުތު ބަލައިފައި ފީރޯޒާ، ސަލްމާއަށް ގޮވައި މަންމަގެ ކޮޓަރި ކައިރިއަށް ގެނެސްފިއެވެ. "ފަހަރި- އަަހަރެން ހަދާނީ ކިހިނެއް-؟ މަންމަ އެ ހުންނަނީ ހިޔަންޏެއްހެން އަހަރެންގެ ފަހަތުން ހިނގާލަ ހިނގާލާ-"

"އެހެން ހިނގާލަ ހިނގާލާ ހުންނާނީ ކިހައި ދުވަހެއް ވާންދެން- މަންމަގެ ކޮޓަރީގައި ނިންޖެއް ނާދެއޭ ބުނޭ-"

"ރޭވެސް އެހެން ބުނިން- ތެދުވެ ކޮޓަރި ތެރޭގައި ހިނގައިވެސް ހެދިން- މަންމަ އިރުއިރުކޮޅާ ލޯ ހުޅުވައިލާފައި އަހަންނާ ދިމާއަށް ބަވައިގަނޭ- އެކަމަކުވެސް އަހަރެންގެ ކޮޓަރިއަށް ފޮނުވާކަށް ނޫޅުނު-"

"ސާބަހޭ- ތިޔަހެން ހިފަހައްޓާލާ-"

"ހިފެހެއްޓޭނީ ކިހައި ވަރަކަށް-؟ އަހަރެން ދައްކަން ބޭނުން ލައްކަ ވާހަކަ އެބަހުރި- އަކްބަރު ގާތު ބުނަން ބޭނުން ވާހަކަތައްވެސް އެބަހުރި-"

"ކަން ބޮޑު ނުވޭ- ކޮންމެވެސް ބަހަނާއެއް ދައްކައިގެން މަންމަގެ ކޮޓަރިން ނުކުމެގެން އަމިއްލަ ކޮޓަރިއަށް އާދެވޭނޭ ގޮތެއް ހަދާ- އަހަރެމްނެ ދެ މީހުން ބައްދަލު ނުވާ ގޮތް ހެދިޔަސް އަހަރެން ކޮންމެވެސް މަކަރަކުން މަގެއް ކޮށާނަން-"

"ކިހިނެއް ހަދާނީ-؟ ފޯނުވެސް އެ ހުންނަނީ މަންމަގެ އަތްދަށުގައި-"

"އަހަރެން އަކްބަރު ގާތު ބުނާނަން ވޯކީޓޯކީއެއް ގެންނާށޭ- އެ ފޮރުވާފައި ބާއްވާ- އޭރުން ދެ މީހުންނަށް ސިއްރުން ވާހަކަ..."

އޭނާގެ ވާހަކަ ނިމުމުގެ ކުރިން މަންމަ ފާޚާނާއިން ނުކުމެއްޖެއެވެ. "ފީރޯޒާ- ކޮންތާކު ތިޔަ އުޅެނީ- އާދެބަލަ-"

"މި އަންނަނީ-" އޭނާ އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގެންފިއެވެ.

ރޭ ހަތަރު ދަމު ހަމަ ޙަޤީޤަތުގައިވެސް އޭނާ އޮތީ ހޭލައެވެ. އޭނާގެ ހިތުގައި އޮތީ ދުވާލުގެ ވަގުތު އޭނާ އަކްބަރާއެކު ވަގުތުތައް ހޭދަ ކުރި ކޮޓަރީގައި ރޭގަނޑުގެ ވަގުތުތައްވެސް ހޭދަ ކުރުމުގެ އެދުމެވެ. އެ އެނދުގައި އެކަނިމާ އެކަނި އޮވެގެން ލޯބިވެރިޔާގެ ޚިޔާލުގައި އުފާވެރި ވަގުތުތަކެއް ހޭދަ ކޮށްލުމުގެ އެދުމެވެ. ލޯބިވެރިޔާ ނެތިއްޔާ، ލޯބިވެރިޔާގެ ޚިޔާލުންވެސް އުފާވެރިކަމެއް ލިބިގަތުމުގެ އެދުމެވެ.

ފާޚާނާއިން ނުކުތް ވަގުތު މަންމައަށް އޭނާގެ ދަރިފުޅު ހުރި ގޮތް ފެނުނެވެ. އާފުރޭތަންވެސް ފެނުނެވެ. ރޭގަނޑު ހަތަރު ދަމު ނުނިދާ އުޅުމުގެ ސަބަބުން ލޮލަށް ވެރިވެފައިވާ ރަތް ކުލަވެސް ފެނެއެވެ.

މަންމަ ރުޅި އައިސްފައި ބުންޏެވެ. "މި ކަހަލަ ގޮތް ދޫ ނުކުރާ، ބޯ ހަރު ދަރިއަކު އަހަރެން ބަނޑުން އުފަންވީ ވަގުތު އެތާނގައި ހުރީ ކޮން ޝައިޠާނެއް ބާވައޭ އަހަރެންގެ ހިތަށް އަރާ- ރޭއްސުރެ މި ކިޔަނީ ކުޑަ އިރުކޮޅަކަށް ނަމަވެސް ނިދާށޭ- ނިދާކަށް ނޫޅޭ- ކުޑަ އިރުކޮޅަކަށް މަރު ވާން ވީނު-؟"

"މަންމަ ކަން ބޮޑު ނުވޭ- މިހެން މަޑު މަޑުން ގޮސް އަހަރެން މަރު ވެދާނެ-"

މަންމަ އަލަމާރި ހުޅުވައިލަމުން އަހައިލިއެވެ. "އަހަރެންގެ އެނދުގައި ކަލޭގެ ގަޔަށް ކަށި ޖަހާ އެއްޗެއް އޮތީތަ-؟"

މަންމަ އަލަމާރިން ނެގި ތަޅުދަނޑިއެއް އޭނާޔާ ދިމާއަށް އެއްލަމުން ބުންޏެވެ. "އަން، މި އޮތީ ކަލޭގެ ތަޅުދަނޑި- ކަލޭގެ ކޮޓަރިއަށް ގޮސް އެތާނގައި އޮވެ މަރުވޭ- އެކަމަކު ހަނދާން ކުރާތި- ކަލޭގެ ފަހަރިޔާ މާ ބޮޑަށް ދޯޅު ވެގެން ނޫޅޭތި- އަހަންނަށް އެ މަންޒަރު ފެނިއްޖެއްޔާ ދެން ކަލޭ ބަންދު ކުރާނީ ކަލޭގެ ކޮޓަރީގައި-"

ފީރޯޒާ ބިން މަތިން ތަޅުދަނޑި ނަގައިގެން ގޮސް މަންމަގެ ކޮޓަރިން ނުކުމެއްޖެއެވެ. ތަޅުދަނޑި ދިނީ މަންމައަށްވެސް މަޖުބޫރު ވެގެންނެވެ. ކޮންމެ ރެޔަކު އަންހެން ދަރިފުޅު ކޮޓަރީގައި ނިންދެވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ބައްޕަވެސް ނިދަން ޖެހެނީ އެ ކޮޓަރީގައި ކަމަށް ވާތީއެވެ. އެ ދުވަހު އޭނާ ފިރިމީހާ ގާތު ބުންޏެވެ. "މިރޭ މެހްމާނުންގެ ކޮޓަރީގައި ނިދި ކުރައްވާ- މިރޭ ފީރޯޒާ ނިދާނީ އަޅުގަނޑުގެ ކައިރީގައި މި ކޮޓަރީގައި-"

އެންމެ ރެޔަކު މެހްމާނުގެ ކޮޓަރީގައި ނިދާކަށް އޭނާ ދެކޮޅެއް ނުހެދިއެވެ. މަންމަގެ ހިތުގައި ދަރިފުޅުގެ މައްޗަށް އޮތް ބޮޑު ލޯތްބެއްގެ ސަބަބުން ކުރާ ކަމެއް ކަމަށް ބަލާފައި އެއްބަސް ވެއްޖެއެވެ. ދެވަނަ ރޭވެސް ހަމަ އެ ވާހަކައެއް ނުދެއްކޭނެތާއެވެ. ދަރިފުޅު ތާއަބަދު ކައިރީގައި ނިންދަވާ ވާހަކަ ބުނެފިއްޔާ ސުވާލު ކުރާނެއެވެ. އެހެންވީމާ ތަޅުދަނޑި ދީފައި ފޮނުވައިލުން ނޫން ގޮތެއް ނެތުނީއެވެ.

ސުވާލު ކުރަން ފަށައިފިއްޔާ ދޭން ޖެހޭ ޖަވާބަކީ ބަފަޔަކަށް އަޑު އަހަން ފަސޭހަ ޖަވާބެއް ނޫނެވެ.

ފީރޯޒާ ތަޅުދަނޑި ހިފައިގެން ބޭރަށް ނުކުމެ ހިނގައިގެންފިއެވެ. އެންމެ ފުރަތަމަ ޖެހެނީ ބޮޑު ކޮޓަރި ތެރެއަށް ނުކުންނަ ދޮރެވެ. އެ ދޮރު ފަސްދީ ދާއިރު ފުރަތަމަ ޖެހޭ ކޮޓަރިއަކީ އޭނާގެ ކޮޓަރިއެވެ. އެ ދިމާއަށް އެންމެ ފަހަތުގައި ހުރި ކޮޓަރިއަކީ އޭނާގެ ބޭބެގެ ކޮޓަރިއެވެ. ނުވަތަ ފަހަރީގެ ކޮޓަރިއެވެ. އޭނާ ބޭބެގެ ކޮޓަރީގެ ދޮރު ހުޅުވައިލުމަށް ފަހު އޭނާގެ އަތުގައި އޮތް ތަޅުދަނޑި ސަލްމާއަށް ދައްކައިލިއެވެ. "ފަހަރި- މި އޮތީ ތަޅުދަނޑި- މީގެ ފަހުން އަހަރެން ނިދާނީ އަހަރެންގެ ކޮޓަރީގައި-"

ސަލްމާ އެނދުން ތެދުވެގެން ދޮރު ކައިރިއަށް އައިސް އަހައިލިއެވެ. "މިހައި އަވަހަށް މަންމަ ހަތިޔާރު ބެހެއްޓީތަ-؟"

"އާނ- އެކަމަކު ފަހަރު ދެތިން ދުވަހެއް ވާންދެން އަހަންނާ ދުރުގައި އުޅޭތި- ދައްތަ ބުނި ވޯކީޓޯކީ ވީހައި އަވަހަކަށް ގެނެސްދީ- އަހަރެން މި ދަނީ ނިދަން-"

އޭނާ، އޭނާގެ ކޮޓަރިއާ ދިމާއަށް ދާން އެނބުރިލީ ވަގުތު މަންމަ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓާ ފެނިއްޖެއެވެ. ސަލްމާ ފަރުވާ ކުޑަ ގޮތަކަށް ހޫނ އޭ ބުނެފައި ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ފީރޯޒާ އިސް ޖަހައިގެން ހުރެ މަޑު މަޑުން ހިނގާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

އެ ވަގުތު ކަން ބޮޑު ވެފައިވާ މަންމަ ހިތުގެ އަޑިން ދުޢާ ކުރިއެވެ. ހިތް ނުބައި ޅީދަރިފުޅުގެ ފުށުން މި އަޅާގެ ދަރިފުޅު ސަލާމަތް ކުރައްވައިފާނދޭވެ! ފިތުނަ އުފައްދަން މަސައްކަތް ކުރާ މީހުންގެ ކިބައިން މި އަޅާގެ ދަރިފުޅު ސަލާމަތް ކުރައްވައިފާނދޭވެ! އަދި މި އަޅާގެ ދަރިއަށް ހެޔޮ ވިސްނުން ދެއްވައި، ހެޔޮ މަގަށް އެނބުރިގަތުމުގެ ތަވްފީޤް ދެއްވައިފާނދޭވެ!

މަންމަގެ ދުޢާ އަކީ ޅީދަރުފުޅުގެ ހައްގުގައި ކުރި ހެޔޮ ދުޢާއަކާއި ބަދު ދުޢާއެކެވެ. މައިދައިތައަކާއި ޅީދަރިއަކަށް އެއް ފުރާޅެއްގެ ދަށުގައި ސުލްހަވެރިކަމާއެކު ދިރިއުޅެވުމަކީ މުސްތަހީލު ކަމަކަށް ވާ ފަދައިން ބަދު ދުޢާ އަކާއި، ހެޔޮ ދުޢާއަކާ އެއް ފަހަރާ އިޖާބަ ކުރެއްވުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންވީމާ ވާނީ ދެ ގޮތުން އެއް ގޮތެކެވެ. ދުޢާ އިޖާބަ ކުރައްވައިފިނަމަ ޅީދަރީގެ ބުއްދި ހެޔޮ މަގަށް އެނބުރި ދެމައިން އެއް ފުރާޅެއްގެ ދަށުގައި އުފަލާއެކު ދިރިއުޅޭން ފަށާނެއެވެ. އެކަމަކު އެކަހަލަ މުޢުޖިޒާތަކީ މިހާރަކު ފެންނަ ކަންތައްތަކެއް ނޫނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.