މަޖިލިސްގެ ރައީސަކު ކަނޑަ އެޅުމުގައި ވެސް "ޗަރުކޭސް"

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިރޭ އޮންނާނެއެވެ. ފުރަތަމަ ޖަލްސާ ފެށުމުގެ ކުރިން 19 ވަނަ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި މެންބަރުން މެންބަރުކަމުގެ ހުވާކުރައްވާ ހުވާގެ އިޤްރާރުގައި ސޮއި ކުރާނެއެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖައްސަވައިފައި ވަނީ މިރޭ 9:30 ގައެވެ. އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ފުރަތަމަ ކުރިއަށްދާނީ 19 ވަނަ މަޖިލީހުގެ ރިޔާސަތާމެދު ގޮތެއް ކަނޑައެޅުމެވެ. އާ މަޖިލީހުގެ ރިޔާސަތު ކަނޑައެޅެންދެން ޖަލްސާގެ ރިޔާސަތު ގައި އިންނަވާނީ ރައްޔިތުންގެ މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އެހެންކަމުން މިރޭގެ ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކަށް މައްޗަންގޮޅީ މެދުދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަދި ނާއިބް ރައީސްކަމަށް ކޮއްކޯފުޅު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ގެނައުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ރޭވަނީ ނިންމާފައެވެ. ނަޝީދުގެ ނަން މަޖިލީހުގެ ރައީސްކަމަށް ހުށަހެޅުއްވީ، މަޖިލީހުގެ ރައީސްކަމަށް ނަޝީދު ތާއީދުކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. މިހުށަހެޅުމަށް ފުރަތަމަ ދެކޮޅު ހެއްދެވި ކަމުގައިވިއަސް، ފޯނުކޯލަކަށް ފަހުގައި އެ ހުށަހެޅުން ރައީސް ނަޝީދު ޤަބޫލުފުޅު ކުރެއްވިއެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ ރައީސްނަޝީދު އެނިންމުން ނިންމެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޯނުކޯލެއް ކުރެއްވުމަށް ފަހުގައި ކަމަށެވެ.

އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ގެންނާނެ ބޭފުޅެއް ކަނޑައެޅިގެން ދިޔައީ އެ މައްސަލައިގައި ޕާޓީ ތެރޭގައި އުފެދުނު ބޮޑު ޚިޔާލު ތަފާތުވުންތަކަކަށް ފަހުގައެވެ. މަޖިލީހުގެ ރައީސްކަމަށް ނަޝީދު ގެނައުމަށް ކަނޑައެޅުމުގެ ކުރިން ރައީސްކަމަށް ވާދަ ކުރެއްވަމުން ގެންދެވީ ހިތަދޫ މެދު ދާއިރާ މެންބަރު މުޙައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ. އަސްލަމު މަޖިލީހުގެ ރައީސްކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ނަޝީދެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވަނީ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެވާ ބޭފުޅަކީ އަފީފުކަމުގައި ވިދާޅުވެފައެވެ. ރައީސް ޞާލިޙުގެ ތާއީދު އަފީފަށް އޮތްކަން ހާމަ ކުރުމާއެކު މީސްމީޑިއާގައި އަފީފަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަފީފަށް ފާޑު ކިޔައިފައިވާ މީހުންގެ ތެރެއިން ގިނައީ އެމްޑީޕީގެ އެކްޓިވިސްޓުންކަންވެސް ފާހަގަކުރެވެއެވެ.

މަޖިލީހުގެ ރައީސްކަމަށް ނަޝީދު އަދި ނާއިބް ރައީސްކަމަށް އިވާ ގެނައުމަށް ނިންމެވުމާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުވަނީ އެމްޑީޕީގެ އެންމެ އިސްމީހާގެ ޙައިސިއްޔަތުން އެދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ނަޝީދު ވަނީ މަޖިހުގެ ކަންކަމުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ މަޝްވަރާ ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސަކަށް އަސްލަމު ގެނައުމަށް ރައީސް ނަޝީދު ތާއިދުކޮށް މަސައްކަތް ފެށްޓެވި އިރު ރައީސްގެ ލަފާ ހޯއްދަވައިފައި ނުވާއިރު މަޖިލީހުގެ ރައީސްކަންފަދަ "ބާރުގަދަ" މަޤާމެއްގައި ހުންނަވައިގެން މަޝްވަރާ ހޯއްދަވާނެތޯ ސުވާލު އުފެދެއެވެ.

އެމްޑީޕީން ބޭނުންވާ މެންބަރަކު މަޖިލީހުގެ ރައީސްކަމާއި ނާއިބްރައީސްކަމަށް ގެނެވޭނެވަރުގެ ސުޕަރ މެޖޯރިޓީއެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތްއިރު މަޖިލީހުގެ ރައީސްކަމަށް މެންބަރަކު ގެނައުމުގައި އެމްޑީޕީގެ ތެރޭގައި ހިނގާ ދިޔަ ކަންތައްތަކަކީ ރައީސްގެ އަނބިކަނބަލުން ސިފަ ކުރެއްވި ފަދައިން، ޗަރު ކޭހެއް ކަމުގައި ނޫނީ ސިފައެއް ނުކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.