ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 23

(27 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަލާގެ ދަރިފުޅާއި ޅީދަރިފުޅާއި މާމަދަރިފުޅު ލާރާ މި އަންނަ ގިޔާމަތަށް ފަހު ވެސް އިރާދަކުރެއްވިއްޔާ ދިރިތިބޭނެ. އިންސާނާ، ލަދުކުޑަކަމާއި ބޭޣޭރަތްތެރިކަމުގެ ނަތީޖާއިން އުފަންވާ މުސީބާތްތައް ދުރުކުރުމަށް ޓަކައި ލޯތްބާއި ލަދުވެތިކަމާއި އަޅުކަމުގެ ޞަދަޤާތް ދެމުން ގެންދާހައި ހިނދެއްގައި ގިޔާމަތެއް ނުވާނެ. ބޭޣޭރަތްތެރީން ސިއްސައިލުމަށް ޓަކައި، ލަދު ދަންޖެހި، ފާފަވެރިން ހިތާމައިގެ ހިލައިގައި ބޯ ތަޅައި، އޯގާވަންތަ ރަސްކަލާނގެ ޙަޟްރަތަށް ތައުބާވެ ހަދާ މިންވަރަށް ނަމާދާއި ހެޔޮކަމުގެ ތިލަފަތް މިއަދުވެސް ބަރު. އަޅުގަނޑުމެންގެ ދުނިޔޭގައި މި ރީތިކަން ހުއްޓައި މި ދުނިޔެ ފަނައެއް ނުވާނެ."

މެޑަމު އޭނާއާ ދިމާއަށް، ކުރާނެކަމެއްނެތް ގޮތަކަށް ބަލަމުން ބުންޏެވެ.

"ޚޫރުޝީދު! ކަލާ ތިޔަ ވާހަކަދައްކަވަނީ ފައްކާ ނުޖޫމީން ވާހަކަދައްކާ ގޮތަށް. އެކަމަކު ތެދަކީ ކަލާ ނުބުނުއްވާ ވާހަކަކަން އަޅުގަނޑަށް އެނގޭ. ދެން އަޅުގަނޑު އެއްވެސް ވާހަކައެއް ނާހާނަން. އަޅުގަނޑަށް – އެންމެ ފަހު ފަހަރު- އަޅުގަނޑަށް އެންމެ ފަހު ފަހަރު އަޅުގަނޑުގެ ލާރާގެ އަޑު އިއްވައިލަދެއްވާ."

ޚޫރުޝީދު ބަލްގުރާމީއާއި ހާތޯރާ ހިތާމައިން ފުރިގެންވާ ބެލުމަކުން އޭނާއަށް ބަލަން ފެށިއެވެ. ދެން ހާތޯރާ އޭނާއަށް އެހީވެދީގެން ހާތޯރާގެ އަތާއި ކޮނޑުގައި އޭނާ ލައްކޮށްލައިފައި ބެއިންދިއެވެ. ޚޫރުޝީދު ބަލްގުރާމީ ބުދަށް ޗާބީ ދީފައި ތަޅުންމަތީގައި ބެހެއްޓިއެވެ.

އެ ބުދު ފިރުކެން ފެށިއެވެ. މާމަ ދޮޅި އުފުރައި ނޭވާއެއް ލިއެވެ. މާމަދަރިފުޅު ބުންޏެވެ. "ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓަރ..."

ތަރިތަކުގެ ހިނގުން ދަންނަ މާމަ ދޮޅިއުފުރައި ދެވަނަ ނޭވާ ލިއެވެ. މާމަދަރިފުޅު ބޯ އުފުލައިލައިފައި ސުވާލުކުރިއެވެ. "ހައު އައި ވޮންޑަރ ވަޓް ޔޫ އާ؟"

ހަމަ ހަގީގަތުގައި އަޖައިބުވަނިވި ކަމެކެވެ. އުމުރުން އެހައި ދުވަސް ވީ އިރުވެސް ތަރިއަކީ ކޮބައިތޯ ކުދިން ކުރާ ސުވާލުގެ ޖަވާބެއް ނޭނގެއެވެ. ކުޑަކުދީން ފަދައިން މާމަގެ ލޯ ވެސް ހައިރާންކަމާ އެކު ބޮޑުވިއެވެ. އޭނާ އެންމެ ފަހު ނޭވާ ލިއެވެ. ދެން ހާތޯރާގެ ކޮނޑު މައްޗަށް ބޯ ވެއްޓުނެވެ.

ލާރާއާއި ބައްދަލުވެ އޭނާ މޭގައި ޖައްސައިލައި ބޮސްދިނުމުގެ ކުރިން އޭނާ މަރުވީއެވެ. އެ ދެ މީހުން ތިބީ ހިމޭނުންނެވެ. ވާހަކަދައްކަނީ ހަމައެކަނި ބުދެވެ. އެ ތަނާ ވަރަށް ދުރުގައި ލާރާ ވެސް ވާހަކަ ދައްކާނެކަން ނޭނގެއެވެ. އޭނާގެ މާމައަކަށް އަޑެއް ނީވޭނެކަން އެނގުމަކާ ނުލައެވެ. ކަނޑުގެ ވައިރޯޅި މަރުގެ ހިތާމައިގެ އަޑުން އަޑުއުފުލަމުން ޖެހެމުން ދެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އިތުރު ކަމެއް ވާން އުޅޭ ހެންނެވެ. އިތުރު ގިޔާމަތްތަކެއް ވާން އުޅޭހެންނެވެ. ޚޫރުޝީދު ބަލްގުރާމީ ކުރިއަށް ޖެހިފައި މެޑަމްގެ ހުޅުވިފައި ހުރި ލޯ މަރައިލިއެވެ.

އެ ވަގުތު ކޮޓެޖުގެ ދޮރު ވަރަށް ބާރަށް ހުޅުވުނެވެ. ރޫޕުވަތީ ކަންބޮޑުވެފައި ހުރެގެން ދުވެފައި އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ހިންމަތު ރާއޯ އާދެއެވެ. ރޫޕުވަތީ ދުވެފައި އައީ ސީދާ ޚޫރުޝީދު ބަލްގުރާމީގެ ގާތަށެވެ. ދެން އޭނާގެ ގައިގައި އޮޅުލައިގެންފައި ބުންޏެވެ.

"އަހަރެން ސަލާމަތްކުރޭ. މި ޖަނަވާރުގެ ކިބައިން ސަލާމަތްކުރޭ. މީނާ އެ އުޅެނީ އަހަރެންގެ އިއްޒަތާ ކުޅެންވެގެން."

ޚޫރުޝީދު ބަލްގުރާމީގެ ސިކުނޑި ދޮންވިއެވެ. އޭނާގެ ކަންފަތަށް އިވެނީ މާޖިދާގެ ހަޅޭކުގެ އަޑެވެ. "ބައްޕާ! އަޅުގަނޑުގެ މަންމަގެ ކިބައިން އަޅުގަނޑު ސަލާމތްކުރައްވާ! މަލިކު މުޚުތާރުގެ ކިބައިން އަޅުގަނޑު ސަލާމަތްކުރައްވާ! އަޅުގަނޑުގެ އިއްޒަތް ވަނީ ނުރައްކަލުގައި."

ހިންމަތު ރާއޯ ފިސްތޯލަ ނަގައިފައި ޚޫރުޝީދު ބަލްގުރާމީއާ ދިމާއަށް އަމާޒުކުރަމުން ބުންޏެވެ.

"މިސްޓަރ ޚޫރުޝީދު! އަޅުގަނޑުމެންގެ ދެމެދަށް ނުވަންނަވާ. ތިޔައީ ބާޒާރީ އަންހެނުންނަށް ވުރެވެސް ގޮތްކުޑަ އަންހެނެއް. މިހައިތަނަށް އިއްޒަތް ނަގައިލީ ކޮންކޮން ތަންތަނެއްގައި ކަމެއްވެސް ނޭނގޭ. އަޅުގަނޑު އޭނާގެ ޒުވާންކަމާ ހަމައަށް ދާން އުޅެފިއްޔާ އަޅުގަނޑު ހައްދަނީ މޮޔަ."

ރޫޕުވަތީ ޚޫރުޝީދު ބަލްގުރާމީ ތަޅުވައިގެންފައި ބުންޏެވެ.

"އެ ހަދަނީ ދޮގު. ބަގުވާނު ގަންދެން. އަހަރެން ދުވަހަކުވެސް އުފަލަކުން އަހަރެންގެ އިއްޒަތް ކުޅޭ އެއްޗަކަށް ނަހަދަން. އަހަންނަކީ ކަސްބީއެއް ނަމަ އިއްޒަތް ސަލާމަތްކުރުމަށް ޓަކައި ދުވެފައި މި ތާކަށް ނައީސް."

ހިންމަތު ރާއޯގެ ފައިބުޑުގައި ތަޅުންގަނޑުގައި ބުދު ހިމޭނުން އޮތެވެ. ބުދުގެ އެތެރޭގައި ވާ އިސްފިރޭނު ތާށިވީ ކަމަށް ވެސް ވެދާނެއެވެ. އެ ބުދު ހަމަހިމޭނުން އޮވެގެން އިސް އުފުލައި ތަރިތަކަށް ބެލުމުގެ ބަދަލުގައި ފިސްތޯލައަށް ބަލަމުން ގެންދިޔައެވެ. ދެން ކުއްލިއަކަށް އޭގެ އިސްފިރޭނު މަސައްކަތް ކުރަން ފެށިއެވެ. އަޑު އިވެން ފެށިއެވެ. "ޓުވިންކަލް ޓުވިންކަލް ލިޓްލް ސްޓަރ..."

ހިންމަތު ރާއޯ ކުރިން އެ ބުދެއް ނުދެކެއެވެ. ކުއްލިއަކަށް ފައިބުޑުން އަޑު އިވުމުން ކަންބޮޑުވެގެން އޭނާއަށް ފުންމައިގަނެވުނެވެ. އެވަގުތު ޚޫރުޝީދު ބަލްގުރާމީ އޭނާގެ ފިސްތޯލައިގައި ފައިން ޖެހިއެވެ. ޑަންޑަން. ކުޅިވަރު މާލަމުން ބަޑީގެ އަޑު އިވުނެވެ. ރޫޕުވަތީ ތަޅުންމަތިން ފިސްތޯލައާއި ބުދު ނެގިއެވެ. ޚޫރުޝީދު ބަލްގުރާމީ، ހިންމަތު ރާއޯ ވައްޓައިލުމަށް ފަހު އޭނާގެ މޫނުމަތީގައި ގޮށްމުށުން ތަޅަމުން ބުނަމުން ގެންދިޔައެވެ.

"ޝައިޠާނުގެ ދަރިޔާ! މިއަދު އަހަރެންގެ ދަރިފުޅު ދުނިޔޭގައި އިން ނަމަ މީހުން އޭނާއާ ދިމާއަށް ވެސް ކަސްބީއޭ ގޮވައި އޭނާ ބަދުނާމުކުރަމުން ގެންދިޔައީސް. އެއްކޮޅުން ޚުދު ކަލޭ އިއްޒަތް ލޫޓުވާ އިރު އަނެއްކޮޅުން އަނިޔާލިބިފައި ވާ އެ އަންހެނުން އިއްޒަތާ އެކު ދިރިއުޅުމުގެ ހައްގު ވެސް އެ މީހުންނަކަށް ނުދޭ. އަހަރެން ކަލޭ މަރައިލާނަން. ހިންމަތު ރާއޯ! އަހަރެން ކަލޭ މަރައިލާނަން. މަލިކު މުޚުތާރު!..."

ހާތޯރާ ފަހަތުން އައިސް ޚޫރުޝީދު ބަލްގުރާމީގެ ގައިގައި ހިފޭއްޓިއެވެ. ދެން ދަމައިފައި އޭނާ ދުރަށް ގެންދިޔައެވެ. ހިންމަތު ރާއޯ އޮތީ ހޭނެތިފައެވެ. އޭނާގެ މޫނުމަތީގައި ގޮށްމުށުން ތަޅަމުން ދިޔަ ވަރަށް ރޫޕުވަތީގެ މޫނުގައި ވެސް ބޮނޑިއެޅެމުން ދިޔައެވެ. އޭނާ ވިސްނައިގެން އައީ ހިންމަތު ރާއޯގެ ކިބައިން ސަލާމަތްވުމަށް ޓަކައި ދެއްކުންތެރި ގޮތަކަށް ޚޫރުޝީދު ބަލްގުރާމީގެ ގައިގައި އޮޅުލައިގަތުމަށެވެ. އޭނާ ހީކުރީ އޭރުން ޚޫރުޝީދު ބަލްގުރާމީ ޖޯޝް އައިސްގެން ހީރޯއަކަށް ވެގެން އޭނާގެ ހިރޮއިން ސަލާމަތްކުރުމަށް މޭފުއްޕައިލާނެ ކަމަށެވެ. އެކަމަކު އޭނާ ތަޅަމުން ގެންދިޔައީ ބައްޕައަކަށް ވެގެންނެވެ. ރޫޕުވަތީގެ ހިތުގައި ބޮނޑިއެޅެމުން ދިޔައެވެ. އަދި އޭނާގެ ސިކުނޑިއަށް މުގައްދަސް ގުޅުމުގެ ވިސްނުން ވައްދައިދެމުން ދިޔައެވެ.

ރޫޕުވަތީ އިރުކޮޅަކަށް ކުޑަކުއްޖަކަށް ވިއެވެ. އޭނާ ބޭއިޚުތިޔާރުގައި އެ ބުދު މޭގައި ޖައްސައިލިއެވެ. އެ ވަގުތު އޭނާއަށް އިހުސާސްކުރެވުނީ ކޮންމެވެސް މީހަކު އޭނާ ވެސް މޭގައި ޖައްސައިލައިގެން އެ މީހާގެ ހިމާޔަތަށް އޭނާ ގެންގޮސްފައި ވާ ކަމުގައެވެ. އެދުންވެރިކަމުން ފުރިފައިވާ ލޯތަކުން އޭނާ ސަލާމަތްކޮށްފައި ވާ ކަމުގައެވެ. އާނއެކެވެ. އެނާއަށް ނުލިބުނީ މި ރައްކާތެރިކަމެވެ. ތިމާގެ އިއްޒަތަށް ގިޔާމަތް އަންނަ ހިނދު ތިމާގެ ރައްކާތެރިކަމަށް ތިމާގެ ބައްޕަ ވެސް ނުވާނެކަމަށް އޭނާގެ ބައްޕަ ވަނީ އޭނާގެ ވިސްނުމަށް ވައްދައި އެ ވިސްނުމަށް ޒަހަރުލައިފައެވެ.

ކުއްލިއަކަށް ރޫޕުވަތީ ޚޫރުޝީދު ބަލްގުރާމީއާ ދިމާއަށް ލޯ ބޮޑުކޮށްލައިފައި ބަލައިލިއެވެ. އޭރު އޭނާ ހާތޯރާގެ އަތްދަށުން ފޮޅުވިގަނެގެން އަނެއްކާ ހިންމަތު ރާއޯގެ ގައިގައި ޖެހުމަށްޓަކައި ދަނީއެވެ. ރޫޕުވަތީ ބުންޏެވެ.

"ޚަބަރުދާރު! އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނާޅާތި. އެހެންނޫނީ ބަޑިޖަހާނަން."

ޚޫރުޝީދު ހުއްޓުން އަރައިފައި ހައިރާންކަމާ އެކު އޭނާއަށް ބަލައިލިއެވެ. ދެން ސުވާލުކުރިއެވެ.

"ކަލޭ މޮޔަވީތަ؟ އަމިއްލަ އިއްޒަތުގެ ދުޝްމިނު ސަލާމަތްކުރުމަށް އަހަރެންގެ ގަޔަށް ބަޑި ޖަހަނީތަ؟"

"ދުނިޔޭގެ އެއްވެސް ފިރިހެނަކަށް އިތުބާރުނުކުރުމަކީ މޮޔަކަމެއް ނަމަ އަހަންނަކީ މޮޔައެއް. ކަލޭގެ އަންހެން ދަރިއެއްގެ އަބުރު ގެއްލުމުގެ ޒަޚަމު ކަލެއަށް ލިބިފައިވާކަން ކަލޭގެ ވާހަކައިން އެނގިއްޖެ. ކަލޭ ލޯބިވެރިއެއްގެ ލޮލުން އަހަންނަށް ނުބެލީ އެހެންވެގެން. އެކަމަކު ބައްޕައެއްގެ ބެލުން ދެކެ އަހަރެން ބިރުގަނޭ."

ކުއްލިއަކަށް އޭނާގެ ލޯ ކަރުނައިން ތެމުނެވެ. އަތުގައި އޮތް ފިސްތޯލަ ތުރުތުރުއަޅަން ފެށިއެވެ. އޭނާ ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.

"އަޑުއަހާ! އަހަރެމެންނަށް މި ބައްދަލުވެވުނީ ދުނިޔޭގެ މުގައްދަސް ގުޅުންތަކަށް ކުރިއްސުރެން ގިޔާމަތް އައިސްފައި ވާ ހިސާބެއްގައި. އަހަންނަކީ ވެސް އަންހެނެއް. އަހަރެންގެ އިއްޒަތް އެއް ފަހަރު ގެއްލުމުން އަމިއްލައަށް މަރުވާ ވަރަށް އަހަރެންގެ ކިބައިގައި ވެސް ލަދުވެތިކަން އެބަހުރި. އެކަމަކު އަހަރެންގެ އެތެރޭގައިވާ އެ އަގު ބޮޑު އެތި މަރުވުމަށް ފަހު އަހަރެންގެ ހަށިގަނޑު އަލުން ވާނީ ކޮން މަރެއް؟ އަހަރެން މިހިރީ ދިރި. އެއީ އަހަރެން މަރައިލި މީހުން މަރައިލުމަށް ޓަކައި."

އަހަރެން އެ މީހުން މަރަން. އެކަމަކު ދިރި ބައިތިއްބަން. އެއީ ކަލެއަށް މި ހިންމަތު ރާއޯ ފެންނަ ހެން. އަހަރެން ކަލޭ ކައިރިއަށް އައީ ސަލާމަތް ވާން ވެގެންނޭ ހީނުކުރޭ. އަހަރެން ކަލޭ ކައިރިއަށް އައީ އެހެން ގޮތަކަށް ވިސްނައިފައި. އެކަމަކު ކަލޭ ވީ އެހެން ކަހަލަ މީހަކަށް.

އަހަރެން ކަލެއަށް ފުރަތަމަ ފަހަރު އަދި ފަހު ފަހަރު މި ވިސްނައިދެނީ. އަހަރެންނަށް ދަރިފުޅާއޭ ނުކިޔާ. އަހަރެންގެ ކުރިމަތީގައި އެއަށް ވުރެ ބޮޑު ހުތުރު އެއްޗެއް ނެތް. އަހަރެން މި ދުނިޔޭގެ ހުރިހައި އަންހެންދަރީންގެ ފަރާތުން ސުވާލުކުރަން. އެ މީހުންގެ އިއްޒަތާއި އަބުރަށް ޓަކައި އެ މީހުންގެ ސަލާމަތަށް ޓަކައި ކަލޭމެންގެ ތަހުޒީބު މި ކަހަލަ ގުލޯބު އާކެއް ނުހެދީ ކީއްވެގެން؟

އެންމެ ރަނގަޅު. ކަލެއަށް ވަނީ މަޖުބޫރުވެފައި. އަހަރެން ގަބޫލުކުރަން. ކަލެއަށް މަޖުބޫރުވެފައި ނުވާ ނަމަ މިއަދު ކަލޭގެ ދަރިފުޅު ދިރިހުރީސް. އެކަމަކު އަހަރެން މި ވަނީ މަޖުބޫރުވެފައެއް ނޫން. އަހަރެން ދިރިހުންނާނަން. އެ ގުލޯބު އާކަށް އަހަރެންގެ މުސްލިމު ބައްޕައާ އެކުގައި ނުދެވޭ ކަމަށް ވަންޏާ އަހަރެންގެ ދީނުގެ ލޯބިވެރިޔާއާ އެކުގައި ދާނަން..."

މިހެން ބުނެފައި އޭނާ ހިންމަތު ރާއޯގެ ގާތަށް ދިޔައެވެ. އަދި އޭނާއަށް އެހީވެގެން އޭނާ ކޮޅަށް ނަގަން ފެށިއެވެ. އޭރު އޭނާ ހޭއަރަނީއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.