ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 8

(12 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑަށް އޭނާ އާ." ޑަކުޓަރު ރާތަށްޓެއް ތައްޔާރުކުރަން ފެށިއެވެ.

"އޯވ. ވިސްނިއްޖެ! ޑަކުޓަރަށް އަޅުގަނޑުގެ އަންހެނުން ރީޓާ އެނގިލެއްވީ ކިހިނެއްތޯ؟"

"އޭނާ އެއްފަހަރަކު ފަރުވާއަކަށް އައީ. އަޅުގަނޑު ބެލި އިރު އޭނާ އަޅުގަނޑަށް ރަނގަޅު ވީ."

"އެއްވެސް ކަމެއް ނޫން. ޑަކުޓަރާ އެކު އޭނާ ގުލޯބު އާކަށް ގެންދަވާ."

"އެކަމަކު މިސްޓަރ ބާނާޑު! އޭނާއަކީ ފިރިމީހާއަށް ވަފާތެރިއެއް. އަޅުގަނޑު އޭނާ އަތުއަޅުވައިލަން އުޅުނިން. އެކަމަކު އަތަކުނުޖެހުނު."

އަތުޖެހިލައްވަފާނެ. އަޅުނގަޑު އޭނާ ވަރިކުރާނަން. ބަލިވެފައި ވާ އަންހެނަކު ދެ ވަނަ ކައިވެންޏަކަށް ޓަކައި ހޮވާނީ މުޅި އުމުރުގައި އޭނާގެ ފާރަވެރިއަކަށް ވެގެން ހުރެވޭ ކަހަލަ މީހެއް. ޑަކުޓަރަށް ރީޓާ ގިޔާމަތުން ސަލާމަތްކޮށްދެއްވިދާނެ ކަން އެނގުމުން، އޭނާ ޑަކުޓަރުގެ މީހަކަށް ވެދާނެ.

"ޝުކުރިއްޔާ މިސްޓަރ ބާނާޑު..." ޑަކުޓަރު ސަލާންކޮށްލެއްވުމަށް ޓަކައި އަތްދިއްކޮށްލިއެވެ. ބާނާޑު ދެކޮޅު ހެދުމުގެ ގޮތުން ބޯހޫރައިލައިފައި ބުންޏެވެ.

"އެކަމަކު އަޅުގަނޑު ރީޓާ ވަރިކުރާނީ ޝަރުތެއްގެ މަތިން. އެއީ ޑަކުޓަރުގެ އަންހެން ދަރިފުޅު އަޅުގަނޑާއެކު ގުލޯބު އާކަށް ދާ މަތިން."

ޑަކުޓަރުގެ ސިކުނޑީގައި އެތިފަހަރެއް ޖެހި ކަހަލައެވެ. މުސްކުޅި ބެއެއް އޭނާގެ ޒުވާން އަންހެން ދަރިފުޅު މޭރީއަށް އެދެނީއެވެ. އޭނާ ރުޅިގަނޑު ހިންދައިލުމަށް ޓަކައި ކޯވަރެއް ބޮއިލުމުން ބުއްދި ލިބިއްޖެއެވެ. އޭނާ އޭނާގެ އަންހެން ދަރިފުޅު ދެކެ ނުހަނު ލޯބިވެއެވެ. އޭނާގެ ޣޭރަތްތެރިކަން ކުޑަކުޑަ ރާފޮދެއްގެ ތެރޭގައި ގިރައިލައިފި ނަމަ ދަރިފުޅު ވެސް ގިޔާމަތުން ސަލާމަތްވުމަށް ޓަކައި ގުލޯބު އާކަށް ދާނެއެވެ. އެހެން ނޫނަސް ދުނިޔޭގައި ކިހައި ބަޔަކު އެބައިމީހުންގެ ކޮއްކޮއިންނާއި ދަރީންގެ ކައިވެނި މަޖުބޫރުވެގެން، މުސްކުޅީންނާ ކޮށްދޭ ހެއްޔެވެ. އޭނާ ބުންޏެވެ.

ބާނާޑު އަޅުގަނޑުގެ ދަރިފުޅު މޭރީއާ ކައިވެނިކުރައްވަން އެދިލައްވާ ކަން އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް."

"ކައިވެންޏޭ؟"

ބާނާޑު ހިނިތުންވެފައި ބުންޏެވެ. "ކައިވެނިކުރުން އޮންނާނީ އެ ތަނެއްގައި ދީން އޮންނަ ތަންތަނުގައި. ގުލޯބު އާކުގައި އެއްވެސް ދީނެއް ނޯންނާނެ."

"ބާނާޑަށް ތިޔަހެން ބުނުއްވަން އެނގިލައްވަނީ ކިހިނެއްތޯ؟"

"ޑަކުޓަރު ޖަލްސާގައި ނިދިކުރެއްވީތޯ؟ މި ދުނިޔޭގެ މުހިންމު ކޮންމެ އެއްޗަކާ މުހިންމު ކޮންމެ މީހެއް ގުލޯބު އާކަށް ދާނެއޭ ބުނި އަޑެއް ނާއްސަވަމުތޯ؟ އެކަމަކު އެއްވެސް ދީނެއްގެ ދަންނަ ބޭކަލަކަށް އެއިން ޖާގައެއް ދެވިފައެއް ނެތް."

"އޯވ. އެހެންވީ އިރު އައު ދުނިޔޭގައި އެއްވެސް ދީނެއް ނޯންނާނެތޯ؟"

"އޮންނާނެ. ހީވަނީ ޔަހޫދީ ދީން އޮންނާނެ ހެން. ގުލޯބު އާކަށް ގެންދިއުމަށް ޓަކައި ހޮވައިފައި ވާ ސައިންސުވެރީންނާއި ޑަކުޓަރުންނާއި އިންޖިނޭރުންނާއި އެހެންވެސް މީހުންގެ ތެރޭގައި ގިނައީ ޔަހޫދީން. މި ގާފިލާ ތަރުތީބުކުރަން ހުރި މީހާ، މި ޖަލްސާގެ ރައީސް ޖެރަލްޑް މޫސަކީ ވެސް ޔަހޫދީއެއް."

އަޅުގަނޑާއި ޑަކުޓަރު ކަހަލަ ޢީސާއީ، ބުޑިސްޓު، ހިންދޫ، މުސްލިމުންގެ ތިބީ އެކެއް ދެ މީހުން. އެއީ ވެސް ހަމައެކަނި އަޅުގަނޑުމެންގެ ކުޅަދާނަކަން ބޮޑުކަމުން. އައު ދުނިޔޭގައި އެބައިމީހުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭނެ."

"ޑޭމް ކެއަރ" ޑަކުޓަރު ފަރުވާކުޑަކަމާ އެކު ބުންޏެވެ. "އަމިއްލަ ގޮތުން އަޅުގަނޑު ދީނަކަށް ޝައުޤުވެރިކަމެއް ނުހުރޭ."

"އެހެންވީރު ކައިވެންޏާ އެހެންވެސް ރަސްމީ ވާހަކަތައް ނުދައްކަވާ. އަޅުގަނޑުގެ އަންހެނުން ރީޓާ ޑަކުޓަރަށް. ޑަކުޓަރުގެ އަންހެން ދަރިފުޅު މޭރީ އަޅުގަނޑަށް. ބުނުއްވާ! ޑަން؟"

ކޮކުޓޭލް ޕާޓީގެ އުފާވެރިކަން ވަނީ އެންމެ މައްޗަށް ގޮސްފައެވެ. އަޅުގަނޑުމެންގެ މި ބޮޑު ދުނިޔެ ކަމަށް ވިޔަސް ނޫނީ ގުލޯބު އާކުގެ ކުޑަކުޑަ ދުނިޔެ ކަމަށް ވިޔަސް އެއް ތަނެއްގައި ވެސް އިންސާނީ ސޮސައިޓީގެ ގުޅުން ނެތިއެއް ނޫޅެވޭނެއެވެ. އެހެންކަމުން ގުލޯބު އާކަށް ދިޔުމުގެ ކުރިން އައު ގުޅުންތަކުގެ ހިލިހިލާ އަޅަމުން އަޅުވަމުން ގެންދަނީއެވެ. އެ ތަނުގައި މީސްތަކުން އެކަކު އަނެކަކާ، ގުޅުމުގެ ވިޔަފާރިކުރަނީއެވެ. އަދި ނުހަނު ހިތްހެއުކަމާއެކު ޔަގީންކޮށްދެއެވެ. އަހަރެން، ކަލޭގެ އަންހެން ދަރިފުޅު، ކަލޭގެ އަންހެން ކޮއްކޮ، ކަލޭގެ ޒުވާން ބޮޑުދައިތަ ގިޔާމަތުން ސަލާމަތްކޮށްދޭނަމެވެ. .... ކަލޭ ސަލާމަތް ކޮށްދޭނެއެވެ. އޭނާ ސަލާމަތް ކޮށްދޭނެއެވެ. .... އެހެން ނޫނަސް އެއް އިންސާނަކު އަނެއް އިންސާނަކަށް އެހީތެރިވެދޭން ވެސް ވާނެއެވެ.

ގިޔާމަތް އަންނާނީ ކުއްލިއަކަށް ކަމަށް ހީކުރާ މީހުން އެ ހީކުރަނީ ނުބައިކޮށެވެ. ގިޔާމަތް ފުރަތަމަ އަންނާނީ ތަހުޒީބުވެފައި ވާ އިންސާނުންގެ ތެރެއަށެވެ. އެ ދުންތަރި ބިމުގައި ޖެހުމުގެ ކުރިން، އިންސާނުންގެ އަޚުލާޤާއި ތަހުޒީބުގެ މައްޗަށް ގިޔާމަތަކަށް ވެގެން ވެރިވަނީއެވެ. އަންނަން އުޅޭ ގިޔާމަތުގެ ޚަބަރު އެނގޭ މީހުން ބައު ދުނިޔޭން ގުޅުންތައް ކަނޑައިލައިފައި އައު ދުނިޔެއާ ދިމާއަށް ދަނީއެވެ. އެ ދުނިޔެއަކީ ބައްޕައަށް އަންހެން ދަރިފުޅާ އެކު، ބޭބެއަށް އަންހެން ކޮއްކޮއާ އެކު، ފިރިހެން ދަރިފުޅަށް މަންމައާ އެކު ނުދެވޭ ދުނިޔެއެވެ. އެ ދުނިޔެ އަކީ ގުލޯބު އާކުގެ އިއްޒަތްތެރި މުސާފިރުންނަށް ހަމައެކަނި އެބައިމީހުންގެ ވަގުއަނބީންނާ އެކުގައި ދެވޭ ދުނިޔެއެވެ.

މަތިންދާބޯޓުގައި ތިބީ ހަމައެކަނި ތިން ދަތުރުވެރީންނެވެ. ފިލިޕީންސުގެ ހާތޯރާއާއި އެމެރިކާގެ މެޑަމް ފުލެޗަރާއި ޕާކިސްތާނުގެ ޚޫރުޝީދު ބަލްގުރާމީއެވެ. އެ ތިން މީހުން އެބައިމީހުންގެ ގޮނޑީގައި ރޭގަނޑުގެ ކެއުމުގައި މަޝްޣޫލު ވެގެން ތިތްބެވެ. އެއަރހޮސްޓެހެއް އެބައިމީހުންނަށް ޚިދުމަތްކޮށްދޭން ހުއްޓެވެ. އެ ތިން މީހުން އެއަރޕޯޓަށް އައީ ހަވީރު ހައެއް ޖެހި އިރުއެވެ. މަތިންދާބޯޓަށް އެރީ ނުވައެއް ޖެހި އިރުއެވެ. ބޯޓު ދަތުރަށް ފެށީ ނުވަގަޑި ބައިގައެވެ. މިހާރު އެގާރަ ގަޑި ފަނަރައިގައި އެބައިމީހުން ރޭގަނޑުގެ ކެއުމުން އަވަދިވަނީއެވެ. ކެއުމަށްފަހު މެޑަމް ފުލެޗަރު ބުންޏެވެ.

"މިސްޓަރ ޚޫރުޝީދު! އަޅުގަނޑު ވަރަށް ހިތް ނުތަނަވަސްވޭ. ތިން ދުވަސް ކުރިން އަޅުގަނޑުގެ އުފަން ފަތް ބެލިން."

"އަޅުގަނޑު ވެސް ބެލިން." ޚޫރުޝީދު ބަލްގުރާމީ ސީރިއަސްކަމާ އެކު ބުންޏެވެ.

"ޚޫރުޝީދުގެ ރާހި ބުނަނީ ކީކޭތޯ؟"

"ހަމަ މެޑަމުގެ ރާހި ވެސް ބުނާ ގޮތަށް. އެއީ 3 އޯގަސްޓުގައި އަޅުގަނޑުމެން ދަތުރުކުރުން ރަނގަޅު ނޫން ކަމަށް. އަޅުނގަޑު ތަފުސީލު އޮޅުންފިލުވުމުން އެނގުނީ ހުޅަނގު ފަރާތަށް ދަތުރުކުރުން ނުރައްކާ ކަމަށް؛ އެކަމަކު ގެއްލުމެއް ނުލިބޭނެ ކަމަށް. އަޅުގަނޑު އައީ އެހެންވެގެން."

މެޑަމް ބުންޏެވެ. "އަޅުގަނޑު އިރުމައްޗަށް ދަތުރު ކުރުން އަޅުގަނޑުގެ ރާހި ގަދައަށް މަނާކުރޭ. އެކަމަކު އަޅުގަނޑުގެ މާމަދަރިފުޅު ދެކެ ވަރަށް ލޯބިވަން. އެ މަންޖެ އެދޭ ކޮންމެ ކަމެއް އަޅުގަނޑު ކޮށްދެން. އަޅުގަނޑުގެ އަވައްޓެރިއަކު އޭނާގެ ދަރިފުޅަށް ޖަރުމަނުން ކުޅޭ ބުދެއް ގެނެސްދިން. އެ ބުދު ފިރުކި ހަދާ. އަދި ލަވަ ވެސް ކިޔާ. ޓްވިންކަލް ޓްވިންކަލް ލިޓްލް ސްޓާރ، ހައު އައި ވޮންޑަރ ވަޓް ޔޫ އަރ... އަޅުގަނޑުގެ މާމަދަރިފުޅު ލާރާ ވެސް އޭގެ ބުދެއް ހޯދަން ވެގެން ބޮޑާ ދައްކަނީ. ޚޫރުޝީދު މި ކަމަށް މާމައެއްގެ ކަނު ލޯތްބޭ ކިއުއްވާ. ސަރުކާރުގެ ފަރާތުން އަޅުގަނޑަށް ފްރެންކްފަރޓަށް ދިއުމަށް އަމުރުކުރުމުން އަޅުގަނޑު ހަމަ ވަގުތުން ތައްޔާރުވީ."

ޚޫރުޝީދު ބަލްގުރާމީ ބުންޏެވެ. "މެޑަމް އެހެން އިބާރާތަކުން ތިޔަ ބުނުއްވަނީ ރާހި މަނާ ކުރިއަސް ތަގުދީރުގައި ލިއެވިފައިވާ ގޮތަށް ކަންތައް ހިނގާނެއޭތާ."

މެޑަމް ފުލެޗަރު ފުން ނޭވާއެއް ލިއެވެ. ދެން އޭނާގެ ކުރިމަތީގައި ބާއްވައިފައި ވާ އަތްދަބަސް ހުޅުވައިފައި އޭގެ ތެރެއިން ކުޅޭ ބުދު ނަގަން ފެށިއެވެ. ހާތޯރާ ބުންޏެވެ.

"މިސްޓަރ ޚޫރުޝީދު! ތިޔަ ބުނުއްވީ ރަނގަޅަށް. އަޅުގަނޑަކީ ނުޖޫމީއެއް ނޫން. އެކަމަކު އަޅުގަނޑަށް ވަރަށް ގިނައިން ތަޖުރިބާކުރެވިފައިވާ ކަމެއް. އެއްވެސް ކަހަލަ މުސީބާތެއް އައުމުގެ ކުރީން އަޅުގަނޑުގެ އަންހެނުންގެ ވާތުލޯ ތޮޅޭނެ. އޭނާ އަޅުގަނޑަށް މަނާކުރި މި ދަތުރު އަންނަން. އެކަމަކު ބައްލަވާ. ތަގުދީރު މި ވަނީ އަޅުގަނޑު މި ތަނަށް ގެނެސްފައި."

ޚޫރުޝީދު  ބަލްގުރާމީ ހިތްހަމަޖައްސައިދިނެވެ.

"މިހާރު ތަގުދީރާ ޝަކުވާކުރާކަށް ނުވާނެ. އަޅުގަނޑުމެން އެންމެން ސަލާމަތުން މިއޮތް އެނބުރި ގެއަށް ދަނީ."

"އަޅުގަނޑު ގަބޫލެއް ނުކުރަން. ހާތޯރާ ބުންޏެވެ. ބައްލަވާ. މެޑަމް ދުރުވަންވީ އެމެރިކާއަށް. އަޅުގަނޑުމެން ދެ މީހުން ދާންވީ އިރުމައްޗަށް. އެކަމަކު މި ބޯޓު އަޅުގަނޑުމެން ތިން މީހުން އެކުގައި ގޮވައިގެން މި ދަނީ ކޮން ތާކަށްތޯ؟"

މެޑަމް ބުންޏެވެ. "އަޅުގަނޑު އެއަރޕޯޓުން އެ އެއް ލޯ ޖެރަލްޑް މޫސް ގާތުގައި އެހިން. އޭނާ ބުނީ މި ބޯޓު އަޅުގަނޑުމެން ތިން މީހުން ގެންދާނީ އިސްތަންބޯލަށޭ. އެ ތަނުން އަޅުގަނޑުމެން ވަކިވާނީ އޭ."

މެޑަމް ބުދަށް ޗާބީ ދީފައި ބޯޓުގައި ބަހައްޓައިފިއެވެ. އެ ބުދު ފިރުކެމުން ދެއެވެ. އަދި އުޑާ ދިމާއަށް ބޯ އުފުލައިލައިފައި ކިއަމުން ގެންދެއެވެ.

"ޓުވިންކަލް ޓުވިންކަލް ލިޓްލް ސްޓަރ (ފިޔަ ޖަހަޖަހައި ތިބި ކުދިކުދި ތަރިތަކާ އެވެ! ތިޔައީ ކޮން އެއްޗެއް ކަން ނޭނގިގެން އަހަރެން މި ވަނީ ކިހައި ވަރަކަށް ހައިރާން ވެފައިހެއްޔެވެ؟)"

ތިޔައީ ކޮން އެއްޗެއް ހެއްޔެވެ؟ ތަރިތަކާ އެވެ. ކުޑަކުޑަ ލާރާ އަހަނީ އެވެ. މާމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ކަލޭމެން ފަދައިން ފިޔަޖަހަނީ އެވެ.

"ތަރި ތަކާއެވެ! ކަލޭމެންނަކީ ގިޔާމަތެއް ނޫން ދޯއެވެ؟

ތިމާގެކަމުގެ ވިޔަފާރިކުރާ މި ދުނިޔެ ލާރާހައި މަޢުސޫމުވެފައި މާމަގެ ލޯބި ހައި ސާފުވެފައި އަމިއްލަ އެދުމެއް ނެތެވެ. އިރުމަތީގެ ސީތާ އާއި ފާޠިމާ ހުޅަނގުގެ މަރިޔަމާއި ލާރާ ކަހަލަ އެތައް ކުރޯޑު ތުއްތުތުއްތު ކުދީންނެއް އުޑާ ދިމާއަށް ބޯ އުފުލައިލައިގެން ހައިރާންކަމާ އެކުގައި އަހަނީއެވެ. ލާނެތްކަމާ އެކު ލޯމަރާ ތަރިތަކާއެވެ. ތިޔައީ ފަހެ ކޮން އެއްޗެއް ހެއްޔެވެ؟ ވީ އިރު އޭ ޓްވިންކަލް ޓްވިންކަލް ދުންތަރިއާއެވެ! ކަލޭގެ ބިރުވެރިކަމާއި ގަދަފަދަކަން ގަންދީ ބުނަމެވެ. އެ މަޢުސޫމު ކުދީންގެ ސުވާލުގެ ޖަވާބު ގިޔާމަތުގެ ބަހުން ނުދެއްޗެވެ!...

ބުދު ބޯޓުތެރޭގައި ފިރުކެނީއެވެ. މާމަ ރޮނީއެވެ. އޭނާ ކަރުނަފޮހެމުން ބުންޏެވެ.

"އަޅުގަނޑުގެ އޮތީ އެންމެ އެދުމެއް. އެއީ ވީހައި އަވަހަކަށް މި ބުދު ލާރާއަށް ގެންގޮސްދިނުން. އޭރުން އެ މަންޖެ ކިހައި އުފާވާނެ. ގިޔާމަތުގެ ކުރިން އަޅުގަނޑަށް މިހައި ކުޑަކުޑަ އުފަލެއް އެ މަންޖެއަކަށް ނުދެވޭނެތޯ؟"

ޚޫރުޝީދު  ބަލްގުރާމީ ބުންޏެވެ. "އަޅުގަނޑުގެ ދުއާތައް ވަނީ މެޑަމާ އެކުގައި."

ހާތޯރާ އަތުކުރީ ގަޑިއަށް ބަލައިލަމުން ބުންޏެވެ.

"މިހާރު ބާރަ ޖަހަން އުޅެނީ. އަޅުގަނޑަށް ހީވަނީ އެކެއް ޖަހަންވާ އިރަށް އަޅުގަނޑުމެންނަށް އިސްތަންބޯލަށް ދެވޭނެ ހެން."

ގަޑިން ބާރަ ޖަހައިފިއްޔާ އެކެއް ވެސް ޖަހާނެއެވެ. އެކެއްގެ ފަހުން ދޭއް އަދި ދޭއްގެ ފަހުން ތިނެއް ޖެހިއެވެ. މެޑަމް ފުލެޗަރު އިނީ ބުދު މޭގައި ޖައްސައިލައިގެން ނިދައިފައެވެ. ޚޫރުޝީދު  ބަލްގުރާމީ ވެސް އިނީ ލޯމެރިފައެވެ. އެކަމަކު ހާތޯރާ އިނީ ހޭލައެވެ. ކަންބޮޑުވެގެން އިރުއިރުކޮޅާ ގަޑިއާ ދިމާއަށް ބަލައިލަބަލައިލައެވެ. އެއަރ ހޮސްޓެސް ވެސް ފެންނާކަށް ނެތެވެ. އެހެން ނޫންނަމަ އޭނާއާ ބައެއް ސުވާލު ކުރެވިއްޖައީހެވެ.

ބަރާބަރު ހަތަރެއް ޖެހުމާއެކު ސަލާމަތީ ކަމަރު އަޅަން ޕައިލެޓު ކޮޓަރިން އަންގައިފިއެވެ. އިސްޕީކަރުން އަންނަ އަޑު އިވިފައި މެޑަމާއި ޚޫރުޝީދު  ބަލްގުރާމީގެ ލޯ ހުޅުވުނެވެ. އެބައިމީހުން ހައިރާންވެގެން ގަޑި ބަލައިލުމަށް ފަހު ސަލާމަތީ ކަމަރު އަޅަން ފެށިއެވެ. ވިހި މިނެޓު ފަހުން މަތިންދާބޯޓު ކޮންމެވެސް ރަންވޭއެއްގެ މަތީގައި ދުވަމުން ދުވަމުން ގޮސް ހުއްޓުނެވެ. ދޮރު ހުޅުވުމުން އެ ތިން ދަތުރުވެރިން ސިޑިން ފައިބަމުން ހައިރާންކަމާ އެކު ވަށަވަށައިގެން ބަލައިލިއެވެ. އެއަރޕޯޓުގެ އިމާރާތް ހުރީ ވަރަށް ދުރުގައެވެ. ކައިރީގައި ތިބީ ހަތިޔާރުއެޅި ސިފައިންނެވެ. މެޑަމް ބިންމަތީގައި ފައިއެޅުމާ އެކު އެހިއެވެ.

"މިއި ކޮން ތަނެއްތޯ؟"

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.