ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 4

(8 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝަންކަރު ރޫޕްވަތީ ތަޅުވަން ފެށިއެވެ. އޭނާ ކާރު މަޑެއް ނުކުރެއެވެ. ރޫޕްވަތީއަށް ވިސްނައިދޭން ފެށިއެވެ.

"ރޫޕާ! ތިޔައީ ވިސްނޭ މީހެއް. ބުއްދީގެ ބޭނުންކުރޭ! ކާރުން ފައިބައިގެން ދުވަން ފަށައިފިއްޔާ އެހެން މީހުންނަށް ވެސް ރޫޕާގެ މޮޔަކަމުގެ ސިއްރު އެނގިދާނެ. އޭރުން ކޮންމެ މަގަކާ ކޮންމެ ގޯޅިއަކުން ވެސް ފެންނާނީ ހައްތަހާ ވެސް ރޫޕާ ކަހަލަ މޮޔައިން. އަހަރެންގެ ފުރާނަޔާ! ކެތްތެރިވޭ! ކާރުން ފައިބައިގެން ބިންމަތީގައި ދުވެވިދާނެ. އަދި ކަނޑަށް ގެނބެވި ވެސް ދާނެ."

އޭނާ ކާރުން ފައިބައިގެން ދާކަށް އަލަކުން ގަދައެއް ނުހަދައެވެ. އެކަމަކު ރޮމުން ގެންދިޔައެވެ. ލޮލުގައި އަޅައިފައި ހުރި އަނދުނާއި އައިޝޭޑާއި މޫނުގެ މޭކަޕު ކަރުނައިން ފޭދެމުން ދެއެވެ. ރީތި މޫނުގައި އެއް ދިމާއެއްގައި ވަނީ ރީތި ކަޅު ކުލައެވެ. އަނެއް ދިމާއެއްގައި ރަތް ލައްލައްގަނޑެވެ. އަނެއްބައި ދިމަދިމާގައި އައިޝޭޑުގެ ފެހި ތިކިތިއްކެވެ. އަޖައިބެއް ކަހަލަ ބިރުވެރިކަމަކާއި ވީރާނާކަމެކެވެ. އަދި ދުންތަރި އައީކީ ނޫނެވެ. މޫނުމަތީގައި ހަމައެކަނި، އެ ތަރީގެ ޚިޔާލީ ދުމުގެ ނަގޫ ކުޑަކޮށް ކޭއްތިލައިފައި ދިޔައީއެވެ. އެކަމަކު އެ ރީތި މޫނު މުޅިން ވީރާނާވެ ހިނގައްޖެއެވެ. ވީއިރު އެ ދުންތަރި ބިމުގައި ޖެހުމުން ފެންނާނީ ކޮން މަންޒަރެއް ބާވައެވެ. ބަރުބާދުވެފައިވާ އެކެއްގެ މޫނު ފެނުމުން ވަރަށް ގިނަ ފަހަރަށް، މުޅި ދުނިޔޭގައިވާ، ވީރާނާވެފައިވާ ހުރިހައި މޫނެއް ލޮލުގެ ކުރިމައްޗަށް އަތުވެދެއެވެ.

އޭނާގެ ކަރުނަ ފޮހެދޭނީ ކޮންގަތަކަށް ކަމެއް ޝަންކަރުގެ ވިސްނުމަކަށް ނާދެއެވެ. އޭނާ ހުއްޓުމެއް ނެތި ހަމަ އެކައްޗެއް ކިޔަމުން ގެންދެއެވެ. "އަހަރެން މަރެއް ނުވާނަން. އަހަރެން ދިރިހުންނާނަން. އަހަރެން މަތިންދާބޯޓެއް ޗާޓަރުކޮށްގެން ބިމުން އުދުއްސައިގެންފިއްޔާ ސަލާމަތުން، ބިމާ އުޑާ ދެމެދުގައި އިނދެވިދާނެ."

ޝަންކަރު މިހާރު އޭނާ ކިއާހައި އެއްޗަކަށް އާނހޫނ ކިޔަމުން ގެންދަނީއެވެ. އެއީ އެ ގޮތުން ވެސް އޭނާ ހިތްހަމަޖެހޭތޯއެވެ. އޭނާ ބުންޏެވެ.

"އާނ ރޫޕާ! އެ ތަރި ބިމުގައި ޖެހެން އައުމުން އަހަރެމެން މަތިންދާބޯޓެއްގައި އުދުއްސައިގަންނާނީ. އެ ބޯޓުގައި އަހަރެމެން ހަނީމޫން ފާހަގަކުރާނީ. އޭރު ތިރީގައި ބިން ހަލާކުވަމުން ދާނެ. އަހަރެމެން އެނބުރި މި ތަނަށް އަންނަ އިރު ބިމުގައި ދިރިއުޅޭ ހުރިހައި ފުރާނައެއް ނެތިވެ ހިނގައިދާނެ. އޭރުން ދުނިޔެ އެއްކޮޅުން އަނެއްކޮޅަށް އޮންނާނީ ހަމައެކަނި އަހަރެމެންނަށް. ދެން އަހަރެމެން އާދަމާއި ހައްވާ ހެން އަލުން މި ދުނިޔެ އާބާދު ކުރާނީ."

އޭނާ ވިސްނަން ފެށިއެވެ. އެއީ އެކަށީގެންވާ ގޮތެއް ހެއްޔެވެ؟ ނޫނެކެވެ! އެ ސުންޕާ ތަރި އަންނާނީ އުޑުންނެވެ. އެހެންވީއިރު އުޑާ ބިމާ ދޭތެރޭ، އުދުހޭ ބޯޓެއް ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ދެކޮޅު ހެދުމުގެ ގޮތުން ބޯ ހަލުވައިލައިފައި ބުންޏެވެ.

"ނޫން، އަހަރެމެން ސަބުމެރީނެއްގައި ކަނޑުގެ އަޑިއަށް ދާނީ. އެ ތަރި އެހައި ފުނަކަށް ނުދާނެ."

ދެން އަނެއްކާ ޚުދު އޭނާ އެ ވާހަކަ ރައްދުކުރިއެވެ. "ނޫން. ސަބްމެރީނެއް ޗާޓަރެއް ނުކުރެވޭނެ. އެ އެއްޗިއްސަކީ ހަމައެކަނި ހަނގުރާމައިގައި ބޭނުންކުރާން، ޚާއްޞަކޮށްފައިވާ އެއްޗެހިތަކެއް."

ޝަންކަރު ކުއްލިއަކަށް، އޭނާ ހިތްހަމަޖައްސައިދޭނެ ތަދުބީރެއް ވިސްނިއެވެ. އޭނާ ހިނިތުންވެލައިފައި ބުންޏެވެ.

"ރޫޕާ! އަހަރެމެން ދިރިތިބޭނެ. އަހަރެން މިހައި އިރުވަންދެން މި ބެލީ، ފުރާނަ ސަލާމަތްކުރާން ރޫޕާއަށް ކިހައި ތަދުބީރެއް ކުރެވޭތޯ! އެކަމަކު ރޫޕާގެ ވިސްނުން ވަރުބަލިވެއްޖެ! މިހާރު ދެން އަނެއްކާ ރޫޕާ ރޯން ފަށައިފާނެ. އެހެންވީމާ އަހަރެން މިހާރު މި، ރޫޕާއަށް ދެވަނަ ސިއްރު ބުނެދެނީ."

އޭނާ ހަމަވަގުތުން ޝަންކަރުގެ ކަރުގެ ހާރަކަށްވިއެވެ. މިހެން ދިމާވުމުން ޝަންކަރަށް ވެސް ޖެހުނީ ކާރު ހުއްޓައިލާށެވެ. އެހެނީ އޭނާއަށް އެއްފަހަރާ، ސަމާލުކުރެވޭނީ ކޮންމެވެސް އެކައްޗެކެވެ. ހުންގާނެވެ. ނޫނީ ރޫޕްވަތީ އެވެ. އެހެންކަމުން އޭނާ ރޫޕްވަތީ އޭނާގެ އަތުގެ ތެރޭގައި ހިފަހައްޓައިލަމުން ބުންޏެވެ.

"ބައްޕަ ދުރުވިތަނެއް އެނގޭތަ؟ ބައްޕަ ދުރުވީ އަހަރެމެންގެ ފުރާނާ ސަލާމަތް ކުރެވޭނެ ގޮތެއް ތަދުބީރުކުރައްވަންވެގެން."

"ހަމަ ތެދެއްތަ؟ ޝަންކަރު އަހަރެން މަސަލަސްކުރަން އުޅެނީކީ ނޫންތަ؟"

"ބައްޕަ، އަހަރެން ނޫނީ ރޫޕާ މަސަލަސް ކުރައްވާކަށް، މަތިންދާ ބޯޓެއް ޗާޓަރުކުރައްވައިގެންނެއް ނުދުރުވާނެ. ދުނިޔޭގެ ވަރަށް ބޮޑެތި ސިކުނޑިތައް ފްރެންކްފާޓަށް އެބަ އެއްވޭ. ބައްޕައަކީ ވެސް އޭގެ ތެރެއިން އެކެއް. އެ ތަނުގައި އެންމެން އެއްވެގެން، އަހަރެމެންގެ ދުނިޔެ ސަލާމަތްކުރެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާނެ."

"ދުނިޔެ ސަލާމަތްކުރެވޭ ގޮތް ނުވެއްޖެއްޔާޔޯ؟"

"އެހެންވިއްޔާ ޚުދު ތިމާ ސަލާމަތްވާނެ."

"ޝަންކަރު! ބައްޕައަށް ނަންގަނޭ ދުނިޔެ ފަނާވާން ދޫކޮށްލައްވާށޭ. ފުރަތަމަ އަހަރެމެން ސަލާމަތްވާނެ ގޮތަކާ މެދު ފިކުރުކުރައްވާށޭ."

"ބައްޕަ ކަންތައް އެ ކުރައްވަނީ ވެސް ތިޔަ ހެން. ބުނަން ރޫޕާ! ބައްޕައަކީ އަހަރެމެންގެ ގައުމުގައާއި ބޭރު ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު މީހެއް. ބައްޕަ ގައުމު ސަލާމަތްކުރުމުގެ ފިކުރުކުރައްވަނީ ކަމަށް ނޫސްތަކަށް ބަޔާންދެއްވާނެ. އެކަމަކު ކޮންމެ އިންސާނެއް ވެސް ތިމާގެ ފިޠުރަތުގައިވާ ގޮތުގެ މަތިން މަޖުބޫރުވެގެން އެންމެ ފުރަތަމަ ސަލާމަތްކުރާނީ ތިމާގެ ފުރާނަ. ދެން ފިކުރުކުރާނީ އެ މީހަކާ އެންމެ ގާތް އަދި އެންމެ ލޯބިވާ މީހަކު ސަލާމަތްކުރަން. ދެން ވިސްނާނީ މުޅި އާއިލާއާ މެދު. މިހައި ބޮޑު ގައުމެއްގެ އެތަކެއް ކުރޯޑު މީހުން ސަލާމަތް ކުރުމާ މެދު ވިސްނާނީ އެންމެ ފަހުން."

"އާނ. ވިސްނިއްޖެ. ޝަންކަރުގެ ބައްޕަ އެންމެ ފުރަތަމަ ފިކުރުކުރައްވާނީ ބައްޕައާ މެދުގައި،"

"ނޫން. ފުރަތަމަ ސަލާމަތް ކުރައްވާނީ އަހަރެން. ބައްޕަ ބައްޕަގެ ފުރާނައަށް ވުރެވެސް ބޮޑަށް އަހަރެން ދެކެ ލޯބިވެލައްވާ. އަދި އަހަރެން އަހަރެންގެ ފުރާނައަށް ވުރެވެސް ބޮޑަށް ރޫޕާ ދެކެ ލޯބިވަން."

"އެހެންވީ އިރު ޝަންކަރު، އަހަރެން ދޫކޮށްލާފައެއް ނުދާނަމެއްނު؟"

އޭނާ އަނެއްކާވެސް ޝަންކަރުގެ ކަރުގައި އެލިގަތެވެ. ޝަންކަރު އިނީ ވަރަށް އުފަލުންނެވެ. އެއީ އިރުއިރުކޮޅުން ރޫޕްވަތީ އޭނާގެ ކަރުގައި އެލިގަންނާތީއެވެ. އެހެންނޫނީ ކުރިން އޭނާ އުޅެނީ ލަދުގަންނަ ކަމުގެ ބަހަނާ ދައްކައިފައި ޝަންކަރާ ދުރުހެލިކޮށެވެ. ފިލްމުތައް ފިޔަވައި ހަގީގީ ދިރިއުޅުމުގައި އޭނާ މިއަދާ ހަމައަށް އެއްވެސް ފިރިހެނެއްގެ ކައިރިއަށް ނުދާކަމަށް ހުވާކުރެއެވެ. އެހެންކަމުން ޝަންކަރު ގާތުގައި ވެސް ބުނެއެވެ. "އަހަންނަކީ ބިކުރުވެރި ކުއްޖެއް. ފިލްމީ ހަޑިމުޑުދާރު މާހައުލުގައި އަހަރެން ލޮޓަސް މަލެކޭ އެއްގޮތް. އަހަންނަކީ ޖާނު ދޫކޮށްލަން ޖެހުނަސް އިއްޒަތް ދޫކޮށްނުލާނެ އަންހެނެއް."

އެކަމަކު، އޭނާ މިހާރު ޖާނު ސަލާމަތްކުރުމަށްޓަކައި އެ ވަނީ ޝަންކަރުގެ އުނގުގައެވެ. ޝަންކަރު ވިސްނިއެވެ. "އަހަންނަށް މި ބުނެވެނީ ރަނގަޅު ވާހަކައެކެވެ. ހަ މަސް ދުވަހު އަހަރެން ތެޅުވުމަށްފަހު މިއަދު މި އެތިފަހަރުން އޭނާ އަހަރެންނާ ކަރާއިކަރުޖައްސައިލައިފިއެވެ. މިހާރު ދެން ފުރާނަ ސަލާމަތްކުރާން ދެ ދުވަހުގެ ފަހުން ކައިވެނިވެސް ކުރާނެއެވެ..."

ކަރާއިކަރު ޖެހޭ ވަގުތު އެކެއްގެ މޫނު އިރުމައްޗަށް ހުރިއްޔާ އަނެކެއްގެ މޫނު ހުންނާނީ ހުޅަނގަށެވެ. ޝަންކަރު ދެކެމުން ގެންދަނީ އިރުމަތީގެ އަލަތު އަތްނބެއްގެ ހުވަފެނެވެ. ރޫޕްވަތީ ވިސްނަމުން ގެންދިޔައީ ހުޅަނގާ ދިމާއަށް ދާން އުޅޭ ހިންމަތު ރާއޯއާ މެދުގައެވެ. އެ މުސްކުޅިޔާ އަހަރެން ގިޔާމަތުން ސަލާމަތް ކޮށްދޭނެ ބާވައެވެ؟ މި ޒުވާނާ ދޮގުހަދައިގެން އަހަރެން ކައިވެނީގެ ގޮށުން ބަނދެލަން އުޅެނީ ކަމަށް ވެސް ވެދާނެއެވެ. ތެދަކީ ކޮބައިބާވައެވެ؟ އެއެއް އޮޅުންފިލުވަން، އަހަންނަށް ޖެހޭނީ ހިންމަތު ރާއޯއަށް އިންތިޒާރު ކުރާށެވެ. އެ މުސްކުޅިޔާ ވަރަށް މުހިންމެވެ.

ހިންމަތު ރާއޯ ބޯޓުގައި ދަތުރުކުރަމުން ނިދިހަމަކުރިއެވެ. ހެނދުނު ހަތެއް ޖެހި އިރު އޭނާއަށް ފްރެންކްފާޓަށް ދެވުމުން ސަރުކާރުން އެންގީ ދަތުރު އޮތީ އަދި ކުރިއަށް ކަމަށެވެ. ޖަލްސާގައި ބައިވެރިވުމަށް އޭނާއަށް ދާންޖެހުނީ މިޔުނިކަށެވެ. އޭނާ އެއާޕޯޓުގެ ވީ.އައި.ޕީ ލައުންޖުގައި އިނީއެވެ. ކުރިއްސުރެ އެތަނުގައި ބަޔަކު ތިއްބެވެ. އެމެރިކާއާއި ރޫސީވިލާތުގެ ސައިންސުވެރީންނާއި ޖަރުމަނާއި ޖަޕާނުގެ އިންޖިނިއަރުންނާއި ގްރީންވިޗުގެ ފަލަކިއްޔާތުގެ މާހިރުންނާއި ދުނިޔޭގެ މަޝްހޫރު ދެ ނުޖޫމީންނެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ އެމެރިކާގެ މުސްކުޅި އަންހެނެއް ކަމުގައިވާ ފްލެޗަރެވެ. އޭނާ ބުނާ ވާހަކަތަކަކީ ހިލައިގައި އަޅާ ރޮނގުތަކެއް ކަމަށް ބެލެވެއެވެ. ހިލައިގައި ރޮނގު އަޅާ އަނެކަކީ ޕްރޮފެސަރު ޚޫރްޝީދު ބަލްގްރާމީގެ ނަމުން ދުނިޔެ ދަންނަ މީހާއެވެ.

ހިންމަތު ރާއޯ ޚޫރްޝީދެއް ނުދަނެއެވެ. އެކަމަކު ޕްރޮފެސަރުގެ ބޮލުގައި އޮތް ޖިނާޙުކެޕް ފެނުމުން އެއީ ޕާކިސްތާނު މީހެއްކަން އެނގުނެވެ. އަދި އެ ވާނީ ޚޫރްޝީދު ބަލްގްރާމީއަށް ކަން ވެސް އެނގުނެވެ. އޭނާ އެ މީހާގެ ގާތަށް އައިސް ސޯފާއެއްގައި އިށީންތަނާ އެ ކަން ކަށަވަރުވިއެވެ. އޭރު މެޑަމް ފްލެޗަރ ބުނަނީއެވެ.

"މިސްޓަރ ޚޫރްޝީދު! އަޅުގަނޑުމެންގެ ހިސާބު ނުކުތީ މުޅިން ރަނގަޅަށް. އަޅުގަނޑު ވެސް ނޫހަށް ބަޔާނެއް ދިނިން. އެކަމަކު އެ ބަޔާން ސެންސަރުކޮށްފި."

ޚޫރްޝީދް ބަލްގްރާމީ ނުހަނު ސީރިއަސް ކަމާއެކު ބުންޏެވެ.

"އަޅުގަނޑުމެން އެހެން ވާނެ ކަން އަޅުގަނޑުމެންގެ ޢިލްމުން ބުނެފިނަމަ އެހެން ވާނެކަން ޔަގީން. އެކަމަކު މާތްރަސްކަލާނގެ، ނުވާން ހުންނަ ކަންތައްތައް ވާނެގޮތް މެދުވެރި ކުރައްވައި، ވާން ހުންނަ ކަންތައް ނުވާނެ ގޮތް މެދުވެރިކުރައްވާ. އަޅުގަނޑުމެން ދިން ބަޔާނުގެ މަފްހޫމް އެކަލާނގެ ބަދަލު ވެސް ކުރައްވަފާނެ."

"ނޫން މިސްޓަރ ޚޫރްޝީދު!" މެޑަމް ފްލެޗަރ ބުންޏެވެ. "އަޅުގަނޑުމެން މި ބުނާ ގޮތް ބަދަލެއް ނުވާނެ. އެ ކޮމެޓް ބިމާ ދިމާއަށް އަންނަކަން ސައިންސުގެ އާލާތްތައް ވެސް މިހާރު އެބަ އަންގާ. އޭގެ މަގު ބަދަލެއް ނުވާނެ. ޚޫރްޝީދުގެ ހިސާބަށް ބަދަލެއް އައިސްފައި ވާ ނަމަ އަޅުގަނޑު ގާތު ބުނުއްވާ."

"އަޅުގަނޑުގެ ހިސާބަކަށް އެއްވެސް ބަދަލެއް ނާދޭ. އަޅުގަނޑު އަޅުގަނޑުގެ އީމާނާއި ޢަޤީދާގެ މައްޗަށް ބިނާކޮށް މި ބުނަނީ މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ނަމަ ގިޔާމަތުގެ އެ ވަގުތު ފާއިތުވެގެން ހިނގައިދާނެއޭ."

މެޑަމް ފްލެޗަރ ބުންޏެވެ. "ޚޫރްޝީދު ނުރުހުންވެ ނުލައްވައްޗޭ! މާތް ރަސްކަލާނގެ، ތިޔަހެން މެދުވެރި ކުރައްވަފާނެ ވާހަކަ ތިޔައީ ހަމައެކަނި ހިތްހަމަޖައްސައިލުމުގެ ވާހަކައެއް. ހިސާބު ޢިލްމުގައި ދޭކާ ދޭކާ ވީމާ ވާނީ ހަތަރެއް ކަން އެއީ ކަށަވަރު ކަމެއް. ބިމަށް ދަމާބާރުގެ ބަދަލުނުވާ ގާނޫނުގައި ވާ ގޮތުން، ކޮންމެ އެއްޗެއް ވިޔަސް، ކިތަންމެ މައްޗަށް އުޑާ ދިމާއަށް އެއްލިޔަސް އެނބުރި އަންނާނީ ބިމާ ދިމާއަށް. ރަމަލު ޢިލްމުގެ އަކުރުތަކާއި ވިޔަތަކުން ދުންތަރިއަށް ބިމުގެ މަގު ދައްކައިދީފި. ޤުދުރަތީ ގޮތުން ކަންތައް ވަމުން ދަނީ އެހެން. އެހެންކަމުން އެ ތަރި ބިމުގައި ޖެހޭނެކަން ކަށަވަރު. ސަލާމަތްވުމުގެ އެހެން މަގެއް ނުފެނުމުން ޚޫރްޝީދު މިސްކިތަށް ދުރުވުމާއި އަޅުގަނޑު ފައްޅިއަށް ދިޔުމަކީ އަދި އެހެން ކަމެއް."

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.