ޑިސެންބަރު އަށާވީސް: ދުނިޔޭގެ ފަހު ދުވަސް! - 25

(29 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހުއްދަނެތީ އެއް ނަންބަރު ކޮޓެޖުގައި ބަންދުކޮށްފައި ތިބި މީހުންނާ ބައްދަލުކުރުން އެކަނި. އެއީ ކޮން ބައެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ކޮޓެޖުގެ ވަށައިގެން ފުލުހުން ވަރުގަދައަށް ފޯރިމަރަމުން ގެންދިޔަ."

އެއަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި ޔަހޫދީ އެއް ލޮލުގެ ވެރި ޖެރަލްޑު މޫސްގެ ސެކެޓުރީ ދެއްކިއެވެ. އޭނާއަށް ވަރަށް ބޮޑަށް ހާނީއްކަކޮށް، ވޭންދީގެން ހަގީގަތް ބުނުވައިފައި ވާކަން އޭނާ އިން ސިފައިން އެނގެއެވެ. އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ބޮސް ޖެރަލްޑު މޫސާއި އަޅުގަނޑުމެންގެ ޔަހޫދީ އިމާމުންނާއި މަގުދައްކާ މީހުން ވަރަށް ވަރުގަދަ ރޭވުމެއް ރޭވި. އެއީ މި ދުނިޔެ ހަލާކުވެއްޖެއްޔާ ބިމުން ބާކީ އޮތް ތަންކޮޅެއްގައި އަލުން ޔަހޫދީ ދީން ގާއިމުކުރުމަށް ޓަކައި. ގިޔާމަތުގެ ވާހަކަ ފެތުރޭ ތަން އެ ބޭކަލުންނަށް ފެނިލެއްވުމުން ޢީސާއީ ދީނުގެ މޫތައް ބަލިކުރުމުގެ ރޭވުން ރޭއްވެވި. އެ ރޭވުމަކީ ބާވައިލެއްވި ފޮތްތަކުގައި ވާ ގޮތުގެ މަތިން ޢީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާ ވާހަކަ އިޢުލާނުކުރުން. އެ އިޢުލާނުގައި އެކަލޭގެފާނާ ގުޅުމުން އެކަލޭގެފާނު ދުރަށް ދައްކާނެކަން އެންގުން ހިމެނޭ. އެއަށްފަހު ހަދަން ރާވައިފައިވާ ގޮތަކީ އެކަލޭގެފާނު ދައްކާނެކަމަށް އިޢުލާނުކުރާ ޓީވީ އިސްޓޭޝަން ބަޑިބޭހުން ގޮއްވައިލުން. ބޭނުމަކީ އެމީހުންގެ އިޢުލާނުގައި ތެދުވެރިކަމެއް ހުރި ނަމަ މަސީޙު، އެ ޓީވީ އިސްޓޭޝަނާ އެކު ފަނާވެގެން ނުދިޔައީސްކަން ދުނިޔޭގެ މީސްތަކުން ލައްވައި ގަބޫލުކުރުވުން.

އަޅުގަނޑުމެން އުންމީދުކުރި ވަރަށްވުރެ ބޮޑަށް ކާމިޔާބު ލިބުނު. ހުރިހައި މުސްލިމުން ޢީސާއީންނާ ދެކޮޅުވާނެ ކަމަކަށް އަޅުގަނޑުމެން ހިއެއް ނުކުރަން. އެކަންވީ އަޅުގަނޑުމެންނަށް ލިބުނު މޮޅަކަށް. ދެން ވީ ގޮތަކީ ޓީވީ އިސްޓޭޝަން ބަޑިބޭހުން ގޮއްވައިލުމުގެ ކުރިން ބިންހެލުން އައިސް ހަލާކުވީ. މިހެން ދިމާވުމުން ޢީސާއީން ޢީސާގެފާނު ދައްކަން ނުރާވާ ކަމަށް އެމީހުންގެ އިމާމުން ކިތަންމެ ވަރަކަށް ބުނި ނަމަވެސް އެއްވެސް މީހަކު ޔަގީނެއް ނުކުރި. އެންމެންނަށް ވެސް ވިސްނިފައި ވަނީ ޓީވީ އިސްޓޭޝަނާ އެކުގައި ރަސޫލުބޭކަލެއްގެ ޑަމީ ހަލާކުވީމާ ވާހަކަ ހަދަނީ ކަމަށް.

ކަންތައް ރާވަމުން ދިޔައީ އަޅުގަނޑުމެން. އަދި އެ ކަންކަން ރާވަމުން ގެންދިޔައީ ވަރަށް ސިއްރުން. އެ ސިއްރު ފަޅާއެރި ގޮތެއް ނޭނގެ. މި ކަމުގައި އަޅުގަނޑުގެ ކުށެއް ނެތް. އަޅުގަނޑު އަދާކުރަމުން ގެންދިޔައީ ހަމައެކަނި ސެކެޓުރީއެއްގެ ވާޖިބު. އާ ދުނިޔެ އާބާދުކުރުމުގެ ބޭނުމުގައި ގަދަކަމުން ވަގަށްނެގި މުހިންމު މީހުންގެ ނަންތައް ހިމެނޭ ފައިލު، އަޅުގަނޑު މި ހުޅުވައިލަނީ."

އޭނާ ފައިލު ހުޅުވައިލައިފައި މީހުންގެ ނަމާއި އެ މީހުންގެ ގައުމުގެ ނަން ކިއަން ފެށިއެވެ. އެ މީހުން ވަގަށްނެގި ތަންތަން ވެސް ކިއައިދިނެވެ. ބަހާމާ ޖަޒީރާގެ ގުލޯބު އާކުގެ ވާހަކަ އައުމުން އޭޝިއާގެ ހުރިހައި ރައްޔިތުން ސިހުނެވެ. އެމެރިކާގެ އަންހެނެއްގެ ނަމުގެ އިތުރަށް ފިލިޕީންސުގެ ފަތްޕިލާވެލީގެ މާހިރު ހާތޯރާއާއި ޕާކިސްތާނުގެ ދުނިޔެއަށް މަޝްހޫރު ނުޖޫމީ ޚޫރުޝީދު ބަލްގުރާމީގެ ނަން ވެސް ކިޔެވެ.

ޖެރަލްޑު މޫސްގެ ބަޔާނުގައި ވަނީ ތެދެވެ. އެ ބަޔާނުގައި ތެދު އެކުލެވިފައިވާލެއް ބޮޑުކަމުން އެއް ބައި އޮތީ ސެންސަރުކޮށްފައެވެ. އެއީ ބޮޑު ހަތަރު ގައުމާ ޚިލާފު ވާހަކައަކަށް ވާތީއެވެ. އެހެން ނޫން ނަމަ، ދުންތަރީގެ ޚަބަރު އާންމުންނަށް ވަންހަނާކޮށް ތިމަތިމާމެންގެ މުހިންމު މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ގުލޯބު އާކު ބަނުން ކަހަލަ ރޭވުމެއްގައި އެ ގައުމުތައް ވެސް ބައިވެރިވާކަން މީހުންނަށް އެނގުނީހެވެ. ޔަހޫދީން އެތެރެއިން ކޮށައި ޔަހޫދީންނަށް މަގު އެއްވަރުކުރުމުން މިހާރު އެ މީހުން ވަނީ ދުޝްމަނުންގެ ސުވާލު ޖަވާބަށް އާންމުންގެ ކުރިމައްޗަށް އައިސްފައެވެ.

ޑިސެންބަރު ސައްބީހުގެ ހެނދުނުގެ ނޫހުގައި ޚޫރުޝީދު ބަލްގުރާމީއާއި ހާތޯރާއާއި އެހެން މީހުންނާ ބެހޭ ޚަބަރުތައް ޝާއިޢުކުރިއެވެ. އެ މީހުން ވަގަށްނެގި ގޮތް ލިއެފައި ހުއްޓެވެ. އެ މީހުން އަނބުރާ ގެނައުމަށް ޓަކައި ގާނޫނާ ޚިލާފު ޢަމަލުތައް ނުކުރުމަށް އާންމުންނަށް ގޮވައިލައިފައި ވެއެވެ. އެ މީހުން ތިބީ ދުޝްމިނުންގެ އަތްދަށުގައި ކަމާއި އަވަސް އަރައިގަނެގެން އުޅެފި ނަމަ އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވިސްނައިދީފައި އޮތެވެ.

އެހެންނޫނަސް މީސްތަކުންގެ ކިބައިގައި މިހާރު އެއްވެސް ބާވަތެއްގެ "ލޭހޫނުކަމެއް" ދައްކައިހައި ހޭވެރިކަމެއް ނެތެވެ. އެހެނީ އެ ދުވަހު މެންދުރު ފަހު އެ ދުންތަރި ދުވާލުގެ އަލީގައި ލޮލަށް ފެނުނެވެ. އެ ތަރި ހަނދަށްވުރެ ބޮޑެވެ. އެ ތަރި ފުރިހަމައަށް ފާޅުވުމުން ބިމުގައި ރަތްކުލަ ޖެހިއެވެ. ކުއްލިއަކަށް ބިންހެލުން އަންނަން ފެށިއެވެ. ފާރުތައް ތުރުތުރުއަޅަން ފެށިއެވެ. ބިއްލޫރި ތެޅެން ފެށިއެވެ. ވަގުތުން ހޯބޯލާން ފެށިއެވެ. މީހުން ކަންބޮޑުވެގެން ބިންމައްޗަށް ވެއްޓެމުން ދިޔައެވެ. އެއީ ކުޑަ ހިނދުކޮޅެއްގެ ކަމެއް ކަހަލައެވެ. ދެން ބިން ހިމޭންވިއެވެ.

ސަރުކާރުން އިޢުލާންތައް ކުރަމުން ގެންދެއެވެ. އިރުޝާދުތައް ދެމުން ގެންދެއެވެ. މީސްތަކުން ހަމަހޭގައި ތިބެގެން އަމިއްލަ ސަލާމަތާ މެދު ފިކުރުކުރަންވީ ކިހިނެއްކަމެވެ. ދުންތަރީގެ ސަބަބުން އަލިފާން ފެތުރި ޢިމާރާތްތައް ވެއްޓުމުގެ ބިރު އެބައޮތެވެ. ކޮންމެ ބައަކު ވެސް އެ ބައެއްގެ ގޭދޮށުގައާއި ކާރުޚާނާތައްދޮށުގައި ދިގު ވަޅުތައް ކޮނުމަށް އޭއާރުޕީގެ އޮފީހުން އިރުޝާދުދެމުން ގެންދިއައެވެ. އެއީ އުޑުގެ އާފާތުގެ ހަމަލާއިން ސަލާމަތްވުމަށް އެ ވަޅުތަކަށް އެރުމަށެވެ. ކޮންމެ އަވަށެއްގައި ފުރަތަމައެހީގެ މަރުކަޒެއް ގާއިމުކުރެވުނެވެ. އަލިފާންނިވާ ޑިޕާޓުމަންޓަށް ސައުވީސް ގަޑިއިރު ހުޝިޔާރުގައި ތިބުމަށް ވަރުގަދައަށް އެންގިއެވެ. އެއީ އަލިފާން ފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑުކަމުންނެވެ. އެހެންކަމުން އިންޖީނުގެއާއި ބޯޓުދެލި ގުދަނާއި ތެޔޮ ޓޭންކުތައް ރައްކާތެރިކުރުމުގެ އިންތިޒާމުތައް ޚާއްޞަ ގޮތެއްގައި ކުރިއެވެ. މީސްތަކުން އެ މީހުންގެ ގޭގެ ވަށައިގެންނާއި ފުރާޅުމަތީގައި ވެލިބަސްތާޖަހަމުން ގެންދިއައެވެ. މުއްސަނދީން ގޭސް މާސްކު ހޯދާނެ ގޮތަކާ މެދު ފިކުރުކުރިއެވެ.

އިންސާނުންނަކީ ކޮން ކަހަލަ ބައެއް ހެއްޔެވެ؟ ޚުދު އިންސާނުންނަށް ވެސް އެއެއް ބުނެދޭކަށް ނޭނގެއެވެ. އެކަމަކު އެނގޭ ކަމެއް އެބައޮތެވެ. އެއީ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުގަތުމަށް އިންސާނާ ގާތު ބުނި ނަމަވެސް ބިރުނުގަންނަކަމާއި މަރުގެ ވާހަކަ ބުނެ ބިރުގެންނެވުމުން ބިރުން ރޫރޫއަޅާކަމެވެ. އަދި މަރުވެދާނެކަމުގެ ނުރައްކާ ފިލުމުން މަރުގެ މަތިން ވެސް ހަނދާން ނައްތައިލާކަމެވެ. އަޅުކަންކުރާ ތަންތާނގައި ފަންސަވީސް ޑިސެންބަރުގެ ކުރިން މީހުން ވަރަށް ގިނައެވެ. ފަންސަވީސް ޑިސެންބަރުގައި ޔަހޫދީންގެ ރޭވުންތައް ފަޅައިއެރުމުން މީސްތަކުންނަށް ޚިޔާލުކުރެވުނީ ދުންތަރީގެ ވާހަކައަކީ ހަމައެކަނި އޮޅުވައިލުމެއް ކަމަށެވެ. ޔަހޫދީން މުޅި ދުނިޔެއަށް ވެރިވާން ވެގެން ދުންތަރިއެއްގެ ދޮގު ވާހަކައެއް ހެދީކަމަށެވެ. ޖައްވަށް ރޮކެޓެއް ފޮނުވައިލައިފައި އެއީ ނުރައްކާތެރި ދުންތަރިއެއް ކަމަށް ބުނެ މީހުން ބިރުގަންނަވަމުން ގެންދިޔައީ ކަމަށެވެ. އެހެންކަމުން އަޅުކަންކުރާ ތަންތަނުން މީހުން މަދުވާން ފެށިއެވެ.

ސައްބީސް ޑިސެންބަރުގެ މެންދުރުފަހުން ކުއްލިއަކަށް އަނެއްކާ ވެސް މިސްކިތްތަކާއި ފައްޅިތައް ފުރުނެވެ. މީސްތަކުން މަރުގެ ތުންފަތްމަތީގައި ތިބެގެން ވެސް ރިޝްވަތުދިނުން ހުއްޓައެއް ނުލައެވެ. އެ މީހުން ނުހަނު ދީލަތިކަމާއެކު، އަޅުކަންކުރާ ތަންތަނަށް ޗަންދާދޭން ފެށިއެވެ. އެ މީހުން ދެކޭގޮތުގައި ކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށް ޓަކައި އެ މީހުންނަށް އޮތް ހަމައެކަނި މަގަކީ އެއީއެވެ.

ވާނީ ކިހިނެއް ބާވައެވެ؟ ނުވާނީ ކިހިނެއް ބާވައެވެ؟ މީސްތަކުން އަދިވެސް ތިބީ ދެފުށުއެޅިފައެވެ. މި ގޮތަށް ދިމާވުމުން އިންސާނުން ތިން ބައަކަށް ބެހުނެވެ. ފުރަތަމަ ބައަކީ އަޅުކަންކުރުމުގައި މަޝްޣޫލުވީ މީހުންގެ ބައެވެ. އެ މީހުންނަކީ ކުރިން ކޮށްފައި ހުރި ފާފަތައް ސަޖިދައިގެ ދޮންނަކުނޑި ބޭނުންކޮށްގެން ދޮންނަމުން ގެންދިއަ މީހުންނެވެ.

ދެވަނަ ބައަކީ މަރުވާނެކަން ޔަގީންކޮށް ހެނމުން އުފަލުގައި މަރުވާން ނިންމި މީހުންގެ ބައެވެ. އެ މީހުންގެ މަގުސަދަކީ ދިރިއުޅުމުގައި ހޯދުނުހައި އުފަލެއް އެ ސައުވީސް ގަޑިއިރުގެ ތެރޭގައި ހޯދުމެވެ. އާންމުކޮށް ހުޅުވައިލެވިފައި ހުންނަ އުފާކުރާ ތަންތަން ހުޅުވައިފައި ހުންނާނެ ކަމަށް ސަރުކާރުން އޮތީ އަންގައިފައެވެ. އަދި ކުޅިވަރުގެ ހުރިހައި ޓެކުހެއް އޮތީ މާފުކޮށްފައެވެ. ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައިފައި ހުރީ ޓިކެޓު އަގުހެޔޮކޮށްފައެވެ. ވިސްކީއާއި ބިއަރާއި ބުރެންޑީ އަގުހެޔޮކުރިއެވެ. އަދި ކަސްބީން ވެސް އެ މީހުންގެ ރޭޓު ދަށްކުރިއެވެ.

ތިން ވަނަ ބައަކީ ބިރުން ދީނާ ވީ ފަރާތަށް ވެސް އަދި ދުނިޔެއާވީ ފަރާތަށް ވެސް ނޭނބުރެވުނު  މީހުންގެ ބައެވެ. އެ މީހުން ހުއްޓުން އަރައިފައި ތިބެނީއެވެ. އެ މީހުން ކުރަންވީ ކަމެއް އެ މީހުންނަކަށް ނުނިންމެއެވެ. އެހެންކަމުން އެ މީހުން އަޖައިބެއް ކަހަލަ، ވާނުވާ ނޭނގޭ ހާލަތެއްގައި ތިބެ މަރަށް އިންތިޒާރުކުރަނީއެވެ.

ރޭގަނޑު ރޭޑިއޯއިން، ޓޯކިޔޯއަށް ބިންހެލުން އައި ޚަބަރު ދިނެވެ. ކޮންމެވެސް ވަރަކަށް ސަލާމަތުން ހުރީ އެކަތައާއި ގޮނގުރެޓުން ހަދައިފައި ހުރި އިމާރާތްތައް އެކަންޏެވެ. އެހެން ހުރިހައި އިމާރާތްތަކެއް ބިމާ ހަމަވިއެވެ. ތިންގަޑިއިރު ވަންދެން އިރުއިރުކޮޅުން ބިންހެލެމުން ދިޔައެވެ. މިހާރު އެ ތާނގައި އޮތީ މަރުގެ ހަމަހިމޭންކަމެވެ. ރަށުގެ ވަރަށް ބޮޑު ހިސާބަކަށް ވަނީ އަލިފާން ފެތުރިފައެވެ. މަރުގެ ސުވަލަކަށް ވީ ކިތައް އިންސާނުން ކަމެއް އަދި ލަފާކުރާކަށް ނޭނގެއެވެ.

ދުންތަރި އަދި ބިމުގެ ދަމާބާރުގެ ދާއިރާގެ ތެރެއަކަށް ނުވަދެއެވެ. އެހެން ނަމަވެސް ބިމަށް އޭގެ އަސަރު ކުރަމުން ދިޔައެވެ. މެންދަމު ފަހުން ޚަބަރު ލިބުނީ ޚަލީޖު ބަންގާލުގައި ތޫފާނު އުފެދިއްޖެ ކަމަށެވެ. އަންޑަމަނާއި ސާންދީޕު ކަހަލަ ޖަޒީރާތައް ކަނޑުގެ ބޮޑެތި ރާޅުތަކުގެ ތެރެއަށް ގެއްލުނެވެ. ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ކޮންމެ ގައުމެއްގެ ކޮންމެ ރަށެއްގެ މީހުން އެ މީހުންގެ ފަހަރަށް އިންތިޒާރުކުރަމުން ގެންދިޔައެވެ. ރޭލެއްގެ ޑުރައިވަރެއް ބުނިގޮތުގައި މީހަކު މޮޔައެއް ހެން ހަޅޭއްލަވަމުން ދުވެފައި އައިސް ރޭލުގެ ދަށަށް ވަނެވެ. މި ކަހަލަ މަރުގެ ޚަބަރު އެތައް ދިމާއަކުން ލިބެމުން ދިޔައެވެ. ހިތްބަލި ފިރިހެނުންނާއި އަންހެނުން ގިޔާމަތް ދެކެ ބިރުން އަމިއްލައަށް މަރުވަމުން ދިޔައެވެ.

ޒުވާން އަންހެނަކު ހިސްޓީރިއާ ޖެހިފައިވާ ފަދަ ގޮތަކަށް ހެނމުން، ލެއިން ކަޅިވެފައި އޮތް ވަޅިއެއް ހިފައިގެން ގެއިން ބޭރަށް ނުކުތެވެ. ދެން ހަޅޭއްލަވަމުން ގޮވަން ފެށިއެވެ.

"އަހަރެން ބޭބެ މަރާލައިފިން. ބޭބެ އޮތީ ނިދައިފައި. އަހަރެން ބޭބެ މަރައިލައިފިން. ހާހާހާހާ. އަހަރެންގެ މުސްކުޅި ބައްޕަ މަރުވީ އަހަރެންގެ ޖަހޭޒަށް ފައިސާ އެއްކުރަމުން އެއްކުރަމުން ގޮސް. އަހަރެންގެ ބޭބެ މަސައްކަތް ކޮށްކޮށް މުސްކުޅިވެއްޖެ. ބޭބެ މުސްކުޅިވެއްޖެ. މިހާރު ދެން އަހަރެންނަށް ހޯދައިދެވޭނީ ކޮން ޖަހޭޒެއް. އެހެންވެ އަހަރެން ނިންމައިލީ. ހާހާހާހާ. މީ ކޮއްކޮ. އަހަރެންނަކީ ކޮންކަހަލަ ހުސްހަށިބައި އަންހެނެއް؟ ބޮލުގައި ނުރަޖަހައިފި. ގިޔާމަތް އަތުވެއްޖެ. އަހަންނަކަށް އަލަތު އަތްނބަކަށް ނުވެވުނު. ބަލަން ތިބޭ. އަހަރެން އަހަރެންގެ ހެދުން ކައިވެނީގެ ކުލައިން މި ކުލަޖައްސައިލަނީ. އަހަރެން ގިޔާމަތުގެ ޑޯލީގައި ގެންދޭ!"

މިހެން ބުނުމާއެކު އޭނާ މެއަށް ވަޅި ހަރައިލިއެވެ. މީސްތަކުން ހަޅޭއްލަވަމުން އެކި ދިމަދިމާއަށް ދުވަން ފެށިއެވެ. ދާނީ ކޮންތާކަށް ހެއްޔެވެ؟ މަރުވާނީ ކޮންތާކަށް ގޮސް ހެއްޔެވެ؟ ބަލަ ގިޔާމަތް އަތުވެއްޖެއެވެ. އަހަރެމެންނަށް ދިރިތިބޭނެ ގޮތެއް ކީއްކުރަން ހެއްޔެވެ. މަރުވާނެ ގޮތެއްވެސް ނޭނގުނެވެ.

ހަތާވީސް ޑިސެންބަރުގެ ހެނދުނު އުޑުގެ ކުލަ ރީނދޫވިއެވެ. ވައި މުޅިން ހިނދުނެވެ. ގަހެއްގެ ފަތެއް ވެސް ހެލިއެއްނުލައެވެ.

ކުއްލިއަކަށް ހޫނުކަން މައްޗަށް ދިއައެވެ. ވަށައިގެން ވެރިވެފައި ވަނީ އަޖައިބެއް ފަދަ ހިމޭންކަމެކެވެ. އުޑު އެއް ފަހަރު ރީނދޫ ކުލައަށް އަނެއްފަހަރު ރަތް ކުލައަށް ބަދަލުވަމުން ދިއައެވެ. އެއާ އެކު އުޑުގެ ކުލައިން ބިން ފެންވަރުވަމުން ދިޔައެވެ. އެއަށްފަހު އުޑުގެ ކުލަ އަނެއްކާ ވެސް ބަދަލުވެއެވެ. އުޑުގެ ކުލަ ބަދަލުވަނީ ކިހިނެއްކަން ދެއްކުމަށް ޓަކައި ކަން ނޭނގެއެވެ.

ބަހާމާ ޖަޒީރާއަށް ވެރިވެފައި ވަނީ ކަށްފަލަކަށް ވެރިވެފައި އޮންނަ ފަދަ ފަޅުކަމަކާއި ހަމަހިމޭންކަމެކެވެ. އެ ރަށުގައި ތިބީ ގާތްގަނޑަކަށް ސާޅީސް ފަސް ފިރިހެނުންނާއި ފަންސަވީސް އަންހެނުންނެވެ. ފިރިހެނުންގެ ތެރެއިން ފަނަރަ މީހުންނަކީ ހަތިޔާރު އެޅި ޒުވާން ފިރިހެނުންނެވެ. ދެން ތިބި ތިރީސް މީހުންނަކީ ދިރިއުޅުމުގެ ތަފާތު ރޮނގުރޮނގުގައި މުހިންމު މީހުންނެވެ. އެކަމަކު މިހާރު އެ ތަނުން އެއްވެސް މީހެއްގެ އަޑެއް ނީވެއެވެ. ސައުވީހާއި ފަންސަވީސް ޑިސެންބަރު ބައްދަލުވި މެންދަމު ޔަހޫދީންނާއި ޢީސާއީންނާ ދެމެދުގައި ހަމަނުޖެހުން ފެށުނެވެ. ހެނދުނު ހަ ޔަހޫދީންނާއި ތިން ޢީސާއީންގެ ފުރާނަ ނެތް މަސްގަނޑު ވަޅުލިއެވެ. ކުޅިވަރު ހޯލުތެރޭގައި ހަލާކުވެފައި ހުރި މޭޒާއި ގޮނޑިއާއި ބިއްލޫރިކޮޅުކޮޅު އެކި ދިމަދިމާއަށް ވިހުރިފައި ހުއްޓެވެ. އެ ކަމާ ގުޅިގެން އަމަން ކޮމިޓީއެއް އުފެއްދިއެވެ. މީހުންނަށް ވިސްނައިދިނެވެ. އެ މީހުން އެ ދަނީ ބާ ދުނިޔޭގެ ގުޅުންތަކާއި ތަހުޒީބު ދޫކޮށް އާ ދުނިޔެއެއް އާބާދުކުރާން ގުލޯބު އާކަށެވެ. ވީމާ އެއްވެސް ދީނަކާ ދޭތެރޭ ވާހަކަދައްކައިގެން ހަމަނުޖެހުން އުފެއްދުމަކީ ކުރަންވީ ކަމެއް ނޫނެވެ.

އެންމެންވެސް އެއްބަސްވިއެވެ. ރަލުގެ މަސްތުގައި އެ މީހުން ދީނީ މީހުންނަށްވީއެވެ. އެކަމަކު އެހެންވެގެން ނުވާނެއެވެ. ލޭގެ ގުޅުންތައް ކަނޑައިލައިފައި އައި އިރު ލޯތްބެއް ނޯންނާނެއެވެ. ލޯބި ނެތް ތަނެއްގައި އީމާނެއް ސަލާމަތަކުން ނޯންނާނެއެވެ. އެހެންކަމުން ދޭދޭ ދެ މީހުން ދެމެދުގައި ސުލުހަވިއެވެ. އެކަމަކު މެންދުރުފަހު ޓީވީގެ ޚާއްޞަ ޕުރޮގުރާމުގައި ޔަހޫދީންގެ ރޭވުންތައް ފަޅައިއަރުވައިލުމުން އެ ޖަޒީރާގައި ތިބި ޢީސާއީންގެ ސިކުނޑީގައި ނުރައްކަލުގެ ރަނގަބީލު ޖެހެން ފެށިއެވެ. ޚޫރުޝީދު ބަލްގުރާމީއާއި ހާތޯރާ ތިބީ އެ މީހުންގެ ކޮޓެޖުގައި ރޭޑިއޯއިން އެ ޚަބަރު އަޑުއަހާށެވެ. ޚޫރުޝީދު ބަލްގުރާމީގެ ކުރިމަތީގައި ބޮޑު ކަރުދާހެއް ނިއުޅައިލައިފައި އޮތެވެ. އެ ކަރުދާހުގައި ރޮނގުތަކާއި އަދަދުތައް ހުއްޓެވެ. އޭނާ ދުންތަރީގެ މިހާރުގެ މަގު ދެނެގަންނަނީއެވެ.

ހާތޯރާގެ ސަމާލުކަން ވަނީ ދެ ފަރާތަށް ބެހިފައެވެ. ރޭޑިއޯގެ ޚަބަރުވެސް އޭނާއަށް ވަރަށް މުހިންމެވެ. އެއާ އެކު ޚޫރުޝީދު ބަލްގުރާމީގެ ކުރިމަތީގައި ނިއުޅައިލައިފައި އޮތް ކަރުދާސްވެސް މުހިންމެވެ. އޭނާ ސުވާލުކުރިއެވެ.

"މިސްޓަރ ޚޫރުޝީދު! ޚަބަރު އެބަ އަޑުއައްސަވަމުތޯ؟"

"ލައްބަ. އެބަ އަޑުއަހަން. އެ މީހުންގެ ރޭވުން ފަޅައިއެރީތީ ކަލާނގެ ކިބައަށް ޝުކުރުކުރަން. އަޅުގަނޑުމެން ވަގަށް ނެގިކަން އެނގި އަޅުގަނޑުމެންގެ ނަން ދުނިޔޭގެ މީސްތަކުންގެ ކުރިމައްޗަށް އަތުވެއްޖެ. މިހާރު އަޅުގަނޑު މި އުޅެނި އުފާވެރި ޚަބަރެއް ދޭން. ކަލާއަށް ސޯމުނާއާ ބައްދަލުކުރެއްވޭނެ."

ހާތޯރާ ފުންމައިގެން އައިސް އޭނާގެ ފައި ކައިރީގައި އިށީނެވެ.

"އެ ދުންތަރި ކޮބައިތޯ؟ ހެޔޮނުވާނެ! އަޅުގަނޑު ގާތު ބުނުއްވާ."

ޚޫރުޝީދު ބަލްގުރާމީ ކަރުދާސްގަނޑާ ދިމާއަށް ގުދުވެފައި އެ ތާނގައި ފަންސުރުގެ ތުނޑު ޖައްސަވަމުން ވިސްނައިދޭން ފެށިއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.