ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ރާއްޖެ ދެމިއޮންނާނެ - ޝިދާތާ

އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށްވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށް ޓަކައި ސަޤާފީ، އިޖުތިމާޢީ، ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށް ދާ "އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޖިއޮގުރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި އޮންނަ ސަރަޙައްދުގެ ގޮތުން ޤުދުރަތީ ކާރިސާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ. އެ ގޮތުން 2004ވަނަ އަހަރު ސުނާމީގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެކަމަނާ ހަނދާން ކޮށްދެއްވިއެވެ. އެ ކާރިސާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި އެ ފަދަ ކާރިސާތަކަށް ފަހު އިޖުތިމާޢީ ގިނަ މައްސަލަތަކެއް ތިލަވާ ކަމަށާއި، އެ ގޮތުން އެ ފަދަ ފަރާތްތައް ޖިސްމާނީ އަދި ޖިންސީ އަނިޔާއަށް ހުށަހެޅޭ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކަށައަޅައިފައިވާ ކަމަށް ވިދާޅުވިއެވެ. އެކި ބާވަތުގެ އަނިޔާއާއި ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ވަގުތީ ހިޔާތަކާއި މަރުކަޒުތަކުން ރައްކައުތެރިކަން ފޯރުކޮށްދީ، އެ ފަދަ ފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓު ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި މަހުގެ 23 އިން 24 އަށް ކުރިއަށް ދާ މި ކޮންފަރެންސްއަކީ ނޯވޭ، އިރާޤު، ސޮމާލިއާ އަދި އެކުވެރި އަރަބި އިމާރާތުގެ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ)، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

އެކި ޤައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ޤައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަޤުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމަޢާތްތަކުގެ ވެރިން ބައިވެރިވާ މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ޙާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށްވެގެން ދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

މި ކޮންފަރެންސްގައި، ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި، އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.