އިންތިޚާބުގައި އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބިގެން ދިޔުމަކީ ހިތާމައެއް: ޝިދާތާ

ހޮނިހިރު ދުވަހު ބޭއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 87 ދާއިރާގެ ތެރެއިން އަންހެނުންނަށް އެންމެ ހަތަރު ގޮނޑި ލިބިގެން ދިޔުމަކީ ހިތާމައެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ކުރިއަށް ގެންދިޔަ "ވޯކްޝޮޕް އޮން އެޑްރެސިންގ ޖެންޑަރ ސްޓެޓިސްޓިކްސް ގެޕްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ޤާނޫނު ހެދުމާއި، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ވަކާލާތުކުރުން ހިމެނޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤައުމީ ސިޔާސަތުތައް ކަނޑައެޅިގެން ދާނީ އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މި ގޮންޖެހުންތަކާއެކު ވެސް މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ވަކިން ޚާއްޞަ ގޮތެއްގައި ހައިހޫނުކަން ނައްތައިލުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި، އަންހެނުން ވިޔަފާރިއާއި ސިޔާސީ މައިދާނުގައި ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

މިންތީގެ ތަފާސްހިސާބު (ޖެންޑަރ ސްޓެޓިސްޓިކްސް) މެދުވެރިކޮށް، ޓްރެންޑްސްތައް ދެނެގަނެވި، މިންތީގެ ނަޒަރިއްޔާތުން ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވެދީ، މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުންގެ ބަދަލުވަމުން ދާ ޙާލަތު އެނގިގެން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ދިވެހިރާއްޖޭގައި ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތައް އެކުލަވައިލުމުގައި ތަފާސްހިސާބުގެ ބޭނުން އެންމެ ފުރިހަމައަށް ހިފިގެން ނުދާ ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ. އަދި މިއީ ބައެއް ދާއިރާތަކުން އެންމެ އެކަށީގެން ވާ މިންވަރަށް މުޖުތަމަޢު ކުރިއަރައި ނުދިޔުމުގެ ސަބަބުތަކުގެ ތެރެއިން އެއް ސަބަބު ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވި ގޮތުގައި މިންތީގެ ތަފާސްހިސާބު ވިލަރެސްކުރާ ފަރާތްތަކާއި އޭގެ ބޭނުން ހިފާ ފަރާތްތަކުގެ ދެމެދުގައި ބަދަހި ގުޅުމެއް އުފައްދަން ޖެހެއެވެ. އަދި އެ ފަރާތްތަކުގެ ދައުރު ކަނޑައެޅި ބަޔާންކުރެވިގެން މެނުވީ މިންތީގެ ތަފާތުކުރުންތައް ނައްތައިނުލެވޭނެ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.