މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްއާ ގުޅުން ހުރި ޙައްސާސީ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝިދާތާ ޝަރީފް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާ ބައްދަލު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައިވަނީ ދެ ފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓަރ މިކަންކަމާ ބެހޭ ގޮތުން ސީޕީ އާ ބައްދަލު ކުރެއްވިއިރު ކުޑަ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށް ދިނުމާ ބެހޭ މައްސަލަތައް ދަނީ މިނިސްޓްރީއަށް ހުށަހެޅެމުންނެވެ. އެމައްސަލަތަކަށް ޙައްލު ހޯއްދެވުމަށް މިނިސްޓްރީން ގެންދަވަނީ މަސައްކަތް ވެސް ކުރައްވަމުންނެވެ.
މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 14 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 9 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޚުވެފައެވެ. އޭގެ އިތުރަށް އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 5 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އެކަންކަން މިނިސްޓްރީން ވަނީ ބައްލަވައިފައެވެ.