ކުޑަކުދިން ބާރުވެރި ކުރުވުމަށް ގިނަމަސައްކަތް ދަނީ ކުރެވެމުން: މިނިސްޓަރ ޝިދާތާ

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝިދާތާ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޖެންޑަރ މިނިސްޓްރީ

ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަހު ދެއްވި ޚިތާބުގައެވެ. ބައިނަލް އަޤުވާމީ ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރަކު މެއިމަހު 10 ވަނަ ދުވަހެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ ވެސް "ކުޑަކުދިން ބާރުވެރިކުރުވުން" އެވެ.

" ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ދަނީ ހޭލުންތެރިކުރުވަމުން. މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވޭ. އެ ގޮތުން، ޢާއިލާތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް، ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށްދޭން ޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް ތުއްތު އިރުއްސުރެ ޢާއިލީ ލޯބި ލިބޭނެ ކުދިންކަން ކަށަވަރުކުރުން ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. މިނިސްޓަރ ވިދާޅުވީ ތަފާތު ސަބަބުތަކާޖެދި ދައުލަތުގެ ބެލުމުގެ ދަށަށްނެގޭ ކުދިންގެ ޢަދަދު ދުވަހަކަށް ދުވަހެއް އަންނަނީ އިތުރުވަމުން ކަމަށެވެ. އެހެން ކަމުން ޢާއިލާތެރޭގައި އެކުދިން ބޮޑުވުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން "ފޮސްޓަރކުރުމުގެ އުސޫލަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ޙަވާލުކުރުމާ ބެހޭ އުސޫލު ގެޒެޓްކުރެވިފައި" ކަމަށް މަވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބައެއް ޢާއިލާތަކުން މިހާރު ވެސް ގެންދަނީ ދައުލަތުގެ ބެލުމުގެ ދަށުގައިތިނި ބައެއްކުދިން ފޮސްޓަރކުރަމުންނެވެ. އެކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.