މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ނުލާން ނުނިންމަން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ނުލައްވަން ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ނިންމަވައިފި ކަމަށް ބުނެ ދައުރުވަމުން ގެންދަނީ އެއްވެސް އަސްލެއް ނެތް ފޭކު އެސްއެމްއެސް އެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަސްލަމްގެ ނަމުގައި ދައުރުވަމުންދާ އެސްއެމްއެސްގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ނުލައްވަން ނިންމެވީ ރައީސް ނަޝީދު އެކަމަށް އެދިވަޑައިގެންނެވުމުން ކަމަށެވެ. އޭގެ ބަދަލުގައި އަސްލަމް ވަނީ މަޖިލީހުގެ ރައީސަކަށް ޙަސަން އަފީފު ގެންނަން ތާއީދު ކުރައްވާފައި ކަމަށްވެސް އޭގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް މިވާހަކަތައް އަސްލަމް ވަނީ ދޮގު ކުރައްވައިފައެވެ. "އަޅުގަނޑު އަތުގައި މިއޮތީ ފޯން މިހާރުވެސް  އެއްވެސް މީހަކަށް އަޅުގަނޑު އެސްއެމްއެސް އެއް ނުކުރަން. ތިޔަ އެސްއެމްއެސް އަކީ އަޅުގަނޑުގެ ނަމުގައި ބަޔަކު ފޮނުވާ އެއްޗެއް" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ރައީސާއި ނާއިބު ރައީސް އިންތިޚާބު ކުރުމުގެ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ. ރައީސާއި ނާއިބު ރައީސް ހޮވާނީ އާދައުރުގެ މެމްބަރުން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހުގައެވެ.

އަސްލަމާއި އަފީފުގެ އިތުރަށް އެމްޑީޕީން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމާއި، މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރ ރޮޒޭނާ އާދަމެވެ.

މި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދު ލިބިވަޑައިގެންފައިވަނީ ޢަފީފަށެވެ. ރައީސް އިބްރާހީމްގެ ތާއީދު އެބައޮތް އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.