އަޅުގަނޑުމެން ދެމަފިރިން މިތިބީ ވަރަށް އުފަލުން: ޙިސާން

ރާއްޖޭގައި އިއްޔެ ނިމިގެން ދިޔަ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މަޝްހޫރު ޤާނޫނީ ވަކީލާ އަލްއުސްތާޒާ ޙިސާން ޙުސައިނާއި އޭނާގެ ފިރިކަލުން އިބްރާހީމް ނާޒިލަށް ގޮނޑި ކާމިޔާބު ކުރެއްވުމުން ދެމަފިން ތިއްބެވީ ވަރަށް އުފަލުން ކަމަށް ޙީސަން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ޙިސާން ވާދަކުރެއްވީ ތުޅާދޫ ދާއިރާއަށެވެ. ހަމަ އެޕާޓީގެ ޓިކެޓުގައި ނާޒިލް ވާދަކުރެއްވީ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާއަށެވެ. ދެބޭފުޅުންނަށް ވެސް މަރުޙަބާއާއި އުފާވެރިކަން ހުއްޓެވެ.

ކާމިޔާބީގެ އުފާ ދާއިރާގެ ރައްޔިތުންނާއެކު މިހާރު ޙިއްސާ ކުރައްވަމުން ގެންދަވާ ޙިސާން ވިދާޅުވީ ގޮނޑި ކާމިޔާބު ކުރެއްވުމަށް ދެ ބޭފުޅުން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. "މިއީ ވަރަށް މަސައްކަތުން ލިބުނު ދެގޮނޑި. އެހެން ކަމުން އަޅުގަނޑުމެންނަށް ވޯޓު ދެއްވި ތުޅާދޫ ދާއިރާގެ ރައްޔިތުންނާއި ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނަށް ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ދެމަފިރިން މިތިބީ ނިކަން އުފަލުން. ހުރިހާ ޝުކުރެއް ޕާޓީއަށާއި ވޯޓު ދެއްވި ރައްޔިތުންނަށް" ޙިސާން ވިދާޅުވިއެވެ.

ދެން އޮތީ ދެމަފިރިން އެއްކޮށް މަޖިލީހުގައި މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. އެއްކޮށް މަސައްކަތް ކުރައްވަން ފެއްޓެވުމުން ދިރިއުޅުމަށް ފަސޭހަކަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ނުވަތަ ކޮންމެވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ ޖަވާބު ދެއްވަން ޙިސާނަށް ވެސް އެނގިވަޑައެއް ނުގަންނަވައެވެ. "ވާގެ ގޮތް އެނގޭނީ މަޖިލީހުގައި މަސައްކަތް ކުރަން ފެށުމުން،" އޭނާ ވިދާޅުވިއެވެ.

މި ދެބޭފުޅުންނަކީ ވެސް މުޅިން އަލަށް މަޖިލީހަށް ކުރިމަތި ލައްވައި ކާމިޔާބު ކުރެއްވި ދެބޭފުޅުންނެވެ. މިފަހަރު މަޖިލީސް އިންތިޚާބު ކާމިޔާބު ކުރެއްވި އަނެއް ދެމަފިރިންނަކީ ރޮޒޭނާ އާދަމްގެ ދެމަރިންނެވެ. ރޮޒޭނާއަކީ މިހާރުވެސް މަޖިލީހުގެ މެމްބަރެކެވެ. އޭނާގެ ފިރިކަލުން ނަޝިޒް އަކީ ކުރީގެ މެމްބަރެކެވެ. އެ ދެބޭފުޅުންނަށް މަރުޙަބާ ދަންނަވަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.