ޖާބިރުގެ ޤަރާރު މަޖިލީހުން ބޭރުކޮށްލައި އެމްޑީޕީގެ ބިލް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި ޤަރާރު މަޖިލީހުގެ ތަޅުމުން  ބޭރުކޮށްލައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރު މިއަދުގެ ޖަލްސާއަށް ހުށަހެޅި ޤަރަރަކީ ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް ފަސޭހައިން ލޯނު ލިބުމަށްޓަކައި ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދިނުމަށް ގޮވާލާ ހުށަހެޅި ޤަރާރެކެވެ. މި ޤަރާރު މަޖިލީހުން ބޭރުކޮށްލައިފައިވަނީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު 62 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ޤަރާރު ބަލައިގަތުމަށް ވޯޓް ދެއްވީ 15 މެމްބަރުންނެވެ. ވަކިކޮޅަކަށް ޖެހިވަޑައި ނުގެން ދެ މެމްބަރުން ވޯޓް ދެއްވިއެވެ.

ޖާބިރުގެ ޤަރާރުގައި ގެސްޓް ހައުސް ވިޔަފާރި ބޭރުގެ އިންވެސްޓަރުންގެ ބާރުގެ ދަށަށް ގޮސްދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ. ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ލިބެނީ، ރާއްޖޭގެ ބޭންކްތަކުން އެސިނާއަތް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށް ނުދޭތީކަމަށް ޖާބިރުގެ ޤަރާރުގައި ފާހަގަކުރައްވައިފައި ވެއެވެ. އަދި ބޭންކުންތަކުން ދޫކުރާ ލޯނުތަކަށް ވާސީލުވުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންނަށް ގިނަ ހުރަސްތައް ހުރިކަން ފާހަގަ ކުރައްވައިފައިވެއެވެ. ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެންވިއަސް ގެސްޓް ހައުސް ވިޔަފާރިތަކަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައި އެއަށް ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމުކުރުމަށް ޤަރާރުގައި ވަނީ ގޮވާލައިފައެވެ. ޤަރާރާމެދު ކުރެވުނު ބަހުސްގައި އެމްޑީޕީގެ މެމްބަރުންވަނީ ޤަރާރާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.

މިއަދު މަޖިލީހުން ބަލައިގަތުމަށް ނިންމައިފައިވަނީ ޤާނޫނީ ވަކީލުންގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ބާރ ކައުންސިލް އުފެއްދުމަށް ހުށަހެޅި ޤާނޫނީ ފަންނުގެ ބިލެވެ. މިބިލް މަޖިލީހުން ބަލައިގަތީ 78 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ސަރުކާރުގެ ފަރާތުން އެ ބިލް  ހުށަހެޅުއްވީ މާފަންނު އުތުރުދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީއެވެ.

މަޖިލީހުން ބަލައިގަތުމަށް ދެން ފާސްކޮށްފައިވަނީ ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯރޓެވެ. ޖަލުތަކުގެ އޮޑިޓް ރިޕޯޓު މަޖިލީހުން ބަލައިގަތުމަށް ފާސްކުރައްވައިފައި ވަނީ 79 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާގައި ޕްރީ ސްކޫލުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލްގެ ބަހުސް ވެސް ކުރިއަށް ގެންދިޔައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.