(22 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އައްތަޙިއްޔާތު ކިޔުމަށްފަހު ސަލާންދޭން ފެށިއެވެ. ފުރަތަމަ ކަނާތްފަރާތަށެވެ. ދެން ވާތްފަރާތަށެވެ. އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ އޭ ކިޔުމާ އެކު އެނާއަށް ހުއްޓުން އެރިއެވެ. އޭނާ ވާތްފަރާތު ދޮރުމަތީގައި ހުއްޓެވެ. ޚޫރުޝީދު ބަލްގުރާމީ ކަނދުރާ އަނބުރައިލިގޮތަށް އިނެވެ. އޭނާ ރޫޕުވަތީއާ ދިމާއަށް ބަލަމުން ގެންދާ އިރު ހީވަނީ އެތައް އަހަރަކުއް ސުރެން އޭނާގެ ޚިޔާލުގައާއި ހުވަފެނުގައާއި ހޭލައިހުރުމުގައި އޭނާ ދެކެމުން އަންނަ ހެންނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ނަމާދު އަދި ފުރިހަމައެއް ނުވެއެވެ. އަދި ދުޢާކުރުން އޮތީއެވެ. އެކަމަކު އޭނާ ދުޢާއަށް ވުރެން ކުރިން އެ އައީއެވެ. އޭނާ އަވަހަށް ގިބުލައަށް ކުރިމަތިލައި ދުޢާއަށް ދެ އަތް ނެގިއެވެ. ދެން ހިތާހިތުން ދުޢާކުރަން ފެށިއެވެ.
"މި އަޅާ ހެއްދެވި ރަސްކަލާކޮ! މިއީ ކޮން ފަދަ ސިއްރެއްތޯ؟ މި އަޅާއަށް މި ފެންނަނީ ހުވަފެނެއްތޯ؟ ނޫން. ނޫން. ހުވަފެނުގައި ނަމާދުކުރަނިކޮށް ފެނިދާނެ. އެކަމަކު ނަމާދުކުރަނިކޮށް ހުވަފެނެއް ނުފެންނާނެ. މި އަޅާ މި އިނީ ވުޟޫމަތީގައި. މި އަޅާ ނަމާދުކުރަމުން މި ގެންދަނީ ހޭލައި އޮތް ސިކުނޑިއަކާ އެކުގައި. ކައުނުތަކުގެ ވެރި ރަސްކަލާކޮ! ޣައިބު ދެނެވޮޑިގެންވާ ރަސްކަލާކޮ! މިއީ ކޮންފަދަ ކަމެއް ކަން މި އަޅާއަށް އަންގަވައި ދެއްވާފާނދޭވެ! މިހައި ދުރަށް... މި ޖަޒީރާއަށް... މި އަޅާގެ ދަރިފުޅު... މި އަޅާގެ މާޖިދާ... އައީ ކިހިނަކުންތޯ..."
ކުއްލިއަކަށް އޭނާގެ ލޮލުން ކަރުނައިގެ ކޯރު ބަންޑުންވިއެވެ. ދުޢާކުރަން އިންނަހައި ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އޭނާ ރޮމުން ގިސްލަމުން ސަޖިދައަށް ތިރިވިއެވެ. "މި އަޅާގެ ދަރިފުޅު... މި އަޅާގެ ދަރިފުޅު... ނޫން... މި އަޅާ ލަދުން މަރުވާނީ... މާތް ރަސްކަލާކޮ! އޭނާ އަނބުރައި ގެންދަވާ. މި އަޅާގެ މުޅި އުމުރުގައި ކުރި އަޅުކަން ގަބޫލުކުރައްވައިފާނދޭވެ! އެހެންނޫނީ މި އަޅާ ސަޖިދައަކުން ބޮލެއް އުފުލައެއް ނުލާނަން! ދަރިފުޅަކަށް މި އަޅާގެ މޫނެއް ނުދައްކާނަން!"
އޭނާ އަނެއްކާ ވެސް ގިސްލަގިސްލައިފައި ރޯން ފެށިއެވެ. ރޫޕުވަތީ ހިނިތުންވަމުން އޭނާގެ ދަބަހުން ތުރީ ކާސުލް ފޮށްޓެއް ނެގިއެވެ. އެ ފޮށިން ސިނގިރެޓެއް ނަގައި ތުނބުގައި ޖެހިއެވެ. ދެން ލައިޓަރުން އެ ރޯކޮށްލަމުން ބުންޏެވެ.
"މިސްޓަރު ނަމާދުކުރާ މީހާ! ކަލޭ ކިތަންމެ ދިގު ނަމާދެއް ކުރިޔަސް އަހަންނަކީ މި ތަނުން ދާނެ މީހެއް ނޫން. އަހަރެން ދާނީ އަހަރެންގެ ދިރިހުރުމުގެ ހިސާބު ކަލޭ ގާތުން އޮޅުންފިލުވައިގެން."
މާތް ރަސްކަލާކޮ! އޭނާގެ ދިރިހުރުމުގެ ހިސާބު މި އަޅާ ދޭނީ ކިހިނެއްތޯ؟ މި އަޅާގެ ކުށަކީ ކޮބައިތޯ؟ މި އަޅާގެ ވާން އުޅޭ އަނބިމީހާގެ ނަމަކީ ޢާބިދާ ކަން އެނގުމުން އެ ނަމުން މި އަޅާއަށް ލިބުނީ ކެހި. މި އަޅާގެ ދޮންމަންމަ ވެސް ޢާބިދާއަކީ ނަމާދުކުރާ ހެޔޮލަފާ އަންހެނެކޭ ބުނެ މި އަޅާއަށް ހެދީ ދޮގު. އޭނާއަކީ މޮޅު ހުވަފެން ދެކޭ ފެޝަނަބުލް އަންހެނެއް ކަން އެނގުނީ ކައިވެނީގެ ފަހުން. މި އަޅާގެ ދިރިއުޅުން ވޭނަކަށް ވި. މި އަޅާ ބޭނުންވީ އޭނާ ފަރުދާގައި ބައިންދަން. އޭނާ ބޭނުންވީ ފަރުދާއިން ބޭރަށް ދުވަން.
އެއް އަހަރު ވަންދެން މި އަޅާއަށް ހިފޭއްޓުނު. އޭނާއަށް މި އަޅާގެ ގެއިން ނުކުމެގެން އެއްވެސް ތާކަށް ދާކަށް ނުކުރެނު. އެ މުއްދަތުގައި މާޖިދާ އުފަންވި. މި އަޅާގެ ހިސާބު ރަނގަޅު. މާޖިދާއަކީ މި އަޅާގެ ދަރިއެއް. އެކަމަކު އެ ދަރިފުޅު މި އަޅާގެ ބަލިފަޔަށް ވި. ޢާބިދާއަކީ ވަރަށް ހުޝިޔާރު އަންހެނެއް. އޭނާއަކީ މި އަޅާގެ ދޮންމަންމަގެ ދަރިވަރެއް. ދޮންމަންމަ ނަސޭހަތްދީގެން އޭނާ މާޖިދާ ގޮވައިގެން އޭނާގެ ބައްޕަގެ ގެއަށް ދިޔަ. މި އަޅާ އޭނާ ގާތު އެނބުރި އަންނާން ބުނުމުން އޭނާ ޖަވާބު ދިން.
"ކަލޭ ކަހަލަ ނުޖޫމީއަކަށް އަހަރެންގެ މޭކަޕު ޚަރަދު ވެސް ފުރިހަމައެއް ނުކުރެވޭނެ. އަހަންނަށް ކަލެއާ އެއްކަކު ނޫޅެވޭނެ."
މި އަޅާ އޭނާއަށް އިންޒާރު ދިނިން. "ކަލޭ އަހަންނާ އެކު އުޅެން ނާންނަންޏާ އަހަރެން ކަލޭ ވަރިކުރާނަން."
"ކަލޭ އަހަރެން ވަރިކޮށްފިއްޔާ އަހަރެން މާޖިދާ ގޮވައިގެން ފިލައިގެން ކޮންމެވެސް ތާކަށް ދާނީ. އަހަންނަކީ ބާޒާރީ އަންހެނެކޭ ކަލޭ ބުނަމު. އަހަރެން ކަލޭގެ ދަރިފުޅު ބާޒާރުގައި ބައިންދާނަން."
އެ ވާހަކަ އަޑުއިވިފައި މި އަޅާ ގަބުވި. މި އަޅާ އެހެން މީހުންގެ މުސްތަގުބަލު ދެނެގަންނަން. މި އަޅާގެ ކުރިމަތީގައި އޭނާ ގެންދިޔައީ މި އަޅާގެ ދަރިފުޅުގެ މުސްތަގުބަލު ކިޔައިދެމުން. މި އަޅާ މަސްލަހަތަށް ބަލައިފައި ސުލުހަވާން އުޅުނިން. އޭނާ ބުނި.
"ސުލުހަވެވޭނެ އޮތީ ހަމަ އެންމެ ގޮތެއް. ކަލޭ އަހަރެން ވަރިކޮށްގެން ނުވާނެ. އެކަމަކު އަހަރެން އިންނާނީ އަހަރެންގެ ބައްޕަގެ ގާތުގައި. ކަލޭގެ އަތުން އަހަރެން ޚަރަދެއް ނުހޯދާނަން. ހަމައެކަނި މާޖިދާގެ ބޭނުންތަކަށް މަހަކު ފަސް ސަތޭކަ ރުފިޔާ ދެމުން ގެންދޭ."
އޭނާގެ ބައްޕަ ވެސް އެއްބައިވީ އޭނާއާ. އެ ގޮތަކާ މި އަޅާއެއް ނުރުހެން. އެކަމަކު މި އަޅާއަށް އޭނާއަކީ މި އަޅާގެ ދުޝްމިނަކަށް ވެސް ނުހެދޭނެ. މި އަޅާ ވިސްނީ މަޑުމަޑުން ގޮސް ޢާބިދާ ރުއްސައިގެން ގެއަށް ގެންނަން. އެ ގޮތަށް ވިސްނައިފައި މި އަޅާ އެނބުރި އައީ. އެއަށްފަހު އަބަދުވެސް މި އަޅާއަށް ޖެހުނީ ޢާބިދާގެ ބައްޕަގެ ގެއިން އެކަނި އަންނަން. އެއީ ޢާބިދާގެ ބައްޕައާ މި އަޅާގެ ދޮންމަންމައާ އޮންނަ ބޮޑު ގުޅުމަކުން. އެ މީހުންގެ ނިވަލުގައި ޢާބިދާ ވަނީ ހިލައަށް ވެފައި. އެކަމަކު މި އަޅާގެ މާޖިދާއާ މެދު އޭނާ ވަރަށް ޚިޔާލު ބެހެއްޓި. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ މަންމަ. މަޑުމަޑުން މި އަޅާއަށް ކެތްތެރިކަން ލިބުނު. މި ގޮތް ވެސް އެންމެ ރަނގަޅޭ މި އަޅާގެ ހިތަށް އެރި. ފަހުން ކޮންމެ ދުވަހަކު ޢާބިދާއާ އަރާރުންވާކަށް ނުޖެހޭ. ހަވީރު އެ ގެއަށް ގޮސް ދަރިފުޅު އުނގުގައި ބައިންދައިގެން ކާންދެވޭ. މި އަޅާގެ ބަފާވަންތަ ލޯތްބަށް ހަމަޖެހުން ލިބޭ.
އެކަމަކު އެ ތާނގައި ކުޅެމުން ދިޔަ ކުޅިގަނޑު ވަރަށް ފަހުން މި އަޅާއަށް ވިސްނުނު. ޢާބިދާގެ ބައްޕަ މުއްސަނދި ދިރިއުޅުމެއް އުޅެން ފެށްޓި. އޭނާގެ ގޭގެ ދެ ވަނަ ބުރި އިމާރާތްކުރެވެމުން ދިޔަ. އާ ފަރުނީޗަރާއި ޓީވީއާ އެހެންވެސް އެއްޗެހި ގެއަށް އިތުރުވި. ޢާބިދާ ކޮންމެ ދުވަހަކު އާ ހެދުމެއް ލައިގެން ކޮންމެވެސް ތާކަށްދޭ. މާޖިދާ ބަހައްޓަނީ ބައްޕަ ގާތުގައި. އެއް ފަހަރަކު އޭނާ ކާރެއްގެ ތެރެއިން ފެނުމުން މި އަޅާއަށް ބަރުދާހެއް ނުކުރެވުނު. އެއީ މި އަޅާގެ ދަރިފުޅަށް އޭރު ވަނީ ސާދަ އަހަރު ފުރިފައި.
މާޖިދާ މަންމަ ގާތު އިންނަން ބޭނުން ނޫންކަން އޭނާ އިޝާރާތުން މި އަޅާއަށް ވިސްނައިދިން. މި އަޅާ އޭނާގެ އަތުގައި ހިފައިފައި ބުނިން. "ދަރިފުޅާ! ބައްޕައާ އެކުގައި ހިނގާ. ދަރިފުޅު މި ތާނގައެއް ނުބަހައްޓާނަން."
"ޚަބަރުދާރު!" ޢާބިދާގެ ބައްޕަ މިއަޅާގެ މަގަށް ހުރަސްއެޅި. އެނާގެ އަތުގައި ހުޅުވައިފައި އޮތް ފިޔޮއްސެއް އޮތް. އޭނާ ބުނި. "ސަލާމަތް ބޭނުމިއްޔާ މަޑުމަޑުން އެކަނި ދޭ."
އޭނާއަކީ ވެސް ބައްޕައެއް. އެކަމަކު ޣޭރަތްތެރިކަމެއް ނެތް. އޭނާ ވަނީ އަންހެންދަރިފުޅަކީ އާމުދަނީހޯދުމުގެ ވަސީލަތަކަށް ހަދައިފައި. މި އަޅާއަކީ ވެސް ބައްޕައެއް. މި އަޅާގެ އަންހެންދަރިފުޅުގެ ބޯމަތިން ބޭޣޭރަތްތެރިކަމުގެ ހިޔާ ފެނިފައި މި އަޅާ ތުރުތުރުއަޅައިގަތް. ހުޅުވައިފައި އޮތް ފިޔޮއްސެއް ދެކެ ބިރުގަންނަން މި އަޅާ ބަލިކަށްޓެއް ނޫން. ފިނޑިއެއް ނޫން. މި އަޅާއަށް މި އަޅާގެ އަންހެންދަރިފުޅުގެ އިއްޒަތުގެ މަތިން ޚިޔާލުކުރެވުނު. މި އަޅާ އަރާރުން ކުރިއަށް ގެންދިޔަ ނަމަ، އޭނާގެ މަންމައަކީ ވިޔާނުދާ އަންހެނެއްކަން އެންމެންނަށް އެނގުނީސް. ދަރިފުޅުގެ ފަސްބައިގައި މަންމަގެ ބަދުނާމުގެ ލައްގަނޑު ޖައްސައިގެން މި އަޅާއަށް އޭނާ މާތް ގެއެއްގެ ޅީދަރިއަކަށް ނުހެދޭނެ. އެހެންވެގެން މި އަޅާ މާޖިދާ ގާތު ބުނިން.
"ދަރިފުޅާ! ފިކުރުނުކުރޭ. ބައްޕަ ގޮސް ގާނޫނީ ފިޔަވަޅު އަޅާނަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްޕަ ދަރިފުޅު މި ގެއިން ގެންދާނަން."
މި އަޅާ ދަރިފުޅޫ ދޫކޮށްލައިފައި އެ ގެއިން ނުކުތީ ވަކީލެއްގެ އެހީ އަވަހަށް ހޯދަން. ގެއާ ތަންކޮޅެއް ދުރުގައި ޢާބިދާ ކާރެއްގެ ކައިރީގައި ދެވަންފުރައިގެ މީހަކާ ވާހަކަދައްކަން ހުރި. މި އަޅާ ފެނުމާ އެކު އޭނާ މޫނުއަނބުރައިލައިފައި ހިނގައްޖެ. ކާރުގެ ވެރިމީހާ މި އަޅާއަށް ބުނި.
"މިސްޓަރު ޚޫރުޝީދަކީ ތިޔައީތޯ؟ އަޅުގަނޑު ކަލާއާ މުހިންމު ވާހަކައެއްދައްކައިލަން ބޭނުން."
މި އަޅާ ބުނިން. "އަޅުގަނޑު އެ އަންހެން މީހާއާ ގުޅުމެއް އޮތް އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއްނޫން."
"ކަލާ ތިޔަ ހީކުރައްވަނީ ރަނގަޅަކަށް ނޫން. އަޅުގަނޑު ހަގީގަތުގައި ކަލާއަށް އަންގައިދޭން ބޭނުންވަނީ އެ އަންހެން މީހާގެ މަކަރުވެރިކަން."
"އެހެންވިއްޔާ އަޅުގަނޑު ކަލާގެ ވާހަކަ އަޑުއަހާނަން. ބުނުއްވާ."
އޭނާ މި އަޅާ ގާތު ކާރުގައި އިށީންނަން ބުނި. މި އަޅާ އިށީނިން. އޭނާ ކާރު އިސްޓާޓު ކުރަމުން ވާހަކަދައްކަންފެށި.
"ޢާބިދާ އަޅުގަނޑު ގާތު އެ ބުނަނީ، ކަލާ އުޅުއްވަނީ އޭނާގެ އަންހެންދަރިފުޅު، ގަދަކަމުން ގެންދަވަން ވެގެންނޭ. އެހެންވީމާ ކަލާގެ ފަހަތުން ގުންޑާއިންގެ ބަޔަކު ފޮނުވައިދޭށޭ. އެކަމަކު ކަލާއަކީ ފެންނަފެނުމުގައި ނުހަނު މާތް މީހެއް. އެހެންވީމާ އަޅުގަނޑު އެހެންނެއް ނުހަދާނަން. އަޅުގަނޑު ކަލާއަށް މަޝްވަރާދެން. އެ ކަހަލަ އަންހެނަކާ އަރައިރުންވެލައްވައި ޒުވާބުކުރެއްވުމުގެ ބަދަލުގައި ގާނޫނީ އެހީ ހޯއްދަވާ."
އޭނާ ބުނީ މި އަޅާގެ ހިތުގައި އޮތް ވާހަކަ. މި އަޅާ ބުނިން. "އަޅުގަނޑު މި ދަނީ ތިޔަހެން ހަދަން."
"ކަލާ ދެނެލައްވާ ވަކީލެއް ނެތް ނަމަ އަޅުގަނޑު ހަމަ މިހާރު ވެސް އަޅުގަނޑުގެ ވަކީލު ގާތުގައި ބުނެފާނަން. އޭރުން ވަގުތުން ފިޔަވަޅު އަޅާނެ."
މި އަޅާ އޭނާއަށް ޝުކުރުއަދާކުރިން. އޭނާއަށް ތާރީފުކުރިން. އޭނާ މި އަޅާ ގެއަށް ގެންގޮސްފައި ބުނި.
"ކަލާ ގޭގައި އަޅުގަނޑަށް އިންތިޒާރުކުރައްވާ. ވަކީލު ސާހިބާ ބައްދަލުވާނީ ހައެއްގެ ފަހުން. ކަލާ ބަލާ އަޅުގަނޑު އަންނާނަން."
(ނުނިމޭ)