(23 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މި އަޅާ އޭނާއަށް އިންތިޒާރުކުރަން ގޭގައި އިނިން. މި އަޅާއަކީ ދުވަހަކު ވެސް ފުލުސް އޮފީހެއް، ފަނޑިޔާރުގެއެއް ދުށް މީހެއް ނޫން. މި އަޅާއަށް މަގުދައްކާނެ މީހަކު ފެނުމުން މި އަޅާ އޭނާއަށް އިތުބާރުކުރީ. ބަރާބަރު ހައެއް ޖެހި އިރު ޓެކުސީއެއް ގޭދޮށަށް އައި. ޑުރައިވަރު ބުނީ އެއީ މަލިކު ސާހިބުގެ ޓެކުސީއެއް ކަމަށް. މި އަޅާ އަވަހަށް ޓެކުސީގައި ވަކީލު ސާހިބުގެ ގާތަށް ދިއުމަށާއި މަލިކު ސާހިބު އެ ތާނގައި މި އަޅާއަށް އެބަ އިންތިޒާރުކުރައްވާ ކަމަށް ވެސް ބުނި.
މި އަޅާ ޓެކުސީއަށް އެރިން. ޑުރައިވަރު މި އަޅާ ގޮވައިގެން ދިޔައީ ސީދާ ފުލުސް އޮފީހަށް. އެ ތާނގައި ފުލުހުން އަޅަމެންގެ އިންތިޒާރުގައި ތިބި. އެ މީހުން މި އަޅާއާއި ޑުރައިވަރު ހައްޔަރުކުރި. އެއީ ކާރުގެ ޑިކީގައި ޗަރަސް ކޮތަޅެއް އޮތީމާ. މި އަޅާއަކީ ކުށްވެރިއެއް ނޫނޭ، ދޮގު ތުހުމަތެއްގައި މި އަޅާ ހައްޔަރުކުރުވަނިއްޔޭ ކިއައިގެން މި އަޅާ ރޮއި ހަޅޭއްލަވައި ހެދިން. އެކަމަކު އެކަކު ވެސް މި އަޅާގެ އަޑެއް ނޭހި. މިއީ މީގެ ހަ އަހަރު ކުރީގެ ކަމެއް. އޭރު މި އަޅާއަކީ ދުނިޔެއަށް މަޝްހޫރު ނުޖޫމީއެއް ނޫން. އެހެންވީމާ މަތީ ވެރިންނާ ހަމައަށް މި އަޅާގެ އަޑެއް ނުފޯރި. މި އަޅާ ފުލުސް އޮފީހުގެ ހުރަގޭގައި ޑުރައިވަރުގެ ކަރުވަޅުގައި ހިފައިފައި ބުނިން.
"ނުލަފާ މީހާ! އަހަރެން ކަލެއަށް ދިނީ ކޮން ގެއްލުމެއް. ކަލޭ ތިޔަ ފިލުވައިލީ ކޮން އިރެއްގެ ދުޝްމިނުކަމެއް."'
އޭނާ ބުނި. "މައުލަވީ ސާހިބު! އަޅުގަނޑު ކަލާއެއް ނުވެސް ދަންނަން. ވީ އިރު ކަލާއާ މެދު އޮންނާނީ ކޮން ދުޝްމިނުކަމެއްތޯ؟ އަޅުގަނޑު ބޭނުންވަނީ ޖަލަށް ވަންނަން. ﷲ އިރާދަކުރައްވައިފިއްޔާ މާދަމާ މި ހުރަގެއިން ނުކުމެގެން ޖަލަށް ދެވޭނެ."
އަމިއްލައަށް ޖަލަށް ވަންނަން ބޭނުންވެގެން ތިޔަ އުޅެނީ ކަލޭ ތިޔަހުރީ މޮޔަވެފައިތަ؟"
"ނޫން. އަޅުގަނޑު މޮޔައެއް ނުވޭ! މިއީ އަޅުގަނޑުގެ މަސައްކަތް. ޖަލަށްވަނުމާ ނުކުތުމާ ދިމާވަމުން ދާނެ. އަޅުގަނޑު ޖަލަށްލާ ދޭށޭ އިނިސްޕެކުޓަރު ގާތު ކިޔާތާ މިހާރު ތިން ދުވަސް ވެއްޖެ. އޭނާ ބުނީ ފުރަތަމަ ކުށެއްކުރާށޭ. ދެން އަޅުގަނޑު ދިޔައީ މަލިކު ސާހިބުގެ ގާތަށް. ގޮސް ބުނިން. ޖަމަން ދާދާ ވީ ޖަލުގައޭ. އޭނާ ގާތު ވާހަކައެއް އެބަ ބުނަން ޖެހެއޭ. ނުބުނެފިއްޔާ ބޭރުގެ މަސައްކަތް ހުއްޓޭނެއޭ. ދެން މަލިކު ސާހިބު ބުނީ މަޑުކޮށްލާށޭ. ކޮންމެވެސް ރޭވުމެއް ރާވާނަމޭ. ދެން މިއަދު އައިސް އަޅުގަނޑު ކުރަންވީ ކަންތައް ކިއައިދީފި. ދެން އަޅުގަނޑު އެ ގޮތަށް މި ކަންތައް ކުރީ. ކަލާ ގޮވައިގެން މި ތަނަށް އައީ. މައުލަވީ ސާހިބު! ކަލާ އަޅުގަނޑުމެން މިސްކިތަށް ދިއުމަށް ގޮވާލައްވަމު. އަޅުގަނޑުމެންނަށް ކަލާއަށް ޖަލަށް ދުރުވުމަކަށް ގޮވައެއް ނުލެއްވޭނެތޯ؟ އެކަކު އަނެކަކުގެ ގެއަށް ދިއުމުން ލޯބި އިތުރުވޭ. ހީހީހީހީ..."
މި އަޅާ ކަންފަތުގައި ދެ އަތް އެޅިން. މި އަޅާގެ ހިތް ހުއްޓެމުން ދިޔަ. މި އަޅާގެ ކުށެއް ނެތް އަންހެންދަރިފުޅު މުޑުދާރު ތިމާވެށްޓަކަށް ދޫކޮށްލައިފައި އާދެވުނު ކަމުގެ ޚިޔާލު އިރުއިރުކޮޅުން މި އަޅާއަށް އުނދަގޫދެމެން ދިޔަ. އަރައިރުންވެ ޒުވާބުކޮށް ހެދުމުން މި އަޅާގެ އަންހެންދަރިފުޅު ބަދުނާމުވާނެ ކަމަށް އޭރު މި އަޅާ ނުވިސްނި ނަމަ ރަނގަޅުވީސް. އެކަމަކު އޭރު މި އަޅާ އުޅުނީ ބުއްދިވެރިކަމާއި އަބުރުވެރިކަމާ އެއްގޮތަށް ޢަމަލުކުރަން. ރަނގަޅު މަގަކުން ދަރިފުޅު ހޯދަން. ގާނޫނުގެ ދޮރުގައި ޓަކިދޭން ދިއުމުން ޚުދު މި އަޅާ އެ ދޮރުން އެތެރެކުރާނެ ކަމެއް މި އަޅާއަށް އެނގެނީ ކިހިނެއްތޯ؟"
މެންދަމުން އަލިވުމަށް ފަހު ދެ ސިފައިން އެ ޑުރައިވަރު ބޭރަށް ގެންދިޔަ. ކުޑަ އިރުކޮޅެއް ފަހުން މި އަޅާއަށް އޭނާ ރޮއި ހަޅޭއްލަވާ އަޑު އިވުނު. މި އަޅާ އަވަހަށް ތެދުވެގެން ދަގަނޑު ދޮރު ކައިރިއަށް ގޮސް ބަލަން ފެށިން. ޖާނުގައި ވަރު ހުރި ސިފައިންގެ މީހަކު ޑުރައިވަރުގެ ގައިގައި މުގުރުބުރިން ތަޅަމުން ގެންދިޔަ. އެ މީހާ ބިންމައްޗަށް ވެއްޓި ތެޅިތެޅި އޮތް. ފުލުސް އިނިސްޕެކުޓަރަކު ބުނަމުން ގެންދިޔަ.
"ތިޔަ އަނިޔާ ލިބިލިބި އެންމެ ފަހުން ކަލޭ ވާނީ މަރު. އަހަރެމެން ކަލޭގެ މަސްގަނޑު ކޮންމެވެސް ތާކަށް އެއްލައިލާނަން. ކަލޭ ހައްޔަރުވާން މި ތަނަށް އައި ކަމެއް، މަރުވެގެން އެނބުރި ދިޔަ ކަމެއް އެކަކަށް ވެސް ނޭނގޭނެ."
ކުޑަ އިރުކޮޅެއްގެ ފަހުން އޭނާގެ ކެތްކުރުން ކޮޅުންލި. އިނިސްޕެކުޓަރު ބުނި.
"ހިމާރުގެ ދަރިއާ. ކަލޭގެ އެ މަލިކު މުޚުތާރު އިއްޔެ އަހަރެން ގާތަށް އައި. އަހަރެންގެ ކުރިން ހުރި އިނިސްޕެކުޓަރަށް މަލިކު މުޚުތާރު ކޮންމެ މަހަކު އެއް ހާސް ރުފިޔާ ދެމުން ގެންދިޔަ. އަދި ޖެހިލުންވުމެއް ނެތި ޗަރަހާއި ރާ ސަޕުލައިކުރަމުން ގެންދިޔަ. އޭނާ އަހަންނަށް ވެސް މަހަކު އެއް ހާސް ރުފިޔާ ދޭނަމޭ ބުނި. އަހަރެން ގަބޫލުކުރިން. މިއަދު ހަވީރު ފަސްގަޑި ބައިގައި އޭނާ އަހަރެން ގާތަށް އައި. އޭނާ ބުނީ ހައެއްގެ ފަހުން ޓެކުސީ ޑުރައިވަރަކު މައުލަވީ ފާޑު މީހަކު ގޮވައިގެން އަންނާނެއޭ. ޑިކީގައި ޗަރަސް ހުންނާނެއޭ. ދެން ޚޫރުޝީދު ނަމަކަށް ކިޔާ މީހާއާ ދެކޮޅަށް ރިޕޯޓު ލިޔެ އޭނާ ޖަލަށް ފޮނުވާށޭ."
އިނިސްޕެކުޓަރު ޑުރައިވަރުގެ މޫނުގައި ކޮޅުފައިން ޖަހައިފައި ބުނި.
"އަހަރެން މި ކުރާ ދެ ސުވާލަށް ޖަވާބުދީ. މަލިކު މުޚުތާރުގެ ޗަރަހާއި ރާ ގުދަން ހުންނަނީ ކޮންތާކު؟ އަދި މި މާތް މީހާ ބައްދަން އުޅޭ ސަބަބަކީ ކޮބާ؟"
ޑުރައިވަރުގެ ކެތްކުރުމުގެ ބާރު ކޮޅުންލި. އޭނާ އަނިޔާއިން ސަލާމަތްވުމަށް ޓަކައި، މަލިކު ސާހިބުގެ ގެއެއް ސޮސައިޓީގައި ހުންނަ ވާހަކައާއި ޗަރަހާއި ރާ ފޮރުވައިފައި ބަހައްޓަނީ އެ ގޭގައި ކަމަށް ބުނި. ދެން އޭނާ މި އަޅާއާ ދިމާއަށް އިޝާރާތްކޮށްފައި ބުނި.
"މަލިކު ސާހިބު ބޭނުންވަނީ މި މައުލަވީ އަހަރެއް ދެ އަހަރަކަށް ޖަލަށް ލާން. އެއީ މީނާ މީނާގެ އަންހެނުންގެ މަގުގެ ހުރަހަކަށް ވެފައިވާތީ. މީނާގެ އަންހެނުން އުޅެނީ މި މީހުންގެ ޒުވާން އަންހެން ދަރިފުޅު ލައްވާ ހަށިގަނޑުގެ ވިޔަފާރިކުރުވަން. އެހެންވެގެން..."
މި އަޅާ ހަޅޭއްލަވައިގެންފައި ބުނިން. "ހުއްޓާލާ! އިތުރަށް ވާހަކަނުދައްކާ. އެހެން ނޫނީ އަހަރެން އަމިއްލައަށް މަރުވާނަން."
އެ ވަގުތު ލަދުން ގޮސް މި އަޅާއަށް ހަދާނެ ގޮތެއް ވެސް ނޭނގުނު. އެހެން ވެގެން ދަގަނޑު ދޮރުގެ ތޭރި ތަކުގައި ބޯތަޅަން ފެށިން. ކޮންމެ އެތިފަހަރަކާ އެކު މި އަޅާގެ ކުށެއް ނެތް ދަރިފުޅުގެ މޫނު ކުރިމަތިން ފެނޭ. އެ އަނިޔާވެރީން ކުޑަކުއްޖެއްގެ ދިރިއުޅުން ހަލާކުކޮށްލަން އެ ރޭވީ ކޮންފަދަ ރޭވުމެއްތޯ. އެ މީހުން ލަދެއް ވެސް ނުގަނޭ. އެކަމަކު މި އަޅާ ލަދުން މަރުވާން ބޭނުންވި. ނަމަވެސް ދެ ސިފައިން އައިސް މި އަޅާ ހިފޭއްޓި. އިނިސްޕެކުޓަރު ބުނި.
"ޚޫރުޝީދު ސާހިބު! ހިތްވަރުކުރައްވާ. އަޅުގަނޑާ އެކު ހިންގަވާ. އަޅުގަނޑު ކަލާގެ ދަރިފުޅު ކަލާއަށް ހޯދައިދޭނަން."
މި އަޅާ އިނިސްޕެކުޓަރާ ހަ ސިފައިންނާ އެކު ޖީޕަކަށް އެރިން. މަލިކު މުޚުތާރުގެ ގެ ހުންނަނީ ސޮސައިޓީގެ ހަމަހިމޭން ގޯޅިއެއްގައި. އިނިސްޕެކުޓަރު މި އަޅާއަށް ބުނި.
"ފުރަތަމަ އަހަރެމެން މި ގެއަށް ހަމަލާދޭނީ. އެހެން ނޫނީ މަލިކު މުޚުތާރު އޭނާގެ އިސްޓޮކު މި ތަނުން އެހެން ތާކަށް ބަދަލުކޮށްފާނެ. އޭނާއަށް ދަނޑިވަޅުދީގެން ނުވާނެ. އޭގެ ފަހުން ކަލާގެ ބަފާކަލޭގެ ގެއަށް ގޮސް ކަލާގެ ދަރިފުޅު ރައްކާތެރިކަމާ އެކު ކަލާއާ ހަވާލުކުރާނަން."
ސިފައިން ގޭގެ ވަށައިގެން އެތުރިލި. އިނިސްޕެކުޓަރު ދޮރުމައްޗަށް އަރައިފައި ރަނގަބީލުގެ ފިތަށް އޮބައިލި. މި އަޅާ ހުރީ އޭނާގެ ގާތުގައި. މި އަޅާ ބޭނުންވީ ދޮރު ހުޅުވުމާ އެކު މަލިކު މުޚުތާރު ކުށްވެރިއެއްގެ ގޮތުގައި ހުއްޓައި ދުށުމަށް. އެކަމަކު އިންސާނާ ވިސްނާ ގޮތަކަށް ކަންތަކެއް ނުވޭ. ދޮރު ހުޅުވުމާ އެކު މި އަޅާއަށް ފެނުނީ ޢާބިދާ. އޭނާއަށް މި އަޅާއާއި އިނިސްޕެކުޓަރު ފެނުމުން ހާސްވި. އަވަހަށް އެނބުރިފައި ދުއްވައިގަތް. މި އަޅާ އަވަހަށް ގޮސް އޭނާގެ އަތުގައި ހިފޭއްޓިން.
"ތިޔަ ދުވަނީ ކޮން ތާކަށް؟ ޖަވާބުދީ. ނުލަފާ މީހެއްގެ ގޭގައި ތިޔަ ކުރަނީ ކީއް؟"
އޭނާ ހަޅޭއްލަވަން ފެށި. "އަހަރެން ދޫކޮށްލާ. އަހަރެން މި ތަނަށް އައީ ނުބައި ނިޔަތެއްގައެއް ނޫން. އަހަރެން އައީ މަލިކު ސާހިބު އަތުން ދަރަންޏެއް ހޯދަން."
އޭނާގެ އަޑު އިވިފައި މަލިކު މުޚުތާރު އެ ތަނަށް އައި. ފުރަތަމަ އޭނާ ވެސް ކަންބޮޑުވި. ދެން ހިނިތުންވެފައި ބުނި.
"ހެލޯ އިނިސްޕެކުޓަރު! މިއީ އަޅުގަނޑުމެންގެ އަމިއްލަ މައްސަލައެއް. ކަލާ މީނާ މި ތަނަށް ތިޔަ ގެންނެވީ ކީއްވެގެންތޯ؟"
އިނިސްޕެކުޓަރު ބުނި. "އެ ގޮތެއް ދެން އެނގިދާނެ. އަހަރެން މި އައީ މި ގެއިން ޗަރަހާއި ރަލުގެ އިސްޓޮކެއް ހޯދަންވެގެން. ސިފައިން މި ގޭގެ ވަށައިގެން އެބަ ތިބި. އެހެންވީމާ ފިލަން، ނުވަތަ އަހަރެންގެ ވަގުތު ނަގާލަން ނޫޅޭ."
ސިފައިންގެ މީހަކު މަލިކު މުޚުތާރުގެ ބުރަކަށީގައި ބަޑީގެ ހޮޅި ޖެއްސި. އޭނާ ކުރާނެ ކަމެއް ނެތިގެން ބުނި.
"އިނިސްޕެކުޓަރު! ކަލާ ގޭގެ އެތެރެއަށް ވެންނެވީމާ ސިއްރު އިސްޓޮކާ ހަމައަށް ވެސް ދުރުވެވޭނެ. އެކަމަކު ކަލާގެ އެކުވެރިކަމެއް އަޅުގަނޑަކަށް ނޭނގުނު. އިއްޔެ ކަލާ ރައްޓެއްސަކަށް ވެލައްވައިގެން އަޅުގަނޑު އަތުން ލާރި އަތުލެއްވީމު. އެ ވަރު މަދު ނަމަ އަޅުގަނޑު އިތުރު ދެ ހާސް ދީފާނަން."
އިނިސްޕެކުޓަރު އޭނާގެ ވާހަކަ އަޑުނާހާ ދޮރު ކައިރިއަށް ދިޔަ. ދޮރު ހުޅުވަން އުޅުނު. ދެން ދޮރުފަތުގައި އަތުން ޖަހަމުން ބުނި.
"އެތެރޭގައި ކާކު؟ ދޮރު ހުޅުވާ! އަދި އަތްމައްޗަށްނަގައިގެން މަޑުމަޑުން ބޭރަށް ނުކުމޭ."
"އަހަރެން ދޮރެއް ނުހުޅުވާނަން. ކަލޭ ދޮރު ހަލާކުކޮށްލާ. ދެން ކަލެއަށް އަތުޖެހޭނީ އަހަރެންގެ މަސްގަނޑު."
އެ އަޑު އިވުމާއެކު މި އަޅާ ސިހުނު. ކޮޓަރީގެ އެތެރޭގައި އުޅެނީ މާޖިދާ. މި އަޅާއަށް މި އަޅާގެ ދަރިފުޅުގެ އަޑު އެތައް ލައްކަ އަޑެއްގެ ތެރެއިން ވެސް ވަކި ކުރަން އެނގޭނެ. ކުއްލިއަކަށް މި އަޅާގެ ހަށިގަނޑުގައި ތުރުތުރެއް އުފެދުނު. މި އަޅާ އަރިއަޅަމުން ދޮރު ކައިރިއަށް ދިޔައިން. އަދި ގޮވައިލިން.
"ދަރިފުޅާ. ބައްޕަގެ މާޖިދާ. ދަރިފުޅާ. މިއީ ބައްޕަ. ދަރިފުޅުގެ ބައްޕަ. ކަންބޮޑު ނުވޭ. ދޮރު ހުޅުވާ."
"ނޫން." އޭނާގެ ހަޅޭކުގެ އަޑު އިވުނެވެ. ދެން އޭނާގެ އަޑު އޮބަހައްޓަން މަސައްކަތް ކުރަނީއޭ ހީވާ ކަހަލަ އަޑުތަކެއް އިވެން ފެށި. ހީވަނީ ނުހަނު ބޮޑަށް މަސައްކަތް ކޮށްގެން ހުއްޓާ ވެސް ގަދަކަމުން ކަރުތެރެއިން އަޑު ބޭރުވާ ހެން. އޭނާ ވަނީ ވަރަށް ބޮޑު ވޭނެއްގެ ތެރޭގައި.
މި އަޅާ ދޮރުގައި ތަޅަން ފެށިން. "މާޖިދާ!" މިހާރު ބިރުގަންނަން ޖެހޭ ކަމެއް ނެތް. ދޮރު ހުޅުވާ، ދަރިފުޅާ!"
(ނުނިމޭ)