ދާރުލް އާސާރަކީ އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް: މިނިސްޓަރ ޔުމްނާ

ފޮޓޯ: ރައީސް އޮފީސް

ދާރުލްއާސާރަކީ ޤަޢުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ތަނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި މެސެޖުގައެވެ.

 އެކަމަނާ ވިދާޅުވީ ދާރުލްއާސާރުތައް ތަރައްޤީކޮށް އެތަންތަން މުއްސަނދި ކުރުމަކީ ރާއްޖެ އިޖުތިމާޢީގޮތުން ކުރިއަރައި ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖެއަށް މާލީ މަންފާތަކެއް ލިބި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށެވެ.

"އެހެންކަމުން، ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވި، ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ސަޤާފަތާމެދު ދިވެހިންގެ ހިތްތަކުގައި ފަޚުރުވެރިކަން އުފެދޭނޭ ކަމެކެވެ. މިގޮތަށް ހުޅުވޭ ސަރަޙައްދީ ދާރުލްއާސާރުތައް ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށެވެ." އެކަމަނާ ވިދާޅުވެފައިވެއެވެ.

ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދޫގައި  2018 ވަނަ އަހަރު ވަނީ ސަރަޙައްދީ ދާރުލްއާސާރެއް ހުޅުވައިފައެވެ. އޭގެ އިތުރުންވެސް އެހެނިހެން ހިސާބުތަކުގައި ސަރަޙައްދީ ދާރުލްއާސާރު ހުޅުވުމުގެ ޕްލޭންތައް ތައްޔާރުކުރެވި މަޝްވަރާތައް ކުރިއަށްދާ ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

"ދާރުލްއާސާރުގައި ހުރި އާސާރުތަކަކީ ދިވެހީންގެ ހަނދާންތަކާއި، ޝުޢޫރުތަކާއި އަމިއްލަވަންތަކަމާއި ގުޅިފައިވާ އެއްޗެކެވެ. މިތަކެއްޗާއި މިތަކެތިން ލިއްބައިދޭ އަގުހުރި މަޢުލޫމާތު ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހަދަމާތޯއެވެ. މިއީ، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ޙަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެކެވެ." މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާގެ މެސެޖުގައިވަނީ އަމިއްލަ ދާރުލްއާސާރުތައް ހުޅުއްވައިގެންނާއި އެހެނިހެން ގޮތްގޮތުންވެސް ދިވެހިރާއްޖޭގެ ސަޤާފީ ތަރިކަ ހިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންގެ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވަނީ ދާރުލްއާސާރުތަކަކީ ތާރީޚާއި ސަޤާފަތާއި އާދަކާދައިގެ ތަފާތުކަމާއި، މުއްސަނދިކަމާއި، އެބައެއްގެ އެއްބައިވަންތަކަމާއި ސުލްޙަމަސަލަސްކަން ދައްކައިދޭ ތަނަކަށް ވުމާއިއެކު، މި ކަންކަމަށް އާންމުންގެ މެދުގައި ހޭލުންތެރިކަމާއި ލޯބި އިތުރުކުރުން ކަމަށެވެ.

މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިޢާރަކީ "ދާރުލްއާސާރުތަކަކީ ސަޤާފަތުގެ ނާރެސް – އާދަކާދައިގެ ކުރިމަގު" މިއެވެ. "މި ޝިޢާރުން ބާރުއަޅަނީ ދާރުލްއާސާރުތަކުގެ ބަދަލުވަމުންދާ ތަސައްވުރަށެވެ. ދާރުލްއާސާރަކީ ހަމައެކަނި އާސާރީ ތަކެތި ބަހައްޓާ ތަނެއް ކަމުގައި ހީކުރެވިފައިވާ ޚިޔާލުތައް ވަނީ ބަދަލުވެފައެވެ. ދާރުލްއާސާރަކީ މުޖްތަމަޢުއެއްގެ ތާރީޚާއި ސަޤާފަތާއި އާދަކާދައާއި ފަންނުވެރިކަމާއި ގުޅޭ މަޢުލޫމާތު އެ މުޖްތަމަޢުއެއްގެ އަހުލުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަނެވެ."

ރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ނޮވެންބަރު 19ގައި އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

"ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަކީ ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާއި ސަޤާފަތާއި ބެހޭގޮތުން ބޭނުންވާ ހުރިހައި މަޢުލޫމާތެއް އެއް ފުރާޅެއްގެ ދަށުން ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދޭ ތަނެކެވެ. އެންމެ އެވޭލާ ޒަމާނުގެ ތާރީޚުން ފެށިގެން، ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްޤީގެ މަރުޙަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތައް އަދި ރާއްޖެ ފާހަގަކޮށްފައިވާ އެންމެ ޚާއްސަ ކަންތައްތަކުގެ މަޢުލޫމާތު ދާރުލްއާސާރުން ލިބޭނެއެވެ. މީގެއިތުރުން، ދާރުލްއާސާރަކީ އެ މުޖުތަމަޢެއްގެ ތާރީޚާއި، ފަންނުވެރިކަމާއި ސަޤާފަތާއި ތަރިކައާއި ގުޅޭ މަޢުލޫމާތު އެ މުޖުތަމަޢެއްގެ އަހުލުވެރިންނަށާއި ދިރާސާކުރާ ފަރާތްތަކަށާއި، ޒުވާނުންނަށާއި، ކިޔަވާކުދިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަނެކެވެ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.