ލުތުފަރުގެ މަރާގުޅޭ އިތުރު މަޢުލޫމާތު ހާމަކުރައްވާނީ ޕްރެސްއެއްގައި: ފުލުހުން

ށ. ޅައިމަގާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަނގްލަދޭޝްގެ ލުތުފަރުގެ މަރާބެހޭ އިތުރު މަޢުލޫމާތު ހާމަކުރައްވާނީ އެކަމަށް ބާއްވާ ޕްރެސްކޮންފަރެންސެއްގައި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމަޢުލޫމާތު ހާމަކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ދުވަހެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާ މަރާލި ގޮތް އެކަންކުރި މީހުން ފުލުހުންގެ ކުރިމަތީގައި ކުޅެދީފި ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. އެކަމާ ބެހޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން ވިދަޅުވީ އެކަމާ ބެހޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާނެ ކަމަށެވެ. ފުލުހުން އެމަޢުލޫމާތު ދެއްވާނީ ޕްރެސްއެއް ބާއްވައިގެން ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ލުތުފަރާއި އޭނާގެ އެކުވެރިންނާ މެދު ޖެހުނީ ފައިސާގެ މައްސަލައެއް ކަމަށެވެ. އޭނާ މަރާލީ ފައިސާގެ މައްސަލައާ ހެދި ކަމަށް ބައް ފަރާތްތަކުން ވަނީ ބުނެފައެވެ.  ފުލުހުން ވަނީ އޭނާގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އިންސާނެއްގެ ބައިތަކެއް ކަނޑުން ނަގައިފައެވެ.

އެޕްރީލްމަހު 22 ވަނަދުވަހު ގެއްލުނު ލުތުފަރު މަރާލާފައި އޭނާގެ އެކުވެރިން ވަނީ އޭނާ ކަނޑުފައްތައިފައި ކަމަށް އެ ނޫސްތަކުގައި ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންވަނީ ބަނގްލަދޭޝްގެ 4 މީހަކު ބަންދު ކޮށްފައެވެ. ލުތުފަރު މަރާލައިފައިވަނީ އޭނާ އުޅޭ ބޯޓު ތެރޭގައި ކަމަށް އެނޫސްތަކުން ބުނެއެވެ.

ލުތުފަރު މަރާލައިފައިވަނީ އޭނާގެ އަރިކަށީގައި އެއްޗަކުން ޖަހައި އޭނާ ހޭނައްތާލުމަށްފަހު ކަރުގައި ހިފައިގެން ކަމަށް އޭނާ މަރާލިމީހުން ކިޔައިދީފައިވެއެވެ. އެއަށްފަހު އޭނާގެ ޓީޝާޓު ބޭލިއެވެ. އަދި ކުކިން އޮއިލް ހުސްކުރި ބޮޑު ހަމެއް އޭނާގެ ގައިގައި އެލުވުމަށްފަހު ފަޅުތެރެއަށް ދޫކޮށްލީ ކަމަށް ވެސް އެމީހުން ކިޔައިދީފައިވާ ކަމަށް ވެއެވެ. އެފަހުން އޭނާގެ ފައިގައި ވެލިބަސްތާއެއް އައްސައި ކަނޑުތޮށިން ބޭރަށް އެއްލާލީއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.