އާފަތިސް ބަދިގެ: ފާރިސީ ބަތް

ބޭނުންވާނެ ބާވަތްތައް:

3 ޖޯޑު ބާސްމަތީ ހަނޑޫ

ލޮނު

މޭޒުމަތީ ސަމުސަލުގެ ހަތަރު ސަމުސާ ބަޓަރު (އަންސޯލްޓެޑް)

މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ޒައިތޫނި ތެޔޮ

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ކުކުން

ޖޯޑެއްގެ ހަތަރުބައުކުޅަ އެއްބައު ހޫނު ފެން

ތައްޔާރުކުރާނެ ގޮތް:

ފިނި ފެނުން ހަނޑޫ ރަނގަޅަށް ދޮވެފައި 2 ޖޯޑު ފެނާއި މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ލޮނު އަޅައި މަޑުމަޑުން ހަލުވައިލާށެވެ. އެއަށްފަހު ފޯކުރަން ބަހައްޓައިލާށެވެ. ބޭނުންކުރާ ހަނޑުލެއްގެ ގޮތުން ބައިގަޑި އިރާއި އަށްގަޑި އިރާއި ދެމެދުގެ ވަގުތަކަށް ބެހެއްޓުމުން ރަނގަޅުވާނެއެވެ.

ދެން ބޮޑު ތެއްޔެއް އުނދުނަށް އުދައި 12 ޖޯޑު ފެން ކައްކާށެވެ. ފެން ތެއްޔަށް ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ލޮނު އަޅާށެވެ. ފޯކުރަން ބަހައްޓާފައި ހުރި ހަނޑޫ، ފެން ހުސްކުރުމަށް ފަހު ކެކިކެކި ހުރި ފެނުގެ ތެރެއަށް އަޅައި މަޑުމަޑުން އެއްފަހަރު ހަލުވައިލާށެވެ. ދުރަށް ނުގޮސް އުނދުން ކައިރީގައި ހުންނާށެވެ. އެއީ ފަސޭހައިން ފެން ކެކެން ފަށައިފާނެތީއެވެ. އަދި މައްޗަށް ފޮނު އަރާނަމަ ސަމުސަލަކުނ ފޮނު ނަގަމުންދާށެވެ. ފެނުގެ ރަހަބަލައި ލޮނު ހެޔޮވަރު ކުރާށެވެ. ތެއްޔަށޤ ހަނޑޫ އެޅުމަށްފަހު ހަތަރު މިނެޓެއްވަރުތެރޭ ހަނޑޫ ރޯ ފިލަން ފެށިތޯ ބަލާށެވެ. ބޭރު ރަނގަޅަށް މަޑުވެ ހަފައިލެވޭ ވަރަށް ރޯ ފިލުމުން ފެން އޮއްސާލުމަށްފަހު ހިހޫ ފެނުން ދޮވެލާށެވެ. އަނެއްކާވެސް ލޮނު ހެޔޮވަރުކޮށް އަލުން ހިހީ ފެނުން ދޮވެފައި ފެން އޮހޮރުވަން ބަހައްޓައިލާށެވެ.

ދެން ހަނޑޫ ކެއްކި ތެލި ދޮވެ ފެން ހިއްކުމަށްފަހު އުނދުން މައްޗަށް އުދައި ހޫނި މިން މެދުމިނުގައި ބަހައްޓައިގެން ބަޓަރާއި ޒައިތޫނި ތެލާއި ކުކުން އެއްކުރުމަށް ފަހު ބަޓަރު ވިރެންދެން ކައްކައިލާށެވެ. އަދި ތެލީގެ ފުލުގަ އާއި ކައިރި ފަށުގައި ރަނގަޅަށް ތެޔޮ އުނގުޅައިލެވޭ ގޮތަށް ތެލި އަނބުރައިލާށެވެ. ބަޓަރު ނުވަތަ ތެޔޮ އިތުރަށް ބޭނުންވާނަމަ އަޅާށެވެ. ތެޔޮފޮދު ޙޫނުވެ ކެކެން ފެށުމުން ތެޅިގެ ފޫ ފޮރުވޭ ދޭފަތަކުން ބަތުގެ ތުނި ފަށަލައެއް ލެވޭ ވަރަށް ބަތް އަޅާށެވެ. މިއީ ބަތުގެ ތަހްދީގު ފަށަލައެވެ. ނުވަތަ ރަނގަޅަށް މުރަނަކޮށް ތެލުލެވިފައި ހުންނާނެ ބަތުގެ ފަށަލައެވެ.

ތަޙުދީގު ފަށަލައިގެ މަތީގައި ޙަރަމެއްގެ ބައްޓަމަށް ވާގޮތަށް ބާކީ ހުރި ބަތް އަތުރައިލާށެވެ. ދެން އަޑީގައި ހުރި ތަޙުދީގު ލޭޔަރުގައި ނުޖެހޭ ގޮތަށް ލަކުޑީ ދޭފަތަކުން ބަތް ގަނޑުގެ ތެރެ ކުޑަކޮށް ހާވައިލާށެވެ. މިއީ ބަތުގައި ހުރި އާވި ބޭރުކުރުމަށެވެ. އެއަށްފަހު މަތި ޖަހައިގެން ދިހަ މިނެޓު ނުވަތަ 12 މިނެޓު ވަރު ކައްކާށެވެ. މިއީ އަޑިގައި ހުރި ފަށަލަ ރަނގަޅަށް ސެޓުކުރުމަށެވެ. ދެން ގިނި މަޑުކުރާށެވެ. އަދި ބާކީ ހުރި ބަޓަރުކޮޅު ވިރުވުމަށްފަހު ބާކީ ހުރި ކުކުމާއި އެއްކުރާށެވެ.

ދެން ތެލީގެ މަތި ހިއްލައިލުމަށްފަހު ކުކުންކޮޅު ތެއްޔަށް އަޅާށެވެ. މަތި ހިއްލައިލާއިރު އާވި ތެލީގެ ތެރެއަށް ނުދާނެހެން ނަގާށެވެ. އަދި އަލުން މަތި ޖަހާއިރު ކިޗެން ޓަވެލް އެއް ނުވަތަ އުއި ފޮތިކޮޅެއް އޮޅައިލާށެވެ. ދެން ދިހަ މިނެޓު ކައްކައިލާށެވެ. ދިހަ މިނެޓު ވުމުން ގިނި މުޅީން މަޑުކޮށް 30 މިނެޓު ނުވަތަ ބައިގަޑި އިރު ކައްކާށެވެ. މި ވަގުތުކޮޅު ތެރޭ ދޭތެރެ ދޭތެރެއިން ތެލި އެކި ފަރާތްފަރާތަށް އަނބުރައި ބަތް މުޅީން މަޑުވެ އަދި އަޑީގައި ހުރި ތަޙުދީގު ފަށަލަ މުރަނަވެ ރަންކުލަ އަރަންދެން ކައްކާށެވެ.

ދެން އިންޗިއެއްގެ ފުން މިން ހުންނަ ވަރަށް ބަދިގޭ ސިންކަށް ފިނި ފެން އަޅައި ބަތް ތެލި ސިންކު ތެރޭގައި ބަހައްޓާށެވެ. ނުވަތަ ތުވާއްޔެއް ނުވަތަ އުއި ފޮތި ގަނޑެއް ތެންމާފައި އޭގެ މަތީގައި ތެލި ބަހައްޓައިލާށެވެ.

އިރުކޮޅަކު ސިންކުތެރޭގައި ބެހެއްޓުމަށްފަހު ބޮޑު ތަށްޓަކަށް ތެލި ފުށުން ޖަހައިލާށެވެ. އޭރުން އަޑީގައި ހުރި ތަހުޑިގު ފަށަލައާއެކު ތެލީގައި ހުރި ބަތް ތަށްޓަށް ލެވޭނެއެވެ.

މިއީ ކުކުޅު، ގެރި މަސް ނުވަތަ އެ މީހަކު އިޚްތިޔާރު ކުރާ ރިހަ އަކާއެކު ކެވިދާނެއެވެ.

މި ރެސިޕީ އަކީ އިރާނުގައި ވަރަށް މަގުބޫލު އަދި އެމީހުންގެ ޚާއްޞަ ކެއުމުގައި ހިމެނޭ އެއްޗެކެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.