އާފަތިސް ބަދިގެ: ޖެލީ ޑޯނަޓް

ބޭނުންވާނެ ބާވަތްތައް:

5 ޖޯޑު ފުށް

2 ސައިސަމުސާ ޔީސްޓު

1/3 ޖޯޑު ހަކުރު

1 ½ ޖޯޑު ކިރު (ހޫނު ކޮށްފައި)

¼ އަންސޯލްޓެޑް ބަޓަރ

¼ މާޖިރީން

2 ބިސް

¾ ސައިސަމުސާ ލޮނު

¾ ޖެލީ (އިޚްތިޔާރު ކުރާ ރަހައެއްގެ)

2 ޖޯޑު ޖަކުރު (ޑޮނަޓްގެ ބޭރުގައި އުނގުޅުމަށް)

ތައްޔާރު ކުރާނޭ ގޮތް:

ހޫނުކޮށްފައި ހުރި ކިރު ބޯތަށްޓަކަށް އެޅުމަށްފައު އޭގެ މައްޗަށް ޔީސްޓާއެކު ހަކުރު ސަމުސަލެއް ބުރުވައިލުމަށްފަހު ފަސް މިނެޓު ނުވަތަ ހަތް މިނެޓު ވަންދެން ބަހައްޓާށެވެ.

ހަކުރާއި ބިސް، ލޮނު އަދި ބަޓަރާއި މާޖިރީން އެއްކުރުމަށްފަހު އޭގެ ތެރެއަށް ކުރިން ތައްޔާރުކުރި ޔީސްޓު އަޅާށެވެ.

ދެން ޔީސްޓުގެ ތެރެއަށް ފުށް އަޅައި އެއްކުރަމުންދާށެވެ. ފުށްގަނޑު ތައްޔާރު ކުރަން މިކްސަރުގެ ފުށް މޮޑޭ ބުޅިގަނޑު ބޭނުންކުރެވިދާނެއެވެ. ނުވަތަ އަތުން ވެސް ފުށްގަނޑު މޮޑެވިދާނެއެވެ.

ފުށްގަނޑު އޮމާންކޮށް ރަނގަޅަށް މޮޑެވުމުން މޭޒުމަތީގައި ބޮޑު ތަށްޓެއްގައި ބަޓަރު ހޭކުމަށްފަހު އޭގެ ތެރޭގައި ބޭއްވުމަށް ފަހު ވައި ނުވަންނަ ގޮތަށް ތެތް ކޮޓަން ފޮތިގަނޑަކުން ތަށި ރަނގަޅަށް ބަންދުކުރާށެވެ.  އަދި ފުށްގަނޑު ދެގުނައަށް ބޮޑުވަންދެން ބަހައްޓާށެވެ. ދެ ގަޑިއިރު ނުވަތަ ތިން ގަޑިއރު ބެހެއްޓުމުން ރަނގަޅުވާނެއެވެ.

ދެން މޭޒުމައްޗަށް ފުށްކޮޅެއް އެޅުމަށްފަހު އެ ފުށުގެ މަތީގައި ފުށްގަނޑު ބޭއްވުމަށްފަހު ބޯމިނުގައި ½ އިންޗި ހުންނަވަރަށް ފަތާ ކުރާށެެވެ.

ތިން ހަތަރު ތެޔޮ ކަރުދާސް މޭޒުމަތީގައ އަތުރައި މައްޗަށް ފުށްކޮޅެއް ބުރުވައިލާށެވެ. ބިސްކޯދު ކަޓަރަކުން ނުވަތަ ފެންބޯ ތަށްޓަކުން ޑޯނަޓްސް ކަފާށެވެ. އަދި ތެޔޮ ކަރުދާސް މަތީގައި އަތުރާށެވެ. އަތުރާ އިރު ކޮންމެ ޑޯނަޓެއްގެ ދޭތެރޭގައި ދޭއް ނުވަތަ ތިން އިންޗީގެ ޖާގަ ބަހައްޓާށެވެ. އަތުރައި ނިމުމުން މަތީގައި ތެތް ފޮތިކޮޅެއް އަޅާފައި ދޮޅުގަޑި އިރު ވަންދެން ބަހައްޓާށެވެ.

ދެން އުނދުނަށް ފުން ތަވައެއް ނުވަތަ ކުޑަ ތާހެއް އުދައި ތެޔޮ ހޫނު ކުރާށެވެ. ތެޔޮ ރަނގަޅަށް ހޫނުވުމުން ޑޯނަޓްތައް ފުށުން ޖަހަމުން ތެލު ލާށެވެ.ދެން ކިޗެން ޓަވެލް އެއްގެ މަތީގައި އިރުކޮޅަކު ބެހެއްޓުމަށްފަހު ބޭރުގައި ހަކުރު އުނގުޅާށެވެ.

ޕައިޕިންގ ބޭގަކުން އިޚްތިޔާރު ކުރާ ބާވަތެއްގެ ޖެލީ ޑޯނަޓްގެ ތެރެއަށް ޕައިޕުުކުރާށެވެ. ޖެލީގެ ބަދަލުގައި ޖޭމުވެސް ބޭނުންކުރެވިދާނެއެވެ.

މި ރެސިޕީ އިން 20 ޑޯނަޓް ތައްޔާރު ކުރެވޭނެ އެވެ. 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.