އާފަތިސް ބަދިގެ: ތެލީގައި ރޯސްކުރި ކުކުޅު

ބޭނުންވާނެ ބާވަތްތައް:

1 ކުކުޅު (1.8 ކިލޯ)

ލޮނުމެދު ބޮނޑިއަކާއި އިތުރު ލޮނުމެދެއް، ކުދިކޮށް ކޮށާފައި

4 ކޯޅި ތައިމް

ފޮނިތޮށި ގަނޑެއް

ލުނބޮއެއްގެ ތޮށި، ގާނާފައި

ކުކުޅު ރޯސްކުރާ އިރު އެތެރެއަށް ލާނެ ލުނބޮއެއް

2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

20 ގުރާމް ބަޓަރު

1 ފިޔާ، ތުނިކޮށް ކޮށާފައި

ސައިސަމުސަލެއްގެ ކޮތަނބިރި އާއި ދިރި

180 ގުރާމް ބާސްމަތީ ހަނޑޫ

50 ގުރާމް ފެހި ލެންޓިލްސް

ބައި ޖޯޑު ވިނެގަރ

500 މިލިލީޓަރު ކުކުޅު ސުރުވާ

ޕްލެއިން ޔޯގަޓް

ކުދީނާ ފަތް، ޕާސްލޭ، ކުދިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް:

200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރަން ޖައްސާށެވެ. ފިނި ފެނުން ކުކުޅު ރަނގަޅަށް ދޮވެ ފެން ހިއްކާށެވެ. އެއަށްފަހު ކުކުޅުގެ އެތެރެއަށް ލޮނުމެދު ބޮނޑި އާއި ފޮނިތޮށްޓާއި، ތައިމް އާއި ލުނބޯ ފަޅި ލުމަށްފަހު ކުކުޅުގެ އަތާއި ފައި ރަނގަޅަށް ބަނދެލާށެވެ.

ދެން ހޫނުމިން މެދު މިނުގައި ބަހައްޓައިގެން ބޮޑު ތަވައެއްގައި ޒައިތޫނި ތެލުގެ ދެބައިކުޅަ އެއްބައި ހޫނުކުރާށެވެ. ތަވާގެ ތެރެއަށް ކުކުޅު ލުމަށްފަހު ފުށުން ޖަހަމުން ކުކުޅުގެ ބޭރުފުށް ރޯ ފިލުވާށެވެ.

އެއަށްފަހު ކުކުޅު ލެވޭ ވަރުގެ ބޮޑު ކެސެރޯލް ތަށްޓަކަށް ބާކީ ހުރި ޒައިތޫނި ތެލާއި ބަޓަރު އަޅައިގެން ބަޓަރާއި ތެޔޮ ރަނގަޅަށް އެކުވަންދެން ހޫނު ކުރާށެވެ. އޭގެ ތެރެއަށް ފިޔައާއި ކޮށާފައި ހުރި ލޮނުމެދާއި އަޅައި ތިނެއް ނުވަތަ 4 މިނިޓް ވަންދެން ރޯ ފިލުވާށެވެ. ދެން ލުނބޯ ތޮށްޓާއި ކޮތަނބިރި އާއި ދިރި އެޅުމަށޤ ފަހު ވަސް ނިކުންނަންދެން ކައްކާށެވެ. ފިޔާގަނޑު މީރުކުރެވުމުން އޭގެ ތެރެއަށް ހަނޑޫކޮޅު އޮއްސާލާށެވެ. ދެން ވިނެގަރ އަޅައި ވިނެގަރ ގެ އެއްބައި އާތްވަށް ވުމުން އޭގެ ތެރެއަށް ކުކުޅު ސުރުވާ އަޅައިގެން ރަނގަޅަށް ކައްކާށެވެ. ސުރުވާ ކެކެން ފެށުމުން ވައި ބަންދުވާ ގޮތަށް ކެސެރޯލް ތަށީގެ މަތި ބާރަށް ޖެހުމަށްފަހު އަވަނުގައި ފިހޭށެވެ. ކުކުޅު ރޯ ފިލައި، ބަތާއި ލެންޓިލްސް މަޑުވުމުން (35 މިނިޓް ނުވަތަ 40 މިނިޓް ފަހުން) އަވަނުން ނަގާށެވެ. އަވަނުން ނެގުމަށްފަހު މަތި ނުނަގައި ދިހަ މިނިޓް ވަރު ބަހައްޓާށެވެ. ދިހަ މިނިޓް ވުމުން ކެސެރޯލް ތަށި/ތެލީގެ މަތި ނެގުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ. ދެން ޔޯގަޓާއި ޕާސްލޭ އަދި ކުދީނާ ފަތާއި، ކެރެޓާ އެކު ކާން ނަގާށެވެ.

މި ރެސިޕީ ކައްކަން އެއްގަޑި އިރު ނުވަތަ ދޮޅުގަޑި އިރު ހޭދަވާނެއެވެ. ނަމަވެސް ތައްޔާރު ކުރަން ނަގާނީ 15 ވަރަކަށް މިނެޓެވެ. ހަ މީހަކަށް ރަނގަޅަށް ކެވޭނެއެވެ.

ނޯޓް: މިއީ އޮސްޓްރޭލިއާގެ މަޝްހޫރު ޝެފް މެޓް މޯރަންގެ ރެސިޕީ އެކެވެ. ދިވެހި ރަހަތަކަށް ފެއްތުމަށް ރެސިޕީ އަށް ކުދިކުދި ބަދަލު ގެނެސްފައިވާނެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.