ކަލްޗަރ މިނިސްޓްރީއަށް ހަތަރު މުޝީރުން އައްޔަން ކުރައްވައިފި

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރު  4 ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ. އެމަޤާމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އައްޔަން ކުރެއްވި 4 ބޭފުޅުންގެ ތެރޭގައި އާފަތިސް ނޫހުގެ ކުރީގެ ޗެއާމަން ޢަބާސް އިބްރާހީމް ވެސް ހިމެނިވަޑައިގަންނައެވެ.

އެމަޤާމްތަކަށް އައްޔަން ކުރައްވާފައިވަނީ:

  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ނަސީމާ މުޙައްމަދު ކަލޭފާނު
  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް
  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު
  • ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ވަޙީ އެވެ.

މި ހަތަރު ބޭފުޅުންގެ މަޤާމު ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބޭފުޅުންނާ ބައްދަލުކުރައްވައި ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދިރުވާއާލާކުރުމުގެ މަސައްކަތުގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެބޭފުޅުންގެ ތަޖުރިބާގެ ބޭނުންހިތްޕަވައި، ދިވެހީންގެ ތަރިކަ އަންނަން އޮތްޖީލުތަކަށް ފެންނާނެ ފަދައިން ރައްކާތެރިކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްދެވާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މި ބޭފުޅުންނަކީ މިދާއިރާގައި މަސައްކަތް ކުރައްވައި ފާހަގަކޮށްލެވޭ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލް ބޭފުޅުންނެވެ.

މި ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި ހުރި ވިސްނުންފުޅު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރައްވައިފައެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ މި މަސައްކަތް ކުރުމުގައި އެބޭފުޅުންގެ ލަޔާޤަތާއި ޤާބިލުކަންހުރި މިންވަރަކުން އެ މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި މަސައްކަތް ޙަވާލުކުރެއްވީތީ ރައީސަށް އެބޭފުޅުން ޝުކުރު ދެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.