ރޯދައިގެ ކުރިން އީސީއަށް އެސްޖީއަކު ހަމަޖައްސަނީ

އިލެކްޝަންސް ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އެއް ހޯދުމަށް ރޯދަމަހުގެ ކުރިން އިޢުލާން ކުރައްވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އީސީއަށް އެސްޖީއަކު ނުނެގި ލަސްވެފައިވަނީ އިންތިޚާބަކަށްފަހު އިންތިޚާބެއް ކުރިމަތިވުމުން ކަމަށެވެ.

"ރިޔާސީ އިންތިޚާބާ ވަރަށް ކައިރިވެފައި އޮއްވައި އެސްޖީ އިސްތިއުފާ ދެއްވީ. ދެން އެހެންވެގެން އަލަށް މީހަކު އައިސްގެން އިންތިޚާބުގެ ކަންކަމުގެތެރެއަށް ނުވަދެވިދާނެތީވެ ނުނަގާއޮތީ. އެކަމަކު ކުރިއަށްއޮތް ރޯދަމަހުގެ ކުރިން އެސްޖީއަކު ނަގާނަން،" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން މިހާރު ހިންގަމުން ގެންދަނީ ވަގުތީ އެސްޖީއެކެވެ. އެކްޓިން އެސްޖީއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަނީ ޚަދީޖާ ރަޝާއެވެ. "ޤާނޫނު ބުނަނީ ސްކްރެޓަރީޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ބޭފުޅަކު ހުންނަވާނެޔޭ. އެހެންވީމާ އެ މަސްއޫލިއްޔަތު އަދާކުރާނެ ބޭފުޅަކު ނެތިއެއްނެތް. މިހާރުވެސް އެކްޓިން އެސްޖީއަކު އެބަ އިންނެވި،" ޝަރީފް ވިދާޅުވިއެވެ.

އީސީގެ އެސްޖީއަކަށް އެންމެފަހުން ހުންނެވީ އަޙުމަދު ޢަލީ އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.