ރިޔާސީ އިންތިޚާބަށްފަހު އީސީއާ ބެހޭ ތަހުގީގެއް މިވަގުތު ކުރިއަށްނުދޭ: ޕޮލިސް

ދެހާސް އަށާރަވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނާއި އެކޮމިޝަނުގެ މެމްބަރަކާ ބެހޭ އެއްވެސް މައްސަލައެއްގެ ތަހުގީގު މިވަގުތު ނުހިނގާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުލުސް އޮފީހަކަށް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބުގައި ފުލުސް އޮފީހުން ވިދާޅުވެފައިވަނީ "އިލެކްޝަންސް ކޮމިޝަން ނުވަތަ އެކޮމިޝަންގެ މެމްބަރަކަށް އަދި މުވައްޒަފަކަށް ރައްދުވާ ގޮތަށް 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބާ ގުޅޭ މައްސަލައެއް ތަހުގީގެއް މިވަގުތު ހިނގަމުން ނުދާވާހަކަ ދެންނެވީމެވެ." ކަމަށެވެ.

ރިޔާސީ އިންތިޚާބަށްފަހު އީސީއާ ބެހޭ އެއްވެސް މައްސަލައެއް ފުލުހުން ބައްލަވަމުންދޭތޯ އީސީން ސާފުކުރެއްވީ އިންތިޚާބަށްފަހު ބޮޑެތި ތުހުމަތުތަކެއް އެކޮމިޝަނާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން މިހާރުވެސް ކުރަމުންދާތީއެވެ. އީސީން ވިދާޅުވީ ކުރިއަށް އޮތީ ލޯކަލްކައުންސިލް އިންތިޚާބު ކަމަށާއި އެހެން ކަމުން ކޮމިޝަނާ ބެހޭ އެއްވެސް މައްސަލައެއް އޮތްތޯ ކަށަވަރުން ކުރަން އެތަނުން ބޭނުންވީ ކަމަށެވެ. ކޮމިޝަނާ ބެހޭ އެއްވެސް މައްލަސަލައެއް ބަލަމުން ނުދާކަން ފުލުހުން ކަށަވަރު ކޮށްދިނުމުން އެއީ ކުރިއަށްދިއުމަށް ކޮމިޝަނަށް ލިބުނު ހިތްވަރެކެވެ.

އިދިކޮޅުން ވަނީ އީސީގެ މެމްބަރުން ރިޝަވަތު ހިފައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުވެސް ކޮށްފައެވެ. އިންތިޚާބު ބާތިލް ކުރަންވެސް އިދިކޮޅުން ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ޖޯޓުން ނިންމެވީ އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެ އިންތިޚާބު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބު ކުރެއްވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.