މޮރިޝަސްގައި ބާއްވާ މަހާސިންތާއެއްގައި އީސީ ނާއިބު ނައީސް ތަގުރީރު ކުރައްވަނީ

މޮރިޝަސް ގެ އިލެކްޝަންސް ކޮމިޝަނަރުގެ އޮފީސް (އޯއީސީ) އިންތިޒާމު ކޮށްގެން ބާއްވާ ދެދުވަހުގެ މަހާސިންތާއެއްގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަފުދެއް ބައިވެރިވެއްޖެއެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މޮރިޝަސްގައި ބާއްވާ މި މަހާސިންތާއަކީ އޯއީސީ ގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެއޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މަހާސިންތާއެއް ކަމަށް އީސީން ވިދާޅުވިއެވެ.

މި މަހާސިންތާގައި އީސީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ނާއިބު ރައީސް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަދި ކޮމިޝަންގެ މެންބަރ އަދި ތަރުޖަމާނު، އަޙްމަދު އަކްރަމެވެ.

މި މަހާސިންތާއަކީ، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ކުރިއަރުވާ، މިނިވަން ދެފުއް ފެންނަ އިންތިޚާބުތަކެއް މޮރިޝަސްގައި ބާއްވަމުން އަންނަތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަހާސިންތާއެކެވެ.

މި މަހާސިންތާގެ މައިގަނޑު މަޤްސަދަކީ އިންތިޚާބީ އިދާރާތަކުގެ މަސައްކަތްތަކާއި އިންތިޚާބުތަކާ ގުޅުންހުރި މާހިރުންނާއި ވިލަރެސް ކުރާ އިދާރާތަކުގެ މެންބަރުންގެ ތަޖުރިބާތަކާއި ޚިޔާލުތައް އެއްބަޔަކު އަނެއްބަޔަކާ ހިއްސާކޮށް އިންތިޚާބުތައް ޑިމޮކްރަސީގެ ހަމަތަކާއި އަސާސްތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން ކަމަށް އީސީން ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ އެކި ބައްރުތަކުގެ އިންތިޚާބީ އިދާރާތަކުން ގިނަ ތަޖުރިބާކާރުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި މަހާސިންތާގައި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނާއިބު ރައީސްގެ ވާހަކަފުޅުގައި ކޮމިޝަންތަކާއި ކޮމިޝަނަރުންނަށް ދިމާވާ ސިޔާސީ ފިއްތުންތަކާއި ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތްތައް ރާވާ ހިންގާނެ ތަފާތު ގޮތްތަކުގެ މައްޗަށް ބައްލަވައި ކައްވާނެ އެވެ.

ޤައުމުތަކުގެ ޑިމޮކްރަސީގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި، ޤާނޫނީ އިމުގެ ތެރެއިން ކެމްޕެއިން ޚަރަދުތައް ކުރުމުގެ އުސޫލުތައް އެކުލަވާލެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި މަހާސިންތާގެ ބައިވެރިން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.