މަޖިލީހުގައި އެކަށީގެންވާ ވަރަށް އަންހެނުންނެތި ސިޔާސަތުތަކެއް ކަނޑަނޭޅޭނެ: ޝިދާތާ

ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުން ކަމަށާއި އެ ޢަދަދު އެކަށީގެންވާ މިންވަރަށް އިތުރުވެ އަންހެނުންގެ ބައިވެރިވުން އިތުރުނުވެ އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އ.ދ.ގެ މައި އިދާރާގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަމުންނެވެ.

އެކަމަނާގެ ތަޤުރީރުގައިވަނީ އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެ ގޮތުން އިޖުތިމާޢީ، އިޤްތިޞާދީ، ސިޔާސީ އަދި ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ މި ފަދަ ގޮންޖެހުންތަކާބެހޭ ގޮތުން ވެސް އެކަމަނާ ވާހަކަ ދެއްކެވިއެވެ.

އަންހެނުންނަށް ކުރިމަތިވާ ދަތިކަންތައްތައް ޙައްލުކުރަން ޖެހޭ ކަމަށާއި،  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަންހެނުން އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކާއި އަމިއްލައަށް ކަންކަން އިޚުތިޔާރުކުރުމުގެ ފުރުޞަތު ލިބެންދެން ދިވެހިރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ގޮތުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ހޯދައިފައިވާ ކުރިއެރުންތަކާއި، ދިވެހިރާއްޖޭން ޢަމަލުކުރަމުންދާ ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މުޖުތަމަޢުއިން މި ކަމުގައި ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ މި ފަދަ ދަތިތަކާއި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާ ކަމަށާއި، އެ ގޮތުން ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަ ކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ދިވެހިރާއްޖޭގައި ތަޢާރުފުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަހުގެ 9ން 20ށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ މި ދަތުރުފުޅުގައި "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63ވަނަ ސެޝަންގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.