މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން މުޖުތަމަޢު ބިނާކުރުމުގައި ޒުވާނުންގެ ޙިއްޞާގައި ހުސްކަމެއް އުފެދިފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އެކަމަނާ ވިދާޅުވީ އެ ހުސްކަން ފިލައިގެން ދާނީ އެ ވަބާގައި ޖެހިފައިވާ ޒުވާނުނަށް ބޭނުންވާ ރިހެބިލިޓޭޝަން ފަރުވާ ދެވި، އަލުން މުޖުތަމަޢަށް ނެރެވިގެން ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީސީ)ގެ ފަރާތުން މި މަހުގެ 23ން 27 އަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކުރާ "ސައުތު އޭޝިއަން ބޫސްޓަރ ޓްރޭނިންގ އޮން ދަ ޔޫ.އެން.އޯ.ޑީ.ސީ ފެމިލީ ތެރަޕީ ޕެކޭޖް ފޮރ ޔޫތް ވިތް ޑްރަގް ޔޫސް ޑިސްއޯޑަރސް އެންޑް ދެއަރ ފެމިލީސް" ޕްރޮގްރާމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ޒުވާނުންގެ ޢާންމު ޞިއްޙަތަށް ބޮޑު އަސަރެއް ފޯރާ ކަމަށެވެ. އޭގެތެރޭގައި ޖިސްމާނީ ހެދިބޮޑުވުމާއި، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ކުރާ ނުރަނގަޅު އަސަރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރަށް ކަންކަމުގައި ވިސްނާ ފިކުރުކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައްޔާއި ކަންކަމުގައި ޢަމަލުކުރާ ހަލުވި މިނަށް ބަދަލު އައިސް، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ އިޖުތިމާޢީ މައްސަލަތަކާއި ކުށްތައް އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ރިހެބިލިޓޭޝަން ފަރުވާއަށް ޚާއްޞަ އިސްކަމެއް ދެއްވިކަން އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުވިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ އެ ފަދަ ސެންޓަރުތައް ހިންގުމުގެ ހުއްދަ ޕްރައިވެޓް ސެކްޓަރއަށް ވެސް ހުޅުވައިލުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ފަރުވާއަށް މިހާރު އެދިފައިވާ އެތައް ފަރާތެއްގެ މައްސަލައަށް ޙައްލު ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރާއި ފޮޓޯ ޖެންޑަރ މިނިސްޓްރީ