ގައުމުދެކެ ލޯބިވާ ކަމަށްވާނަމަ ފުރަތަމަ ދަހިވެތިވާންވީ ވެރިކަމަށް ނޫން: ސަފީރު

ގައުމުދެކެ ލޯބިވާ ކަމަށްވާނަމަ އެންމެފުރަތަމަ ދަހިވެތިވާންވީ ގައުމުގެ ވެރިކަމަށް ނޫން ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ވެރިކަމަށް އައުމަށްވެސް ހަމަޖެހިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން އެމަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ގައުމަށް ލޯތްބެއް އޮތް ކަމަށްވާނަމަ އެންމެ ފުރަތަމަ ދަހިވެތިވާންވީ ދިވެހިރާއްޖޭގެ ވެރިކަމަކަށްނޫން. ގައުމަށް ފައިދާހުރީ ކޮންކަމެއްތޯ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް މުއައްސަސާތައް ހިނގާތޯ ރާއްޖޭގެ ގާނޫތައް ތަންފީޒު ކުރެވެމުންދޭތޯ މިއީ ދިވެއްސަކަށް ވާކަމަށްވާނަމަ އަޅުގަނޑުމެން އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަމަކީ،" އަހުމަދު ވިދާޅުވިއެވެ.

ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުން ނެރުނު އަމުރަށްފަހު ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައް ތަކާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެކަންކަން ގޯސްކުރުމަށް ބައެއް ދިވެހިން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭރުގެ މިލިޓަރީ ގެންނަނަ މަސައްކަތް ކުރިތަން ފެނުނު ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރެއްވި ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވީޓެއް ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ ހަގީގަތް އެނގި ފަހުން އެބޭފުޅާ ފަޟީހަތް ވެގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ. ބޭރު ބަޔަކު ރާއްޖެއަށް އައުމަށް ގޮވާލުމަކީ ޣައްދާރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ގައުމަށް އެހެންބަޔަކު އަރުވައިގެން މިނިވަންކަން ނަގާލުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކީ ގައުމަށް ޣައްދާރުވުން،" އަހުމަދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުއޮތް ހާލަތު ދުނިޔޭގެ ގައުމުތަކަށް ސާފުވެ މަޑުމަޑުން ކަންކަން ހަމައަކަށް އެޅެމުންދާ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.