ފެން ކުންފުނި އާއްމުންގެ މެދުގައި މަގުބޫލު ތަނަކަށް ހަދާނަން: އާޒިމް

ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ފެން ކުންފުނި މާލޭ ވޯޓަރ އެންޑް ސުވަރޭޖެ ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އަކީ އާއްމުންގެ މެދުގައި މަގުބޫލު ކުންފުންޏަކަށް ހައްދަވާނޭ ކަމަށް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވި ގޮތުގައި އޭނާގެ ބޭނުންފުޅަކީ ކުންފުންޏަކީ ރައްޔިތުންނާ އެކުވެރި ތަނަކަށް ބަދަލު ކުރެއްވުމެވެ. "ރައްޔިތުން ދެކެނީ މިއީ ވަރަށް އުނދަގޫ ތަނެއްގެ ގޮތުގައި. މީހުންނާ ބައްދަލު ކުރުމާއި ޚިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުންނަ ތަނެއްގެ ގޮތުގައި. އަޅުގަނޑު ހަވާލުވީއިރު ކަންތައް އޮތް ގޮތަކީ އެއީ."

އާޒިމް ވިދާޅުވި ގޮތުގައި އެމްޑަބްލިޔޫއެސްސީއަކީ ޚިދުމަތްގެ ފެންވަރު ދެރަ ތަނެއް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ކަންތައްތައް އޮންނަ ގޮތާއި، ބައެއް ޚިދުމަތް ލިބިގަންނާން އަޅަން ޖެހޭ ފިޔަވަޅުތައް ނޭނގޭ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެއެވެ.

"މި ކުންފުންޏަކީ ރައްޔިތުންނަށް ވަރަށް މުހިއްމު ޚިދުމަތެއް ދޭ ކުންފުންޏެއް. އަގު ބޮޑު މަސައްކަތްތަކެއް ކުރާ ތަނެއް. އެހެންވީމާ މި ދެންނެވިފަދަ ޝަކުވާތައް އަންނަ ކަމަށް ވަންޏާ އެއީ ކިހިނެއް ވެގެން ވާ ކަމެއްތޯ ބެލުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރާން ޖެހޭނޭ ކަމެއް." އާޒިމް ވިދާޅުވިއެވެ.

އޭނާ ވަރަށް އިތުބާރާއެކު އަޑަށް ބާރު ލައްވައިފައި ވިދާޅުވި ގޮތުގައި އެމްޑަބްލިޔޫއެސްސީން ޚިދުމަތް ހޯދުން މިހާރަކު އުނދަގުލެއް ނުވާނެއެވެ. ސޯފާގައި އިށީނދެލައިގެން އަރާމުކޮށް އިނދެ ހުރިހައި ޚިދުމަތެއް ހޯދޭނެއެވެ. "ތިން މަސް ދުވަހުގެ ތެރޭގައި އަޅުގަނޑު މި ވަނީ ވަރަށް ބޮޑެތި ބަދަލުތައް ގެނެސްފައި. ޚިދުމަތް ހޯދާން އަންނަ މީހުންނަށް ފަސޭހަ ވާނޭ ގޮތްތައް ބަލައިގެން ބަދަލު ކުރީ."

އާޒިމް ވިދާޅުވި ގޮތުގައި މިހާރަކު ޚިދުމަތަށް އެދޭކަށް ކިޔޫގައި ޖެހިގެން ހުންނާކަށް ނުޖެހޭނެއެވެ. "އަޅުގަނޑުމެންގެ އެޕްލިކޭޝަންގެ ބޭނުންފުޅު ކުރައްވައިގެން ގޭގައި އިންނަވައިގެން ޚިދުމަތަށް އެދިވަޑައިގެންނެވޭނެ. އެއީ ކުރިން ނެރެފައި އޮތް އެޕްލިކޭޝަނަކަށް ވިޔަސް އަޅުގަނޑުމެން ވާނީ ބައެއް ބަދަލުތައް ގެނެސްފައި."

އޭނާ ވިދާޅުވި ގޮތުގައި ބިލަށް އިންތިޒާރު ކުރުމަކީވެސް މިހާރު ކުރަން ޖެހޭނޭ ކަމެއް ނޫނެވެ. ކުންފުނިން ދާ މީހަކު މީޓަރުގެ ރީޑިން ނެގުމާއެކު އޮންލައިންކޮށް ބިލުގެ އަދަދު ފެންނާން ހުންނާނެއެވެ. އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ. "މިހާރު ގިނަ ބޭފުޅުން ގެންގުޅުއްވަނީ ސްމާޓް ފޯނު. އެޕް ބޭނުންފުޅު ކުރައްވައިގެން ނުވަތަ އޮންލައިންކޮށް ބިލަށް ފައިސާ ދެއްކެވޭނެ. މި ޚިދުމަތް ސައުވީސް ގަޑިއިރު ލިބިވަޑައިގަންނަވާނެ."

އާޒިމް ވިދާޅުވި ގޮތުގައި ކުންފުންޏަށް ސައުވީސް އަހަރު ފުރި ފަންސަވީސް ވަނަ އަހަރު ގުނަމުންދާއިރު މުޅި ކުންފުނި ޚިދުމަތްތެރި ތަނަކަށް ހައްދަވައި، ރައްޔިތުންނަށް ފަސޭހަ ޚިދުމަތެއްދޭ، ފެންވަރު ރަނގަޅު ކުންފުންޏަކަށް ހެއްދެވުމަކީ އޭނާގެ އުއްމީދެކެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.