އިންސާނުންގެ ދިރިތިބުމާ ސީދާ ގުޅިފައިވާ ކަންކަމުގެ ތެރެއިން ރާއްޖެއަށް އޮތް އެންމެ ނާޒުކު މައްސަލަ އަކީ ސާފު ބޯފެން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި މަދު ފެންފޮދުވެސް ހުރީ ތަޣައްޔަރު ވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިމަގުގައި މި މައްސަލަ ދާނީ އިތުރަށް ގޯސްވަމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ރަށްރަށުގައި ހުރި މަދު ފެންފޮދުވެސް ހުރީ، ރަށުތެރެއަށް ނަޖިސް ފެން ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ތަޣައްޔަރުވެފައި. އަދި ކުރިމަގުގައި މި މައްސަލަ ދާނީވެސް އިތުރަށް ގޯސްވަމުން." ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހުޅޫމާލޭގައި މިއަދު ހެނދުނު ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވީ ރައްޔިތުންންނަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުގެ ބަޖެޓޫން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ.
"މި ރާއްޖޭގެ ޖިއޮގްރަފީ ސަރަޙައްދުގެ ތެރެއިން ހިކިފަސް ބިމުގެ ނިސްބަތަކީ، ގާތްގަނޑަކަށް އެންމެ ޕަސެންޓެއް. އަނެއް 99 ޕަސެންޓަކީ ފެން ނުވަތަ ކަނޑުގެ ލޮނު. އެހެންނަމަވެސް، މި ރާއްޖޭގައި އެންމެ ތަދު އެކައްޗަކީ ސާފު ބޯފެން. ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއްވެސް ކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މިހާރު އިސްކަން ދޭއިރު ބޯފެން އުފެއްދުމުގައި މިހާރު ބޭނުންކުރަނީ ޑީސަލުްނ ހިންގާ އިންޖިޏުތައް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި އިޢަދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުމާ މެދު ވިސްނަނވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވާރޭ ފެން ރައްކާ ކުރުމާއި، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުން ކުރަން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ފޯރުކޮށްދިނުމަކީ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ ކަމެކެވެ. އެހެން ކަމުން އާބާދީގެ ކުޑަބޮޑު މިނަށް ނުބަލައި އެއް އުސޫލަކުން ހުރިހާ ރަށެއްގައި މި ޚިދުމަތް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހުޅޫމާލޭގެ ދެވަނަ ފިޔަވައްސަކީ ވެސް މި މަޝްރޫއުގެ ބަޔެއް ކަން ރައީސް ފަހަގަކުރެއްވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރަމުންދަނީ އެއްލައްކަ ފަސްދޮޅަސް ހާށް މީހުންގެ އާބާދީ އަކަށެވެ. އަންނަ އހަރު ފަހު ކޮޅު އެރަށުގައި މީހުން ދިރިއުޅެން ފަށާނެއެވެ. މިއަދު ފެށި މަޝްރޫއަކީ އެ އަވަށުގައި ހުންނަ ކޮންމެ ގޭ ބިސީ އަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ފެށީ މަޝްރޫއެކެވެ. މިއީ މިހައިތަނަށް ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ހުޅޫމާލޭގައި މިއަދު ފެށީ މަޝްރޫއުގެ ހުރިހާ ޚަރަދެއް ހަމަޖައްސައި ދީފައިވަނީ ޖަޕާނުގެ ހިޓާޗީ ކެޕިޓަލްގެ ފަރާތުންނެވެ. އެހެން ކަމުން އެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓަށް އިތުރު ތަކުލީފަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.