އެމްޑަބްލިޔުއެސްސީއަށް ޚިދުމަތެއް ހޯދަން އަންނަ މީހާއަށް އެކަން ފުރިހަމަ ނުވަނީސް އަތުން ދުލެއް ނުކުރާނެ:އެމްޑީ އާޒިމް

 އެމްޑަބްލިޔުއެސްސީ އަށް ޚިދުމަތެއް ހޯދަން އަންނަ މީހަކަށް އެޚިދުމަތެއް ފުރިހަމަ ނުކޮށްދީ އެތަނުގެ މުވައްޒަފުން "އެމީހެއްގެ އަތުން ދުލެއް ނުކުރާނެ" ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމަ އާޒިމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޭނާ ކުންފުންޏާ ޙަވާލުވުމަށްފަހު އެންމެބޮޑު އިސްކަމެއް ދެއްވީ ރައްޔިތުން ބޭނުންވާ ޚިދުމަތް ފުރިހަމަގޮތުގައި ފޯރުކޮށްދެއްވުމަށް ކަމަށެވެ. އެމަސައްކަތުން އެތަނުގެ މުވައްޒަފުން ވެސް މިހާރުވާނީ އެގޮތަށް ފަރިތަވެފައި ކަމަށް ވިދާޅުވިއެވެ. އެކުންފުންޏާ ބެހޭ ގޮތުން ކުރިން ދެކެވުނު ނޭދެވޭ ވާހަކަތައް ވެސް މިހާރުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އާޒިމް ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ ބޭނުމަކަށް އަބަދުވެސް ވާނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. "ދެހާސް ނަވާރަވަނަ އަހަރު ވަރަށްބޮޑަށް ބަލާފައިވާނީ ރައްޔިތަކު ޚިދުމަތަކަށް އެދިގެން އަތުވެއްޖެއްޔާ ނޫނެކޭ ނުބުނަން. އެ ޚިދުމަތެއް ފުރިހަމަކޮށް ނުދެވެންޏާ އެމީހެއްގެ އަތުން އަޅުގަނޑުމެންގެ މުވައްޒަފުން ދުލެއް ނުކުރާނެ. އެއީ ނިމިގެން މިދާއަހަރު ހޯދުނު ވަރަށްބޮޑު ކާމިޔާބެއް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކުންފުނިން ދެމުން ގެންދަވާ ޚދުމަތުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގައި ފެން ރައްކާ ކުރެވޭ މިންވަރު މިވަގުތު ކުޑަވެފައި ވުމަކީ ދިމާވެފައިވާ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތް ތަނުގައި އެކަން ވެސް ޙައްލުވެ "ވޯޓަރ ސްޓޯރޭޖު" އިތުރު ކުރެވިގެންދާނެ ކަމަށެވެ. އެފަދަ ކަންކަމަށް ބޭނުންވާ ބިންވެސް މިހާރުވަނީ ހަމަޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކުންފުނީގެ ޖަންކްޝަނުން ބޭރުވާ ނަޖިސް މިހާރު މާލޭގެ މަގުމަތިން ނުފެންނާނެ ކަމަށެވެ. އެކަން މިހާރުވާނީ ކުރު ރާސްތާ ޙައްލެއް ހޯދައިފައި ކަމަށް ވިދާޅުވިއެވެ. "ނަޖިސް އަރައިގެން އުޅޭ މަންޒަރެއް މާލޭގެ މަގުތަކުން މިހާރު ނުފެންނާނެ. 2022 ނިމުގެ ކުރިން ދިގު ރާސްތާ ޕްލޭނެއް އިންޕްލިމެންޓްކޮށް އެކަން ދިގުރާސްތާއަށް ޙައްލުކުރާނަން އިރާދަކުރެއްވިއްޔާ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލެ ދިހަ މާލެއްށް ބަދަލުވެ އިމާރާތްތައް އުސްވެ އާބާދީ ތިންލައްކައަށްވުރެ ގިނަވިޔަސް މައްސަލައެއް ދިމާނުވެ 15 ވަރަކަށް އަހަރު އުޅެވޭ ވަރުގެ ނަރުދަމާއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެ ޕްލޭނާ އެއްގޮތަށް ގޮސް މަސައްކަތް ނިމޭއިރު، "ތިންލައްކަ މީހުން މާލެއަޔަސް ނަރުދަމާގެ މައްސަލައެއް ދިމާނުވާގޮތަށް ހެދިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް އާމުންގެ ގެތަކުގެ ދިޔަދޮވި ހޮޅި އެމްޑަބްލިއުއެސްސީގެ ނަރުދަމާ ހޮޅިއާ ގުޅާފައިވާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އެގޮތުން މާލޭގެ 203  ގެ ވަނީ ދިޔަދޮވި ހޮޅި ނަރުދަމާއާ ގުޅާފައި ކަމަށް ކުންފުނިން ހެދި ސާވޭއިން އެނގިފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް ފާހަގަ ވެފައިވާ ގެތަކާއި ފާހަގަ ނުކުރެވިވާ ގެތަކުގެ ތެރެއިން ވެސް އެގޮތަށް ހަދާފައިވާ ގެތަކުން ދިޔަދޮވި ހޮޅި ނަރުދަމާ ނިޒާމުގެ ހޮޅިއާ ވީހާވެސް އަވަހަކަށް ވަކިކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ފާހަގަ ކުރެވިފައިވާ ގެތަކަށް ސިޓީއެއް ފޮނުވާއިރަށް އެކަމަށް އިޖާބަދީ އެކަން ހައްލުކުރަމުންދާކަން ފާހަގަކޮށްލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮންމެ ރަނގަޅު ކަމެއް ނުވަތަ ފަސޭހައެއް ލިބޭނެ ކަމެއް ކޮށްފައި އެކަމެއް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެކަން ފެށިގޮތަށް އެކަމެއް ރަނގަޅަށް ބަލަހައްޓައި ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރެވިގެންނޫން އެއްވެސް ކަމެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.