އެއްވެސް ބޭފުޅަކު ރައީސް ދޫކުރައްވާފައި ވަޑައިގަންނަވަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން: އާޒިމް

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވާ ޒިއްމާ ރަނގަޅަށް އަދާ ކުރެވޭ އިރު، އަދި ރައްޔިތުންނަށް ފަސޭހަތަކެއް ހޯދައިދެވިފައިވާ އިރު،  އެއްވެސް ބޭފުޅަކު ރައީސް ދޫކުރައްވާފައި ވަޑައިގަންނަވަން ޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާފަތިހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވީ މި ސަރުކާރަކީ ހުރިހާ އެންމެންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ކަމަށެވެ. ސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެ ޚިދުމަތް ރަނގަޅަށް ދެވޭ އިރު ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އާޒިމް ދެކެވަޑައެއް ނުގަންނަވެއެވެ.

"އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ޚިދުމަތުގަ ދެއްތޯ. އެ ޚިދުމަތުގަ މިތިބެނީ އެންމެން އެއްކޮށް ގެނައި ސަރުކާރެއްގަ. ވަކި ބަޔަކު ގެނައި ސަރުކާރެއްގަ އެއް ނޫން. ހުރިހާ އެންމެެންގެ ވަރަށް ބޮޑު ބުރަ މަސައްކަތުން. އަޅުގަނޑުމެން މިއައީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދޭން ވެގެން. އަޅުގަނޑުގެ މި ތިންމަހުގެ ތެރޭގައި ވެސް ފެނިފަ ހުންނާނެ ބޮޑެތި ބަދަލުތަކެއް. ބޮޑެތި ފަސޭހަތަކެއް ރައްޔިތުންނަށް  މިހާރު ހޯދައިދެވިފަ ހުންނާނީ. އަޅުގަނޑުމެން އައި މަގްސަދަކީ ވެސް އެއީ. އެެހެންވީމަ އެ މަގްސަދު ހާސިލްކުރެވޭ ހައި ދުވަހެއްގަ ކީއްވެގެންތޯ އަޅުގަނޑުމެން ހަލަބޮލިކަމަކަށް ދާނެ ކަމަކަށް މަގު ފަހުކުރަންވީ" އާޒިމް ސުވާލުކުރެއްވިއެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުގެ މަގާމުތަކަށް ރައީސް އައްޔަން ކުރައްވާފައިވަނީ މަސައްކަތަށް ގާބިލުކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅުންނެވެ. އަދި އޭނާ އާ ހަވާލުކުރެވިފައިވާ ޒިއްމާ އަދާ ކުރެވޭ ކަމުގެ އިހުސާސް އާޒިމަށް ކުރެއްވެއެވެ.

"މިއީ ރިޔާސީ ނިޒާމެއް ދެއްތޯ. ބަރުލަމާނީ ނިޒާމެއް ވެސް ނޫން. ރިޔާސީ ނިޒާމެއްގައި ރައީސް ސާލިހް މި އައްޔަން ކުރައްވަނީ ދިވެހި ރައްޔިތުން. އެކި ތަންތަނަށް، އެންމެ ގާބިލުކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅުން އައްޔަންކުރައްވާފައި، (ރައީސް) ވިދާޅުވަނީ ތިމަންނާ އަށް މިކަން ކޮށްދެއްވާށޭ. އެހެންވީމާ ރައީސަށް ފެނިވަޑައިގަންނަވާ ގޮތުގައި އަޅުގަނޑުމެން އެންމެ ރަނގަޅަށް ޚިދުމަތް ދެމުންގެންދާ ކަމަށް ވަންޏާ، އަދި އަޅުގަނޑުމެންނަށް އެހެން އިހުސާސް ކުރެވޭ ދުވަހެއްގަ، އަޅުގަނޑަކަށް ހީއެއް ނުވޭ އެއްވެސް ބޭފުޅަކު އަސްލު ރައީސް ދޫކުރައްވާފައި ދާންޖެހޭނެ ކަމަކަށް. ރައީސަށް، ރައްޔިތުންނަށް، ޚިދުމަތް ކޮށްދޭން ތިބުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގަ އަޅުގަނޑު ދެކެނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މޭސްތިރިކަމުގެ ދަށުން ފެން ކުންފުނީގެ ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ކުންފުނި ހިންގުމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވެ ވަޑައިގެންނެވި އިރު ތަން އޮތީ ބޮއްސުންލާފައެވެ. އެކަންކަން ރަނގަޅުކޮށް، މި ތިން މަސްދުވަހުގެ ތެރޭގައި ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެނެސް، މުޅި ކުންފުނި ވަނީ އަލުން ތަރުތީބު ކޮށްފައެވެ. ކުންފުނީގެ އެތެރޭގެ އޯޑިޓެއް މިހާރު ހިނގަމުން ދާއިރު ލިބިފައިވާ ގެއްލުން އޯޑިޓް ނިމުމުން އެނގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ހަމަ ވަރަށް ބޮޑެތި ސިސްޓަމްތައް ބްރޭކްވެފަ ހުރީ. ދެން އަޅުގަނޑު ސްޓްރަކްޗަރ ޗޭންޖެސް ގެނެސް، ތަންތަނަށް ލާންޖެހޭ ރަނގަޅު މީހުން ތަންތަނަށް ލައި، ފައިނޭންސިން އާއި ހުރިހާ އެއްޗެއް އަލުން ރީ-އޯގަނައިޒްކޮށް، އެ މަސައްކަތްތައް އަޅުގަނޑު މި 3 މަންތްސް ގަ މި ކޮށް، ގާތްގަނޑަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ނިންމައިފިން. ދެން އިންޓަރ-އޯޑިޓްސް އެބަހިނގާ. އޯޑިޓްސް ހިނގާ ނިމުނީމާ ދެން އަޅުގަނޑުމެންނަށް ބުނެވޭނީ ކިހާ ވަރަކަށް ކަން ތަނަށް ގެއްލުން ދީފަ ހުރީ،" އާޒިމް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ބިޑު ކުރުމެއް ނެތި ކުންފުންޏަށް ފައިދާވާނެ ބޮޑެތި ޕްރޮޖެޓްތަކެއް ހަވާލުކޮށްފައި ހުރި ނަމަވެސް ތަނުގެ ހިންގުން ދޯހަޅިވެފައި އޮތުމަކީ އާޒިމް އެންމެ ކަންބޮޑުވެ ވަޑައިގަންނަވާ އެއްކަމެވެ.

"ދެން މި ކުންފުންޏަށް އެބަހުރި ބައިވަރު ޕްރޮޖެކްޓްސްތަކެއް ދީފަ. ޕްރޮޖެކްޓްސް ތައް ހިންގައިގެން ކުންފުންޏަށް ފައިދާވޭ. އެކަމަކު އެފައިދާ އަށް ވުރެ މާ ބޮޑު ފައިދާއެެއް ވާނެ މިތަން އެއަށްވުރެ ރަނގަޅަށް ހިންގިނަމަ. ބިޑު ކުރުމެއްނެތި ހަމަ ކުންފުންޏަށް ސަރުކާރުން ހުރީ ބައިވަރު ޕްރޮޖެކްޓްސް ދީފަ. އެ (ޕްރޮޖެކްޓްތައް) ހަމަ ކުންފުންޏަށް ރަނގަޅު." އާޒިމް ވިދާޅުވިއެވެ.

ކުންފުނީގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އާޒިމް ދެކެވަޑައިގަންނަވަނީ ހުއްޓުމެއް ނެތި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމެވެ. ކުންފުނި އުފެދުނީ އެ މަގުސަދުގައި ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ރައްޔިތުންގެ އެކުވެރިޔެއްގެ ގޮތުގައި މުޅި ތަން ބަދަލު ކުރުމަކީ އޭނާގެ ތަޞައްވުރެވެ. އެެހެންކަމުން ކުންފުންޏާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރެއްވުމަށް އޭނާ ހުންނެވީ އަމާޒު ހިއްޕަވައިފައެވެ.

އެގޮތުން ކުންފުނީގެ އެގްޒެކެޓިވް ޓީމު ހިމެނޭ ގޮތަށް ހުރިހާ ސްޓާފުންނަށް ކަސްޓަމަރ ސަރވިސް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ކުންފުނިން މިހާރު ތައްޔާރުވެފއަިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މުއައްޒަފުންނާ އެކު އާޒިމް ވެސް ތަމްރީން ހޯއްދަވާނެއެެވެ. ޕްރޮގްރާމްގެ ފުރަތަމަ ބެޗު އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމްގެ އުއްމީދަކީ ފެން ކުންފުންޏަކީ ކަސްޓަަމަރ ސަރވިސް އެންމެ ވަރުގަދަ އެއް ކުންފުންޏަށް ހެއްދެވުމެވެ.

"އެމްޑަބްލިއުއެސްސީގެ ހުރިހާ ސްޓާފުން، އަޅުގަނޑުން ފެށިގެން ގޮސް އެންމެ ދަށުގަ ހުރި ސްޓާފާ ހަމައަށް ވެސް، ކަސްޓަމަރ ސަރވިސް ޓްރެއިނިން ތަކެއް ދެވިގެން، އެންމެންނަކީ ވެސް ކަސްޓަމަރ ސަރވިސް މީހުންނަށް ހެދުން ވިސްނުމަކީ. އެ ޕްރޮގްރާމް އަޅުގަނޑުމެން ފަށަނީ. މިހާރު އެއްކޮށް ލިޔެފިން. ސްޓްރެޓެޖިކް ހުރިހާ ކަމެއް ނިމިފަ ހުރީ. ޕްރޮގްރާމް އެއްކޮށް ނިންމާފަ އެހެރީ.  މިއަންނަ ހަފްތާގަ ޕްރޮގްރާމް ފެށޭނެ. ފަހަރަކު ބެޗެއް ފަހަރަކު ބެޗެއް. އެގްޒެކެޓިވް ޓީމް ވެސް ކަސްޓަމަރ ސަރވިސް ޓްރެއިނިން ހަދާނެ. އެމްޑަބްލިއުއެސްސީ ވެގެންދާނީ މުސްތަގުބަލުގަ ކަސްޓަމަރ ސަރވިސްގެ ހަމަ އެންމެ ވަރުގަދަ އެއް ކުންފުންޏެއް،" އޭނާ ވިދާޅުވިއެވެ.

ކުންފުންޏާ މެދު އާޒިމް ގެންގުޅުއްވާ ސިޔާސަތުވެސް ތަފާތެވެ. ކުންފުނިން ރައްޔިތަކަށް ދޭން ޖެހޭ ޚިދުމަތެއް ނުލިބިގެން ދެވަނަ ފަހަރަށް ކުންފުންޏަށް ދާން ޖެހުމަކީ އާޒިމް އެއްގޮތަކަށް ވެސް ގަބޫލުކުރައްވާ އުސޫލެއް ނޫނެވެ. ޚިދުމަތަށް އެދޭ ހިސާބުން ފެށިގެން އެ ޚިދުމަތް ފޯރުކޮށްދެވެންދެން އެއީ ކުންފުނީގެ ޒިއްމާއެއް ކަމަަށް އާޒިމް ދެކެވަޑައިގަނެއެވެ.

"އަޅުގަނޑުގެ ޕޮލިސީ އަކީ އަސްލު އެއްވެސް ރައްޔިތަކު ޚިދުމަތެއް ހޯދަން މިތަނަށް އައިސްގެން، ދެވަނަ ފަހަރަށް، އަޅުގަނޑުމެން ކަމެއް ނުކޮށްދީގެން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ބުނަނީ ތިންވަނަ ދުވަހު އެކަންވާނެ އޭ. ތިންވަނަ ދުވަހު ނުވަންޏާ ގުޅާފަ ބުނަން ޖެހޭނެ ތިމަންނަމެންނަށް އެކަން ނުވާ ވާހަކަ. އެއީ އަޅުގަނޑުގެ އެންމެ ބޮޑު އޮބްޖެކްޓިވް އަކީ." އޭނާ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.