ސައިކަލު ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވީ ފުލުހެއް، މައްސަލަ ދަނީ ބަލަމުން

ސައިކަލް ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވުމުން ފުލުހުން ގެންދަނީ އެމައްސަލަ ތަޙުގީގުކުރަމުން ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެއްޖެއެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވެނީ ފުލުހަކަށް ކަމަށްވާތީ އެކަން ބަލުމުންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުންނެވެ. އޭނާގެ ލައިސަންސް ހިފެހެއްޓުމުގެ މަސައްކަތް ޓްރެފިކު ފުލުހުން ގެންދަނީ ޓްރާންސްޕޯޓާ ގުޅިގެން ކުރަމުން ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އަދި ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް ޢަމަލު ކުރި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުން ވެސް ގެންދަނީ ބަލަމުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީހުންނާއި ކުޑަކުދިންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އުޅަނދު ފަހަރު ދުއްވުމަކީ ފުލުސް އޮފީހުން ކުށްވެރިކުރާ ކަމެއްކަމަށާއި އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދަވާނެ ކަމަށް އިޒްމިއާ ވަނީ ވިދާޅުވެފައެވެ.

މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެންމެހާ ޤަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.