ޢިމާރާތަކުން ހޮޅިއެއް މަގުމައްޗަށް ވެއްޓުމުން އެތަނުގެ މަސައްކަތް ހުއްޓުވައިފި

އިންބޮކްސް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން މައްޗަންގޮޅީގައި ހަދަމުންދިޔަ ޢިމާރާތެއްގެ ފަސް ވަނަ ބުރިން މަގުމައްޗަށް ހޮޅިއެއް ވެއްޓުމުން އެ ޢިމާރާތުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ޢިމާރާތުގެ ފަސްވަނަ ބުރިން މަގުމައްޗަށް ވެއްޓިފައިވަނީ 15 ފޫޓު ދިގު 2 އިންޗި ފަލަ ދަގަނޑު ހޮޅިއެކެވެ.

މިއަދު ހަވީރު 5:35 އެހައިކަންހާއިރު ހިނގި މިޙާދިސާގައި ހޮޅިވެއްޓިގެން އައިސް ފުރަތަމަ ޖެހުނީ ކޮޅަށެވެ. އެއަށްފަހު އަރިއަޅާލައިގެން ވެއްޓުނު ވަގުތު އެތާ ކައިރީގައި ޕާކުކޮށްފައިހުރި ދެ ސައިކަލެއްގެ މަޑިމަތީގައި ވަނީ ޖެހިފައެވެ. އެހެންނަމަވެސް އެއްވެސް ސައިކަލަކަށް ގެއްލުންމެއް ނުވެއެވެ.

ފުލުހުން ވަނީ އެކަން ހިނގި ސަރަޙައްދަށްގޮސް ހައުސިން މިނިސްޓްރީއަށާއި ސިޓީ ކައުންސިލާ އެ މަޢުލޫމާތު ޙިއްސާކޮށްފައެވެ. އެތަނަށް ހައުސިންއާއި ސިޓީ ކައުންސިލުގެ ބޭފުޅުން ވަޑައިގެންނެވި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.

މާލޭގައި މިފަދަ ޙާދިސާތައް ހިނގުން މިހާރުވަނީ އިތުރުވެފައެވެ. ހަދަމުން ދިޔަ ޢިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަނގްލަދޭޝްގެ ކުޑަކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.