(27 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެއްގޮތަކަށްވެސް އެހެންނެއް ނޫން-" ބުޝްރާ ބުންޏެވެ. "އެކަހަލަ ކާވެންޏަކީ ހުއްދަ ކާވެންޏެއް ނޫން- އަޅުގަނޑު އަކްބަރަށް ފޮނުވި ލިޔުމަކު އެ ކަހަލަ ކާވެންޏެއްގެ ވާހަކައެއް ނޯންނާނެ- އަޅުގަނޑަކީ ވަކީލަކީން- އަޅުގަނޑުގެ ކުރިމަތީގައި ކާވެންޏެއް ކުރެވެނީ ގާޒީއަކާއި ވަކީލަކާއި ދެ ހެކިން ތިބެގެން- މި މީސްމީހުން ތިބެގެން ތިޔަ ބޭފުޅުންގެ ތާއީދާއެކީ ކާވެނި ކިރެވޭނީ- އިންކާރު ކުރައްވާ ކަމުގައި ވަނީ ނަމަ އަޅުގަނޑު ހަމަ މާދަމާ މައްސަލަ ކޯޓަށް ހުށަހަޅާނަން- ޤާސިމް ޢަލީ މި ކަމާ މެދު ވިދާޅު ވަނީ ކީކޭތޯ-؟"
އޭނާ ހާސް ވެފައި ބުނެލިއެވެ. "ނޫނޭ- ތިޔަހެން އެއް ގޮތަކަށްވެސް ވެގެން ނުވާނެ- މި ކާވެނި ކުރެވެން ވާނެ-"
ބުޝްރާ ބުންޏެވެ. "ދީނީ ގޮތުން ބަލާއިރު މި ކާވެނި ސައްހައެއް ނުވާނެ- ދެ މީހުން މިއަދު އިނުމަކީ ކާވެނި ކުރެވުމެއް ނޫން- އިނދެގެންވެސް ދެ މީހުން ތިބޭނީ ހިލޭ މީހުންގެ ގޮތުގައި- ފީރޯޒާ އަކްބަރުގެ ކުރިމައްޗަކަށް ނާންނާނެ- ދެ މީހުން ތިބޭނީވެސް އެއް ގެއަކުއެއް ނޫން-"
އެކަކު ސުވާލު ކޮށްލިއެވެ. "އެހެން ވެއްޖެއްޔާ ތިޔަ ކަހަލަ އިނުމެއްގެ ފައިދާއަކީ ކޮބާ-؟"
"މިއީ ބާވަތެއްގެ ހުވައެއް- މުޢާހަދާއެއް- ފީރޯޒާގެ ބަނޑުގައި އޮތް ދަރީގެ ބަފަޔަކީ އަކްބަރު- ފީރޯޒާ ވިހެއީމާ އަނެއްކާވެސް ހަމަ ތިޔަ ބޭފުޅުންގެ ކުރިފުޅުމަތީގައި ކާވެނި ކުރާނީ- ފީރޯޒާއާއި އަކްބަރާ ދެ މީހުން ދެމަފިރިންނަށް ވާނީ އެހައިތަނުން-"
އެތާނގައި ތިބި މީހުން ވިސްނާން ފަށައިިފިއެވެ.
ބުޝްރާ ދެން އެނބުރިލީ ޤާސިމް ޢަލީއާ ދިމާއަށެވެ. "ޤާސިމް ޢަލީ- ޤާސިމް މިއަދު ގާޒީއަކު ގެންނެވި ނަމަވެސް އަޅުގަނޑު މި ތާނގައި ޝަރުޢީ ކާވެންޏެއް ކުރިޔަކަ ނުދިނީމުސް- އެކަން އޮންނަ ގޮތް އަޅުގަނޑު ދަންނަން- އެހެންވީމާ މި ތަނަށް މި އައީ މުޢާހަދާއެއް ލިޔެގެން- މިީގައި އަޅުގަނޑު ދެންމެ ދެއްކި ވާހަކަތައް ލިޔެފައި ހުންނާނެ- މި މުޢާހަދާގެ ދަށުން ފީރޯޒާ ވިހެއީމާ އޭނާޔާ އިންނާން އަކްބަރަށް މަޖުބޫރު ވާނެ- ޝަރުޢީ ހައްދުތައް އޭގެ ވަގުތުގައި އޮންނާނެ- މި ޖުޢާހަދާގައި ހުރިހައި ބޭފުޅުން ސޮއި ކުރައްވަން ވާނެ-"
ބުޝްރާގެ ޓީމުގައި ހިމެނޭ އެހެން ވަކީލަކު ޤާސިމް ޢަލީގެ އަތަށް އެ ލިޔުން ދީފިއެވެ. އޭނާ އެހެން މީހުންނަށްވެސް އިވޭ ވަރަށް ލިޔުން ކިޔަން ފަށައިފިއެވެ. ފީރޯޒާއަށް ލިބެން ޖެހޭ ހައްގުތަކުގެ ވާހަކައާއި އެ ހައްގުތައް ލިބޭނޭ ގޮތް އެ ލިޔުމުގައި ވަނީ ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްފައެވެ. އެ ލިޔުމުގައި ހުރި ކަންތައްތަކާ ޤާސިމަކަށް ދެކޮޅު ހެދޭކަށް ނެތެވެ. އެހެންވީމާ ފީރޯޒާއާއި އަކްބަރުގެ އިތުރަށް އެތަނަށް ދެފަރާތުން އައިސް ތިބި މީހުންވެސް އެ ލިޔުމުގައި ސޮއި ކޮށްފިއެވެ. ކާވެނީ ޢަހްދުނާމާ އެކަށައަޅައި ނިމިއްޖެއެވެ.
އެނބުރި އައި މަގުމަތީގައި އަކްބަރު އޭނާގެ ބައްޕަ ގާތު ބުންޏެވެ. "ބައްޕާ- މިހާރު މިއޮތީ ހަރުކަށި ޢަހުދުނާމާއެއްގެ މަޅީގައި ޖެހިފައެއް ނޫންތޯ-؟"
ޤާސިމް ބުންޏެވެ. "ކަންބޮޑު ނުވޭ، ދަރިފުޅާ- ބައްޕަ ބޭނުންވީ ކާވެނި ނުކޮށް ފަރުޖައްސަން- އެކަން ކުރެވިއްޖެ-"
"އެކަމަކު ފީރޯޒާ ވިހެއީމާ ޖެހޭނީ ކާވެނި ކުރާކަށްނޫންތޯ-؟"
"ދަރިފުޅާ- މާދަމާ ފެންނަނީ ކާކަށް-؟ މިއަދުގެ ވާހަކަ ދައްކާ- ވިހާނީ އަދި ހައެއްކަ މަސް ދުވަސް ފަހުން- އޭގެ ފަހުން އަދި ޝަރުޢީ ގޮތުން އޮންނަ ދުވަސްކޮޅެއް ލިބޭނެ- އެހައިތަނަކަށް އޭނާ ދަރިފުޅުގެ އަނތްބަކަށް ނުވާނެ- ބަދުނާމުގެ ބަނޑާއެކު އޭނާ އުޅޭނީ އޭނާގެ ގޭގައި- އެ މުޢާހަދާ އޭނާ ދައްކާނީ ކޮން ބަޔަކަށް-؟ ދަރިފުޅު އޭނާޔާ އިންނާން ޖެހޭ ކަމަށް ގަބޫލު ކުރާނީ ކާކު-؟ އެ މުޢާހަދާ ގަބޫލު ކުރާނީ ކާކު-؟"
"ބައްޕާ- މީހުން އަޅުގަނޑުމެނާ ސުވާލު ކުރާނެއެއް ނޫންތޯ-؟"
"މުޢާހަދާގެ މުއްދަތު ހަމަވާންދެން އަހަރެމެން މި ރަށުގައި ތިބެން ޖެހޭނެއެކޭ އެ މުޢާހަދާއަކު ނެތް- އެ ދުވަސް އަންނަ އިރަކު އަހަރެމެންނެއް ނުޅޭނަން- އެހެންވީމާ އެއީ ތެދެއްތޯ ދޮގެއްތޯ ބަލާނޭ ގޮތެއް ނޯންނާނެ-"
އަކްބަރު ބުންޏެވެ. "އަޅުގަނޑު ފުރައިގެން އެހެން ގައުމަކަށް ދާނީ-"
ޤާސިމް ވޭނުގައި އިން މީހަކާ ދިމާއަށް ބުންޏެވެ. "ބޭބޭ- އަހަރެން ދާނީ ދަނޑަށް- ބޭބެ މިތާނގައި ހުރެގެން މަގުމަތީގައި އުޅޭ ވިޔާނުދާ ކުދިންކޮޅަކަށް ފައިސާ ދީފައި އަތްމަތި ކޮށްލާ-"
އެމީހާ ބުންޏެވެ. "ހާސް ނުވޭ- އަހަރެން އެކަހަލަ ކުދިބަޔަކު ލައްވައި ކުރުވަން ޖެހޭ ހުރިހައި ކަމެއް ކުރުވާނަން-"
ޤާސިމް އަނެއް މީހާޔާ ދިމާ ބަލައިލިއެވެ. "އަހަރެންގެ ބޮޑުދައިތައަކީ އިޖްތިމާޢީ ހަރަކާތްތެރިއެއް- ބޭބެ އޭނާގެ އެހީތެރިކަމާއެކު އަންހެނުންގެ ޖަމާޢަތެއް އެކުލަވައިލާ- ކޮންމެ ސަރަހައްދެއްގައި ހަތަރު ފަސް އަންހެނުން އުޅެން ވާނެ- ފީރޯޒާ ދާ ކޮންމެ ދިމާއަކުން ދިމާކޮށް ފޮށި ހެދުމަކީ އެމީހުންގެ މަސައްކަތް- ނަފްސާނީ އަނިޔާގެ ކަންތައް ބަރާބަރަށް ކުރިއަށް ދާން ވާނެ-"
އެމީހާ ބުންޏެވެ. "ތިޔަ ބުނާ ވަރަށްވުރެ މާ ބޮޑުވަރު ކޮށްލާނަން- އަހަރެެން އޭނާ ނަފްސާނީ ބަލި މީހަކަށް ހަދައިލާނަން-"
"އާނ- އޭނާ މަރު ނުވެ ދުނިޔޭގައި ހުންނަން ވާނެ- އެކަމަކު މައްޔިތަކަށްވުރެ ހާލު ދެރަ ވާން ވާނެ- ގާނޫނީ ލިޔުމުގައިވާ ގޮތުން ނަމަ އޭނާ ގުދުރަތީ މަރަކުން ނޫން ގޮތަކަށް މަރުވެއްޖަ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އަކްބަރަށް- އެހެންވީމާ އޭނާއަށް އެއްވެސް ކަހަލަަ ޖިސްމާނީ އަނިޔާއެއް ކޮށްގެން ނުވާނެ-" އޭނާގެ އަޑަށް ކުއްލިއަކަށް ބޮޑާކަން ވެރިވެއްޖެއެވެ. "އެންމެ ބުއްދިވެރި ބަޔަކީ ވަކީލުންނޭ ލިޔެފައި އޮންނަނީ ކޮން ފޮތެއްގައި-؟ އެ މީހުން ބުއްދިވެރި ވިޔަސް އަހަރެމެން މުދާވެރިންނަކަށްވުރެ ބުއްދިވެރިއެއް ނުވާނެ- އަހަރެންގެ ދަރިފުޅު އޭނާ މަރާލަން އުޅެފާނެއޭ ފީރޯޒާ ލައްވައި ބަޔާނުގައި ލިޔުއްވީ ބުޝްރާ ރައްބާނީ-" އޭނާ ބާރަށް ހޭން ފަށައިފިއެވެ. "އަހަރެންގެ ދަރިފުޅު އެކަހަލަ މޮޔަ ކަމެއް ނުކުރާނެ- އޭނާ މަރައެއް ނުލާނެ- އެ މާބަނޑު އަންހެން ކުއްޖާ ދުނިޔޭގައި ހުންނާނެ- އެކަމަކު އޭނާގެ ބަނޑުގައި އޮތް ކުއްޖާ ބަނޑަށް މަރުވީމާ އެކަމުގެ ޒިންމާ ބުޝްރާ ރައްބާނީ އަޅުވާނީ ކާކުގެ ބޮލުގައި-؟ ބުނެވޭ ގޮތުގައި އެކަހަލަ ގޮތަކަށް ދަރިފުޅު ބަނޑަށް މަރުވީމާ މައިމީހާގެ ހަށިގަނޑަށް ވިހައިގެ އަސަރު ކުރޭ-"
އޭނާ ގެންދިޔައީ ހެމުން ވާހަކަ ދައްކަމުންނެވެ. އެކަހަލަ ވިޔާނުދާ ނުބައި ރާވާ މީހުންނަށް ކުރިމަތިން ފެންނާނީ އެންމެ ކަމެކެވެ. އެއީ އެ މީހެއްގެ ދުޝްމިނުންގެ މަރެވެ. އޭނާ ހެނީއެވެ. ކުއްލިއަކަށް އަކްބަރު ހަޅޭއް ލަވައިގެންފިއެވެ. "ބައްޕާ..."
އެކަމަކު ބައްޕައަކަށް އެސްފިޔައެއް ޖަހައިލާނޭ ވަގުތުވެސް ނުލިބުނެވެ. ކުރިމަތިން ބާރު ދުވެލީގައި އައި ތެޔޮ ލޯރި އޭރު މާ ކައިރި ވެއްޖެއެވެ. ޖެހުމުގެ ދެތިން ސިކުންތު ކުރިން އަކްބަރަށް ކާރުން ފުންމައިލެވިއްޖެއެވެ. އެކަމަކު އެހެން މީހަކަށް އެ ފުރުސަތެއް ނުލިބުނެވެ. ދެން އިވުނީ ބާރު ގަދަ އަޑެކެވެ. ތެޔޮ ލޯރިއާއި ކާރާ ދޭތިން ކުރެ ގޮވީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވިއެވެ. އަކްބަރު ފުންމައިލީމާ ޖެހުނީއަކީ އޭނާ ބޭނުންވީ ގޮތަކަށް ނޫނެވެ. އެހެންވީމާ ގޮވި އަޑުފައްގަނޑު އިވުމަށް ފަހު ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
(ނުނިމޭ)
ރީތި ވެއްޖެއްނު ދޯ، ތަންކޮޅެއް ދިގުކޮށް ނެކްސްޓް ޕާޓް